ދުނިޔެ / ފޮސިލް ފިއުލް

ފޮސިލް ފިއުލް އުފެއްދުމުގެ ޕްލޭންތައް ތިމާވެށީގެ ޕްލޭންތަކާ ދިމައެއްނުވޭ: ދިރާސާ

ސައުދީއަރަބިއްޔާގެ ތެޔޮސާފުކުރާ ކާރުހާނާއެއް. ފޮޓޯ:އޭއެފްޕީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޮސިލް ފިއުލް އުފައްދަން ކޮށްފައިވާ ޕްލޭންތައް ހުރީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ކޮށްފައި ހުރި ޕްލޭންތަކާ ދިމާނުވާ ގޮތަށް ކަމަށް އިއްޔެ ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.

އެކި ގައުމުތަކުގެ 50 ދިރާސާވެރިން ބައިވެރިވެގެން ކުރި އެ ދިރާސާގައި އަޅާކިޔާފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން، ގައުމުތަކުން ސޮއިކޮށްފައިވާ ޕެރިސް ކްލައިމެޓް އެކޯޑާއި ފޮސިލް ފިއުލް އުފެއްދުން އިތުރުކުރަން ގައުމުތަކުން ކޮށްފައިވާ ޕްލޭންތަކެވެ. އެގޮތަށް އަޅާކިއުމުން އެނގުނީ އެ ދެ ޕްލޭންގެ ދެމެދުގައި ބޮޑު ފަރަގެއް އެބަ ހުރި ކަމެވެ.

"ގައުމުތަކުން އިޖުމާލީ ގޮތެއްގައި މިހާރު ޕްލޭންކުރަމުން ދަނީ މީގެ ދެ އަހަރު ކުރިން ވެސް ނުއުފައްދާ ވަރަށް ފޮސިލް ފިއުލް އުފައްދަން،" ޕްރޮޑަކްޝަން ގެޕްގެ ނަމުގައި އެކުލަވައިލި އެ ރިޕޯޓްގައި ބުންޏެވެ.

ޕެރިސް އެކޯޑްގައި ގައުމުތަކުން އިގުރާރުވީ ސިނާއީ އިންގިލާބުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރި ވަރަށް ވުރެ ދެ ޑިގްރީ ސެލްސިއަލް އަށް ދުނިޔެ ހޫނުވިޔަ ނުދޭން މަސައްކަތް ކުރުމަށެވެ. އަދި އެންމެ ރައްކާތެރި މިންވަރުކަމަށްވާ 1.5 ޑިގްރީ ސެލްސިއަސް އަށް މަސައްކަތް ކުރަން ވެސް އެއްބަސްވި އެވެ.

ދިރާސާއިން އެނގުނު ގޮތުގައި ތެލާއި ގޭހާއި ބޯޓު ދެލި އުފައްދަން 2030 ވަަނަ އަހަރާ ހަމަައަށް ކޮށްފައިވާ ޕްލޭންތަކުގައިވާ މިންވަރަށް އެ ބާވަތްތައް އުފައްދާ ނަމަ އެއީ ސިނާއީ އިންގިލާބުގެ ކުރިން ފިނިހޫނުމިން ހުރި ވަަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން މަތިވިޔަ ނުދިނުމަށް ޓަކައި މަދުކުރަން ޖެހޭ ވަރަށް ވުރެ 120 ގުނަ އިތުރު މިންވަރެކެވެ.

އަދި އެއީ ސިނާއީ އިންގިލާބުގެ ކުރިއަށް ވުރެ ދެ ޑިގްރީ ސެލްސިއަލް އަށް ފިނިހޫނުމިން މަތިވިޔަ ނުދީ ހިފަހައްޓަން ފޮސިލް ފިއުލް މަދުކުރަން ޖެހޭ ވަރަށް ވުރެ ވެސް 77 ޕަސެންޓް އިތުރު މިންވަރެކެވެ.

މިއީ 2023 ވަނަ އަހަރު ޕްރޮޑަކްޝަން ގެޕް ރިޕޯޓް އެކުލަވާލި އިރު އެ ދެމެދުގައި ހުރި ފަރަގަށް ވުރެ ވެސް ބޮޑު ފަރަގެކެވެ. އިއްތިފާހުން އެ އަހަރަކީ ދުބާއީގައި ބޭއްވި ކޮޕް 28 ސަމިޓް ބޭއްވި އަހަރެވެ. އެ ސަމިޓްގައި ގައުމުތަކުން އެއްބަސްވީ ފޮސިލް ފިއުލް މުޅީން ދޫކޮށް އިއާދަކުރަނިވި ހަކަތައަށް "ޓްރާންސިޝަން"ވުމަށެވެ.

ޗައިނާގައި ބޯޓުދެލި ބޭނުންކުރާ މިންވަރު އިތުރުވުން މަޑުޖެހިލާފައި ވާއިރު ގޭހުގެ ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. ޑިމާންޑް ބޮޑުވި ގޭހުގެ ތެރޭގައި ދުނިޔެ ހޫނުވުމަށް މެދުވެރިވާ ބާވަތެއް ކަމަށްވާ މީތޭން ގޭސް ހިމެނެ އެވެ.

ކަން މިހެން ހުރި އިރު ޕެރިސް އެކޯޑްގައި ބައިވެރިވެފައިވާ ހުރިހާ ގައުމަކުން ވެސް އާ ކްލައިމެޓް ޓާގެޓްތަކާއި ދުނިޔެ ހޫނުވުމަށް މެދުވެރިވާ ބާވަތްތައް މަދުކުރާނެ ގޮތުގެ ތަފްސީލީ ޕްލޭންތައް އަންނަ ނޮވެމްބަރު މަހު ބްރެޒިލްގައި ބާއްވާ ކޮޕް 30 ސަމިޓަށް ހުށަހަޅަން ލާޒިމެވެ.

"ފޮސިލް ފިއުލް އުފައްދާ ވަރު މަދުކޮށް، ގްލޯބަލް އެމިޝަންސް ދަށްކުރުމުގައި ގައުމުތަކުން އިޖުމާލީ ގޮތެއްގައި ނާކާމިޔާބުވެފައި ވާތީ، އެ ބާވަތްތައް މަދުކުރުމުގެ އަމާޒަށް ވާސިލުވާން އަލުން މަސައްކަތް ކުރާ ނަމަ އެ ބާވަތްތައް އުފެއްދުން މަދުކޮށްލަން ޖެހޭނީ މާ ބޮޑުތަނުން،" ރިޕޯޓްގައި ބުނެފައިވެ އެވެ.

ސިނާއީ އިންގިލާބާ ހިސާބުން ފެށިގެން، ހަކަތައިގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ތެލާއި ބޯޓުދެއްޔާއި ފޮސިލް ގޭހަކީ އިންސާނުންގެ ކުރާ ކަންތައްތަކުން ދުނިޔެ ހޫނުވާ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބެވެ.

އެމެރިކާ، ސައުދީ އަރަބިއްޔާ އަދި ރަޝިޔާ ހިމެނޭ ގޮތުން ތެލާއި ގޭހާއި ބެހެމޮތު އެންމެ ގިނައިން އުފައްދާ 20 ގައުމުގެ ތެރެއިން 17 ގައުމަކުން ޕްލޭންކޮށްފައި އޮތީ 2030 ވަނަ އަހަރާ ހަމައަށް، ފިއުލް އުފައްދާ މިންވަރު އިތުރުކުރަން ކަމަށް ވެސް ދިރާސާ ސިޕޯޓްގައި ބުންޏެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުދުބެއްޔާ

25 September 2025

ޓްރަމްޕްބޭ ބުނީ ދުނިޔެ ހޫނު ވުމާ ގުޅެގޮތުން ތި ދައްކާ ވަހަކަތަކަކީ މޮޔަ ވާހަކަ ތަކެއކަމަށް، ވެދާނެ ޓްރަމްޕްބެ އަކީ މޮޔަ އަކަށް ވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454