19 އޯގަސްޓް 2025 - 09:00
މިއަދު ދޫކުރަން ފަށާ، އޯލެވެލް އިމްތިހާނުގެ ނަތީޖާ ކޮންމެ ގޮތަކަށް ލިބުނު ނަމަވެސް ކިޔެވުން ހުއްޓާ ނުލުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.
މި އަހަރު މެއި/ޖޫންގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާނީ މިއަދު މެންދުރު ފަހު 1:00ގަ އެވެ.
ސޯޝަލް މީޑިއާގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ ދަރިވަރުންނަކީ ނަތީޖާގައި އެންމެ ރަނގަޅު ކުދިންނަށް ނުވެދާނެ ކަމަށާއި އޯލެވެލްގެ ނަތީޖާއަކީ ދަރިވަރުންގެ ކިޔެވުމުގައި ގޮތް ނިންމާ ދުވަސް ކަމަށް ކުރިން އޮތް އޮތުން މިހާރު މާޒީވެފައިވާ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"މާދަމާ [މިއަދު] ލިބޭ ނަތީޖާއަކީ ކިޔެވުން ހުއްޓާލަން ނިންމާ ދުވަސްކަމުގައި ނުހަދާށެވެ... އޯލެވެލް ނަތީޖާއަކީ ތިޔަ ދަރިވަރުންގެ ކިޔެވުމުގައި ސިއްކަޖެހޭ ދުވަސް ކަމުގައިވެފައި ވަނީ މާޒީގަ އެވެ،" އޯލެވެލް ނިންމާ ކޮންމެ ކުއްޖަކަށް ވެސް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ރޭގެ ވަގުތެއްގައި ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދޭން ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު ބަދަލުކުރުމަށް ފަހު އިއުލާނުކުރީ އިއްޔެ އެވެ.
މިނިސްޓަރު ވަނީ އޯލެވެލް ނިންމާ ކުދިންނަށް އޭލެވެލް ކިޔެވުމާ އެކު ކުރިއަށްދިއުމުގެ ތަފާތު މަގުތަކެއް މިނިސްޓްރީން ފަހިކޮށްދީފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެއީ އެކަޑަމިކް ޕާތުވޭ، ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިއުކޭޝަން ޕާތުވޭ އަދި މަސައްކަތުގެ މާހައުލުގައި (ވޯކް-ބޭސްޑް) ކިޔެވުމުގެ އެޕްރެންޓިސްޝިޕް ޕާތުވޭ އެވެ.
ކޮންމެ ކުއްޖަކީ މިހާރު ހުޅުވާލާފައިވާ ކޮންމެވެސް އެއް ލާނިން ޕާތުވޭއެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ ކުއްޖެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް މިހާރު ވެސް ކޮށްފަ އެވެ. އޭގެތެރޭގައި މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވައި ކިޔަވައި ދޭން ފެށުން ހިމެނެ އެވެ. އަދި އޯ ލެވެލް އަށް ކިޔަވައިދޭ 23 ސްކޫލެއްގައި މި އަހަރު އޭ ލެވެލް ކިޔަވައިދޭން ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
22 August 2025
ނަތީޖާ ދަށްކުދިން ކިޔެވުން ހުއްޓާނުލާ ކިޔަވަނީ ކޮންތާކުންތޯ؟. ސީއެޗްއެސްސީ ގަ މެތަމެޓިކްސް ކިޔެވެނީވެސް އޭ އޯލެވެލްގަ ލިބިފަތިބިކުދިންނަށް. އޯލެވެލްގަ ބީ ލިބިގެން ހިސާބު ސަބްޖެކްޓުގަ ބައިވެރިނުވެވޭ. ދެން ސީ ލިބިގެން ކިޔަވަނީ ކޮންތާކުންތޯ؟.
ޕަކާސް
19 August 2025
ނެގެޓިވްކޮށް ނޫނީ މީނަޔަށް އެއްޗެއް ބުނަން ނޭނގެނީތަ؟
ކޮލަމާހުއްޓާ
19 August 2025
ކިޔަވައިގެން މިގައުމުގަ ލިބޭނެ އެކަޝީގެންވާ ވަޒީފާއެއްނެތް. ސިޔާސީވީމަ ވަޒީފާ މިގައުމުގަ ލިބޭނީ. އެކަން އިސްލާހްކޮއްފަ ތިބާވަތުގެ ވާހަކަދައްކާ
ރަނަން
19 August 2025
ނުކިޔަވާ މީހުން ސިޔާސީ ބޮޑެތި މަގާމުތަކުގަ. ދެން ކީއްކުރަން ކިޔަވަނީ
ޢަލީ ކުރުސީ
19 August 2025
މިނިސްޓަރު ތިޔަހެން ވިދާޅުވާއިރު މިހާރުވެސް ސިޔާސީ މަޤާމްތަކުގައި ތިބި ގިނަ މީހުންނަކީ އެއްވެސް ތަޢުލީމީ ޤާބިލުކަމެއް ހުރި ބައެއްނޫން! މަޖްލީހުގައި އެތިބީ އަދި އެއަށްވުރެ ހާލުބޮޑު ބައެއް! ދެން ކިޔަވަން ބާރުދިނުމުގެ ބަދަލުގައި ސިޔާސީ މައިދާނަށް ވަދެ ނޫނީ ސޯޝަލް މީޑިޔާގައި ސަރުކާރަށް ހުޝާމަދުކުރަން ބާރުއެޅިއްޔާ މާރަގަޅުވާނެ! ތަޢުލީމު އުގެނެން ބާރުއަޅާނީ އެކަން ވަޒަންކުރާ އެކަމަށް ފުރުސަތުދޭ ސަރުކާރުތަކުން!
އެމްސް
19 August 2025
ކިޔަވާ ނިމިގެން ނިކުތުމުން 2 ކޮޅު ޖެހޭނެ އާމްދަނީގެ ކިހާ ވަސީލަތްތަކެއް އެބަހުރިބާއެވެ؟
ހުސައިން
19 August 2025
"ޕާކިސްތާން ކުއްޖަކު އޭ-ލެވެލް އިން "A* 24" ހާސިލްކޮށް ދުނިޔޭގެ ރެކޯޑެއް" "ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މަހްނޫރުގެ މި ކާމިޔާބީއަށް މަރުޙަބާ ކިޔުއްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މަހްނޫރުގެ 24 އޭ-ލެވެލް ޑިސްޓިންކްޝަން އަދި 4 ދުނިޔޭގެ ރެކޯޑު ހޯދުމާއިއެކު، ފާހަގަކޮށްލެވޭ ތަޢުލީމީ މަރުކަޒަކުން .. އެހެން ކުދިންވެސް އެކަމުން އިބުރަތް ހާސިލްކުރަން ޖެހޭކަމެއްކަމަށް ފާހަގަކޮށް ހިތްވަރުދެއްވާފަ އެވެ މިފަދަ ކަންތައް ނޫހަށް ނާރާތޯ.
ލާލު
19 August 2025
ދަށް ކުދިން ދިރިއުޅުގެ ކަންކަމަށް ތައްޔާރު ކުރެވޭނެ ނިޒާމެއް ހެދިއްޔާ ވާނީ ކީއްތަ؟ މިގައުމުގައި ގިނަ ޒުވާނުން ތިބީ މަގުމަތީގައި. އެއްވެސް ޒިންމާދާރު ކަމެއްގައި އުޅޭތަނެއް ނުފެނޭ.
ކޮރަކަލި.
19 August 2025
ނަތީޖާ އެނގެނީ އެގްޒާމް ހަދާތީ. އެއްވެސް ގްރޭޑެއްގައި އެގްޒާމް ހަދަން ނުޖެހޭގޮތަށް ނިންމަންވީ. އޭރުން ދަރިވަރުންނަށް ކިޔަވަން ބޮޑުތަނުން ފަސޭހަވާނެ. ޓިއުޝަނަށް ބޮޑު ޚަރަދު ކުރާކަށް ނުޖެހޭނެ. ކޮންމެ އަހަރަކުވެސް ހުރިހާ ކުދިންވެސް ގްރޭޑު ބަދަލުވާނެ. ހަދަންޖެހޭނީ އޯލެވެލް އާއި އޭލެވެލް އެގްޒާމް އެކަނި. އޯލެވެލްއިން ފާސް ނުވިޔަސް އޭލެވެލްއަށް ދެވޭނެ. ނިމުނީ. ޚަލާސް. ފަސޭހަގޮތް ފަސޭހަވެފައި މިގޮތް ޚަރަދުވެސް ކުޑަވާނެ.
ދެރަ
19 August 2025
ކިޔެވުމުގެ ބޭނުމެއް ދަރުވަރުންނަކަށް ނުވިސްނޭ، ކްރައިޓީރިއާ ދަށްކުތުމުންވެސް ކިޔަވާ ހިތުން ކިޔަވަން އުޅޭ ކުދިންނަށް ނުސީދާކޮށް ތިޔަ ޖައްސަނީ އުދަގުލެއް. ސެކަންޑްރީ ކްލާސްތަކުގެ ޢާންމު ހާލަތަށް ރިއާޔަތް ކޮށްފިނަމަ މިކަން ސާފްވާނެ... ކިޔަވާފަ ތިބޭ މީހުންގެ މައްޗަށް އަޑުގަދަ ޖާހިލުން ބަސް ކިޔާ ޤައުުމެއް މީ.