އަރަބިއްޔާ ސްކޫލު ކުރިން ހިންގި އިމާރާތް: އެ އިމާރާތުގައި ހުރީ ވަރަށް ބޮޑަށް ރެނދުލާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
11 ސެޕްޓެމްބަރ 2025 - 11:50
ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލަން، އެތަން ހުސްކުރަން ފަށައިފި އެވެ.
އެ އިމާރާތުގައި ދަރިވަރުން ކިޔެވުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ބަދަލުކުރީ، ޖެނުއަރީ، 2023ގަ އެވެ. މީގެ 10 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި އެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ވަނީ ރެނދުލައިފަ އެވެ.
ދަރިވަރުން ބަދަލުކުރުމަށް ފަހު، އެ އިމާރާތުގެ އެއްބައި ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަނާއި އެޑިޔުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެ ތަނުގައި އިމާރާތް ހުރުން ވެސް ރައްކާތެރި ނޫން ކަމަށް ބެލެވޭތީ އިމާރާތް ތަޅާލުމަށް މުދާތައް ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލު ހިންގި އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި.--
"ރައްޔިތުންނާއި އެތަނަށް ވަދެ އުޅޭ މީހުންގެ ރައްކާތެރިކަމަށް ބަލާފައި ތަން ހުސްކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެންގުމާ އެކު އެތަނުގައި ހުރި ހުރިހާ މުދާތަކެއް ނަގައި، ސްކައުޓާއި ކެޑޭޓްގެ އޮފީސް ވެސް ހުސްކޮށް މުދާތައް ނެރެމުން މިދަނީ،" އިސްމާއިލް ވިދާޅުވި އެވެ.
އަންނަ މަހު 10ގެ ނިޔަލަށް އެ އިމާރާތުގައި ހުރި ހުރިހާ މުދަލެއް ހުސްކުރަން އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މުދާތައް ހުސްކޮށް ނިމުނުހާ އަވަހަކަށް އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.
އެ އިމާރާތުން އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށެވެ. އޭގެ ފަހުން ދުވަސްތަކެއް ވަންދެން އެ ތަނުގައި ކިޔަވައިދިނުމަށް ފަހު އަރަބިއްޔާގެ ކުދިން މިހާރު ތިބީ ދަރުމަވަންތަ ސްކޫލް ކުރިން ހިންގި އިމާރާތުގަ އެވެ.
އަަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގެ ތަނބުތަކުގައި ރެނދުލާފައި.-- ފަޔާޒް މޫސާ/މިހާރު
ގާތްގަނޑަކަށް 900އެއްހާ ދަރިވަރުން ކިޔަވާ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް އާ އިމާރާތެއް ނުލިބި، އެއް ތަނުން އަނެއް ތަނަށް ބަދަލުވުން އާންމުވުމުން އެ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާ މިދިޔަ ސަރުކާރުގައި ވަރަށް ބޮޑުވި އެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އިމާރާތް އަޅަން ދިނީ ބާ ޖަމާލުއްދީން ހުރި ބިމެވެ. ނަމަވެސް މި ސަރުކާރު ބަދަލުވެ އެ ސްކޫލުގެ ބެލެނިވެރިން އެދުނު ގޮތަށް، ކުރީގެ ކުނިކޮށި ހުރި ބިމުގައި މިހާރު ވަނީ އެ އިމާރާތް އަޅަން ފަށައިފަ އެވެ. އަދި އެއީ، އަރަބިއްޔާގެ ދާއިމީ ބިން ކަމަށް އެ މަނިކުފާނު ވަނީ ނިންމަވައިފަ އެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އެ ތަނުގައި މިހާރު ކުރަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗިޗަންޑާ×ދޒޗ
11 September 2025
ރައީސް ނަޝީދުގެ ވެރިކަމުގައި އެޅި އިމާރާތެއް. އެހާ އަވަހަށް ހަލާކުވި ސަބަބު ބަލައި މަސައްކަތް ކުރި ކުންފުންޏަށް ފިޔަވަޅު އަޅަން ނުވޭބާ؟
ކުރަކަޑައިލް
11 September 2025
ލައްކަ ޒަމާންވެއްޖެދޯ އަމިއްލަޔަށް ނުވެެއްޓި ރެނދުލީ ފަހުންވެސް.
ދޮހޮއްތު
11 September 2025
ކުރީގެ ސަލާހުއްދީން ބިލްޑިންގ (ބިލަބޮނގ) ކުރިމަތި އެތަން ހަލާކުވިލެއް އަވަސްކަމައް ބުނެ ފާޑުކީ ނަސީދު ސަރުކާރުން އެޅި ތަނެއްތީ 10 އަހަރުނުވޭ ތަން ފުނޑިއްޖެ … ނަސީދައް ވ ސަލާން
އެސްޖޭ
11 September 2025
ކޮބާ އެސްޖޭ ގެ ވާހަކަ؟
ކޮންކަމެއް
11 September 2025
ސަމާލު އަރަބިއްޔާ އަޅާ ތަނަކީ ސްކޫލެއް އަޅަން އެންމެ އެކަށީގެންވާ ތަނެއް ނޫން. ބޮޑު އައިވޭއެއް ކައިރީގައި ޔުނިވަރސިޓީއާއި ވިލާ ކޮލެޖް/ހައިސްކޫލް އާއި އިތުރު ދެ ސްކޫލާއި އޮފީސް އިމާރާތެއް.
ޝޮކްތެރަޕީ.
11 September 2025
7 އަހަރު ނުވެ އިމާރާއް ހަލާކުވީ.
އައްޑު ހިދަދޫ
11 September 2025
މި އިމާރާއް ހަދަން ހަވާލުކުރީ އެމްޑީޕީ މީހެއްްގެ ކުންފުން ޏަކާ
އަރަބިއްޔާ
11 September 2025
10 އަހަރުތެރޭގައި ފަނާވެގެންދިޔަ ތިޔަހާ ފެންވަރު ރަނގަޅު ޢިމާރާތެއް އަޅައިދިނީ ކޮންބައެއްތޯ؟ އަދި ކޮން އަގަކަށްތޯ؟ ހަމަޔަަޤީނުންވެސް ކޮންމެވެސް ކޮންސްޓްރަކްޝަން ކުންފުންޏަކުންތާ ތިކަންކުރީ؟ އެބަޔަކަށް ވަރަށް ވެދުމާއި ސަލާމް
ޢިބާ އަލީ
11 September 2025
މި އިމާރާތުގެ މަސައްކަތް ކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ. ކިހާބޮޑު އިސްރާފެއް.
މަބުނީ
11 September 2025
އޭބީސީ ކޮންސްޓްރަކްޝަން.
1206
11 September 2025
ކޮންސްޓްރަކްޝަން އެކްސްޕަރޓުން، ޚާއްޞަކޮށް މަސީ އިން އުޅުނު، އަރަބިއްޔާގެ ހާލަތަށް ވުރެ، ކަންތައް ބޮޑުކޮށްގެން ބަޔަކު އުޅުނީ ކަމަށް ދައްކަން.