ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަނީ.
14 ސެޕްޓެމްބަރ 2025 - 23:20
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިންތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ، އެ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރަން މިއަދު ފަށާފައިވާ ކަމަށެވެ. އަދި ވަގުތީ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ތަންތަނުން ގޯތި ލިބުނު މީހުންނަށް، ކޮންޓްރެކްޓަރުން ބިން ދޫކޮށްލުމުން އެތަން ހަވާލު ކުރާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލު ގެނައުމާއި ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސުމުން އައި ބަދަލުތަކާ އެކު، ކުރީގެ ރަޖިސްޓްރީތައް ބާތިލްކުރި އެވެ. އެހެންވެ، މިދިޔަ މެއި މަހު ވަނީ އަލުން ގުރު ނަގައި ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައިފަ އެވެ.
މި މަހުގެ ކުރީކޮޅު ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އޭގެ ފަހުން 1،260 މީހަކަށް ގޯތީގެ ރަޖިސްޓަރީ ހަދައިދީ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. ޖުލައި މަހުން ފެށިގެން ގޯތީގެ ރަޖިސްޓަރީ ދޫކުރަމުން އަންނައިރު، އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާ މި ހަފުތާގައި ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ކުރިން ވެސް ބުނެފައިވެ އެވެ.
އާ ރަޖިސްޓްރީއަށް މިދިޔަ އޮގަސްޓް މަހު ހުޅުވާލިޔަސް ގޯތި ލިބުނު ބައެއް މީހުން ދަނީ ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދަމުންނެވެ. އެ މީހުން ބުނާ ގޮތުގައި އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރަ އެވެ.
އެ މައްސަލަ ބޮޑުވެ މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ވަނީ ކުރީގެ ސަރުކާރުން އެ މީހުންނާ އެކު، ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެދުރު1
15 September 2025
މާލޭގެ ރައްޔިތުންގެ ގޮތުގައި ދަފުތަރުގައި ތިބި އެތައް ބައެއްގެ ހައްޤުތަކަށް އަރައި ގަނެ ނާއިންސާފުން އަމަލު ކުރި މީހުންނަށް އިންސާފު އަރައި ހަމަކުރާނެ. މިދުނިޔޭގައި ނޫނީ މަރުވުމަށް ފަހުވެސް . އެމީހުންނަށް މައާފެއް ނެތް
ރައިކް
15 September 2025
ގިރާވަރުފަޅުން ލިބުނު ގޯތި ކޮބާ؟
ޖައިލަމްް
15 September 2025
ކޮބާތަ އެމްޑީޕީ ބައިބޮޓުން. މިހާޜު ދައްކާނެ ބަހާނާއެއް ނެތީތަ. ކޮބާތަ އެކި ވައްތަރު ވައްތަރުގެ ޔޫނިއަންތަށް. ސައިޒުވީދޯ.
ދެރަ
15 September 2025
މަހުޖަނުން ގެ ބިން ތައް.ދެން އަހަރެމެން ކުރާނީ ކީއް
އިންސާފުގާރު
15 September 2025
ފޭސް 3 ގެ ގޯތިތަށް ދޫކުރައްވާނީ ކޮންއިރަކުންތޯ...އެއް ސްކީމެއްގެ ދަށުންގޯތިލިބުނު އެންމެންގެ މެދުގައި ހަމަހަމަކަން އޮންނަންޖެހޭ.
ކަޑަބޮއް ސައީދު
15 September 2025
ކޮބާތޯ ފޭސް 3 ކުން ލިބެންޖެހޭ ގޯތިތަށް؟؟؟؟
އަފްނާންް
15 September 2025
ކެތްތެރިވެބަލަ. އެންމެނަށްވެސް ލިބޭނޭ ގޯތިތަށް. ދުނިޔެ އަދި ސަލާމަތުން އެބައޮތް، ރައީސް މުއިއްޒު ވައުދާ ހިލާފެއްނުވާނެ.
އަޖުމަ
15 September 2025
ރަޖިސްޓަރީ ނުދެނީދެން ކީއްވެ. ވާޖިބުތަކަށްތަ ދެނީ. ފުލެޓް ވެސްބަހަނީ. މިންކޮޅުގެ ލިއުން ދޭން ދެކޮޅު ތިހަދަނީ ކީއްވެ؟