ޚަބަރު / ރާއްޖެ-ޗައިނާ

ޔޫތު އެކްސްޗޭންޖް ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް

ޗައިނާއަށްދާ ދަރިވަރުންނާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައްދަލުކުރައްވަނީ.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ޗައިނާގައި ބާއްވަން ހަމަޖެހިފައިވާ "ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2025" ގައި ބައިވެރިވުމަށް ރާއްޖޭގެ 11 ސްކޫލެއްގެ ދަރިވަރުން މާދަމާ އެ ގައުމަށް ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ އެ ޕްރޮގްރާމް އޮންނާނީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ދަތުރަކީ މިނިސްޓްރީގެ އެދުމަކަށް ޗައިނާ އެމްބަސީން ހަމަޖައްސައިދީފައިވާ ދަތުރެއް ކަމަށެވެ. އެ ދަތުރުގެ ހުރިހާ ހަރަދަކާއި އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވެސް ޗައިނާ އެމްބަސީންނެވެ.

މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ރާއްޖޭގެ 11 ސްކޫލަކުން 12 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އެއީ ހަ އަންހެން ކުދިންނާއި ހަ ފިރިހެން ކުދިންނެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވަނީ މިނިސްޓްރީގައި އެ ދަރިވަރުންނާ ބައްދަލުކުރައްވައި ދަތުރާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ޗައިނާއަށްދާ ދަރިވަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލުތަކުން ހޮވާލެވިފައިވާ އޭ ލެވެލް ކިޔަވާ ހަތް ދަރިވަރުންނާއި އޯ ލެވެލްގެ ފަސް ދަރިވަރުންނެވެ. ހަތަރު ދުވަހުގެ އެ ދަތުރުގައި ދަރިވަރުންނަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގައި ހުރި ތަފާތު ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ޗައިނާގެ ސްކޫލުތަކާއި މިއުޒިއަމްތަކާއި ސަގާފީ އެކިއެކި ހަރަކާތްތައް ބަލާލުމުގެ އިތުރުން ދުނިޔޭގައި މަޝްހޫރު ޗެންގްދޫ ރިސާޗް ޕެންޑާ ބޭސްއަށް ވެސް އެ ދަރިވަރުން ޒިޔާރަތްކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އާބަން ޕްލޭނިން އެގްޒިބިޝަން ހޯލް އާއި ސައިފަތް ތައްޔާރުކުރާ ފެކްޓްރީ އާއި ގްރީން އެނާޖީ (ސޯލާ އެނާޖީ)ގެ ދާއިރާގައި ކުރިއަރާފައިވާ ޓޮންގްއޭ ގްރޫޕް އެކްސްޕީރިއެންސް ސެންޓަރު ފަދަ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނުގެ މަސައްކަތްތައް ގާތުން ދެނެގަތުމުގެ ފުރުސަތު ވެސް އެ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޗައިނާއަށްދާ ދަރިވަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ދަރިވަރުންތަކެއް ޗައިނާއަށް ކުރާ މިފަދަ ފުރަތަމަ ދަތުރުގައި ޗައިނާގެ ތަރައްގީ އާއި ސަގާފަތާއި ތައުލީމީ ނިޒާމާއި އިގްތިސާދީ ކުރިއެރުންތައް ގާތުން ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން:

- އެހެން ގައުމެއްގެ ދަރިވަރުންނާ ބައްދަލުކޮށް، އެކުވެރި ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ލިބުން

- ދުނިޔޭގެ އެކިއެކި ސަގާފަތްތަކަށް އިހުތިރާމްކޮށް، މައުލޫމާތު އިތުރުކުރުމަށް އެހީތެރިވުން

- ޕެންޑާ ބޭސްއަށް ޒިޔާރަތްކުރުމަކީ ތިމާވެއްޓާއި ދިރޭތަކެއްޗަށް ލޯބިކުރުމަށް ދަރިވަރުންނަށް ހިތްވަރު ލިބުން

- ސިނާއީ ތަންތަނާއި އާބަން ޕްލޭނިން ހޯލް ފަދަ ތަންތަނުން ދަރިވަރުންގެ މައުލޫމާތުތައް އިތުރުކޮށް، އެކި ދާއިރާތަކަށް ޝައުގުވެރިކަން އިތުރުކުރުމަށް މަގުފަހިވުން

ޓޮންގްއޭ ގްރޫޕް ފަދަ ގްރީން އެނާޖީގެ ދާއިރާގައި މަސައްކަތްކުރާ ތަނަކަށް ޒިޔާރަތްކުރުމަކީ ދަރިވަރުންނަށް ދެމެހެއްޓެނިވި ހަކަތައިގެ މުހިންމުކަމާއި އެފަދަ ދާއިރާތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން އަގުހުރި މައުލޫމާތުތަކެއް ލިބި އާ ހިޔާލުތަކެއް އުފެއްދުމަށް ބާރުއަޅާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަންޗޫ

08 September 2025

ތިކަންކަމަށް ފޮނުވަނީ ކަލޭމެން ބޭނުން ސުކޫލެއްގެ ދަރިވަރުން. ރާއްޖޭގަ އެތައްބައިވަރު ސުކޫލުތަކެއް ހުރިއިރު ތިކަމުގެ މައުލޫމާތެއް ނޭނގޭ. ނޫހުން މިފެންނަނީ ކުދިންތަކެއް ފޮނުވާކަން. އިންސާފުން ދަރިވަރުންނާމެދު ކަންތައްތައް ކުރޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454