ރާއްޖޭގައި ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި ސިންގަޕޫރު ކުއްޖާ.
18 ޖުލައި 2025 - 18:45
ސިންގަޕޫރު ސްކޫލެއްގެ ދަރިވަރުންތަކެއް ސްކޫލް ޓްރިޕެއްގައި އދ. ދިގުރަށަށް ގޮސް އުޅެނިކޮށް އޭގެ ތެރެއިން ކުއްޖަކު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުން ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފި އެވެ.
ފުލުހުން މިއަދު އިނގިރޭސި ބަހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިންގަޕޫރުގެ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޓް (އެސްޖޭއައި) އިންޓަނޭޝަލްގެ ދަރިވަރުންތަކެއް ކުރި ދަތުރެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި ޖެންނާ އެރިއާނޭ ޗެން ޒީއެންގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެފަދަ މައްސަލަތައް ބެލުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ އޮނިގަނޑުގެ ތެރެއިން ދިވެހި ފުލުހުންގެ އޮފިސަރުންތަކެއް މިދިޔަ މެއި މަހު ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންތަކެއްގެ ބަޔާން ނަގާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރާނެ ކަމަށާއި އަދި މައްސަލަ ބަލައި ނިމުމުން ތަހުގީގީ ރިޕޯޓް ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެ ކަމަށެވެ.
ސްކޫލްގެ ވޭލް ޝާކް ޕްރޮޖެކްޓެއްގައި ރާއްޖެ އައި ކުދިންގެ ތެރޭގައި ހިމެނުނު 15 އަހަރުގެ ޖެންނާގެ މަރުގެ ހާދިސާއާ ބެހޭ ގޮތުން ދިވެހި ފުލުހުން ކުރިން ބުނެފައި ވަނީ އެ ކުއްޖާ މަރުވީ "ސްނޯކްލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެން" ކަމަށެވެ.
ފުލުހުންނަށް އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ އެދުވަހުގެ ހެނދުނު 9:55 ހާއިރު ކަމަށާއި އަދި ޒަހަމްވި ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން އެ ދުވަހު ބުންޏެވެ.
އެކަމަކު އޭރު "މިހާރު"އާ ވާހަކަދެއްކި، އެ މަންޒަރު ދުށް މީހަކު ބުނީ އެ ހާދިސާ ހިނގީ ކުދިން މޫދަށް ބޭލުމަށްފަހު ދޯނި ފަހަތަށް ޖެހުމުން ކަމަށެވެ.
ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސް އިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެ އައީ "ނެޝަނަލް ޔޫތު އެޗީވްމަންޓް އެވޯޑް"ގައި ހިމެނޭ ގްރޭޑް 9 ގެ ދަރިންވަރުންގެ ޓީމެކެވެ. އެ ކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ސްކޫލްގެ ވެރިންނާއި މަރުވި ކުއްޖާގެ ބެލެނިވެރިން ވެސް ރާއްޖެ އައިސް، އެ ހާދިސާއާ ބެހޭ މައުލޫމާތު ހޯދާފައިވެ އެވެ.
އެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ނުވަތަ އދ. އަތޮޅުގައި ފެހުރިފި އުޅޭ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ދާ ނަމަ، އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކުރަން މަސައްކަތް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހި
20 July 2025
ބޮޑުވަރު، އަދިވެސް އުޅަންދު ތަކުގެ ބުރަފަތީ ގައި ގާޑު އަޅުވާކަށް ނޫޅޭ.
މޯޑާ
19 July 2025
އެސަރަހައްދަށް ޓްއަރިސްޓުން ގެންދާ އުޅަނދުގައި އެކަނި ޕްރޮޕެލަރ ގާޑް އަޅުވައިގެން މައްސަލަ ޙައްލު ވާނެތަ؟ ބޯ ހަލާކު!
ވަންޑައިރެކްޝަން
19 July 2025
ޕްރޮޕެލަރ ގާރޑު އަޅުވަންވީ ފެހުރިފި އުޅޭ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ދާ ނަމަ އެކަންޏެއް ނޫން. މިހުން މުދަށް ނުވަތަ ކަނޑަށް ފައިބާ ގޮތަށް ދާ ހުރިހާ ތަންތަނަކަށް ދާ ދޯނި ނުވަތަ ލޯންޗުފަހަރުގައި ވެސް ޕްރޮޕެލަރ ގާރޑު އަޅުވަންޖެހޭގޮތަށް ހަދަންވީ.
ތެފައާސާ.
19 July 2025
ހާދިސާ ހިނގިތާ 8 މަސްފަހުން ބަޔާން ނެގީމާ ފުލުހުންގެ ތަހުގީގުގެ ސީރިއަސް ކަމާއި ހުޝިޔާރުކަން ފާހަނގަ ކުރެވޭ
އުސްމާނުބެ
19 July 2025
ރިސޯޓް ނުވަތަ ވިޔަފާރި ވެރިޔާ އެކައުންޓައް ފައިސާ ވަނީމަ ނިމުނީ ،،، ކިތައް މީހުން ތޯ އަހަރަކު މޮގޮތައް މަރުވަނީ ، ފިލާވަޅެއް ލިބޭނީ ތަންކޮޅެއް ވަރުގަދަ ބަޔަކާ ޖެހިން ކޯޓައް ގޮސް ރަގަޅު ބަދަލެއް ދޭން ޖެހޭދުވަހު
މަލާޔާ
19 July 2025
ޕްރޮޕެލަރ ގާޑް އަޅުވާފައި ހުރި ދޯންޏެއްގެ ފޮޓޯއެއް ނޫހުގައި ޖަހާލަބަލަ.
ތުނިޔަ
18 July 2025
އަދި ކިރިޔާ؟ ކުޅަދާނަ އިނގޭ!
ރަދީފްއޮފިޝަލް /
18 July 2025
2 އޮފިސަރަކަށް ސިންގަޕޫރު ދަތުރެއް ކުރެވުން ނޫންކަމެއް ނެތް.
ބަބްސް
18 July 2025
" ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ. " ... ދިވެހި ފުލުހުން ކުރާ ތަހުޤީގު ތަކުގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ.
ފުރޭތަ1
18 July 2025
ތަންކޮޅެއް އަވަސް ތި ބަޔާން ނަގަން. މިތާގަ އެމީހުން ތިބިއިރު ބަޔާން ނެގޭނެ ދޯ. އޮން ލައިން ކޮންވެސް ނެގޭނެ. ސިންގަޕުރު ފުލުހުންވެސް ބަޔާން ނަގާދޭނެ، ބަޔަކު ޗުއްޓީ ހަދާލަން ސިންގަޕޫރަށް ގޮސްލީ ދޯ