ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
05 އޯގަސްޓް 2025 - 09:39
ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓުގެ މައްސަލަ ފެންމަތިވެފައިވާ މި ދަނޑިވަޅާ ދިމާކޮށް، މަޖިލިހުގެ އެސްއޯއީ ކޮމިޓީން ވެސް އޭނާ މިއަދު ވަކިކޮށްފި އެވެ.
ޝުޖާއުއަކީ މިހާތަނަށް އެ ކޮމިޓީގެ މުގައްރިރު ވެސް މެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަން މަޖިލިހުގައި އޮންނަ އެސްއޯއީ ކޮމިޓީ އަށް ޕީއެންސީން އައްޔަން ކޮށްފައިވާ ޝުޖާއުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖައްސާފައިވާ ކަމަށެވެ.
ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީ އަށް ހަމަޖެއްސީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު އެވެ.
ޝުޖާއު އަށް ކޮރަޕްޝަންގެ އިނގިލި ދިއްކޮށްފައި ވަނިކޮށް، މާލިއްޔަތު ކޮމިޓީން ވެސް އޭނާ ވަކިކޮށް އިއްޔެ ވަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ.
ޝުޖާއުގެ ހިއްސާ އޮންނަ އަދި އޭނާއާ އާއިލީ ގުޅުން އޮންނަ ބައެއްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވި މައްސަލަ ބެލުމަށް ފަހު، އެފްއައިޔޫގެ ރިޕޯޓު ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، މީޑިއާ އިން ސުވާލު ކުރުމުން އޭސީސީން އިއްޔެ ބުނީ، އެ ރިޕޯޓުގައި ބުނާ ވާހަކަތަކާ ގުޅޭ މައްސަލަތައް ބަލަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ފުލުހުން ވެސް ބުނީ ރިޕޯޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެކަމަކު، ޝުޖާއު ވިދާޅުވީ، އެފްއައިޔޫގެ ރިޕޯޓަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ މިހާތަނަށް އޭނާއާ އެއްވެސް އިދާރާއަކުން ސުވާލު ނުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއައިޔޫގެ ރިޕޯޓުގައިވާ ގޮތުން، ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން ވަނީ މުއާމަލާތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ. އަދި މި ރިޕޯޓު ތައްޔާރުކުރީ އޭގައި ބުނާ ގޮތުން ޝުޖާއުގެ އިތުރުން އޭނާގެ އާއިލާއާ ގުޅުން އޮންނަ ބައެއް ކަމަށްވާ މުހައްމަދު ނާފިޒާއި އަހުމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ.
މީގެ ތެރެއިން ނާފިޒަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދުހަމަކީ އޮފިޝަލް އިވެންޓުގެ އެއް ހިއްސާދާރެވެ. އަދުހަމް ގެންދަވަނީ ޕީއެސްއެމްގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވަމުންނެވެ.
އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފަ އެވެ.
ނޮވެމްބަރު 13، 2023 ގައި ފިނޭންސް މިނިސްޓްރީން ސިފައިންގެ ކުންފުނި، ސިވެކަށް ދެއްކި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރި ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައި ވެ އެވެ. ފިނޭންސް މިނިސްޓްރީން ސިވެކަށް ދޫކުރި ކަމަށް ބުނާ 23 މިލިއަން ރުފިޔާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަރަދުތަކެވެ.
އޭގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރުމުން ފައިސާގެ ބައެއް ގޮސްފައި ވަނީ އެފްއައިޔޫގެ ރިޕޯޓުގައި ބުނާ ދެ ކުންފުންޏަކަށެވެ. އެއީ ޑީކިއު ހޯލްޑިންސް އަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާ އަށް 2.3 މިލިއަން ރުފިޔާ އެވެ.
އޮފިޝަލް އިވެންޓްސް އަށް ސިވެކުން ދޫކުރި ފައިސާގެ ތެރެއިން 8 މިލިއަން ހަރަދުކުރީ އޮފިޝަލް އިވެންޓްސްގެ ހިއްސާދާރުންނަށް ދެ އެޕާޓްމަންޓެއް ގަތުމަށް ކަމަށް ވެސް އެފްއައިޔޫގެ ރިޕޯޓު ކަމަށް ބުނާ ރިޕޯޓުގައި ބުންޏެވެ. އޭގައި ބުނާ 8 މިލިއަނަކީ ކޮމިޓްމަންޓު ފީ އެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 20 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޒުވަދު
06 August 2025
ހަމަ ހަގީގަތުގަވެސް 19 ވަނަ މަޖިލީހަށްވުރެ 20 ވަނަ މަޖިލީހުގެ މަސަކަތްތައްވެސް ނަޒާހަތްތެރިކަންވެސް ރަނގަޅުކަން މި ދޭހަވެގެންދަނީ
މިމްހާދް
06 August 2025
ކިތަންމެ އަޑު ބާރަސް މި ވެރިކަމުގަ ވައްތަރެއް ނުޖެއްސޭނެ ކަން ހުރިހާ އެމްޕީންނަށް އެ ސާބިތުކޮށްދިނީ. މީ އެމްޑީޕީން ވެރިކަން ކުރާގޮތައް ވެރިކަން ކުރަން އައި ވެރިކަމެއް ނޫނޭ
ލުފްޝާން
06 August 2025
އަހަރުމެން ވެރިކަމުގަ ފެނަކަ ސައީދުމެން އެވަރަށް ފާޅުގަ ވައްކަން ކުރީމަވެސް ނުކެރުން ފިޔަވަޅެއް އަޅާކަށް، އެހެންވެ އަހަރުމެން އަންނިއާ އެއްކޮށް ދާން މަޖުބޫރުވީ، މުއިއްޒުވެސް މާ ރަނގަޅު އެމްޑީޕީގެ ތިބި ވެރިންނަށް ވުރެ
ހުމާމް
06 August 2025
މިހެންވެ އަހަރުމެންނަށް ރައީސް މުއިއްޒު ކަމުދަނީ.. މީގެންވެސް ދޭހަވަނީ ކިތަންމެ ގާތް މީހަކަސް، އަޑު ގަދަ މީހެއް ވިޔަކަސް ގާނޫން ކުރިމަތީގަ ގަދައެއް ނުވެވޭނެކަން
މުނާޒް މުހައްމަދު
06 August 2025
ހަމައެކަނި ތުހުމަތުވި ކަމަށްޓަކައި ސުޖާއު އެވަނީ ކޮމެޓީތަކުން ސަސްޕެންޑު ކުރެވިފަ، މީ ވަރަށްވެސް ރަނގަޅުކަމެއް، ރައްޔިތުންގެ އިތުބާރު ލިބޭނީ މިފަދައިން ކަންކަންކޮށްގެން.
ފިރާގް މޫސާ
06 August 2025
ބަޔަކު މީހުން ބުނި މުއިއްޒު އަށް ނުކެރޭނޭ ސުޖާއުއަށް ކަމެއް ކޮށްލާކަށް. ކޮބާ ހީވި ކަމެއްހެން، މުއިއްޒު ނޫނީނެތް ކެރިގެން ފިޔަވަޅު އެޅި ވެރިޔަކު މީން އެއްވެސް ވެރިކަމެއްގަ
ޖައިލަމސލޑ
06 August 2025
ހަމަ ރަނގަޅު ނިންމުމެއް
ޖަރީމާ ފިކުރު
05 August 2025
ރައިޒް އެންޑް ފޯލް އޮފް އަ ބުރޯ ފުރޮމް ޕޮލިޓިކްސް ޕާޓް 2. އެކަމަކު އަދީބު ބުރޯ ގޮތަށް މިކަލޭގެ ވެސް ޖަރީމާއިން ދައުލަތް ލޫޓުވި ފައިސާއާ އޭގެން ހޯދި ނުހައްގު މުއްސަދިކަމުގައި އުމުރު ހޭދަ ކުރާނެ ރައްޔިތުންގެ ޓެކުސް ފައިސާއަށް ހިޔާނަތްތެރިވެފަ. ސަބަބަކީ މިބުރޯ އިން އެޖަރީމާތައް ހިންގަނީ ވެރިމީހަށްވެސް ބައި އެޅޭގޮތަށް އެމީހުން ވެސް ބައިވެރިވެގެން. ޒާތީ އެރާ އެރީމަ ފަނިވަނީ. ޔާމީނާ އަދީބަށްވެސް ވީ އެހެން. މިފަހަރު މިއޮތީ ހެޕީ ބުރޯ އާ މުއިއްޒުގެ ޖަރީމާ
އެކްސިް
05 August 2025
ކީއްވެތަ ފެންމަތި ނުވަނީސް ފިޔަވަޅު ނޭޅީ. ތި ރިޕޯޓަށް އެތައް މަހެއް ވެއްޖެއެއްނު.
ސިރާޖީ
05 August 2025
ޓާޝަރީ ފެންވަރުގަ ދަވާއެލީ