މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި ޓްރެފިކް ތޮއްޖެހިފައި: މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކޮށް، އެ ސަރަހައްދުގެ ކަނޑުތޮށި ބޭރަށް ޖެއްސުމުން ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
22 އޯގަސްޓް 2025 - 13:47
އެމްޕީއެލް ސަރަހައްދުން ފެށިގެން މާލޭގެ އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް ބޭރު މަގުގައި ޓްރެފިކް ތޮއްޖެހި، މީހުން ރުޅިގަދަ ނުވާ ދުވަހެއް މަދުވާނެ އެވެ. ހާއްސަކޮށް މަސް މާރުކޭޓު ސަރަހައްދާއި މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުގައި ވެހިކަލްތައް ކުރިއަށް ނުކަނޑައިގެން އެތައް އިރެއް ވަންދެން ތިބެން ޖެހުމުގެ ބުރަ އުފުލާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކާރޫބާރޫ ބޮޑު ވަގުތުތަކުގައި އެތައް ބަޔަކު "ސްޓްރެސް" ބޮޑުވެ، ރުޅިގަނޑު ފަޅައިގެން ދިއުމަކީ އާންމު ކަމެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިިބު ވިދާޅުވި ގޮތުގައި، އެމްޓީސީސީ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން ރަސްފަންނު ސަރަހައްދާ ހަމައަށް ބޭރު މަގުގައި ތާރު އަޅައި އަދި ހަތަރު ލޭނަށް އެ މަގު ބަދަލުކުރުމަކީ މާލޭގައި ޓްރެފިކްގެ "އުދާސްތަކަށް" ލިބޭނެ އެންމެ ބޮޑު އެއް ލުއި ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް އިއްޔެ ފަށަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
އިއްޔެ ފެށީ މަސް މާރުކޭޓު ސަރަހައްދުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް އެ މަގުގައި ތާރު އަޅައި، އެތެރެ ތޮށި ބޭރަށް ޖައްސައި، ހަތަރު ލޭނަށް ޖާގަ ލިބޭ ގޮތަށް މަގު ފުޅާކުރުމުގެ މަސައްކަތެވެ. އެއީ އެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓެވެ. ދެވަނަ ސެގްމަންޓަކީ މަސްމާރުކޭޓް ސަރަހައްދުން ފެށިގެން އެމްޕީއެލް ސަރަައްދު އަދި މާފަންނުން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމެވެ.
ނަމަވެސް މަސްމާރުކޭޓު ސަރަހައްދަކީ ބާރު ބޮޑު ސަރަހައްދަކަށް ވާތީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަނޑައަޅާފައި ވަނީ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް އަންނަ އޮކްޓޫބަރު 13 އާ ހަމައަށް ނިންމާ ގޮތަށެވެ.
މުޅި މަޝްރޫއުގެ އަގަކީ 144 މިލިއަން ރުފިޔާ ކަމަށް ވާއިރު އެމްޓީސީސީ އަށް އެ މަސައްކަތް ނިންމަން ދީފައި ވަނީ 455 ދުވަހެވެ. ނުވަތަ އެއް އަހަރާއި ތިން މަހެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
"އެ ސަރަހައްދުގެ ކާރޫބާރޫ ބޮޑުވާ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނީ. މަގު ފުޅާވުމަކީ އެއީ އެތައް ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް. ހަގީގަތުގައި މި ގެންނަނީ ވަރަށް ބޮޑު ބަދަލެއް،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ބޭރު މަގު ފުޅާކުރަމުން ދާނީ އެކި ސަރަހައްދު އެކި ވަރަށެވެ. އެއީ އެ ސަރަައްދުގެ ލޭންޑްސްކޭޕިން އަށް ވެސް އަންނަ ވަރަށް ބޮޑު ބަދަލެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މާލޭގެ މޫނުމައްޗަށް އަންނަ ބަދަލަކަށް ވުރެ ބޮޑަށް އެ ސަރަހައްދުގެ ކާރޫބާރޫ ބޮޑުވުން ކުޑަކޮށްދިނުމަށް ކުރާ ބޮޑު ކަމެއް މިއީ،" އެ ބަދަލު މިނިސްޓަރު ވަރަށް ކުރުކޮށް ވިދާޅުވެދެއްވި އެވެ.
މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކޮށް، އެ ސަރަހައްދުގެ ކަނޑުތޮށި ބޭރަށް ޖެއްސުމުގެ މަސަައްކަތާ އެކު، ލޭންޑްސްކޭޕިން އަށް އިތުރު ބަދަލުތަކެއް ވެސް ގެންނަން ރާވާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ ތެރޭގައި ޖުމްހޫރީ މައިދާން އަލުން ތަރައްގީ ކުރުން ހިމެނެ އެވެ. އަދި މާލޭގެ ހުރިހާ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހިންގަން ފަށާ މަޝްރޫއުގެ ދަށުން މަގުތައް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމުގެ ކަންކަން ޗައިނާގައި ކުރިއަށް ގެންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު އިއްޔެ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އެ މަސައްކަތް ފެށިގެން ދިއުމުން މުޅި މާލެއަކީ އަލުން ދިރިއުޅުން ހިތްފަސޭހަ ތަނަކަށް ބަދަލުކުރަން ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގަށް މި ގެންނަނީ އެ ބަދަލުތަކުގެ ފެށުމެވެ. އެއިރަށް ހާއްސަކޮށް ލޯކަލް މާރުކޭޓު ކައިރިން ޓްރެފިކް ތޮއްޖެހި، ކުރިއަށް ނުކަނޑައި އެތައް އިރެއް ވަންދެން ތިބެންޖެހޭ މައްސަލަ އަށް ހައްލު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިންނު
24 August 2025
މީ ހައްލެއްނޫން. އުޅަނދު ފަހަރު މާލެއަށް އެތެރެވާ މިންވަރު ކޮންޓްރޯލް ނުކޮށް ތިވިދާޅުވާ ސްޓްރެސް،އަކަށް ހައްލެއް ނުލިބޭނެ. ވާނީ ގޯސް.
ކޮރަލް
23 August 2025
ބޮޑު ފާލަން އަދި އެސަރަހައްދު އެކީ ނެގީ އެވެ. އެތަަށް ކައިރިވެސް ނުވެވެ އެވެ. ރައީސް އޮފީސް ކުރިމަތީ އޮތް ފާލަން ބޭނުން ކޮށްފަ ބޮޑު ފާލަން އޮތް ސަރަހައްދު މިނިވަން ކޮށްދޭން ވީ އެވެ. އެސަރަހައްދު އާއްމުން ނަށް ހުޅުވާލަން ވީ އެވެ. ރަސްމީ ބޭޏުމެއް ޖެހިއްޖެނަމަ ބޭޏުން ކުރަން ވީ އެވެ. ރަށްރަށުން އަންނަ މީހުންނަށް ވ ފަސޭހަ ވާނެ އެވެ.
ލަނގޮޑި ހަސަނު
23 August 2025
ޕާކު ކުރާނީ ތިޔަ ހަދާ ހަތަރު ލޭނުން ދެ ލޭނުގައި. ދެން ކޮން ސުޓުރެސްއެއްތަ ފިލާނީ؟
ހަސީީނާާ
23 August 2025
ފެނޭތަ ބަރުގޮނު އެޅީމާ މަގުފުޅާވާ ގޮތް.
ނާޒިމމ
23 August 2025
4 ލޭނަށް ބަދަލު ކުރިއަސް ލޭނަށް ބަލައިގެން ދުއްވާ ބަޔަކު ރާއްޖެއަކު ނޫޅޭ. ފެދަރާތުންވެސް ޕޭމަންޓާ ކައިރި ލޭނުގައި އޮންނާނީ ވެހިކަލް ޕާކުކޮށް ފުރާލާފަ. ދިވެހިންނަކީ ލޭން ޑްރައިވިންއަށް އިހުތިރާމު ނުކުރާތާނގައި ޑިފެންސިވް ޑްރައިވިންގގެ ބަދަލުގައި އޮފެންސިވް ޑްރައިވިންގ މޮޅުކަމަށް ދެކޭ ބައެއް. ތަރައްޤީވިއަސް ތަހުޒީބު ނުވާނަމަ ކީއްކުރާނީ.
އުތީމު2
23 August 2025
ތިޔަހެން ވިސްނޭ ދިވެހިން ގިނަވާނަމަ ރަނގަޅުވާނެ. ވަރަށް އުފާ ކުރަން. މިއީ ދައްކަންޖެހޭ ވާހަކަ އެއް. ގިނަ ގިނައިން.
ސާފް
23 August 2025
ޢާއްމުން މާލެއިން ފުރާ ފައިބުމުގައި ބަދަލެއް އަންނާނެބާ، އަދިވެސް އެއްދޯނިން އެއްލޯންޗުން އަނެއްލޯންޗަށް އަރަންޖެހެނީ، ވަރަށް އިންޖަރީ ބޮަޑު
މަސްވެރިޔާ 10
23 August 2025
މިހާރު ތިޔަކުރަންއުޅޭކަމަކީ އަޅުގަނޑުމެން މަސްވެރިންގެ އޮޑި އަޅަންއޮތް ފަޅުހީއްކާލާ މާލޭފަޅުތެރެއިންވެސް އަޅުގަނޑުމެން ބޭރުކުރުން. ރަސުތެރެއިން ހަނިގޮޅިއެއް ބަންދުވާއިރަށް 2 ލޭނު ބަންދުވެ ދެލޯމުދުނަށް އަރައިގެ ކުރީސަރުކާރޭ ކިޔާފައި ބަނދިވަރު ނުކިޔާވޭތޯބަލާތި
ދައިގަންނަގުރާ
22 August 2025
ވަށައިގެން އޮތްމަގު 4 ލޭނަށް ހެދީމަ ޓްރެފިކް ސްޓްރެސް ފިލާނެގޮތަކީ ކޮބާ؟ އެމަގުން ލާފަ ދެން އަޅަން ހުރި މަގުތައް ހުރީ އެއްލޭނު ދެލޭނު. ނިކަން ބަލާބަލަ ހުޅަނގު ގައުމުތަކުގައި ސިޓީ ސެންޓަރ ޑިޒައިން ކުރާގޮތް. މިއީކީ މާބޮޑު ތަނެއް ނޫން އެންމެން ދުއްވާ އެއްޗެއްގަ އުޅޭހާ. ދުއްވާއެއްޗެހި މަދުކުރަން ޕޮލިސީ ހަދާބަލަ. WHO ގެ އެވޯޑު ހޯދަން ވޭޕު މަނާކުރި އުސޫލުން.
އޮނަރަބްލް އަފީފު ދީދީ
22 August 2025
މަތީގައިދެންނެވި ފަދަ ބިން ބޮޑު އަދި ބިންހިއްކައިގެން ކ.މާލެވަރުގެ 10 މާލެ ހަދާލެވޭވަރުގެ ގުދުރަތީ ރަށްތައް ރާއްޖޭގައި ހުރިކަމަށްވިޔަސް މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބި ކ.މާލޭގެ ބިންވެރިން ބޭނުމެއްނުވޭ އެމީހުންގެއާމްދަނީ އޭގެމައްޗަށް ބިނާކޮށްގެން އެމީހުންތިބި "ކުލީ އަޅުން" ނުވަތަ އެމީހުންގެ ގެދޮރު ކުއްޔަށްހިފައިގެން ތިބޭ، މާލޭސަރުކާރާއި މާލޭމީހުން ކިޔާގޮތަށްނަމަ "ރާއްޖެތެރޭ މީހުން" ކ.މާލެ އަންނަންނުޖެހޭގޮތްހަދާ ތަންފީޒުކުރާކަށް.
ހޭބަލ
22 August 2025
ރޭސިސްޓްބެ
ކ. މާލެ
23 August 2025
މަތީގައިދެންނެވި އޭ؟؟ މަތި ހޯދާހޯދާވެސް ނުފެނުނު ތިދެންނެވި އެއްޗެއް. ތިވާނީ ތިރީގަ ތޯއްޗެއް.
މަރީޔޯ
22 August 2025
ރަށުގެ ގޯތިތައް ކުއްޔަށް ގެސްޓް ހައުސް ހަދަން ދީފަ މާލެ ސަރަހައްދަށް ތޮއްޖެހުން މީހުން އަންނަހާ ހިނދަކު ތި ކަމެއް ރަނގަޅެއް ނުވާނެ.