ޢީދު ދުވަހާ މާލޭގައި އުޅަނދުތައް ދުއްވުން މަނާކުރި ގިނަ ބަޔަކު މަގުމަތީގައި: ހުކުރު ދުވަސްތަކުގެ ހެނދުނު ވަކި ވަގުތުތަކަށް ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
25 ޖޫން 2025 - 13:47
ހުކުރު ދުވަސްތަކުގެ ހެނދުނުގެ ވަކި ވަގުތެއްގައި މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ މާލޭގެ ބޮޑެތި މަގުތައް ފިޔަވައި، އެހެން ހުރިހާ މަގުތަކެއްގައި ހުކުރު ދުވަސްތަކުގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހަމަޖެއްސުމަށެވެ.
މޭޔަރު ވިދާޅުވީ އެގޮތަށް ހަދަން ނިންމީ ކުޑަކުދިން ގެއިން ބޭރަށް ނުކުމެ، މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި އެއީ މާލެ ތެރޭގައި ކުދިންނަށް ކޮންމެވެސް ވަރެއްގެ ރައްކާތެރި މާހައުލަކަށް ނިކުމެ އުޅުމުގެ ފުރުސަތު ލިބޭނެ ކަމަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާެލެ ސިޓީ ކައުންސިލް ބައްދަލުވުމެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަނީ.-- ފޮޓޯ: ކައުންސިލް
އެހެންވެ، އާޒިމް ހުށަހެޅުއްވީ މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކަކީ ހުކުރު ދުވަހުގެ ހެނދުނު ވެހިކަލް ދުއްވުން މަނާ މަގުތަކެއްގެ ގޮތުގައި ހެދުމަށެވެ.
"ކުދިންތައް ކޮޓަރި ތަކުގެ ތެރޭގައި އެ ތިބެނީ ހަތަރުދަމު. އެ ގަޑިއަކީ އެހާ ޓްރެފިކް ހައި ގަޑިއެއް ވެސް ނޫން، އެހެން ނަމަވެސް ބައެއް މީހުން ވަރަށް ބާރަށް ސައިކަލު ދުއްވާ، އެހެންވެ ރައްކާތެރިވާނެ އެކަހަލަ މަގުތައް އެ ވަގުތަށް ބަންދު ކޮށްލެވުނީމަ. ކުދިންނަށް ރަކާތެރިކަން ލިބޭނެ އެހެން ހަދައިފިއްޔާ،" އާޒިމް ވިދާޅުވި އެވެ.
ވިލިމާލެ ކައުންސިލަރު ފާތިމަތު ނަހުލާ ވިދާޅުވީ ކޮންމެ ހުކުރު ދުވަހެއްގައި ބަންދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ، އޭނާ ހުށަހެޅުއްވީ ކޮންމެ މަހެއްގެ ވަކި ދުވަސްތަކެއް އެކަމަށް ކަނޑައެޅުމަށެވެ.
ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ހުކުރު ދުވަހު ބަންދުކުރަން އެދޭ މަގުތައް އެ ދުވަހެއްގެ އެ ވަގުތަކަށް ބަންދުކުރަން ތާއީދު ކަމަށެވެ.
މާެލެ ސިޓީ ކައުންސިލް ބައްދަލުވުމެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް އާއި ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ކައުންސިލް
ސައިފްގެ ވާހަކަތަކަށް ތާއީދު ކުރައްވައި، ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ހުށަހެޅުއްވީ މަގު ބަންދުކުރާ ވަގުތު ފަތިހު 5:30 ގެ ބަދަލުގައި ހެނދުނު 6 އިން 9 އަށް ބަދަލު ކުރުމަށެވެ.
ހުރިހާ ކައުންސިލަރުންގެ މަޝްވަރާއާއެކު ކައުންސިލުން ނިންމީ ހުކުރު ދުވަސްތަކުގެ ހެނދުނުގެ އެ ވަގުތުތަކުގައި ބަންދުކުރަން އެދޭ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ. އާޒިމް ވިދާޅުވީ މަގުތައް ބަންދު ކުރުމަށް ފުލުހުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މާލޭގެ ބައެއް މަގުތައް ހުކުރު ދުވަހުގެ ތިން ގަޑިއިރަށް ބަންދު ކުރަން ނިންމިއިރު، މޭޔަރު ކަމުގައި ޝިފާ މުހައްމަދު ހުންނެވިއިރު ވެސް ހަމަ އެގޮތަށް ބައެއް މަގުތައް ބަންދު ކުރި އެވެ. އޭރު ވެސް މަގުތައް ބަންދު ކުރީ ފުލުހުންގެ އެހީތެރިކަމާއެކު އެވެ. ކައުންސިލުން އެގޮތަށް ހަމަޖެއްސިއިރު، ކޮންމެ އަހަރެއްގެ އީދު ދުވަސްތަކުގެ ހަވީރު މާލެ އާއި ހުޅުމާލޭގައި ވެސް ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މިހާރު ވެސް މަނާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
29 June 2025
ވެހިކަލް ދުއްވޭ މަގުތައް ހަމަ މަދު ކުރަންވީ. ކޮންމެ ހެން ޒަރޫރީ ބޭނުންތަކަށް ޚާއްސް ހުއްދަ ދޫކޮށްފަ ވެހިލަް ޓެކްސީ ހަދަނީ. ގިނަ މަގުތަކުގައި ނުދުއްވޭގޮތް ހެދީމަ ވެހިކަލްގައި އުޅުން މަދުވާނެ. މިހެން ތިއްބާ ދުވަސްކޮލަކުން ވެހިކަލް ގިނަވެގެންވެސް ދެން މަގުތަކުގައި ނުދުއްވޭނެ.
މަދެކޭގޮތް
26 June 2025
ތިކަން ކުރެވިއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅު. މީހާގެ ޞިއްޙަތަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ކުރާނެ ކަމެއް. ޚިޔާލު ތަފާތުވާނެ. މީ މަދެކޭގޮތް.
ކަމަކު ނުދޭ
26 June 2025
ރަގަޅުކަމެއް ކުރެވެން ނެތްތާގަ އުދަގޫ ނުކޮށްބަލަ. ދެން އެއާޕޯޓަށާ ޑިއުޓީއަށް ދާން ޖެހޭ މީހުން ކިހިނެއްތަ ހަދަންވީ؟؟؟؟
ޚަފހ
26 June 2025
ޓެލް ދެޓް ޓު މުއިއްޒު
އަސީލާ
25 June 2025
މާލޭގަ ނޯންނާނެ ކުޑަމަގެއް
ޢިބޫ
25 June 2025
ކުރާނެ އިތުރު ކަމެއް ނެތީތޯ، ހުކުރު ދުވަހަކީވެސް އެކި އެކި ބޭނުންތަކުގަ މީހުން ތަންތަނަށް ދާންޖެހޭދުވަހެއްކަން ނޭގެނީތޯ؟
ނީޑް މޯ ބޭބީސް
26 June 2025
ތަންތަނަށް ދެވޭނޭ. މަގުމައްޗަށް ނުކުތުން މަނަލީ ނޫނޭ. މަގުމައްޗަށް އެދުވަހު ނުކުންނަންވިއްޔޭ. އެކަމު ހިނގާފަ.
ގުދުގުދާބެއްޔާ
25 June 2025
ކުރާނެ މަސައްކަތެއް ނެތިއްޔާ މަސައްކަތް ނުކުރާ ދުވަހު މުސާރަ ޔާއި އިނާޔަތް ތައް ނުނަގާ ތިބެން ކެރިދާނެތަ؟
ތިޔަކަ
25 June 2025
ތިޔަކަހަލަ ތަންފީޒު ނުކުރެވޭ ބޯގޯސް ކަންތައް ކުރީމާ ކުޑަކުދިން ހުށަހެޅެނީ ނުރައްކަލަށް.
ހިނގާލަމާހޭ
26 June 2025
ތަންފީޒުކުރެވޭތޯ ބެލީމާތާ އެއީ ކިރެވޭވަރު ކަމެއްކަންވެސް އެނގޭނީ. ހުކުރު ދުވަހު ހެނދުނު ބޭރަށަ ނުނިކުންނަނީހެން ހީވަނީ. ހަފުތާތެރޭ ހެނދުނު ދުއްވާ އެއްޗިހި އެންމެ މަދީ ހަމަ ހުކުރު ދުވަހު ހެނދުނު.
ޛޖޖސޖސޖ
25 June 2025
މަގަކަށް ކުދިން ގޮވައިގެން ކުޅެން ނިކުމެވޭނީ ބުޅަލުގެ ނަޖިހުން މަގުތަށް ސަލާމަތްވެގެން….
ދިވެހި79
25 June 2025
ތިހެން ނުހެދުމަށް ގޮވާލަން. މަގަކީ ކޮންމެ މީހަކަށްވެސް ބޭނުން ކުރަން ޖެހުނީމަ ބޭނުން ކުރެވޭ ގޮތަށް އޮންނަންޖެހޭ ތަނެއް. ގިނަ ޕާކު ހަދާބަލަ. ދެން ކިހިނެތް ޑިއުޓީ ނިމުނީގަ ގެއަށް ދަނީ. ބަލަ މީހުން މަސައްކަތް ކުރެޔޭ އެ ދުވަހުވެސް! އަދި އޮފް ދުވަހެއްނަމަ ސައިބޯން ގޮސްލާ ވަގުތު އެއީ!
ވެންޓަންފިއްލޯ ސަފަރު
26 June 2025
ޕާކުތަކަށް ދެވޭނީވެސް މަގުމައްޗަށް ނުކުމެވޭވަރު ވެގެންތާ. ޖީލެއް ހަލާކުވަމުން އެދަނީ ހަތަރުފާރު ތެރޭ ސުކުރީނަށް ބަލަން ތިބެ ތިބެ
މޮހިތު
25 June 2025
މިބޭފުޅާ މިހާ ވިސްނުން ކޮށިކަމަކަށް ނުދެނެހުރިން!
އަވާމެންދުރޭ ދެއްކީ
26 June 2025
އެބޭފުޅުންގެ ވިސްނުން ރަނގަޅުކަމަށް ފެންނަނީ