އާމިރު ޚާންގެ "ސިތާރޭ ޒަމީން ޕަރު"ގެ ޕޯސްޓަރު.
14 މެއި 2025 - 10:31
އާމިރް ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
ގާތްގަނޑަކަށް ތިން މިނެޓާއި 30 ސިކުންތުގެ އެ ޓްރެއިލާއިން އެނގޭ ގޮތުގައި، މި ފިލްމަކީ މީގެ ކުރިން ގެނެސްދިން އާމިރުގެ "ތާރޭ ޒަމީން ޕަރު" ކަހަލަ އަސަރުގަދަ ފިލްމަކަށް ވާނެ އެވެ. ހަމަ އެ ފިލްމެކޭ އެއްގޮތަށް މި ފިލްމުގައި ވެސް ގެނެސްދެނީ އޯޓިސްޓިކް ކުދިންނާ ގުޅޭ ވާހަކައެކެވެ.
"ސިތާރޭ ޒަމީން ޕަރު"ގައި ދައްކާނީ އޯޓިސްޓިކް ކުދިންގެ ބާސްކެޓް ޓީމަކަށް ކޯޗުކަން ކޮށްދިނުމުގެ ތެރޭގައި މީހަކަށް ދިމަވާ ކަންތައްތަކެވެ.
މި ފިލްމުގެ ޓްރެއިލާއާ އެކު ވަނީ ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފަ އެވެ. ކުރިން ޑިސެމްބަރުގައި ގެނެސްދޭން ނިންމި މި ފިލްމު މިހާރު ވަނީ އަންނަ މަހު 20 ގައި ރިލީޒްކުރާ ގޮތަށް އަވަސްކޮށްފަ އެވެ.
މި ފިލްމަކީ 2007 ވަނަ އަހަރު ގެނެސްދިން، އާމިރް މިހާތަނަށް އަމިއްލައަށް ޑައިރެކްޓުކުރި ހަމައެކަނި ފިލްމު "ތާރޭ ޒަމީން ޕަރު"ގެ ސީކުއެލްއެކެވެ. އެކަމަކު، މި ފިލްމު ބިނާކޮށްފައި ވަނީ ހޮލީވުޑް ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" އަށެވެ.
އާމިރްއާ އެކު ޖެނީލިއާ ލީޑު ރޯލު ކުޅޭ "ސިތާރޭ ޒަމީން ޕަރު" ޑައިރެކްޓުކުރަނީ ވަރަށް އާ ޑައިރެކްޓަރެއް ކަމަށްވާ އާރު އެސް ޕްރާސަންނަ އެވެ.
އާމިރްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ދަށުން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާ އާއި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy