މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޖުލައި 2025 - 15:48
އައިޖީއެމްއެޗާ ހޮސްޕިޓަލްތައް ގުޅުވާލައި، ދެ ސަރަހައްދެއްގައި ޓެލެ މެޑިސިން ފަށަން ތައްޔާރުވެއްޖެ އެވެ.
މި ހިދުމަތް ފެށުމުން، ފަރުވާއަށް މާލެ އަންނަން ނުޖެހި، އަތޮޅު ހޮސްޕިޓަލުގައި ތިބެ އައިޖީއެމްއެޗުގެ ޑޮކްޓަރުންނަށް ދައްކައި އަވަހަށް އަދި ފަސޭހަ އިން ފަރުވާ ހޯދޭނެ އެވެ.
ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ، ފަރުވާއަށް ރަށްރަށުން މާލެ އައިސް ފަސޭހައިން ޑޮކްޓަރަށް ނުދެއްކޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭގެ ތެރެއިން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްގެ ސުވާލާ ގުޅިގެން، އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ފަރުވާއަށް ރަށްރަށުން މާލެ އައި ނަމަވެސް އަވަސް މުއްދަތެއްގައި ޓެސްޓުތައް ހަދައި ޑޮކްޓަރަށް ނުދެއްކޭ ނަމަ، ޓެލެ މެޑިސިންގެ ހިދުމަތް ފެށުމުން އެ އުނދަގޫތައް ކުޑަވާނެ ކަމަށެވެ.
ސަރުކާރުން މިހާރު އަންނަނީ ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. އެކަމުގެ ޓެސްޓު ބުރުތަކެއް މި ހަފުތާގައި ވަނީ ބާއްވައިފަ އެވެ.
"މި ސިސްޓަމްތަކަކީ ހައި-އެންޑު ސޮފިސްޓިކޭޓެޑް ސިސްޓަމްތަކެއް. މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން މި ހިންގަނީ. އެ ސިސްޓަމްގައި، ބަލި މީހާގެ ފުއްޕާމޭގައި އަޅުގަނޑުމެން ސްތެތެސްކޮޕް ޖައްސާ އަޑު ވެސް އިވޭ، ހިތުގެ ވިންދުގެ އަޑު ވެސް އިވޭ. ވަރަށް ހައި-އެންޑު ސިސްޓަމެއް،" އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްލޭނަކީ ޕޭޝަންޓެއް، މިސާލަކަށް މި ކޮޅުން ކާޑިއޮލޮޖީއަށް ދައްކާލާފައި ރިވިއުކުރަން ފަހުން އަންނާށޭ ބުނީމަ، ރިވިއުކުރެވޭނެ އެ ހޮސްޕިޓަލަކުން. އޭރުން އަޅުގަނޑުމެން ތާވަލެއް ހަދާލާނީ ކޮންމެ ވީކެއްގައި ޓެލެމެޑިސިންނަށް އެކި ދުވަސް ދުވަހު އެކި ސްޕެޝަލިޓީތަކުގެ. ޓެލެމެޑިސިން ހަމަ އޯޕީޑީއެއް ކަހަލަ ގޮތަކަށް ދެން ހިންގާނީ."
ޒޭބާ ވިދާޅުވީ މިނިސްޓްރީގެ ވިސްނުމަކީ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ޓެލެ މެޑިސިންގެ ސިސްޓަމް ގާއިމްކުރުން ކަމަށެވެ. އޭރުން ބަލި މީހުން ރިވިއުކުރަން ދެ ހަފުތާ ވަންދެން މާލޭގައި މަޑުކުރަން ނުޖެހި، ޓެލެމެޑިސިންގެ ޒަރިއްޔާއިން ޑޮކްޓަރަށް ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެއަށް ފުޅާކޮށް ޓެލެ މެޑިސިން ފެށުމަށް އެކި ސަރުކާރުތަކުން މީގެ ކުރިން މަސައްކަތްކުރި އެވެ. ނަމަވެސް، އެކަމަށް އަމަލީ ސިފައެއް ނުގެނެވެ އެވެ. ނަމަވެސް، މިހާރު ވެސް އަމިއްލަ ބައެއް ކްލިނިކްތަކަށް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކެ އެވެ. އަދި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވާފައިވާ ކެންސަރު ސެންޓަރުން ވެސް، އެ ތަނުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިމްރާހް ހުސައިން
03 July 2025
ޓެލެމެޑިސިން ފަށަންވީ ގިނަ ތަންތާ. އޭރަށް ރައްޔިތުންގެ މައްސަލަތަކަށް އަވަސް ހައްލު ލިބިގެންދާނެ. ރަނގަޅު ފެށުމެއް
މިމްރާހް
03 July 2025
ސިއްހީ ދާއިރާ ހަމަޔަކަށް އަޅުވަން ރަނގަޅު ކުރަން މިއަދު ސަރުކާރުން ތިކުރާ މަސައްކަތް ވަަރަށް ރަނގަޅު. ހާއްސަކޮށް ތެލެމެޑިސިން ފެށުން ވާނެ ރަނގަޅު ކަމަކަށް.
ފަހުމީ މުހައްމަދު
03 July 2025
ވަރަށް ރަނގަޅު ނިންމުމެއް. މީގެ ސަބަބުން އަވަސް ފަރުވާ ލިބޭނެ ބަލިމީހުންނަށް
އަފްރާސިޔާބު
03 July 2025
އެއީ އަލަށް ފަށާ ޕްރޮޖެކްޓެއް މީގެ 20 އަހަރު ކުރިން ފެށިފައި އޮތް.
ތެލޭ
03 July 2025
އާކަމަކަށް ހަދައިގެން ހެޑުލައިންތަކަށް އަރުވަނީ ތީ ރާއްޖޭގައި މީގެކުރިން ޕްރެކުޓިސް ކޮށް ފެއިލްވެފައިވާ ޕްރޮޖެކުޓެއް. މިފަހަރުވާނެ ގޮތެެއް ނޭންގޭ. ކުރިންވެސް ފެއިލްވީ އައިޖީއެމްއެޗުގެ ޑޮކުޓަރުން އެކަން ކުރަން ބޭނުން ނުވީމަ. މިހާރުވެސް ތިބީ އެމީހުން
ފީނާށި
02 July 2025
ތެލަ މެޑިސިން ހަދަންވީ މާލޭގަ. ރަށްރަށަށް ޑޮކްޓަރުން ފޮނުވަންވީ. މާލެއަކު މިހާރަކު އެކަށީގެންވާ ވަރަކަށް މާލޭ މީހުން ދިރިއެއް ނޫޅޭ. ވީމާ ޓެކުސް ގެ ބޮޑުބައި ދައްކަނީވެސް ރާއްޖެތެރޭ ރައްޔިތުން. ނަސްލީ އިމްތިޔާޒު ގެ ސިޔާސަތެއް ދިރުވާ އާލާކުރަން މިގައުމަށް ބޭނުމެއްނުވޭ.
އޮނަރަބްލް އަފީފު ދީދީ
02 July 2025
ތިޔަ ސަންދޯކަކުން ހިލޭ ޑޮކްޓަރަށް ދައްކާ ޓެސްޓްހަދާފައި އަދި ބައެއްބޭސްތައް ހިލޭލިބޭގޮތް ހަދާފައި ވީކަމަށްވިޔަސް އަދި މާލޭ އެއަރލައިނަށް ފައިސާ ދޭންވެގެން ޓިކެޓް ހިލޭކޮށް އައްޑޫގައިދިރިއުޅޭ އައްޑޫމީހާ ބަލިވުމުން މާލެފޮނުވާލުމުން ކ.އަތޮޅުމާލޭގައި ހުރުމަށާއި ކެއުން ބުއިމަށް މިދެންނެވި ކަންކަމުގެ އަގުތަކާއި ނުބައްދަލު ބޮޑު އަދަދެއްގެ ފައިސާ ބަލިމީހާއާއި ބަލިމީހާގެ އާއިލީ މީހުންގެއަތުން ޙަރަދުވެގެންދާނެކަން މިކަންކަން ރާވާހިންގާންތިބި މީހުނަށްއިގޭނެ.
ހާމަ333
02 July 2025
ބޮޑެތިބަލި ތަކަށް މިސާލަކަށް ކެންސަރ ނޫނީ ކިޑްނީބަލި ގިތުގެ ސަރޖަރީ ހުޅުހުޅުގެ ސަރޖަރީ މިއިން އެއްވެސް ބައްޔަކަށް ފަރުވާ ރަނގަޅު ގޮތެއްގައި ކުރެވޭނެ އަތްފޯރާ ނިޒާމެއް ރާއްޖެއަކު ނެތް. އެވަރުގެ ޑޮކްޓަރުންގެ ޓީމުތަކާއި ޤާބިލިއްޔަތު ކަމެއްވެސް އަދިނެތް.. މިހެންވެ ރާއްޖެއިން ބޭރަށް ދާންޖެހެނީ...މާލޭގައި ދިގުމުއްދަތަށް ތިބެވޭނީ ތަނަވަސްކަން ހުރި މީހުނަށް...އެނޫންމީހުނަށް އޮތީ ސަލާންޖެހުން ނޫނީ ފަރުވާނުކޮށް ތިބުން ނޫނީ ހަރަދުކޮށްފަ ދަންޏާ މާ އަގުހެޔޮ އިންޑިއާ އަށް ދިޔަޔަސް..މާ ހަރަދުކުޑަ މަލެއާއި އަޅާބަލާއިރު
ޖޮބްް
02 July 2025
މީގަ ވާގޮތަކީ އެއްރައީސަކު ހުއްޓާ ކުރާކަމެއް އޭނަ ވެއްޓުނީމަ ކުރިއަށްގެންދަން ބޭނުން ނުވުން. ނަޝީދު ވެރިކަމުގަހުއްޓާ ޔޫއޭއީގެ ހަލީފާ ޒައިދު ފައުންޑޭޝަނުން ޓެލެމެޑިސިން ފަށަން ސާމާނުދިން. އެއެއްޗިހި އަދިވެސް އެބަހުރި އަތޮޅުހޮސްޕިޓަލް އަދި ސިއްހީމަރުކަޒުތަކުގަ ވެސް. ތިކޮންމެތަނެއްގެ ޑޮކްޓަރު ކޮޓަރިދޮރުގަ އަދިވެސް އެބަހުރި އޭރުހަރުކުރި ނަންކޮޅު ޓެލެމެޑިސިން ދެއޭކިޔާފަ. ބުނަން މިއުޅެނީ އޭރުފެށިގޮތަށް ކުރިއަށް ދިޔަނަމަ މިހާރުތިކަން އޮތީހީ ފައްކާވެފައޭ
ޖަޒުބާތު އަލީ
02 July 2025
ފޭލްވެފަ އޮތްކަމެއް އަލުން ތިޔަ ފަށަނީ ރައްޔިތުންނަށް އޮޅުވާލަންތަ. ކަމެއްކުރަން ކެރެންޏާ ތިޔަ ތަނުގައި މަސައްކަތްކުރާ ހުރިހާ ސްޕަޝަލިސްޓުން އެއްވެސް އަމިއްލަ ތަނެއްގާ މަސައްކަތް ނުކުރެވޭ އުސޫލެއްހެދުމުން ނިމުނީ. މުޅި ހުރިހާ ކްލިނިކްތަކެއްގާ ހޮސްޕިޓަލުން މުސާރަނަގައިގެން އުޅޭ ޑޮކްޓަރުން ގިނައީ...ފަނޑިޔާރުންވެސް އިތުރުތަނެއްގާ ވަޒީފާ އަދާނުކުރެވޭ ގޮތަށް ގާނޫނު ހަދާފަ އެއޮޓީ. ޑރ ންނަށްވެސް އެހެންހެދޭނެ.
ދިވެހިންގެ ރާއްޖެ
02 July 2025
އޮންލައިންކޮށް ޓެސްޓް ހަދާގޮތެއް ބުނެ ބަލަ؟ ސާމްޕަލް ނެގޭނެ ގޮތެއްނެތް. ނެގިޔަސް ހެންޑްލް ކުރަން އެގޭބަޔަކުނެތް. ތަނަކަށް ފޮނުވަންޏާ ޖެހެނީ ނުފެންނަ އަތްނުލެވޭ ތަރައްގީ ގެ ފެރީގައި ފޮނުވަން. އަމްރީތާ ހޮސްޕިލާއި ޓްރީޓޮޕާ ދެމެދު ހިނގަމުންދާ ޓެލެމެޑިސިން އަޖީއެމްއެޗާ ތުރާކުނު ބަނދަރާ ދެމެދަކު ނުހިނގާނެ.