ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތުގައި ވަގުތީ ގޮތުން ހޮސްޕިޓަލެއް ހަދަން ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހެލްތު މިނިސްޓްރީ
23 ޖޫން 2025 - 09:51
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލެއް ހަދަން ނިންމާފައި ވާތީ، ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ހުސްކުރުމަށްޓަކައި އެ ހޮސްޕިޓަލްގެ މަސައްކަތްތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފަ އެވެ.
އާ ހޮސްޕިޓަލް ވެސް އިމާރާތް ކުރަން ސަރުކާރުން ނިންމާފައި ވަނީ މިހާރު ވިލިމާލެ ހޮސްޕިޓަލް ހިންގާ ތަނުގަ އެވެ. އެހެންވެ، އެ އިމާރާތް މިހާރު ހުސް ކުރަން ބޭނުންވާތީ ވިލިމާލެ ހޮސްޕިޓަލް ބަދަލުކުރަނީ ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހިންގި ތަނަށެވެ.
އެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، "އަމާން ހިޔާ" ގައި ވިލިމާލޭގެ ވަގުތީ ހޮސްޕިޓަލު ހިންގުމަށް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވަނީ ސޮއިކުރައްވައިފަ އެވެ.
"އަމާން ހިޔާ" ގައި ވިލިމާލެ ހޮސްޕިޓަލު ހިންގާނީ 112 އެނދުގެ އާ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިމެންދެންނެވެ.
ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތުގައި ވަގުތީ ގޮތުން ހޮސްޕިޓަލެއް ހެދުމުގެ އެގްރިމެންޓުގައި ސްޓޭޓް މިނިސްޓަރު އާދަމް (ކ) އަދި ސީއީއޯ ހަލީމް ސޮއިކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
ވިލިމާލޭގައި ހޮސްޕިޓަލެއް ހިންގިއަސް ލިބެނީ ވަރަށް މަދު ފަރުވާއެކެވެ. އެހެންވެ، ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށާއިރު ސިއްހީ ދާއިރާ ތަރައްގީ ކުރަމުންނެވެ.
އެ މަޝްރޫއުގެ "ލެޓާ އޮފް އެކްސްޗޭންޖު"ގައި ސޮއިކުރެއްވުމަށް މި މަހުގެ ކުރީކޮޅު ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ޑިޒައިން ނިންމައި، ކޮންޓްރެކްޓަރެއް ހޯދުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ހަދާ އާ ހޮސްޕިޓަލަށް ކިޔަން ނިންމާފައިވަނީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެވެ.
ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިިކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ވިދާޅުވީ، ވިލިމާލޭގެ އާ ހޮސްޕިޓަލް ވާނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުޒީ
23 June 2025
ތި ހޮސްޕިޓަލް އެއްވެސް ނޭޅޭނެ އަޅާފައި ހުރި ހޮސްޕިޓަލްވެސް ތިތަޅާލީ.
ކޮރަލް
23 June 2025
ހޮސްޕިޓަލް ހެދުމަކީ ރަނގަޅު ކަމެކެވެ. އެކަމު ހޮސްޕިޓަލެއް ހުސްކޮށްފަ ނޫނީ ހޮސްޕިޓަލް އެއް ހަލާކު ކޮށްލާ ފަ އެހެން ހޮސްޕިޓަލް އެއް ހެދުމަށް މީހަކު ގަބޫލެއް ނުވާނެ އެވެ. ސަރުކާރުން ކުރަން ބޭނުން ކޮންމެ ކަމެއް ކުރެވި ދާނެ އެވެ.
މޫސާރަހާ
23 June 2025
ކީއްވެތަ ކޮންމެ ބަޔަކު ވެރިކަމަށް އައިއްސަ އަބަދުވެސް ތަންތަން ބިނާ ނުކުރެވިގެން އުޅެނީ. ކޮބައިތަ ސިއްރަކީ؟ ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު ޑޮކްޓާރުން ގެނެސް ހިދުމަތް އިތުރަށް ފުރިހަމަ ނުކުރެވޭތަ އާތަނެއް ނާޅާ!؟ ދެންއަން ވެރިޔަކު ބޭނުންވެދާނެ އަނެއްކާ އެތަން ތަޅާލާފައި އެއަށްވުރެ އުސްތަނެއް އަޅަން. ވެރިކަމަށް އަންނަނީ ހުސް ކޮންކްރިޓް ވެރިކަން ކުރަން އަންނަ ބޭފުން ރައްޔަތުންގެ ހާލަތަކަށް ބަދަލެއް ނާދޭ
ދައްކާ
23 June 2025
ކޮންމެ ވެރިއަކުވެސް ބޭނުންވަނީ އެހެރީ ތިމަންނަގެ ވެރިކަމުގަ ހަދާފަ ހުރި ތަނެކޭ ކިޔާފަ ދައްކާނެ ތަނެއް. އެއްވެސް ވެރިޔަކު ހިދުމަތް ރަގަޅުކުރުމެއް، އިންސާނީ ވަސީލައް ތަރައްގީ ކުރުމެއް، ރައްޔިތުންނަށް ރަގަޅުގޮތް ކިޔާދީ ދަސްކޮށްދިނުމުގެ ވިސްނުމެއް ނުގެންގުޅޭ. ދެރަވަރު ކަންކަން.
މާޔޫސްވީ
23 June 2025
ތިތަންމެ ވަރަކަށް ހޮސްޕިޓަލް އެޅިޔަސް އެންމެ މިހިންމު ކަންތައް އޮތީ ސުމެއްގައި. އެއޮތް ބޮޑު އިއިޖީއެމް އެއްޗުވެސް ކުޑައެއްނޫނޭ. ކުޑައީ...މަދީ ޑޮކްޓަރުން.. އަދަދު. ޚައްސަޑޮކްޓަރަކަށް ނަންބަރު ހޯދާނަމަ ޖެހެނީ ގޮތްނޭގެ އިންތިޒާރެއްގައި ލިބޭވޭނަށް ކެއްކޮށްގެން ހުންނަން. އެއިންތިޒާރަށް ނިމުމެއް އަންނައިރު ބައެއްފަހަރު ބަލިމާހާ ހާލުގޯސް އިތުރުބަލިތައްޖެހި އައިސީޔުގައި ބާއްވާ ހިސާބަށް އެބަދޭ.