ރައީސް މުުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ. ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން އެމަނިކުފާނު ވަނީ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕާ ހިއްސާކުރައްވައިފައި. ފޮޓޯ: މަޖިލީހުގެ އިދާރާ
08 ސެޕްޓެމްބަރ 2025 - 14:52
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން، ރައީސް ޑރ.،މުހައްމަދު މުއިއްޒު ޕީއެންސީ ޕާލަމެންޓްރީ ގްރޫޕާ ހިއްސާ ކުރައްވައިފި އެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް މުއިއްޒު އެ ހިޔާލު ފާޅުކުރެއްވީ މެންބަރުންގެ ހިޔާލު ހޯއްދަވާ މޭރުމުން ކަމަށެވެ. ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އެ މެމްބަރު ވިދާޅުވީ ރައީސް އެގޮތަށް ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ ހިޔާލު އެގޮތަށް ހުރުމުންނެވެ.
"ކުރީގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުތައް ބޮޑުވެ، ސޯޝަލް މީޑިއާގައި ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އެ ވާހަކަތަކަށް ރިއާޔަތް ކުރައްވައި ރައީސް ވިދާޅުވީ އެއީ ފެނިވަޑައިގަންނަވާ ކަމެކޭ،" މެންބަރު ވިދާޅުވި އެވެ.
ރައީސް އެކަން ޕީޖީ ގްރޫޕުގެ މެމްބަރުންނާ ހިއްސާ ކުރެއްވީ ރަސްމީ ހުށަހެޅުމެއްގެ ގޮތުގައި ނޫން ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.
ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދިފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސް ހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ. އަދި މިހާރުގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖް ބޭނުން ކުރުމުގެ ހަރަދުތަކަށް މިދިޔަ އެއް އަހަރު ތެރޭގައި 1.5 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ. މަޖިލީހުގެ ކުރީގެ މެމްބަރުން އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ މަހަކު ދައުލަތުން އިނާޔަތެއް ދޭއިރު، ކުރީގެ ރައީސުންނަށް ވެސް ދައުލަތުން ކޮންމެ މަހަކު މާލީ އިނާޔަތްތައް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިލާޑިލައިޓް
09 September 2025
ކުޑަކުރަންވީކީނޫން އެއްކޮށް ކަނޑާލަންވީ، ސިވިލްސާވަންޓުންނަށް އޮންނަގަވަޢިދު އެހެން ހުރިހާ އެންމެންނަށްވެސް އޮންނަންވާނީ، ޕެންޝަނާއި ހަމައަށް ދެވިއްޖެނަމަ އެ ބެނިފިޓް އެކަނި، އަދި ހަމަ އެހެންމެ، ސަރުކާރުގެ ޚަރަދުގައި އާސަންދަ ފިޔަވައި އެހެން އެއްވެސް އިންސްއަރެންސެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވާނެ، ސަރުކާރުން ހިލޭ ފޯރުކޯށްދޭ އެއްވެސް ޚިދުމަތެއްގައި ރައްޔަތު މީހާއާއި އެހެން އެއްވެސް ސަޚްސަކާއި ތަފާތު ކުރެވިގެނެއް ނުވާނެ.
ފިރާގް
09 September 2025
ވަރަށްވެސް މުހިންމު ކަމެއް، އޭރަށް މަނިކުފާނުގެ އިހުލާސްތެރިކަންވެސް ރައްޔިތުންނަށް އެގިގެންދާނެކަން ޔަގީން، އެއީ މާދަންވެސް މަނިކުފާނުގެ 5 އަހަރު ނިމުނީމަ މަނިކުފާނަށްވެސް ތި އެލެވަންސް ލިބިގެންދާނެ. އަވަށް ތިކަން ކުރައްވާ
ޒައިދާން މުހައްމަދު
09 September 2025
ރައީސްއެވެ. މިކަން މިގޮތައް ނިންމާފި ނަމަ ރައީސްއަށް މިރާއްޖޭގެ ގިނަ ރައްޔިތުންގެ ތާއީދު ލިބިގެންދާނެކަން ޔަގީނެވެ. އެހެންވީމާ ލަސްނުކޮށް ތި އިސްލާހު މަޖީލީހަށް ހުށައަޅައި އެކަން ތަންފީޒު ކުރާށެވެ.
ރާވެރިބެ
09 September 2025
ކުރީގެ މެމްބަރުންނަށް ދޭ ހުރިހާ އިނާޔަތް ކަޑާލަން ގޮވާލަން. އަދި ކުރީގެ ރައީސުންނާ ނާއިބު ރައީސުންނަށްދޭ އެލަވަންސްގެ %50 ކަޑާލާ ،އޮފީސް ޚަރަދޭ ކިޔާފަދޭ ހުރިހާ ފައިސާއެއް ކަޑާލަން ޖެހޭ. ރައީސްކަމުން ވަކިވީމަ ވަކި "އޮފީހެއް" ހިންގާކަށް ނުޖެހޭ. މީ ޑިޖިޓަލް ޒަމާން. މީގެ ބޭރުން ލިބެންޖެހޭނީ އެހެން ރައިޔިތުންނަށް ވެސް ލިބޭ އާސަންދައާ މުސްކުޅި އެލަވަންސް އާ މިކަހަލަ އެއްޗިހި. ބޭނުމީ ހަރުދަނާ އިސްލާހު. ވަކި މީހަކަށް ވަކިގޮތެއް ހެދުން ނިމުމަކަށް ގެނޭ!
ބަތްކައްކާ
09 September 2025
ކުރީގެ މެމްބަރަކަށްވީތީ ނުޖެހޭ އެއްވެސްއެއްޗެެއްދޭކަށް. އެއްނޭވާއިން ނުކިޔޭ އަދަދުގެ މުސާރަދީފަ އަދި ނުހޮވުނީމަވެސް އިނާޔަތްދެންޏާ ދެން އަހަރިމެން މިކީއްކުރާބައެއް. މެމްބަރުން އެއީ ރިސޯޓާ ބޮޑެތި ވިޔަފާރިތަކުގެ ވެރިންނަށްވެފަ ތިބެނީ ދައުރުނިމޭއިރު. ވިސްނާ
ކޮރަލް
09 September 2025
މަޖްލީހުގަ އޮތީ ރައީސް ގެ މެޖޯރިޓީ އެވެ. މިއަދު ބުނެފި ނަމަ މިހަފްތާގަ ވެސް ތިޔަ ކަން ވެދާނެ އެވެ. އެއީ ސިއްރެއް ނޫނެވެ.
މެންބަރ
09 September 2025
އެއްކޮށް ކަނޑާލަންވީ!! ކުޑަކުރަންވީ އެއްނުން!
އެކޮއި
09 September 2025
އަޅެފަހެ އަޖައިބެއްނޫންތަ؟ އަތުންފައިން މަސައްކަތެއްނުކޮށް ރައްޔިތުންގެ ފައިސާއިން ތިހެން ކައިގެން ބޮއިގެން އުޅެން ހަމަ އޯކޭއީތޯ؟ އެހެންވިއްޔާ ދެންވެސް ތިބި ބަޔަކަށް ތިގޮތަށް ދާއިމަށް މުސާރަދޭންވީނޫންތޯ. ވިހި ތިރީސް އަހަރުވަންދެން ބުރަ މަސައްކަތްކޮށްގެންވެސް ނިކަމެތި ރައްޔިތުމީހާއަށް މިއުޅެނީ މަހަކު ދިހަހާސްވެސް ނުޖެހިގެން. އެކަމަކު ތިބުނާމީހުން މަޤާމުގައިތިބޭއިރު ޤައުމަށް ނުކަތާވަރުގެ ބޮޑު މުސާނަގާ. އަދި އޭގެފަހުން މުޅިޢުމުރަށްވެސް އެ އެބަލިބޭ.
ސަލީމާ ފަރީޙް
09 September 2025
ތިވެސް ކުޑަކުރަންވީއެވެ. އަދި ވޯޓަށްޓަކާ އެކުލަވާލި އަންހެނުން ކޮމިޓީތައްވެސް އުވާލަންވީއެވެ. ހަފުތާއަކު 1 ދުވަހު ސޮއިކުރުމުން މަހަކު 5000، 6000 ރ ލިބެއެވެ. އެކަމަކު ޑިގުރީ ހަދައިގެން ތިބި އިދާރީ މުވައްޒަފުންނަށް ގެއަށް ގެންދަން ލިިބެނީ ކިރިޔާ 6000ރ އެވެ. ހަމަ ސިވިލްސަރވިސްގައި ސީނިއަރ ނަރުހުންނޭ ކިޔާ ބަޔަކަށް 35000ރ ޕްރިންސިޕަލުންނަށް 35000ރ ޑިގުރީ ނަރުހުންނަށް 25000ރ ލިބެއެވެ. މީ ކޮން އިންސާފެއްތޯއެވެ. ބާޒާރުއަގުތައް ހަމަ އެއްއަގަށެވެ.
އަހުސާ
09 September 2025
ހަމަ ތި ރައީސެއްނު އުއްތަމަ ފަނޑިޔާރުގެ އިނާޔަތް ބޮޑުކުރީ