އީރާނުން ބުނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާ އަކީ ގަތަރަށް ދިން ހަމަލާއެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް.
ގަތަރުގައި އޮންނަ އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒުގައި ޖެޓްތައް ބަހައްޓާފައި: އީރާނާއި އިޒްރޭލު ހަމަލާތައް ހުއްޓާލަން ހުށަހެޅުމުން އީރާން އެކަމަށް އެއްބަސްކުރުވީ ގަތަރުން ކަމަށް ވަނީ ބައެއް އޮފިޝަލުން ވިދާޅުވެފައި. -- ފައިލް ފޮޓޯ: އޭއެފްޕީ
24 ޖޫން 2025 - 15:40
އީރާނާއި އިޒްރޭލާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާއިން ހުށަހެޅުމުން އެކަމަށް އީރާން އެއްބަސްކުރުވީ ގަތަރުގެ ބޮޑުވަޒީރު އީރާނާ ވާހަކަ ދައްކަވައިގެން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ.
"މި ހުށަހެޅުމަށް އީރާނުން އެއްބަސްވީ އެ ގައުމުގެ އެކި އޮފިޝަލުންނަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ ގުޅުއްވައި ވާހަކަ ދެއްކެވެމުން،" އޭއެފްޕީއަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވެފައިވެ އެވެ.
އީރާނާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން 12 ދުވަހަށް ފަހު މިއަދު ހުއްޓާލަން ނިންމިކަން އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެއީ އީރާނަށް އިޒްރޭލުން ދެމުން ދިޔަ ހަމަލާތަކުގައި އެމެރިކާ ބައިވެރިވުމާ އެކު އެކަމުގެ ބަދަލު ހިފުމަށް، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދިންތާ އިރުކޮޅެއް ފަހުންނެވެ.
އޭގެ ފަހުން އީރާނާއި އިޒްރޭލުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދީފައިވެ އެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލަން ކަނޑައެޅި ވަގުތުގެ ފަހުން ހަމަލާ ދިން ކަމަށް އެއްބަޔަކު އަނެއް ބަޔަކު ތުހުމަތުކޮށްފައިވެ އެވެ.
އަނެއްކޮޅުން ގަތަރުން މިއަދު ވަނީ އެ ގައުމުގައި ހުންނަވާ އީރާންގެ ސަފީރު ހާޒިރުކޮށް، ރޭގެ ހަމަލާގެ މައްސަލައިގައި ރަސްމީކޮށް ޝަކުވާކޮށްފަ އެވެ.
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ މިއަދު ވިދާޅުވި ގޮތުގައި މިއީ އީރާނުން ގަތަރަށް ދިން ހަމަލާއެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ.
"އަލް އުދައިދު ބޭސް އަށް އީރާންގެ ސަލާމަތީ ބާރުން ދިން މިސައިލް ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ހަމަލާ ދިނުމަށް އީރާނަށް ލިބިގެންވާ އިމުގެ ތެރެއިން ދިން ހަމަލާއެއް،" ގަތަރުގެ ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ތާނީއަށް ފޯނުން ގުޅުއްވައި އަރަގާޗީ ވިދާޅުވި އެވެ.
އީރާންގެ ފޮރިން މިނިސްޓަރު ވިދާޅުވީ މިއީ އެކުވެރި އަވަށްޓެރި ގައުމަކާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ތަންތަނަށް އިޒްރޭލުން ހަމަލާދޭން ފެށީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނުން ވާހަކަ ދައްކަމުން ދަނިކޮށެވެ. ހަމަލާއަށް ފަހު އީރާނުން އެ ވާހަކަތަކުގައި ދެން އިތުރަށް ކުރިއަށް ނުދާން ނިންމާފައި ވިޔަސް ގަތަރުން ވަނީ މި މަޝްވަރާ އަލުން ފެށުމަށް އެމެރިކާއިން އީރާނަށް ބާރު އެޅުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާލު
24 June 2025
ތިހެން ގައްޒާއަށްވެސް ހަމަލަ ނުދޭން އިޒުރޭލުން ނިންމި. އެމެރިކާއިން ބޭނުންވާ ހަތިޔާރާ މިސައިލް ލިބުނީމަ އެއްބަސްވުން ބޮލާލާ ޖަހާފަ ހަމަލާ ފެށުނީ. މިހާރު އެއުޅެނީ އެއާޑިފެންސް ރީލޯޑް ކުރަން. ބަލަންތިބޭތި މަސްދުވަސް ނުވާނެ އަނެއްކާ ފަށާނެ. ގައްޒާ މީހުންގެ ހިމާޔަތުގަ އެއްވެސް ބަޔަކު ނެތް
ގުދުގުދާބެއްޔާ
24 June 2025
މި ގަތަރާސައުދީއާ އެމެރޭޓް މީ އިސްލާމީ އުއްމަތައް ޖެހިފައިވާ ބަލާވެރިކަމެއް!މިމީހުން ޔަހޫދީންގެ ބައިއަތު ހިފާ އެމީހުންގެ ބޭންކް ތަކުގައި ފައިސާ ބަހައްޓާ، ރަސްކަން ވައްޓާލަ ފާނެތީ،އެމެރިކާގެ ބޭސްތައް އެކައުމުގަ ހަދާފައިވަނީ! މިއީ އިސްލާމުންނަށް ހުރި ބޮޑު ބަލާވެރިކަމެއް!ކަލޭމެން އަދި އެބައުޅެ އެއްނު މެޑެލް ޖެހޭތޯބަލަން އަހަރުމެންގެ ބަހަށޯ ހަގުރާމަ ހުއްޓާލީ! ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް!އީރާނުގެ ބާރު ގަދަކަމުން ގޮތް ހުސްވެގެން ހަގުރާމަ ހުއްޓާލީ!
ރާވެރިބެ
24 June 2025
ހަގުރާމަ މިވަގުތަކަށް ހުއްޓާލީ ދެ ފަރާތް ވެސް ވަރަށް ވަރުބަލިވެ ހަތިޔާރު މަދުވެފަވާތީ. ޚާއްސަކޮށް އިޒްރޭލު މީހުން އަތަކުނެތް އީރާނުން ފޮނުވާ މިސައިލް ހުއްޓުވަން ފޮނުވާ އިންޓަރސެޕްޓަރ މިސައިލް. ވަރަށް މަދު ދުވަސް ކޮޅަކަށް ވާވަރަށް ހުރީ، އީރާނަށް އަދި މިހެން ހަމަލާ ދީދީ ތިބެވިދާނެ 6 މަސް ވަންދެން ވެސް. އެކަމަކު މިސައިލް ފިޔަޥާ އިޒރޭލަށް ހަމަލަދޭނެ ވައިގެ މާބޮޑުބާރެއް ނެތް. އެހެންވެ ހުއްޓާލީ. މޮޅުވީ އީރާން. ހުރިހާ ނިއުކްލިއަރ ސާމާން ހަލާކު ނުކުރެވުނ
ޙހހހކއ
25 June 2025
ކަލޭ ވާނުވާ ޖަހާބަލަ.
ކޮރަލް
24 June 2025
މުސްލިމް ގައުމު ތަކުގެ ތެރެއިން ހަނގުރާމަ އެއް ކުރެވޭ ވަރު ބަޔަކަށް މިހުރީ އިރާން ، ޕާކިސްތާން ، ތުރުކީ އެވެ. އެއީ އަމިއްލަ އަށް ހަތިޔާރު އުފައްދާ ތީ އެވެ.