ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު: ފަނޑިޔާރުންގެ މައްސަލަ ބަލާ މަޖިލީހުގެ ކޮމިޓީ ވަނީ ސިއްރުކޮށްފައި - ފޮޓޯ: މިހާރު
11 މެއި 2025 - 14:14
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ދިރާސާކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގޮތުން ގޮތް ނިންމުމުގައި އިޖުރާއީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން، ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް ޖޭއެސްސީގެ ރިޕޯޓްގައި ބަޔާންކޮށްފައި ނަމަވެސް، އެއީ ފުލުހުން ވެސް ތަހުގީގުގައި އަދި ބަންދު މަޖިލީހުގައި ވެސް އެކަން ހިނގި ގޮތް ކަމަށް ބުނެފައިވާ ގޮތް ނޫންކަން ނާޒިލް ފާހަގަކުރެއްވި އެވެ.
ޑރ. އިސްމާއިލް މަސާޖުކުރާ ތަނަށް ދިޔުމާއި އެ ތަނުގައި އޮތް ހާލަތާ ގުޅޭ ގޮތުން ނާޒިލް ވާހަކަ ދައްކަވާތީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ލައިވްކޮށް ކުރިއަށްދާ ބައްދަލުވުމެއްގައި އެފަދަ ވާހަކަތަކެއް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވައިފަ އެވެ. މީހެއް ފަޟީހަތްވާ ފަދަ ވާހަކަތަކެއް ދެކެވޭ ނަމަ، ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ހުށަހަޅަން ގަވައިދުން ފުރުސަތު ލިބެ އެވެ.
އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގައި ތިއްބެވި ޕީއެންސީގެ ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ. ޕީއެންސީއަށް ނިސްބަތްވާ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އޭނާ ވަނީ ޑރ. އިސްމާއިލްގެ ވާހަކަ ނުދައްކައި، ފަނޑިޔާރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އާއި އޭގެ އިޖުރާއަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން އެދިވަޑައިގެންފަ އެވެ.
ކޮމިޓީ ސިއްރު ކުރަން ހުށަހަޅައި، އެކަމަށް ވޯޓަށް އެހުމުން ކޮމިޓީގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބައްދަލުވުން ބޮއިކޮޓް ކުރައްވައި، އެ ތަނުން ނުކުމެވަޑައިގެންފަ އެވެ. އެ މެންބަރުން ވިދާޅުވީ ސިއްރުން ކުރިއަށްދާ މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މެންބަރު ޝާހިދު ވަނީ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ވަރަށް ރަނގަޅަށް އިޖުރާއަތްތައް ފުރިހަމަކޮށްފައި ކަމަށް ވިދާޅުވެފަ އެވެ. މައްސަލަ އެ އޮތް ގޮތަށް ތަޅުމަށް ފޮނުވަން ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، ބައްދަލުވުން ސިއްރު ކުރަން ނިންމިިއިރު، އެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.
މިކަމާ ގުޅިގެން އިއްޔެ ވެސް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ކޮމިޓީއަށް ފަނޑިޔާރުން އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ މެދު ވޯޓަށް އެހުމުން ފާހެއް ނުވި އެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ މެންބަރު ނާޒިލް އެކަންޏެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލްް
11 May 2025
ރައްޔިތުންގެ ވޯޓުން އިއްޒަތްތެރިކަން ދިނުމުން، ކުރިހުވާ މަތިން ހަނދާން ނައްތާލައި ރައްޔިތުން މަތިން ހަނދާން ނައްތާލައިގެން ތިޔަކޮމިޓީތަކުގައި ތިޔަކުރާ މަސައްކަތަކީ އަދުލުވެރިވާން ޖެހޭ ކަންކަމެވެ. ﷲ މަތިން ހަނދާކޮށް ވަކިމީހެއްގެ ނުފޫޒުގައި ނުޖެހުމަށާއި އަމިއްލަ އެދުން އިސްނުކުރުމަށް ނަސޭހަތްތެރިވަން ކޮމިޓީގެ އެންމެ މެންބަރުންނަށް.
އޮނަރަބްލް އަފީފު ދީދީ
11 May 2025
ރިޔާސީ ކެމްޕޭނުގައި "ޖޫޑިޝަރީ މިނިވަން ކުރާނެކަމަށް" ވިދާޅުވެ އަދި ހުވާކުރުމުގެ ރަސްމީއްޔާތާއި، ޖަލްސާތަކުގައި "ކޯޓްތަކަށް އަތްބޭނުން ހުއްޓުނީކަމަށް" އަޑުއުލާފައި ރައީސް ގެ އަމަލުން ފެނިގެންދިޔައީ ތަފާތުމަންޒަރެއް. މިވާހަކަދައްކަވަމުން މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރާމައްސަލަ ހުއްޓުވަން "އެންޓި ޑިފެކްޝަން ނުވަތަ ފުލޯ ކްރޮސްކުރުން ހުއްޓުވުމަށް" ރައީސްގެ ޕާޓީ PNC ގެ ފަރާތުން ބިލެއްހުށަހަޅާ ޕާޓީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުން ބިލް ފާސްކުރި.
އޮނަރަބްލް އަފީފު ދީދީ
11 May 2025
މިމައްސަލަ "ސުޕްރިމްކޯޓަށް ނުބެލޭނެ ކަމަށް" ބަންޑާރަ ނައިބް އާއި ސަރުކާރުން ބުނިކަމަށްވިޔަސް ދައުލަތުގެ އެންމެ ޙާއްސަ ބާރު އަދި ޤާނޫނުއަސާސީގެ ބަލަދުވެރި ފަރާތްކަމަށްވާ ސުޕްރިމްކޯޓުން ކަޑައެޅީ މައްސަލަ ބެލުމުގެ އިޙްތިސޯސް ކޯޓަށް ލިބިގެންވާކަމަށާއި، ޤާނޫނުއަސާސީ އާއި ޙިލާފު މައްސަލަ ބެލުމުގެ ބާރު އެހެންފަރާތަކަށް ލިބިގެންނުވާއިރު "މިކަމަށް ގޮތްނިންމުމަށް ހަމަ އެކަނި ފުރުސަތު އޮތީ ސުޕްރިމްކޯޓަށް ކަމަށްވާތީ" މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން.
އޮނަރަބްލް އަފީފު ދީދީ
11 May 2025
ދައުލަތުގެ ސުޕްރިމްކޯޓްގެ ބާރު ކަޑުވާލާ ދައުލަތުގެ އަނެއް ދެ ބާރުން ސުޕްރިމް ކޯޓަށް ޤާނޫނުއަސާސީ އިން ލިބިދީފައިވާ ޙައްޤުތަކުގެ މައްޗަށް އަރައިގަތުމަށް ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެ އަދި "އެކަންކަމަށް އިހްތިޖާޖު ކުރުމުގެ ގޮތުން" ސުޕްރިކްކޯޓްގެ ފަނޑިޔާރު ކަމުން 4 މާޗް ގައި މަޝްހޫރު ޤާނޫނީ ވަކީލު އަދި ސުޕްރިމްކޯޓް ފަނޑިޔާރު ހުސްނު އަލް ސުޢޫދު އިސްތިޢުފާ ދެއްވާ މިކަން އދ އާއި އީޔޫ އަދި ކޮމަންވެލްތުގެ ސަމާލުކަމަށްގެނެސް މައްސަލަ ފެންމަތި ކުރުވި.
އޮނަރަބްލް އަފީފު ދީދީ
11 May 2025
މިހިސާބަށް މިކަން ދިއުމުން ވީނުވީއެއް ނޭގި ދެން ފެނިގެން ދިޔައީ މިހާލަތުގައި ސުޕްރިމްކޯޓް ވަނިކޮށް "ކުއްލި ގޮތަކަށް" ސުޕްރިމްކޯޓްގެ ފަނޑިޔާރު މުއުތަސިމް އަދުނާނުނު "ޝަރަފުވެރި ކަމާއި އެކު ރިޓަޔަރ ކުރައްވަނީ ކަމަށް ބުނެ" އެކަން އިޢުލާން ކުރެއްވި ތަން. އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވާފައި ދައުލަތުގެ އިދާރީ ކަންކަން ބަލަހައްޓާން ރައްޔިތުން އިންތިޙާބު ކޮށްފައި ހުންނަ ޙާދިމް މީހާ "ރައީސަށް ސިޓީ ފޮނުވި ކަމަށްވެސް" އަޑު އިވޭ. ކުޅިބަލަން ތިބެމާ.
ރާއްޖެ
11 May 2025
ތިކަން ސިއްރުކޮއްގެން ދެންވެސް ވާނީ ގޯސް. އިތުރަށް ގޯސް.
ޑޮކްޓަރު
11 May 2025
މަށާ ހެދި ދައުލަތުގެ މުޅި އެއް ބާރު އަވަދިވެފަ މިއޮތީ...
ފަރަންޖީ
11 May 2025
ދެން ޑްރާމާ ނުކުޅެ ރަބަރު ތައްގަނޑު ޖަހާލަބަލަ. ތީ ހަމަ ބޭކާރު މަޖިލީހެއް. ތި އެންމެނަށްމުސާރަ ނުދީ ވެރިކަން ކުރާ ޕާޓީއަށް އެތިކޮޅެއް ދައުލަތުން ދިނަސް ނަތީޖާ ނިކުންނާނީ އެއްގޮތަކަށް. ތި ގޮނޑީތަކުގައި އިންސާނަކު އިންނާކަށް ނުޖެހޭ.
މުހައްމަދު ދ
11 May 2025
މުބާރިކް އަޒްމިރަލްދާގެ ދަރިވަރެއް ތީ ، އޭނާކީ ތިޔަކަހަލަ މީހެއްނޫންކަން އެނގޭނެ ، ވީމާ ނަފުސު ވިއްކާނުލާ އިންސާފުން ޢަމަލުކުރުމަކީ ރީތިގޮތް
ސުމޭކު
11 May 2025
ޅަ އެއްޗެއް ނާޅާތި މި ހާލުގައި ތެޅި ތެޅި ތިއްބާ