އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) އާއި ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަ: ދެ ގައުމުގެ ބަދަހިވަމުންދާ ގުޅުމުގެ ތެރެއިން ކޮލަމްބޯ ޑޮކްޔާޑް ވަނީ އިންޑިއާއަށް ވިއްކާލާފައި. -- ފޮޓޯ: އޭއެފްޕީ
30 ޖޫން 2025 - 07:42
ސްރީ ލަންކާގެ ކޮލަމްބޯ ޑޮކްޔާޑުގެ މެޖޯރިޓީ ހިއްސާ، އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ކުންފުންޏެއް ކަމަށްވާ މަޒާގޮން ޑޮކް ޝިޕްބިލްޑާސް ލިމިޓެޑް (އެމްޑީއެލް) އިން 52.96 މިލިއަން ޑޮލަރަށް ގަނެ އެތަނުގެ ކޮންޓްރޯލް ހޯދައިފި އެވެ.
މިއީ އެމްޑީއެލް އިން ބައިނަލްއަގްވާމީ ވިޔަފާރީގެ ތެރެއަށް ނުކުތް ފުރަތަމަ ފަހަރެވެ. މި ޑީލްގައި ޕްރައިމަރީ ކެޕިޓަލް އިންވެސްޓްމަންޓަކާއި ކުރިން 51 ޕަސެންޓް ހިއްސާ އޮތް ޖަޕާނުގެ އޮނޮމިޗީ ޑޮކްޔާޑް ކޯ ލިމިޓެޑުގެ ހިއްސާ ގަތުން ހިމެނެ އެވެ. ޖަޕާނުގެ ކުންފުނި ކޮލަމްބޯ ޑޮކް ޔާޑުން ވަކިވާން ނިންމުމުން އެކަން ބަދަލުކުރަން ލަންކާ ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބުވެ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުނެވެ.
ސްރީ ލަންކާގެ އެންމެ ބޮޑު، ޝިޕްބިލްޑިން ފެސިލިޓީ ކަމަށްވާ ކޮލަމްބޯ ޑޮކްޔާޑް އޮންނަނީ ދުނިޔޭގެ އެންމެ ބާރުބޮޑު ޝިޕިން ލޭންތަކުގެ ކައިރީގަ އެވެ. މި ޔާޑުގެ ބޭނުންތެރިކަމާއި ސްޓްރެޓެޖިކް ލޮކޭޝަންގެ ސަބަބުން މިއީ ސަރަޙައްދީ ކަނޑުގެ ވާދަވެރިކަމުގައި އަގުހުރި އެސެޓެއްގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމްޑީއެލްއާ އެކު، ދެކުނު އޭޝިއާގެ ބޯޓް ބިލްޑިން އާއި މަރާމާތު ކުރުމުގެ މަސައްކަތަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ.
އެމްޑީއެލްގެ ސީއެމްޑީ ކެޕްޓަން ޖަގްމޯހަން އިކޮނޮމިކް ޓައިމްސްގައި ވިދާޅުވެފައިވަނީ މި ޑީލްގެ ސަބަބުން އެމްޑީއެލް އަކީ ދެކުނު އޭޝިއާގެ މުހިންމު ބާރެެއްގެ ގޮތުގައި އޮންނާނެ ކަމަށާއި، ދުނިޔޭގެ ޝިޕްޔާޑެއްގެ ގޮތުގައި ކުރިއަރައިދިއުމުގެ ބިންގާ އެޅޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝިޕްޔާޑް ކުރިން އޮތް ގޮތަށް ބާއްވަން ލަންކާ ސަރުކާރުން ޖަޕާނުގެ އެހީތެރިކަމަށް އެދުނު ނަމަވެސް އެކަން ނާކާމިޔާބުވުމުން ސްޓްރެޓެޖިކް އިންވެސްޓަރެއްގެ ގޮތުގައި ބައިވެރިވާން އިންޑިއާއަށް ހުށަހެޅި އެވެ.
ގާނޫނީ ކަންކަން ނިމުމާ އެކު ކޮލަމްބޯ ޑޮކްޔާޑް ވާނީ އެމްޑީއެލްގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏަކަށެވެ. ކަނޑުދަތުރުފަތުރުގެ ކޮންޓްރޯލް އިތުރަށް ކަނޑުގެ ސަރަހައްދުގެ ވާދަވެރިކަން ބޮޑު މި ސަރަހައްދުގައި މިއީ އިންޑިއާއަށް މުހިންމު ސްޓްރެޓެޖިކް މަގާމެއް ލިބުން ކަމަށް ތަޖުރިބާކާރުން ސިފަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒީޒު އާދަމް
01 July 2025
ގައުމު އިންތިހާއަށް ދަރާވިކިއްޖެނަމަ މިގޮތަށް ކަންކަން މެދުވެރިވާނެ.... ޖޮއިންޓް ވެންޗަރ އުޞޫލުން ވިޔަފާރި ކުރުން އެއީ ދިވެހިން ނަށް ވަރަށް އާކަމެކެވެ.. ޝްރީލަންކާގެ މިކަންތަކުގައި ވެސް ކަންބޮޑުވެގެން އުޅެނީ އެހެންވެގެންނެވެ.. ދުނިޔޭގެ ސްޕަރ ޕަވަރުން ވެސް ޖޮއިންޓް ވެންޗަރ އުޞޫލުން ވިޔަފާރި ކުރެއެވެ.
ކޮއްކޮބެ
30 June 2025
ކޮލަންބޯ އެކަންޏެއް ނޫން، ދިވެހި ރާޢްޖޭގެވެސް ހަގީގީ ކޮންޓްރޯލް އޮތީ އިންޑިޔާއަތުގަ. މިސަރަހައްދުގެ އިންޑިޔާގެ ކޮންޓްރޯލް ހަމައެކަނި ނެތީ ފޯޅަވަހީގަ އެކަނި. ދެން ދިވެހިން ކިތަންމެވަރަކައް މަމެންގެ ފޯޅަވައްސޭ، މަމެންގެ މަސްކަނޑޭ ކިޔަކަސް...
އަބްޑޫޅް +
30 June 2025
ހުޝިޔާރުކަންމަތީ ނުތިބިއްޔާ، ރާއްޖެއަށްވެސް އިންޑިޔާގެ އިސްތިއުމާރީ، ގޮށްމުށު ބާރުތަކުން އަރާ ހިފާފަ އޮތް ތަން ފެންނާނެ. އަބަދާއި އަބަދު ފާރަވެރި ވެގެން އިންޑިހާގެ ކެހިވެރި އިސްތިއުމާރުން ދަފަރާވެގެން ތިބުމަކީ ދިވެހީންގެ މައްޗަށް ލާޒިމުކަމެއް. ނޭގި ތިއްބާ ފެންނާނީ، ކަނައްކަފޫޅު އަރާ، ރާއްޖެ ހިފާ ތަން.
ޒާހިރާ ޔޫސު
30 June 2025
ދިވެހިރާްއްޖޭގެ މަޞްލަޙަތު ކުރި ނާރުވާ، ވަގުތީ ޒާތީ މަންފާ ނަގަންއުޅޭ މީހުން ވެރިކަމަށް އަންނަ ނަމަ، ދުވަސްކޮޅަކުން ދިވެހީން ގެންގުޅޭނީ އުތުރުކަރައިގެ ޕާސްޕޯޓު. އައީޑީ ކާޑުވެސް ވާނީ އެމީހުންގެ އެއްޗަކަށް. ބަލަ ހޭއަރާ ބަަލަ!
ލާމަސީލު
30 June 2025
އެންމެފުރަތަމަ ޓްރާންސިޓް ބަނދަރެއް ހަދަންވެސް ޗާންސް ލިބުނީ ރާއްޖެއަށް. ބޮޑާކަމާ ވަގުތީ އެދުންބޮޑު އަމިއްލަ މަންފާއަށް ވިސްނުން އިސްކުރުމުން އެކަންވެސް ބީވެ ލަންކާގައި އެޕޯރޓް ހެދިގެން އޭރު ދިޔައީ. ގައުމީ އެއަރލައިން ވެސް އަމިއްލަ އެދުން އިސްކޮށް ހެލިކޮޕްޓަރ ކުންފުންޏަކާ ހަވާލުކުރީ. ލަންކާއިން ޗާންސްގެ ބޭނުންކޮށް ެެމިރޭޓްސް އާއިއެކު އެެއްބަސްވީ. ޒިންމާ ނަގަން ޖެހޭބަޔަކު ނަގަންވީ. މިއީ އޭރު ކަންހިނގި ހަގީގީގޮތް. ވިސްނާ ބަޔަކަށް ޢިބްރަތެއް.
އިސްމާލި
30 June 2025
މި ހުންނަނީ ވަރަށް ވިސްނަން ޖެހޭ ކަންތައްތައް. ދުވަސްކޮޅަކުން ފެނިދާނެ ދިވެހިރާއްޖޭގެ ޓީ.އެމް.އޭ، ދިރާގު، ފެން ކުންފުނި ތަންތަނުގެ މެޖޯރިޓީ ހިއްސާ މި ކަހަލަ ބޭރުގެ ކުންފުނިތަކުން ގަނެ ދިވެހިރާއްޖޭގެ އަސާސީ ހިދުމަތްތަކުގެ ކޮންޓްރޯލް ނަގާ ތަން. މީގެ ސަބަބުން މާ ބޮޑު ނުރައްކަލެއް ވަގުތުން ނުފެނުނަސް، އެއީ ހަމަ ޓައިމް ބޮމެއް ފަދަ ކަންކަން.
އެކަހެރި
30 June 2025
ކޮބާ ހީވޭ ކަމެއްހެން. މިހާރު އެއޮތީ ރަނގަޅަށް އައުަޓުވެފައި. ކަނޑުމަތީގެ މައުލޫމާތެއް ހޯދަންވިޔަސް ރާއްޖެއިން މިހާރު ޖެހެނީ ލަންކާގައި ގާއިމުކޮށްފައި ހުންނަ މަރުކަޒުން ހޯދަން. އެންމެފަހުން އުޅަނދެއް މަރާމާތު ކުރަންޖެހުނަސް ދާންޖެހެނީ ލަންކާއަށް. މިއީ ކުރިން މިރާއްޖެއަށް ލިބެންހުރި ފުރުސަތުތައް. ފުރުސަތުތަކުގެ ބޭނުންކުރަން ނޭނގުނީމައި މިދަނީ އާރެއްބާރެއްނެތި އެކަހެރިވެ ބާކީވަމުން.
އިސްމާލި
30 June 2025
ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟
ބަސްމާ
30 June 2025
ސިކުނޑި މަސައްކަތް ކުރޭތޭ