އިންޑިއާގައި ހޫނު ގަދަ ދުވަހަކު މީހަކު ކުއްޖަކަށް ފެން ދެނީ: ހޫނު ގަދަވުމުން އިންޑިއާގައިވަނީ ކިޑްނީ ހިލަ އުފެދުމުގެ މައްސަލަތައް އިތުރުވެފައި. -- ފޮޓޯ: އޭއެފްޕީ
28 އޯގަސްޓް 2025 - 11:44
ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަތައް އިންޑިއާގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށާއި މި މައްސަލަ ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ތެރޭގައި ގިނަ ކަމަށް އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ބުނެފި އެވެ.
އިންޑިއާގެ މީޑިއާގައި ޑޮކްޓަރުންނާ ހަވާލާދީ ކޮށްފައިވާ ރިޕޯޓްތަކުގައިވާ ގޮތުން ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަ ވަނީ 30-40 ޕަސެންޓް އިތުރުވެފަ އެވެ.
ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި މިކަމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ ހޫނު ގަދަވުމާއި ފެން މަދުވުމާއި ބައެއް ބާވަތްތަކުގެ ކާނާ އެވެ. އަދި ހާއްސަކޮށް، ފާސްފުޑްގެ ބާވަތްތައް އާންމުވެ ފަސޭހައިން ލިބޭނެ ގޮތަށް ހުރުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ކިޑްނީގައި ހިލަ އުފެދުމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައި އޮންނަނީ ފެން މަދުވުން ނުވަތަ ޑިހައިޑްރޭޝަން އެވެ. އެހެން ސަބަބުތަކުގެ ތެރޭގައި؛
- ކިޑްނީގައި ހިލަ އުފެދުމުގެ ޖެނެޓިކް ސަބަބުތައް ހުރި މީހަކު އާއިލާގައި ހުރުން
- އޮކްސަލޭޓް، ލޮނު އަދި ޕްރޮޓީން މާ ގިނައިން ހުންނަ ކާނާ އާންމުކޮށް ކެއުން
- ހޫނުގައި ގިނަ ވަގުތު އުޅެންޖެހޭ މަސައްކަތްތައް ކުރުން
ޓައިމްސް އޮފް އިންޑިއާގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ނެފްރޮލޮޖީ އެންޑް ޔޫރޮލޮޖީ ވިޒާގްގެ ކޮންސަލްޓެންޓް ޔޫރޮލޮޖިސްޓް ޑރ. އަމިތު ސެޕުލް ވިދާޅުވެފައިވާ ގޮތުގައި ކިޑްނީ ހިލަ އުފެދުމުގެ ފުރުސަތު ކުޑަކުރުމަށް، ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ބުއިމާއި އޮކްސަލޭޓާއި ލޮނު ފަދަ ބާވަތްތައް ގިނައިން ހުންނަ ކާނާ މަދުކޮށް ބެލެންސްޑް ޑައެޓެއް ގެންގުޅެން ޖެހެ އެވެ.
މީގެ އިތުރުން، ގަދަ އަވީގައި ގިނައިރު ނޫޅުމާއި ކަސްރަތުކޮށް ދުޅަހެޔޮ ލައިފްސްޓައިލަކަށް މަސައްކަތްކުރުން މުހިންމުކަން ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy