އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މިއަދު ސިންގަޕޫރުގައި އޮތް ޝަންގްރިއްލާ ޑަޔަލޮގް ސަމިޓްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
31 މެއި 2025 - 18:17
އޭޝިއާގެ "ބެލެންސް އޮފް ޕަވަ" ނައްތާލަން އަސްކަރީ ބާރުގެ ބޭނުން ހިފަން ޗައިނާއިން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މިއަދު ތުހުމަތުކުރައްވައިފި އެވެ.
ސިންގަޕޫރުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސެކިއުރިޓީ ކޮންފަރެންސެއް ކަމަށްވާ ޝަންގްރިއްލާ ޑަޔަލޮގް ސަމިޓްގައި، ބެލެންސް އޮފް ޕަވަ ނުވަތަ އަސްކަރީ ބާރުގެ ހަމަހަމަކަން ނައްތާލަން ޗައިނާއިން އުޅޭ ކަމަށް ތުހުމަތުކޮށް ހެގްސެތު ވާހަކަ ދެއްކެވި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާއިން ކޮންޓްރޯލް ހޯދަމުންދާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތް ޗައިނާގެ މަންދޫބުން ވަނީ ހެގްސެތުގެ ތަގުރީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ބޭފުޅުން ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތި ކުރެއްވި ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓްރަމްޕް ވަނީ ޗައިނާއާ އެކު ވިޔަފާރީގެ ހަނގުރާމައެއް ފަށައި، މުހިންމު އޭއައި ޓެކްނޮލޮޖީ ޗައިނާއަށް ލިބޭނެ މަގުތައް ހަނިކޮށްފަ އެވެ. އަދި ޗައިނާއާ އަސްކަރީ ނުތަނަވަސްކަން އޮންނަ ސަރަހައްދީ ގައުމުތައް ކަމަށްވާ ފިލިޕީންސް ފަދަ ގައުމުތަކާ އެކު އެމެރިކާއިން ދަނީ ގުޅުން ބަދަހިކުރަމުންނެވެ.
"ޗައިނާގެ ސެކިއުރިޓީ ނުރައްކަލަކީ ހަގީގަތެއް. އަދި އެކަން އޮތީ ވަރަށް ގާތުގައި،" އެކި ގައުމުތަކުން ޑިފެންސް އޮފިޝަލުން ބައިވެރިވެ ވަޑައިގަތް ސަމިޓުގައި ހެގްސެތު ވިދާޅުވި އެވެ.
ޗައިނާއިން ދަނީ "އިންޑޯ-ޕެސިފިކް ސަރަހައްދުގެ 'ބެލެންސް އޮފް ޕަވަ' ބަދަލުކުރުމަށް އަސްކަރީ ފިޔަވަޅުތައް އަޅަން ހަމަ ހަގީގަތުގައި ވެސް ތައްޔާރުވަމުން" ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ އަސްކަރިއްޔާއިން ޓައިވާނަށް އަރައިގަތުމުގެ ގާބިލުކަން އުފައްދަމުން އަންނަ ކަމަށާއި އެފަދަ ހާލަތަކަށް ތައްޔާރުވެ ފަރިތަކުރަމުން އަންނަ ކަމުގެ އިންޒާރު ވެސް ހެގްސެތު ދެއްވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
01 June 2025
ޗައިނާއިންކުރާކަމެއް ހަނގުރާމައެއްވިޔަސްކުރަނީކުރަންޖެހޭފަދަ ސަބަބެއްމެދުވެރިވީމާ، އެމެރިކާހެން ގޮތެއްފޮތެއްނެތި ތިމާމެންބޭނުންވާގޮތް އެއީ އިންސާފާހަމަކަމަށްހަދައިގެން ޗައިނާއަކުންނޫޅޭނެކަންޔަގީން، ވިޔަފާރީގެ ޓެރިފުތައް ބޮޑުކޮށްގެންވެސް އެމެރިކާޖެހުނީ ޗައިނާކުރިމަތީ ކުޑަކަކޫޖަހަން، އެހެންވެ މިހާރު ކުރިޔަށްވުރެންބޮޑަށްއެމެރިކާ ޗައިނާދެކެބިރުގަނޭ، ޑޮލަރުގެއަގުވެއްޓި ބާރުކެނޑެމުންދާއިރު ހަނގުރާމައެއްފަށާ ޗައިނާގެއަތުން ބޮނޑިބޯނީ އެމެރިކާކަމަށްބެލެވޭ
ާމެސީ1
01 June 2025
ކަލޭމެން ޔޫރަޕުގަ ބާރު ހިންގާފަ އެވަރުން ނުވެގެން މުޅި ދުނިޔެއައް ބާރުހިންގަނީ، ގޮރުހެނޑިގެން އަދި ޗައިނާއޭ އެބަކިޔާ ފެލެއެންނު
ހުރޭ
31 May 2025
ފުޅައްބުޑުން ދަންޏާ ހަސަނަށް ހީވާނެ ކެޔޮގަނޑު ކަނޑާލާނެއޭ.
ބުރަނދަ
31 May 2025
އެމެރިކާގެ ކަމަކީ ޕްރޮޕެގެންޑާ ފަތުރައިގެން ޗައިނާ ހުއްޓުވުން. އެކަމަކު އެއީކީ ދެން ވާނެކަމެއް ނޫން.
ރާއްޖެ
31 May 2025
ކަލޭމެން ނޫން ބަޔަކަށް ބާރެއް ލިބިދާނެތީ މޭކަރަނީ.
ކެތްކޮށްގެން ބަލަން ތިބޭ. ދެންވެސް ޖެހޭނީ ނިއުކްލިއާ އިން ބިރުދައްކަން.
31 May 2025
ހަގީގަތަކީ ކަލޭމެންގެ ހިޔަޅު ގޭމް އެންމެނަށް ދަސްވަމުންދާކަން، ކަލޭމެންގެ ގޭމް ކަލޭމެނަށްވުރެ މޮޅަށްއެކުޅެނީ ޗައިނާ.
ހަސަނުު
31 May 2025
ދުނިޔެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އަދި އެންމެ ބޮޑު ބޭއިންސާފަކީ އެމެރިކާ. ތިމާމެން ހަދާހާ ހަޑިއެއް އެހެން މީހުންގެ ބޮލުގައި އަޅުވާ ބައެެއްތީ. ދުނިޔޭގެ ވެެރިންކަމުގައި އަމިއްލައަަށް ދެކިގެން އުޅޭ ބައެއް. އެހެން އެންމެން ތިބެންޖެހޭނީ ތިމާމެންގެ އަޅުންގެ ގޮތުގައި ކަމަށް ގަބޫލުކޮށްގެން އުޅޭ ބައެއްތީ.