ދުނިޔެ

މޫސަލް ހިފުން އުނދަގޫ ކަމަކަށް ވެފައި

މޫސަލްގެ ހުޅަނގުގެ ހިސާބުތައް އައިއެސްގެ ބާރުގެ ދަށުން ހިފުމަށް އިރާގު ސިފައިން ތައްޔާރުވެފައި. --ފައިލް ފޮޓޯ: ބީބީސީ

22 މާޗް 2017 - 09:20

އިރާގަށް އަތް ގަދަކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ބާރު އެންމެ ބޮޑަށް ފެތުރިފައިވާ މޫސަލް އަލުން ހިފުމަށް އިރާގު ސަރުކާރުގެ ސިފައިން ހަނގުރާމަ ކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެ އެވެ. އަދު ނޫނީ މާދަމާ މޫސަލް އެކުގައި ހިފޭނެ ކަމަށް އިރާގު ސަރުކާރުން ބުނަމުން އަންނަތާ ވެސް އެތައް މަހެއް ވެއްޖެ އެވެ.

ނަމަވެސް އިރާގު ސިފައިން އެ ބުނާ ދުވަހެއް އަދިވެސް ނާދެ އެވެ. މޫސަލްގެ ބޮޑު ބައެއް އަދިވެސް އޮތީ އައިއެސްގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. އިރާގު ސިފައިން މިނިވަންކުރި، މޫސަލްގެ ބައެއް އަވަށްތަކަށް އައިއެސްގެ ހަނގުރާމަވެރިން އަނެއްކާ ވެސް ވަނީ ވެރިވެގެންފަ އެވެ.

މޫސަލްގެ ހުޅަނގު ސަރަހައްދު ހިފުމަށް އިރާގު ސިފައިން ކުރަމުންދާ ހަނގުރާމައިގެ ކުރިމަތިލުންތައް ހިނގަމުން ދަނީ މޫސަލްގެ މަގުތަކާއި ގޯޅިތަކުގަ އެވެ. ސަރުކާރު ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިން އެއް ބަޔަކަށް އަނެއް ބަޔަކު ހަމަ ލޮލަށް ފެންނަހާ ކައިރީގައި ތިބެ ހަމަލާތައް ބަދަލު ކުރަމުންދާ އިރު، އާންމުން ތިބީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގަ އެވެ.

މޫސަލްގައި ތިބި ބިދޭސީ ބައެއް ނޫސްވެރިން ސިފަ ކުރާ ގޮތުގައި މޫސަލްގައި ހިނގަމުން ދަނީ އާދަޔާ ޚިލާފު ވަރުގަދަ ގޮރިއްލާ ހަނގުރާމައެކެވެ. އައިއެސްގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ހުޅަނގު މޫސަލް އަށް ވަދެ ތިބި އިރާގު ސިފައިން މިހާރު ތިބީ އެ ސަހަރުގެ ތެރޭގައި ވަށައިގެން ބެދިފައި ކަހަލަ ގޮތަކަށެވެ.

އިރާގު ސިފައިން މޫސަލްގެ މަގުތަކުގައި ކޮޅުކޮޅަށް ދުވާއިރު، އިމާރަތްތަކުގައި ފިލައި ތިބި އައިއެސްގެ ސްނައިޕަރުންގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. މޯޓަރު ބަޑީގެ ހަމަލާތަކާއި ބަރު ހަތިޔާރުގެ ހަމަލާތައް ވެސް ވަނީ އިތުރުވެފަ އެވެ.

މޫސަލް ދާދި އަވަހަށް މިނިވަން ވެދާނެ ކަމަށް އިރާގު ސަރުކާރުން ބުނި ނަމަވެސް، މޫސަލްގެ ކޮންޓްރޯލް އަދިވެސް އޮތީ އައިއެސްގެ ހަނގުރާމަވެރިންގެ އަތުގައި ކަމަށް އެ ސަހަރުގައި ތިބި ބިދޭސީ ނޫސްވެރިން ބުނެ އެވެ. އައިއެސްގެ ހަނގުރާމަވެރިން މޫސަލްގެ މަގުތައް ބައްދާފައި ހުރި ގޮތުން އިރާގު ސަރުކާރު ސިފައިންގެ އަސްކަރީ އުޅަނދުތައް އެ މަގުތަކުން ދުއްވޭ ގޮތް ނުވުމުން ސަރުކާރު ސިފައިން ހަނގުރާމަ ކުރަން ޖެހެނީ ފައިމަގުގައި ހިނގަމުންނާއި ދުވަމުންނެވެ.

އައިއެސްގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މޫސަލް އޮންނަތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. އެހެންކަމުން އައިއެސްގެ ހަނގުރާމަވެރިން ވަނީ އެ ސަހަރު ފުރިހަމަ އަށް ކޮންޓްރޯލް ކުރެވޭ ގޮތަށް މަގުތަކާއި ގޯޅިތައް ބައްދައި ދިފާއީ މަގާމުތައް ގާއިމުކޮށްފަ އެވެ. ހުރިހާ އުސް އިމާރާތްތަކުގެ މަތީގައި ތިބި އައިއެސްގެ ސްނައިޕަރުންނެވެ.

މޫސަލް ހިފުމަށްޓަކައި އިރާގު ސިފައިން ހަނގުރާމަ ފެށިތާ މިހާރު ހަ މަސް ދުވަސް ވެއްޖެ އެވެ. މި ހަނގުރާމައިގައި މޫސަލްގެ އިރުމަތީ ސަރަހައްދު މިނިވަން ކުރެވިފައިވާ ކަން އިރާގު ސަރުކާރުން އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އިރާގު ސިފައިން މޫސަލްގެ އެތެރެ އަށް ވަދެފައިވަނީ އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން އައިއެސްގެ އަމާޒުތަކަށް ވައިގެ މަގުން ދިން ހަމަލާތަކުގެ ނިވަލުގަ އެވެ. ނަމަވެސް މޫސަލްގެ ހުޅަނގު ސަރަހައްދުގައި އައިއެސްގެ ހަނގުރާމަވެރިންގެ ބާރު ގަދަކަމުން އެ ސަރަހައްދު މިނިވަން ކުރުމުގައި އިރާގު ސިފައިންނަށް އަދިވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ.

މޫސަލްގައި ދެ ފަރާތުގެ މެދުގައި ވަރުގަދަ އަށް ހަމަލާ ބަދަލު ކުރަމުންދާ އިރު، އެ ސަރަހައްދުން ނުނިކުމެވި ތާށިވެފައި ތިބި އާންމުންގެ އަދަދު 600،000 އަށް ވުރެ ގިނަ އެވެ.

ހުޅަނގު މޫސަލް ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު އައިއެސްގެ ހަނގުރާމަވެރިން ވަނީ އިރާގު ފުލުހުންގެ ކާނަލް އަކާއި ސިފައިންގެ އިތުރު އަށް އޮފިސަރަކު އަތުލައިގެންފަ އެވެ. މި ނުވަ މީހުން އަތުލައިގަތީ އެމީހުންގެ މަރުކަޒާ 30 މީޓަރަށް އައިއެސްގެ ހަނގުރާމަވެރިން ކައިރިވުމަށް ފަހުގައި ކަމަށް ނޫސްވެރިން ބުނެ އެވެ. އެއީ އެ މީހުންގެ އަތުން ވަޒަން ހުސްވުމުންނެވެ.

އިރާގުގެ ދިފާއީ ވުޒާރާ އިން ބުނާ ގޮތުގައި މޫސަލްގައި އިރާގު ސަރުކާރު ސިފައިންނަށް މިހާރު މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ނަމަވެސް އައިއެސްގެ ހަނގުރާމަވެރިންނަށް އެއްވެސް ދޫދިނުމެއް ނެތި، ސަރުކާރު ސިފައިން ވަރުގަދަ އަށް ހަނގުރާމަ ކުރަމުންދާ ކަމަށް ދިފާއީ ވުޒާރާ އިން ބުނެ އެވެ.

މޫސަލްގައި އިރާގު ސިފައިންނަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނު ކަމުގައި ވިޔަސް، އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ދާދި ފަހުން ވިދާޅުވެފައިވަނީ މޫސަލް މިނިވަން ވުމަށް ބާކީ ދެން އޮތީ ދެތިން ހަފުތާ ކަމަށެވެ. އަދި މޫސަލް މިނިވަންވުމުން، މިހާރު އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް އެނބުރި ގައުމަށް ދެވޭނެ ކަމަށް ވެސް އައްބާދީ ވިދާޅުވި އެވެ.

0 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 25%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454