މުލި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވާހަކަދައްކަވަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓަރު
20 މެއި 2025 - 13:13
މ. މުލީ އެއާޕޯޓުގެ މަސައްކަތް ނިމުނުއިރު، އެ އެއާޕޯޓަށް ޖުމްލަ 540 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި އެއީ އެ އަތޮޅުގެ އާބާދީގެ ނިސްބަތުން ބަލާނަމަ ބޮލަކަށް 100،000 އެއްހާ ރުފިޔާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަ އާބާދީއެއް ދިރިއުޅޭ މ. އަތޮޅުގައި އުޅެނީ 5،490 މީހުން ކަމަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓުގައިވެ އެވެ.
މުލި އެއާޕޯޓް ހުޅުވުމަށް މިއަދު ހެނދުނު މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ މިއަދަކީ މ. އަތޮޅުގެ ރައްޔިތުންނާއި މުލީގެ ރައްޔިތުން ޒަމާންތަކެއް ވަންދެން އުއްމީދު ކުރަމުން އައި ހުވަފެނެއް ހަގީގަތަކަށް ވީ ދުވަސް ކަމަށެވެ. އަދި އެކި ސަބަބުތަކާ ހުރެ އެ އެއާޕޯޓުގެ މަސައްކަތް 11 އަހަރަށް ދިގުލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުލި އެއާޕޯޓް އަޅަން ބިން ހިއްކަން ފެށީ 2014 ވަނަ އަހަރު އެވެ. އެކަމަކު، އެއާޕޯޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
މުލި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓަރު
މުއްތަލިބް ވިދާޅުވީ މި އެއާޕޯޓް އަޅަން ބިން ހިއްކަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކަމަށެވެ. އަދި އެމަނިކުފާނު ރައީސް ކަމަށް ވަޑައިގެން، އެންމެ އިސްކަމެއް ދީގެން ނިންމަން އެންްގެވި މަޝްރޫއުތަކުގެ ތެރޭގައި އެ މަޝްރޫއު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އެއާޕޯޓް މިއަދު މި ހުޅުވުނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކެތްމަދުވެފައި ހުރި ވެރިއެއްގެ ބުރަ މަސައްކަތުން،" މުއްތަލިބް ވިދާޅުވި އެވެ.
"ހާއްސަކޮށް ފާހަގަކޮށްލަން އެމްޓީސީސީގެ ވަރަށް ބުރަ މަސައްކަތުން ގާތްގަނޑަކަށް 18 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމައި އެއާޕޯޓް މި ހުޅުވުނީ."
— Ministry of Construction, Housing & Infrastructure (@MoCImv) May 20, 2025
މުއްތަލިބް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު އެއާޕޯޓުގެ ގިނަ މަސައްކަތްތަކެއް ރޭވިފައި ހުރި ނަމަވެސް، މަސައްކަތްތައް ކުރިއަށް ގެންދަން ހުއްދަ ނުލިބި ހުރި ކަމަށެވެ. އަދި ހުއްޓިފައި އޮތް މަޝްރޫއު އަލުން ފަށައި، މަސައްކަތް ނިމުނުއިރު މުޅި ޕްރޮޖެކްޓަކަށް 540 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މި އަތޮޅުގެ އާބާދީގެ ނިސްބަތަށް ބަލާ ނަމަ، ކޮންމެ ބޮލަކަށް 100،000ރ. ގެ އަދަދެއް،" އޭނާ ވިދާޅުވި އެވެ.
"މި އެއާޕޯޓާ އެކު މި އަތޮޅުގެ ޓޫރިޒަމް ކުރިއަރައިގެން ދާނެ ކަމަށް އުއްމީދު ކުރެވޭ. މިއީ ޓޫރިޒަމްގެ އެތައް އިންވެސްޓްމަންޓަކަށް ހުޅުވައިދިން ދޮރާށްޓެއް."
މުލި އެއާޕޯޓް މިއަދު ހުޅުއްވައި ދެއްވީ ރައީސް މުއިއްޒެވެ.
މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން ވަނީ 14 ހެކްޓަރުގެ ބިން ހިއްކައި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފަ އެވެ. އަދި ޕެސެންޖާ ޓާމިނަލަކާ އެކު، 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންބަރާ888
21 May 2025
ކަނޑައެޅިގެން ދޮގު. އެއަރޕޯޓު މަޝްރޫގަ ސޮއިކުރީ 2021 ގަ. ކުރިން ހިއްކާފައޮތް ބިމުން %10 ވެސް އެއަރޕޯޓު އަޅަން ބޭނުން ނުކުރޭ. %90 އަކީ އަލުން ހިއްކި ތަން. ކުރީ ސަރުކާރު ނިމުނުއިރު %85 އޮތީ ނިމިފަ. މި ސަރުކާރަށް ނިމިފަ އޮތްތަނެއް ހުޅުވަން 2 އަހަރު. އަދިވެސް ލައިޓް ޖަހާ ނުނިމޭ. މުއައްޒިފުންނަށް ނެގީ ޕާޓީ ކުދިން. ގާބިލް ކަމެއް ނެތް. ކަލަ ގޮވަނީ ކީއްކުރަން ކުރިކަމެއް ކުރީ ކުރީ ސަރުކާރުން.
ފިޒާ
21 May 2025
ކަޑައެޅިގެން ދޮގު މުތުލަގައް ދޮގު.
ޝާން ޕީޕީއެމް
20 May 2025
ބަލަކަ އެއާޕޯޓުގެ އަގަކީ އެންމެ 35 މިލިއަން ޑޮލަރޭ. ޖަޕަނީސް ޔެންއަށް ނުވަތަ އިންޑޮނޯޝިޔާ ރުޕިޔާއަށް އަދަދު ބޮޑުކުރީމާ ފެންނަ ފިގަރ ބޮޑުވާނެ.
ކެރެޓާ
20 May 2025
ތިއެއާޕޯޓެއް ތިއެޅެނީ 5 އަހަރުން. 5 އަހަރުގެ ދައުލަތުގެ ބަޖެޓަކީ ގާތްގަނޑަކަށް 200 ބިލިއަން ރުފިއާ، އޭގެތެރެއިން މ.އަތޮޅަކަށް 0.5 ބިލިއަން ހަރަދުކޮށްފީމޭ ބުނީމާ އެއަތޮޅު ރައްޔިތުން އާސޯހުވިއަސް އަހަރެމެން އައްޑޫމީހުންނަށް އެބައެނގޭ އާބާދީގެ ނިސްބަތުން ބަޖެޓުގެ %20 އައްޑޫއަށް ހައްގުވާކަން. އެއީ 5 އަހަރުން 40 ބިލިއަން.
ސޮބީހާ
20 May 2025
ކޮން މާލެއެއް ރާއްޖެތެރެއެއް ކިޔާކަށްތަ، ރައްޔިތުންގެ ފައިސާ ހަމަހަމައަށް ބެހެން ޖެހޭނީ އެކަން ދެން ވަމުން އަންނާނީ އެހެން، ލޯކަލް ޓޫރިޒަމްވެސް ދާނީ ކުރިއަށް ކުލީގެ އަޅުންވެސް ދާނީ މަދުވެ ކުލިކުޑަވަމުން ހަޖަމުވިޔަސް ނުވިޔަސް،
ފަރަންޖީ
20 May 2025
ވިސްނާލަބަލަ ސަރުކާރުތަކުގެ ދޯހަޅިކަމުން ތިކުރެވުނު އިސްރާފު. 35 މިލިއަން ޑޮލަރު އެއަރޕޯޓަކަށް ތި ޚަރަދު ކުރީ. 20 މިލިއަނަށް އެއަރޕޯޓްއެޅޭ. ނޫނީ މިދެން އިސްޜަފަކަށް ނުވެސްދާނެދޯ؟ ކޮންމެވެސް ތާކަށް ތިލާރި ވަންނާނެތާ؟
ފެކްޓްްް
20 May 2025
ކަލަގޮވަން ފެށީތާ. ހިތުގަ ޖެހޭނޭ މުޅިންވެސް ކުރީސަރުކާރުގެ ވާހަކަ ދައްކަންޖެހޭތީ ދެއްތޯ... އަދި ބުލެނަލް ތިބޭފުޅާގެ މުސާރަ ދެނީ ކޮން ބައެއްގެ އަތުންބާ! ލަދު
މާސާ
20 May 2025
10 އަހަރުން ނިންމާލީމަ ހަރަދު ބޮޑު ވީ ދެއްތޯ.
ނަމެއްނެއް
20 May 2025
"މި އެއާޕޯޓް މިއަދު މި ހުޅުވުނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކެތްމަދުވެފައި ހުރި ވެރިއެއްގެ ބުރަ މަސައްކަތުން،" މުއްތަލިބް ވިދާޅުވި އެވެ. މުލި އެއާޕޯޓް އަޅަން ބިން ހިއްކަން ފެށީ 2014 ވަނަ އަހަރު އެވެ. އެކަމަކު، އެއާޕޯޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ކޮންބަޔަކަށް އޮލުވާލާނަމޭ ހިތާ؟ ރައްއިތުން ނަކީ ގަމާރުންނަށް މި ،،، ބައިގަދު ހަދައިފި
ވާނެއޭދޯ
20 May 2025
މ. އަތޮޅުގައި އެއަރޕޯރޓެއް ހެދުން އެއީ ރަނގަޅު ކަމެކޭ އެކަމަކު އޮންނަނީ އެންމެ ރިސޯރޓެކޭ އެވަރުން ކިހިނެއްތޭ ތިޔާ އެއަރޕޯރޓް ފީސްބްލް ވާނީ ތިޔާ އަތޮޅުގައި ތްރީއޭ އިން ހިންގާ ރިސޯރޓް އިން ރަށުގެ ރައްޔިތުންނަށް ކުރާ އެއްވެސް ފައިދާ އެއް ނެތޭ ގިނަ އަދަދަކަށް ފައިސާ ހުރި ރާއްޖޭގެ އެންމެ މުއްސަނދި ކުންފުނި ތަކަށް ބިޑް ކުރުމަކާއި ނުލައި ބޮޑެތި ފަޅު ހުރި ރަށްތައް ރިސޯރޓް ހަދަން ދޭންވީ ކުއްޔެއް ނެތި 10 އަހަރު ދުވަހަށް އެއިރުން ތިޔާ އެއަރޕޯރޓް ފީސްބްލް