އިޒްރޭލުގެ ހަމަލާއެއް ގަތަރުގައި އަމާޒުކުރި އިމާރާތެއް: އިޒްރޭލުގެ ހަމަލާތަކުގައި ހަ މީހަކު މަރުވިޔަސް އޭގެތެރޭގައި ހަމާސްގެ ލީޑަޝިޕްގެ މީހަކު ނުހިމެނޭ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
10 ސެޕްޓެމްބަރ 2025 - 13:24
އިޒްރޭލުން އިއްޔެ ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާގައި އެ ބޭފުޅުން ސަލާމަތްވި ކަމަށާއި އެކަމަކު ހަ މީހަކު މަރުވި ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
މި ހަމަލާގެ މައްސަލަ ބޮޑުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް ނުރުހުމުގެ ރާގުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި މުޅި ދުނިޔެއިން ދަނީ ހަމަލާ ކުށްވެރިކުރަމުންނެވެ.
ހަމާސް އިން ބުނީ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ ޖަމާއަތުން މަޝްވަރާތަކުގައި އުޅުއްވާ ޚަލީލް އަލް ހައްޔާގެ އެހީތެރިއަކާއި ފިރިހެން ދަރިއަކު ހިމެނޭ ކަމަށެވެ. ހަމަލާގައި ލީޑަރުން ސަލާމަތްވި ކަމަށް ބުންޏެވެ. ގަތަރުން ބުނި ގޮތުގައި އެ ގައުމުގެ ސެކިއުރިޓީ އޮފިސަރަކު ވެސް ވަނީ މަރުވެފަ އެވެ.
މަރުވި މީހުންގެ ތެރޭގައި ދެން ހިމެނެނީ ބޮޑީގާޑުންގެ ތިން މީހަކު ކަމަށް ހަމާސް އިން ބުންޏެވެ.
ވައިޓް ހައުސް އިން ބުނި ގޮތުގައި ގަތަރަކީ އެމެރިކާގެ ގާތް އެކުވެރިއަކަށް ވާއިރު އިޒްރޭލުން މި ދިން ހަމަލާއަށް ޓްރަމްޕު ތާއީދެއް ނުކުރައްވަ އެވެ. އަދި ހަމަލާދޭން އުޅޭ ކަމުގެ އިންޒާރު އެމެރިކާއިން ގަތަރަށް ކުރިން ދިން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ގަތަރުން ބުނީ އެމެރިކާއިން ދުރާލައި އިންޒާރު ދިން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. ހަމަލާގެ ވާހަކަ އެމެރިކާއިން އެންގީ އިޒްރޭލުން ހަމަލާދޭން ފެށި ފަހުން ކަމަށް ގަތަރުން ބުންޏެވެ.
ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިޒްރޭލުގެ މި ނޭއްގާނީ އަމަލުގެ ރައްދު ދިނުމުގެ ހުރިހާ ހައްގެއް ގަތަރަށް ލިބިގެންވާ ކަމަށާއި މިއީ ސަރަހައްދަށް ވަރަށް މުހިންމު ވަގުތެއް ކަމަށެވެ.
ގަތަރުން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތައް ހަމާސްގެ ލީޑަޝިޕްގެ ބޭފުޅުން އުޅުއްވާ އެކި ގެތަކަށް އަމާޒުކުރި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ވަނީ މި ހަމަލާއަކީ ހޯމަ ދުވަހު ގުދުސްގައި ބަޑިން ހަމަލާދީ އިޒްރޭލުގެ ހަ މީހަކު މަރާލުމުން އެކަމުގެ ބަދަލުހިފުމަށް ދޭން އެންގި ހަމަލާއެއް ކަމަށް ބުނެފަ އެވެ. މި ހަމަލާގެ ޒިންމާ ހަމާސް އިން ވަނީ އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
10 September 2025
ރަނގަޅުވާހަކައެއް. ގަޠަރަކީ އެމެރިކާއާ ގުޅިގެން ހަމާސްގެ ވެރިންނާއި އަރަބި ދުނިޔޭގައި އިސްރާއީލާ ދެކޮޅު މީހުން ހޯދައި އަލްޖަޒީރާ ނޫހުންވަޒީފާދީ އިސްރާއީލާ ދެކޮޅު ޕްރޮޕެގެންޑާ ބައެއް. އެމީހުންނަށް އިސްރާއީލުން ހަމަލާދިނީ. ގަޠަރަކަށް ނޫން.
އަފަރާޒިޔާބު
11 September 2025
އެހެންވީމަ މި ހަމާލައަށް އަފްރާސިޔާބު ތާއީދުކުރާ މޭރުމަކުންތާ ތި ވަހާކަދައްކަނީ އިސްރާއީލާދެކޮޅަށް ޕްރޮޕެގެންޑާ ފަތުރާ އެމީހުން އިނދަޖައްސާލުމަކީ މި އުއްމަތުގެ މައްޗަށް ލާޒިމުކަމެއް ކުށެއް ނެތް އެތައް ބަޔަކު ކުޑަކުދިން ހިމެނޭ ގޮތަށް ރެއާދުވާލު އިސްރާއީލުން މަރަމުންދާއިރު އެކަމާއި ޢަމަލުން ދެކޮޅު ނުހެދޭނަމަ ބަހުންވެސް ދެކޮޅުވާންޖެހެ އެމީހުން އެ ހިންގަނީ ދުނިޔޭގައި މަދުންނޫނީ ނުފެންނަ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް..