ރަތް ކަނޑުގައި އޮތް، ސަބްމެރިން ކޭބަލެއް ހަލާކުވެ މައިކްރޮސޮފްޓުގެ ބައެއް ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައި.
07 ސެޕްޓެމްބަރ 2025 - 15:13
ރަތް ކަނޑުގެ އަޑިން އަޅާފައިވާ ފައިބަރު ކޭބަލަށް ގެއްލުންވެ މައިކްރޮސޮފްޓުގެ އަޒޫރު ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމްގެ ނެޓްވޯކް ޓްރެފިކް މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސަބްމެރިން ކޭބަލަށް ގެއްލުންވީ ކޮން ސަބަބަކާ ހުރެ ކަމެއް މައިކްރޮސޮފްޓުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން އެ ކުންފުނީގެ ނެޓްވޯކަށް އަސަރުކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
"މެދުއިރުމަތީގެ ސަރަހައްދުތަކާ ގުޅުމެއް ނެތް ނެޓްވޯކް ޓްރެފިކަށް އެއްވެސް އަސަރެއް ނުކުރޭ،" އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.
އިންޓަނެޓް އެކްސެސް މޮނިޓަރިން އޯގަނައިޒޭޝަން ނެޓްބްލޮކްސް އިން ބުނީ ރަތް ކަނޑުގެ ސަބްމެރިން ކޭބަލް ހަލާކުވުމުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާން ހިމެނޭހެން އެތައް ގައުމެއްގެ އިންޓަނެޓް ކަނެކްޓިވިޓީއަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.
އިންޓަނެޓާއި ޓެލެކޮމް ކޭބަލްތައް އަޅާއިރު ރަތް ކަނޑުގެ ޝިޕިން ރޫޓްތަކަށް ބެލި ނަމަވެސް، 2023 ވަނަ އަހަރުގެ ފަހުކޮޅު ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި ދޭން ފެށި ހަމަލާތަކާ އެކު ކޭބަލްތަކާ މެދު އޮތީ ކަންބޮޑުވުން އުފެދިފަ އެވެ.
ކަނޑުއަޑީގެ ކޭބަލްތައް އިންސްޓޯލްކޮށް އޮޕަރޭޓްކުރުމަކީ ޓެލެކޮމް އޮޕަރޭޓަރުން ގުޅިގެން އާންމުކޮށް ކުރާ ކަމެކެވެ. އެކަމަކު ބިޔަ ކުންފުނިތަކުން މި ފަހުން ވަނީ މިފަދަ އޮޕަރޭޝަންތަކުގެ ކޮންޓްރޯލް ނަގަން މަސައްކަތް ފަށައިފަ އެވެ.
ގާތްގަނޑަކަށް 1.4 މިލިއަން ކިލޯމީޓަރު (ގާތްގަނޑަކަށް 900،000 މޭލު) ގެ ފައިބަ އޮޕްޓިކް ކޭބަލްތައް ކަނޑުގެ އަޑީގައި އަޅާފައިވެ އެވެ. މިއީ ވިޔަފާރި އާއި މާލީ މުއާމަލާތްތަކާއި އާންމު ހިދުމަތްތަކާއި ޑިޖިޓަލް ހެލްތް ކެއާ އަދި ތައުލީމު ފަދަ މުހިންމު ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް މުހިންމު ވިއުގައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނސބސވ
07 September 2025
އިޒުރޭލަށް ވާ އެހީޔެއްކަމަށް ނުވާނޭބާ. މއެދުއިރުމަތި ހިދުމަތްކަނޑާލުން...އެމީހުންގެ އޭއި މައުލޫމަތުވެސް ހިއްސާކުރަމުންދާކަމަށް ޔޫއެންގެ ބޭފުޅާވެސް ވަނީ ދެތިންމަސްކުރިން ފާހަގަކޮށްފައި