ފާހާނާ ތަށި މަތީގައި ޓިޝޫ ކަރުދާސް އެޅުމަކީ ލިބޭ ހިމާޔަތެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނޭ
22 މާޗް 2017 - 06:15
ފާހާނާ ތަށި ނުވަތ ތަށީގެ "ސީޓް ކަވަރު" މަތީގައި އެއްޗެއް ނާޅައި އިށީންނަށް ނުކުރެވޭ މީހުން ވަރަށް ގިނަވާނެ އެވެ. ތަށީގެ ކަވަރު މަތީގައި ނުވަތަ ތަށީގެ އަރިމަތީގައި ޓިޝޫ ކަރުދާސް ނުވަތަ ޓޮއިލެޓް ޕޭޕަރު އަޅައިގެން ނޫނީ އިށީނުމަކީ މުޑުދާރު ކަމެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ. އެކަމަކު މިއީ ބޭކާރު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
ޔުނިވަސިޓީ އޮފް އެރިޒޯނާގެ ޕަބްލިކް ހެލްތު ރިސާޗަ ކެލީ ރޭނޮލްޑްސް ވިދާޅުވީ ފާހާނާ ތަށި މަތީގައި އަޅާ ޓިޝޫ ކަރުދާހަކުން ލިބޭ އެއްވެސް ހިމާޔަތެއް ނެތް ކަމަށެވެ. ޖަރާސީމެއް ހުއްޓުވަން ޓިޝޫ ކަރުދާހަކުން ވާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވެ އެވެ. އަނެއްކޮޅުން، ފާހާނާ ތަށީގެ ކަވަރަކުން ހަށިގަނޑަށް އިންފެކްޝަނެއް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
ރޭނޮލްޑްސް ވިދާޅުވީ ފާހާނާ ތަށީގެ ކަވަރުގައި ބެކްޓީރިއާ ނުވަތަ ވައިރަސް ހުރި ނަމަ އޭގެ މަތީގައި ކަރުދާހެއް އެޅިޔަސް ރައްކާތެރިކަން ނުލިބެނީ ބެކްޓީރިއާ އާއި ވައިރަހަށް ކަރުދާހެއްގައި ހުންނަ ލޯވަޅުތަކަކީ ކުޑަ ނަމަވެސް ހުރަހަކަށް ނުވާނެތީ ކަމަށެވެ. މާނަ އަކީ ކަރުދާހުގައި ހުންނަ ލޯވަޅުތަކުން ވައިރަހާއި ބެކްޓީރިއާ އެއްވެސް ހުރަހެއް ނެތި ދަތުރުކުރުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަށީގައި އިށީނުމުން ޖަރާސީމެއް ހަށިގަނޑަށް އެރުމަށް އޮންނަ ފުރުސަތަށް ވުރެ ފާހާނާ ތަށީގައި ހުންނަ ނަޖިހުގެ އަސަރު އަތަށް ފޯރައި ނޭފަތާއި ލޮލާއި އަނގައިގެ ތެރެއިން ހަށިގަނޑަށް ފޯރުމަށް އޮންނަ ފުރުސަތު ބޮޑު ކަމަށެވެ. ފާހާނާ ފްލަޝްކޮށްލާއިރު ބުރައިގެންދާ ތިކިތަކުން ފާހާނާގެ މަތިގަނޑާއި ކަވަރަށް ނަޖިހުގެ އަސަރުކުރާ ކަމަށާއި އެހެންވެ އަތުގައި ހޭކިގެ ހަށިގަނޑަށް ނަޖިހުގެ އަސަރުކޮށްގެން ސިއްހީ މައްސަލައެއް ދިމާވުމަށް އޮންނަ ފުރުސަތު ބޮޑުކަން ރޭނޮލްޑްސް ވިދާޅުވި އެވެ. އެހެންވެ ފާހާނާއިން ހަށިގަނޑަށް ޖަރާސީމެއް ވާސިލުވާން އޮންނަ ފުރުސަތު ކުޑަކުރުމަށް ކުރަން އެންމެ ރަނގަޅު ކަމަކީ އަތް ދޮވެ ސާފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭނޮލްޑްސްގެ ވާހަކައަށް ވެންޑަބިލްޓް ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. ވިލިއަމް ޝަފްނާ ތާއީދުކުރެއްވި އެވެ. އޭނާ ވެސް ވިދާޅުވީ ފާހާނާ ތައްޓަކީ އޭގެ ޒާތުގައި އިންފެކްޝަން ފަތުރާ އެއްޗަކަށް ނުވާތީ ކަމަށެވެ.
ތަޖުރިބާކާރުން ވިދާޅުވީ ތަށީގައި ޓިޝޫ ކަރުދާހެއް އަޅާފައި އިށީނުމުން ޖަރާސީމުތަކަށް ފެތުރިގަނެ އިތުރުވާން މާހައުލެއް އުފައްދައިދެވުނީ ކަމަށެވެ. އެހެންވެ ކަރުދާހެއް އެޅުމަށް ވުރެ ނޭޅުން މާ ރަނގަޅުވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަ
22 March 2017
އެހެންވެގެން ކާފަމެން ތިރިތަށި ބޭނުން ކުރަނީ އޭގެ މައްޗަށް ނުޖެހޭނެ ކަރުދާސް އަޅާކަށްވެސް
ޝާޣީ
22 March 2017
ގާން ގޫލީ ވާހަކަ ނުދައްކާ އިގޭ
ޢަލީ
22 March 2017
ތިޔަކަމުން ސަލާމަތް ވުމަށް ސޭފްސީޓް ސްޕްރޭ ހުރޭ! ގިނަމީހުން ބޭނުންކުރާ އޮފީސް ފާޚާނާ ފަދަ ފާޚާނާ ބޭނުން ކުރާ މީހުންނަށް މިސްޕްރޭ ވަރަށް މުހިއްމު. އެސްޕްރޭ ތަށިމަތީގައި އިށީންނަ ހިސާބަށް ކޮށްލުމުން ހުރިހާ ޖަރާސީމެއް ނައްތާލާ! މިސްޕްރޭ މިހާރުމާލޭގައިވެސް ވިއްކަން އެބަހުރި! ވަރަށް ގިނަމީހުން އެސްޕްރޭ ބޭނުންކުރޭ! އެސްޕްރޭ ވިއްކަނީ ބާޖަމާލުއްދީން ކުރިމަތީ ހުންނަ ފިހާރައެއްގައި!
އަބްދު
22 March 2017
ޓިޝޫ އަޅަނީ ޖަރާސީނުން ސަލާމަތްވާކަށް ނޫން. ގަންނަ ފަކުރަކުން ސަލާމަތް ވާން. ކަރުދާސް ދެން ބުނޭ ކަރުދާސް އެޅުމަކީ ތިމާވެއްޓާ ރައްޓެހި ކަމެއް ނޫނޭ.
ދޮންދީނި
22 March 2017
ތަށިމައްޗަށް ކޮޅަށް (އުޑަފައިން) އަރާ އިނީމަ ރަނގަޅުވާނެ!
ހަސަންފުޅު
22 March 2017
އެހެން ތަށިމައްޗަށް އަރާހުއްޓާ ތަށިބިންދައިގެން ގޮސްފިއްޔާމު ކަންތަކާލައިގަންނާނީ.... ބައެއް ތަށިތަކަކީ ވަރަށް ބަލިކަށިތަކެއް ހާއްސަކޮށް ޗައިނާގެ އުފެއްދުމެއް ކަމަށްވަންޏާމު އެރިސްކު ބޮޑުވާނެ.... ކޮއިފުޅާ އުޑުފައިން ނާރައްޗޭ...
ދޮންދީނި
22 March 2017
އަދި ތިކަހަލަ ކަމެއް ދިމަލެއްނުވޭ! މުޅިންވެސް އުޑަފައިން އަރާ އިންނަނީ. ވެދާނެ ޗައިނާ ތައްޓަކާ ނުޖެހެނީކަމަށްވެސް..
މަނިކްބެ
22 March 2017
މަ ތަށިމަތީގަ އިންނަނީ އުޑަފައިން.އެހެން އިންނަ އިރު ހިތަށް އަރާ ތަށި ތަޅައިގެން ހިނގައިދާނެ އޭ ވެސް
މޮޔަކަމެއް
24 March 2017
ތިއީ ކުރަން ހެޔޮކަމެއް ނޫން. ތަށި ތަޅައިގެން ގޮސްފިއްޔާ މީހާގެ ދުވަސް އެއްފަހަރުން ދާނެ.
ވިލިއަމް ޝަފްނާ
22 March 2017
އަހަރުމެން ތަށިމަތީގައި އިށީދެ ނަހަދަން. މި އުޅެނީ ރަންގަނޑެއް އިށީނަން ލިބިގެން ނޫންވިއްޔާ