އިނގިރޭސި ސަރުކާރުން އެމްއޭސީއެލަށް އަވަސް ފަރުވާގެ ތަމްރީނު ދޭނެ ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެމްއޭސީއެލް
10 އޯގަސްޓް 2025 - 15:58
އަވަސް ފަރުވާގެ ތަމްރީނު ދޭނެ ސާމާނު އިނގިރޭސި ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިއަދު ހަދިޔާކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އިނގިރޭސި ސަރުކާރުން އެކަމަށް ބޭނުންވާ ތަކެތި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހަދިޔާކޮށްފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި، އެ ތަކެތި ހަދިޔާކުރި ކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެކްޓިން ހައި ކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބެވެ. އެމްއޭސީއެލްގެ ފަރާތުން އެ ފިލަޔާ ހަވާލުވެވަޑައިގަތީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
އެމްއޭސީއެލުން ބުނީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި އިނގިރޭސި ހައި ކޮމިޝަންގެ އޮފިޝަލުން މިއަދުގެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
In a ceremony held at Velana International Airport the Acting British High Commissioner, Mr. Mohamed Toafiq Wahab, handed over the UK Government’s donation of first aid equipment to MACL CEO & MD, Mr. Ibrahim Shareef Mohamed. This signifies the strong and ongoing partnership… pic.twitter.com/Q8E5Iwvlnm
— Maldives Airports Company Ltd (@MACLmedia) August 10, 2025
އެކްޓިން ހައިކޮމިޝަނަރު ވިދާޅުވީ ބޭރު ގައުމުތަކުގައި ދިރިއުޅޭ އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ގައުމުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އެމްއޭސީއެލަށް ހަދިޔާކުރި ތަކެތީގެ ސަބަބުން ރާއްޖެ އަށް ކޮންމެ އަހަރަކު އަންނަ އެތައް ސަތޭކަ އިނގިރޭސި ވިލާތުގެ ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ފޯރުކޮށްދިން އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތީގެ ސަބަބުން އެމްއޭސީއެލްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާ އެކު، އެކަމަށް ތައްޔާރަށް ތިބި މުވައްޒަފުންކަން ކަށަވަރު ވެގެންދާނެ. މިއީ އެމްއޭސީއެލްއާއެކު އޮންނަ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް" އޭނާ ވިދާޅުވި އެވެ.
އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަރުގަދަ ކުރުމަށް އެމްއޭސީއެލުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިނގިރޭސި ހައި ކޮމިޝަނުން އެމްއޭސީއެލަށް ހަދިޔާކުރި ތަކެއްޗަށާއި އެ ކުންފުންޏާ ދޭތެރޭގައި ހައި ކޮމިޝަނުން ބަހައްޓާ ގާތްކަމާއި ދޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އިނގިރޭސި ސަރުކާރުން އެމްއޭސީއެލަށް ހަދިޔާކުރި އަވަސް ފަރުވާގެ ތަމްރީނު ދޭނެ ބައެއް ސާމާނު.-- ފޮޓޯ: އެމްއޭސީއެލް
ޝަރީފް ވިދާޅުވީ އެމްއޭސީއެލަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށް ވާއިރު، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒުކުރަމުން އަންނަ ކަމަށެވެ. ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލުން ބުނީ އިނގިރޭސި ހައި ކޮމިޝަނުން އެ ކުންފުންޏަށް ހަދިޔާކުރި ތަކެއްޗަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ)ގެ ދަށުން ހަދިޔާކުރި ސާމާނު ކަމަށެވެ.
އެއީ، ރާއްޖޭގައި ގާއިމް ކޮށްފައިވާ އިނގިރޭސި ހައި ކޮމިޝަނާ އެކު، މި އަހަރުގެ މެއި މަހުގައި ބޭއްވި ބައްދަލުވުންތަކުން ނިންމާފައިވާ ގޮތަށް، ސަރަހައްދީ ގައުމުތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރި ތަކެތި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް /
11 August 2025
މިކަހަލަ ކައްޕަޅި ތަކެތި ދީފަ ދެން ބުނާނީ ތިމަންނާމެން ބޭނުންވާ ގޮތަށޭ ކަލޭމެންގެ ވޯޓާސް ލިސްޓް ، ކެންޑިޑޭޓުން އަދި ކޯޓުތަކުގެ ކަންކަން އޮންނަން ވާނީ.އިނގިރޭސީންގެ ހިސްޓްރީ އެއީ ވަރަށް ހުތުރު ސަފްހާތަކެއް އެކުލެވޭ އެއްޗެއް.ވ.ވެދުން
ޒައީންަަސ
11 August 2025
ދުނިޔެ މަތީގެ ސުވަރުގެ، ނަމަވެސް އުޅެން ޖެހެހީ މީހަކު ދިއްކޮށްލާ އެއްޗަކުން އަބަދުވެސް،