ވެނެޒުއޭލާގެ ޑްރަގް ބޯޓެއް ކަމަށް ބުނެ އެމެރިކާއިން އާންމުކުރި ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް.
03 ސެޕްޓެމްބަރ 2025 - 11:59
މަސްތުވާތަކެތި ހިފައިގެން ވެނެޒުއޭލާއިން އެމެރިކާއަށް ދަތުރުކުރި ސްޕީޑް ބޯޓަކަށް ވައިގެ މަގުން ހަމަލާދީ ފައްތާލައި އޭގައި ތިބި 11 "ނާކޯޓެރަރިސްޓުން" މަރާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު ތުހުމަތުކުރައްވާ ގޮތުގައި މިއީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ކޮންޓްރޯލް އޮންނަ ގޭންގަކުން ސަޕްލައިކުރަން އުޅުނު އެއްޗިއްސެވެ.
ޓްރަމްޕް ވަނީ މި ބޯޓަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވައިފަ އެވެ. އެއިން ފެންނަ ގޮތުގައި، ގެގަނޑެއް ވެސް ނެތް އެ ލޯންޗުގައި ބަޔަކު ދަނިކޮށް ހަމަލާ ދިނުމާ އެކު ގޮވައި އޭގައި ރޯވެ އެވެ.
މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން ލެޓިން އެމެރިކާ ސަރަހައްދަށް އަށް މަނަވަރު ފޮނުވުމާ އެކު ވެނެޒުއޭލާ އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
މި ވީޑިއޯ އާންމުކުރެއްވުމުގެ ކުރިން ޓްރަމްޕު ވަނީ "ބޯޓަކަށް ހަމަލާ ދީފިން ... ޑްރަގް އުފުލާ ބޯޓެއް، ބައިވަރު ޑްރަގް ހުރި ބޯޓެއް،" ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެކަމަކު އެ ޕޯސްޓްގައި އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"ރޭގެ ވަގުތެއްގައި، އަޅުގަނޑުގެ އަމުރަށް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ [ވެނެޒުއޭލާގެ ގޭންގެއް ކަމަށްވާ] ޓްރެން ޑި އަރަގުއާ ނާކޮޓެރަރިސްޓުންކަން ކަށަވަރުވާ ބަޔަކަށް ވައިގެ މަގުން ހަމަލާދީފައި،" ޓްރަމްޕު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަލާ ދީފައިވަނީ ކަނޑުގެ ބައިނަލްއަގުވާމީ ސަރަހައްދު ތެރެއިން ކަމަށާއި 11 މީހުން ތިބި އެ އުޅަނދުން މަސައްކަތްކުރީ އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރަން ކަމަށެވެ.
މި ހަމަލާ ދީފައި މި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް ގޭންގުތައް ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅައި އެ މީހުންނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް ޓްރަމްޕު ނިންމެވިކަން އިއުލާނުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަނޑުން
03 September 2025
ދްރަގު ހުރިކަމުގެ ހެކިހުރިނަމަ....
ނަނާ241
03 September 2025
އިސްލާމް ގައުމަކުން ތިގޮތަށް ހަދާފިއްޔާ އިންސާނީ ހައްގުތަކޭކިޔައިގެން ތި ކަލޭގެ ހަޅޭއްލަވާނެ
ރަދީފްއޮފިޝަލް /
03 September 2025
ސާބަހޭ ޓްރަމްޕް.މަސްތުވާތަކެތި އެއީ ދުނިޔެއަށް ޖެހިފައިވާ މުސީބާތެއް.
ޕޑ ޓްރަމްޕް
03 September 2025
ތިގޮތަށް ޔަމަނުގައި ޢީދު ފާހަގަ ކުރަންތިބި ޢާއްމުންގެ ބޮލަށް ބޮން އެޅުމަށްފަހު ވީޑިއޯ ޢާއްމުކޮށް ހޫޘީންނޭ ކިޔައިގެން މޮޅުވާހަކަ ދައްކައިގެން އޮތީ ބޭޒާރުވެފައި. ވެނުޒުއެލާގެ މަސްވެރިންތަކެއް ނޫން ކަމެއްވެސް ނޭނގެ މިފަހަރު ތިމަރާލީ.