ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
13 އޯގަސްޓް 2025 - 22:18
ބ. ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި 12 ވަނަ ރަށެއްގެ ގޮތުގައި މިއަދު ހަވީރު ދަރަވަންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އެ ރަށުގައި މިހާރު ހުރި ސިއްހީ މަރުކަޒުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
ދަރަވަންދޫގައި މި އަހަރު ޑަޔަލިސިސް އާއި އެކްސް-ރޭގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޑަޔަލިސިސް މެޝިންތައް މި ރަށާ ހަމައަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. ދާދި އަވަހަށް އެ ހިދުމަތްތައް ފެށޭނެ. އޭގެ އިތުރުން އިންސާނީ ވަސީލަތުގެ ގޮތުން ވަރަށް އިސްކަންދީގެން މަސައްކަތް އެބަކުރަން. މި ރަށުގައި މިހާރު ހުރި ސިއްހީ މަރުކަޒު އާ ހަރުފަތަކަށް ގެންދެވޭނެ. މިހާރުން މިހާރަށް ވެސް ކުރެވޭނެ ކަންކަން ކުރަމުން އަޅުގަނޑުމެން މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
"މިގޮތަށް މިކަން ކުރިއަށް ގެންގޮސް މިހާރު ހުރި ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް އިތުރު އެނދުތަކާއި އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދޭނަން."
ހޮސްޕިޓަލަކީ ދަރަވަންދު އަށް ވަރަށް މުހިންމު ވަސީލަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށުގައި ހޮސްޕިޓަލެއް އެޅުން މުހިންމުވާ ސަބަބަކީ އެއީ ރަށުގެ ރައްޔިތުންނަށް ބޭނުންވެފައި އޮތް ހިދުމަތަކަށް ވާތީ ކަމަށެވެ.
އޭގެ އިތުރުން، ދަރަވަންދޫއަކީ ޓޫރިޒަމް ދާއިރާގައި ކުރިއަރާފައިވާ ރަށަކަށް ވެފައި، އެއާޕޯޓު އޮންނަ ރަށަކަށް ވާތީ އެ ރަށަށް ޒިޔާރަތްކުރާ އެކި ދާއިރާގެ މީހުންނަށް ފަސޭހަ ކޮށްދިނުމަށް ހޮސްޕިޓަލެއް ހުރުން ވަރަށް މުހިންމު ކަމަކަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަރަވަންދޫގެ މަގުތައް ހެދުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. އަދި އެ ރަށުގައި ޕާސްޕޯޓްގެ ހިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުހާދު އިސްމާއިލް
14 August 2025
އެއްވެސް ވެރިކަމެއްގައި ނުވި ކަމެއް. އަހަރުމެން ސަރުކާރުން މިކުރަނީ. މީގެ ސަބަބުން ރައްޔިތުން މާލެ އަންނަން ނުޖެހި ސިއްހީ ފަރުވާ ލިބިގެން ދާނެ
1828
14 August 2025
ދެން ނެތްތަ އެހެން ޖޯކެއް؟
މުޝައްރަފް
14 August 2025
ފެނޭތަ އިދިކޮޅަށް؟ މީ އަހަރުމެން ބޭނުންވާ ތަރައްގީ. މި ތަރައްގީ އައިސްގެން މިގައުމަށް ކުރިއެރުން އަންނާނީ.
1828
14 August 2025
2028 އަންނައިރުވެސް ތިޔަ ތަނެއް ނިމި ރައްޔިތުންނަށް ޚިދުމަތް ލިބިއްޖެނަމަ ޝުކުރު.
1828
14 August 2025
ވަޢުދުގެ މައްޗަށް ވަޢުދު. މިމީހާ ވައުދު މިއީ އަދި ފުއްދަންވެސް ޖެހޭ އެއްޗެއްނޫން. މުޢިއްޒޫ ހެޔޮނުވާނެ ދެން ވައުދުވުން ހުއްޓާލަބަލަ. ރިޔާސީ އިންތިހާބުގައި ކިތައްވައުދުވި. މިއަދާ ހަމައަށް ކިތައް ވައުދު ފުއްދުނު. އިހަށް މަޑުކޮށްލަބަމަ 2028ގެ ރިޔާސީ އިންތިހާބު ކައިރިވީމައި އަނެއްކާ ވައުދުވާން. އިހަށް ވެފައިވާ ވައުދުތައް ފުއްދޭތޯ ބަލާ
1828
14 August 2025
ދެން ކީއްކުރަން 2025ގައި ތިޔަ ވާހަކައެއް ތިޔަ ދެއްކެވީ؟ ކައުންސިލް އިންތިހާބަށް ކަޑަ ޖެހުން ފިޔަވައި އެހެން ކަމެއް ނުކުރޭ.
ސަޅި ގައުމެއް
13 August 2025
މާފަރުގަ އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގާ އިރު ހައްގު މިންވަރަކީ ވީރާނާވެފަ ހުރި ހެލްތްޕޯސްޓް އައް އިތުރު ހަތަރު އެނދު އިތުރުކޮއް އާބާތުރަ ފިލުވުން.