އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: އޭނާ ވަނީ އިންޑިއާގެ މުދަލުން 25 ޕަސެންޓުގައި ޓެރިފް ނަގާނެކަން އިއުލާނުކުރައްވާފައި. -- ފޮޓޯ: އޭއެފްޕީ
30 ޖުލައި 2025 - 19:54
އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓް ޓެރިފް ނަގާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފި އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ހަތިޔާރާއި ތެޔޮ ގަންނާތީ އެކަމަށް ވެސް "އަދަބު ލިބޭނެ" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުދެއްވަ އެވެ.
މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ހުކުރު ދުވަހު ކަމަށް ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވަނީ ވިދާޅުވެފަ އެވެ.
"ހަނދާންކުރަންޖެހޭ ކަމަކީ އިންޑިއާ އަކީ އެމެރިކާގެ ޒަމާންވީ އެކުވެރި ގައުމެއް ކަމަށް ވިޔަސް އެ ގައުމާ އެކު ނިސްބަތުން ކުރެވޭ ވިޔަފާރި ދަށް. އެއީ އިންޑިއާއިން ނަގާ ޓެރިފް މާ ބޮޑުކަމުން. އެއީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް ޓެރިފް އެންމެ ބޮޑު އެއް ގައުމު. އެއީ އެންމެ ހަރުކަށި އަދި އުނދަގޫ މާލީ ހުރަސްތައް އެންމެ ބޮޑު ގައުމު،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން ޓްރަމްޕު ވަނީ އިންޑިއާ އަކީ އެމެރިކާގެ ޓްރޭޑް ޑެފިސިޓް ބޮޑު ގައުމެއްކަން ވެސް، ބޮޑު އަކުރުން ލިޔުއްވައިފަ އެވެ.
ޔޫކްރެއިންގައި ރަޝިޔާއިން ހިންގާ ހަމަލާތައް ހުއްޓާލުމަށް ގިނަ ބަޔަކު ޑިމާންޑް ކުރަމުންދާ މި ދަނޑިވަޅުގައި އިންޑިއާއިން އެ ގައުމުގެ އަސްކަރީ ސާމާނުގެ ބޮޑު ބައެއް ރަޝިޔާއިން ހޯދަމުން އަންނަ ކަމަށާއި، ޗައިނާ އާއި އިންޑިއާ އަކީ ރަޝިޔާ އިން ހަކަތައިގެ ބާވަތްތައް އެންމެ ގިނައިން ގަންނަ ދެ ގައުމު ކަމަށް ވެސް ޓްރަމްޕު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ރަޝިޔާއާ އެކު ކުރާ ވިޔަފާރިއާ ގުޅިގެން އަޅާނެ ފިޔަވަޅެއްގެ ވާހަކަ ވިދާޅުވެފައެއް ނުވެ އެވެ.
ދުނިޔޭގައި އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާއަކީ އެމެރިކާއާ އެކު ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ މަޝްވަރާތައް ފެށި ފުރަތަމަ، މުހިންމު އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ދަނޑުވެރިކަމާއި ޑެއިރީ އިންޑަސްޓްރީ އެމެރިކާއަށް ހުޅުވާލުމުގައި އިންޑިއާއިން ފަސްޖެހުމުން، ޓެރިފުން ސަލާމަތްވާނެ އެއްބަސްވުމަކާ ހަމަޔަށް ނުދެވި އޮތީ އެ ވާހަކަތައް ހުއްޓިފަ އެވެ.
އިއުލާނުކުރި ޓެރިފްތަކަކީ އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓުކުރާ މުދަލުން ނަގާ 10 ޕަސެންޓުގެ ބޭސްލައިން ޓެރިފަށް ވުރެ މާ ބޮޑު އަދަދެކެވެ.
ޓްރަމްޕްގެ އަމާޒަކީ އެމެރިކާގެ އިގްތިސާދީ ބާރު ބޭނުންކޮށްގެން ވިޔަފާރީގެ ބައިވެރިންނަށް ޕްރެޝަރުކޮށް، ބޭރުގެ ކުންފުނިތައް އެމެރިކާއަށް ބަދަލުވާން މަޖުބޫރު ކުރުވުމެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
02 August 2025
ނުނެގޭނެ އެމެރިކާއަށް އިންޑިޔާގެ މުދަލަކުން ތިބުނާ ޕަސެންޓެއް. އިންޑިޔާއިން ބޭހުގެ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއްޔާ ދެންހެދޭނެ ގޮތެއް ޓްރަމްޕަކަށް ނޯންނާނެ. އިންޑިޔާގެ ސައިންސްވެރިން އަނބުރާ ގައުމަށް ގެނެސްފިނަމަ އެމެރިކާ ވަގުތުން ކުޑަކަކޫ މައްޗަށް ތިރިވާނެ. ނިއުކްލިއަރ ޕަވަރ އިންޑިޔާއާ ނުކުޅެވޭނެ ޗައިނާއަށް ނޫނީ.
ކެހެރި
31 July 2025
މަަންޑޭލާ ބުނެފަވާ ފަދައިން ތިމާމެންގެ އާރާއި ބާރު އޮތަތީ، އެމެރިކާފަދަ ގައުމުތަކުގެ ވެރިން ގަބޫލުކުރަނީ އެމީހުން ނަފްރަތުކުރާ ކޮންމެ ބަޔަކަށް އެހެން މީހުންވެސް ނަފްރަތުކުރަން ޖެހޭނެކަމަށް. އެމީހުން ގަބޫލުކުރާ ކޮންމެ ގޮތެއް އެހެން މީހުންވެސް ގަބޫލުކުރަން ޖެހޭނެ ކަމަށް. ކުށެެއްނެތް ކުޑަކުދިން މަރަން އިޒްރޭލަށް ހަބޭހަށް އެމެރިކާއިން ހަތިޔާރު ދޭއިރު އޯކޭ. އެހެންބަޔަކު ބޮޑުއަގުގަ ހަތިޔާރު ގަތީމަ ގޯސް. ދެން އެވަނީ ކުށްވެރި.
ކޮރަލް
30 July 2025
އިންޑިޔާގެ ރައީސް ޓްރަމްޕް އަށް ބްރަދާރ އޭ ކިޔައިގެން ގާތް ކޮށްލީމަ ދިން ހަދިޔާ އެވެ.
ރަދީފްއޮފިޝަލް / މުނާފިގް ޓްރަމްޕް
30 July 2025
ސާބަހޭ ޓްރަމްޕް.ގިނަ ކަންކަމަށް ތާއީދު.ނަމަވެސް ރަޝިޔާ ޔުކްރެއިން ހަނގުރާމައަށް އިޝާރާތްކޮށް އިންޑިޔާއިން ރަޝިޔާގެ ހަތިޔާރު ގަންނާތީވެ އެކަން ކުށްވެރިކުރާއިރު އެމެރިކާ އެއީ މީހުން މަރަން އެންމެ ގިނަ ހަތިޔާރު އިޒްރޭލަށް ހިލޭ ބަޙާ މީހުން.މީގެ ސަބަބުން ކިތައް މީހުން މަރުވިކަން ޓްރަމްޕް ވަލް ބީތާއަށް ނޭނގުން އެއީ ދެރަކަމެއް.ސްޓޮޕް ދަ ވޯ.ވ.ވެދުން
ދަ އެނަލިސްޓް
30 July 2025
ތިއީ އެމެރިކާއިން އިންޑިއާއަށް ކުރާ ޖެއްސުމެއް. ހަގީގަތުގަ އެމެރިކާއަށް އިބްރަތަކަށް ވާވަރުގެ ރައްދެއް ތިކަމުގެ އިންޑިއާއަށް ދެވޭނެ އެމެރިކާގެ މުދަލުން ބޮޑު އަދަދަކުން ޓެކްސް ނަގަން ފެށުމުން. އެމެރިކާގެ ފަޒާގެ ޓެކްނޮލޮޖީއާ އޭ.އައި އަދި އަސްކަރީ ޓެކްނޮލޮޖީއާ ސެމީ ކޮންޑަކްޓަރު ފަދަ ޓެކްނޮލޮޖީ ރަޝިއާ ކޮޅަށް ދީލާލުމުން އެމެރިކާ ޖެހޭނީ ހަމަ ބިމަށް ތިރިވާން. އޭރަށް އިންޑިއާގަ ތިބި އެމެރިކާގެ ކުންފުނިތައް އިންޑިއާއިން އުފުރާލަން އެމެރިކާއަށް ދަތިވާނެ..