ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ނިންމުން އަވަސް ކުރަން ރައީސް ވަނީ އަންގަވާފައި.
ދެހާސް ތޭވީސް ވަނަ އަހަރުގެ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް އެ އަހަރުގެ ޑިސެމްބަރު 7 ގައި އޭސީސީން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒާއި އެ ކޮމިޝަންގެ ރައީސް ޝާމިލް އަދި ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.--- ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
27 ސެޕްޓެމްބަރ 2025 - 00:38
އެކި ސަރުކާރުތަކުގެ ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެސެޓް ރިކަވަރީ ގާނޫނެއް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް، ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ފަހު ދައުރަށް އަންނަ މަހު ހުޅުވުމުން ސަރުކާރުގެ ފަރާތުން އެސެޓް ރިކަވަރީ ބިލެއް ފޮނުވާނެ ކަމަށެވެ. އޭގެ ބޭނުމަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުރީގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމާ އެކު ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ކޮރަޕްޝަން ނައްތާލުމެވެ. މި ސަރުކާރުން ތިބީ ކޮރަޕްޝަން ނައްތާލަން ވަރަށް ތައްޔާރަށް ކަމަށާއި ސަރުކާރުގެ ތެރެއިންނާއި ދައުލަތުގެ ތެރެއިން އެ ވަބާ ނައްތާލާނެ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
ސަރުކާރުން ޑިޖިޓަލައިޒް ކުރަނީ އެ ވަބާ ނައްތާލަން ކަމަށާއި އޭރުން ވައްކަން ކުރުމާއި ކޮރަޕްޝަން ފަދަ ކަންކަން ހިންގުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތުހުމަތުވާ މީހާގެ އަތުން، މިހާރު މި އޮތް ނިޒާމުން އެއްވެސް އެއްޗެއް ނުހޯދޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މި ބިލު މަޖިލީހުން ނިންމައިދީ، ތަސްދީގުކުރަން ހަމަ ފޮނުވާ ދުވަހު ތަސްދީގު ކުރާނަން. އެ ބިލު ގާނޫނަކަށް ވާ ދުވަހުން ފެށިގެން، މީގެ ކުރިން މި ކަހަލަ ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ވަރަށް ބާރަށް ދާނެ ސަރުކާރުގެ އިދާރާތައް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ތިމަރަފުށީގެ ރައްޔިތުންނާ ބައްދަކުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފައިސާ ފޮރުވައިގެން އުޅޭ މީހެއް ނަމަ އެ މީހަކަށް އެ މަނިކުފާނު ފުރުސަތެއް ނުދެއްވާނެ އެވެ. އެއީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ޒިންމާއަކީ އަޅުގަނޑު ކޮށްފައިވާ ހުވަޔާ އެއްގޮތަށް އެ ކަންކަން ކުރުން. އެހެންވީމާ، ރައްޔިތުންގެ ފައިސާ، މިލިއަނުން ބިލިއަނުން މީހުންގެ އަތުގައި ހުރި ކަމަށް ވަންޏާ ކަމާބެހޭ އިދާރާތަކުން އެކަން ނިންމައިފިއްޔާ ތަންފީޒު ކުރުމަށްޓަކައި އެ ފައިސާ، އެސެޓު ހޯދުމުގައި މި ދެންނެވި ގާނޫނު މުހިންމުވޭ އެބަ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ އަށް ހެދި ގޮތް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ އިއްޔެ ރޭ ނެރުއްވި އޮޑިޓު ރިޕޯޓުން ފެނިވަޑައިގެންފައިވާ ކަމަށާއި އޭގައި އޮތީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިންނާއި އޭސީސީ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް އެ މައްސަލަތައް އަވަސް ކުރަން މަގާމުގެ ހައިސިއްޔަތުން މިހާރު އަންގަވާފައި ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ ރައްޔިތުންގެ ފައިސާ. މި ކުންފުނި ދަރައި، ކުންފުނި ހަލާކުވާން މި އޮތީ ހުރިހާ ކަމެއް މިގޮތަށް ކޮށްގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ބާރުގެ ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތުގެ ނާޖައިޒު ފައިދާ ނަގާފައިވާ ކަމަށާއި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރާނީ އެއްވެސް މީހަކަށް ބެލުމެއް ނެތި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ހަމައަކީ މީހާ އަށް ބެލުމެއް ނޫން، ކުރި އަމަލަށް ބެލުން. ސިޔާސީއެއް ނުވާނަން. އެ މީހަކު ކުރި ކަމެއް، އެއީ ކޮންމެ މީހަކު ކުރި ކަމެއް ވިއަސް އެ ކަމަށް އޮންނަން ޖެހޭ އެންމެ އަދުލުވެރި ގޮތަކަށް ކަން ކުރުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ، އެގޮތަށް އަޅުގަނޑު ކަންކުރާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑުގެ ޒިންމާއަކީ އަޅުގަނޑު ކޮށްފައިވާ ހުވަޔާ އެއްގޮތަށް އެ ކަންކަން ކުރުން. އެހެންވީމާ، ރައްޔިތުންގެ ފައިސާ، މިލިއަނުން ބިލިއަނުން މީހުންގެ އަތުގައި ހުރި ކަމަށް ވަންޏާ ކަމާބެހޭ އިދާރާތަކުން އެކަން ނިންމައިފިއްޔާ ތަންފީޒު ކުރުމަށްޓަކައި އެ ފައިސާ، އެސެޓު ހޯދުމުގައި މި ދެންނެވި ގާނޫނު މުހިންމުވޭ އެބަ،"--- ރައީސް
ކުރީގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލިއަސް މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އެކަން ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ރޭ ވެސް ވިދާޅުވި އެވެ.
"އަޅުގަނޑެއް ނުކުރާނެ އެ ކަމެއް. މިހާތަނަކަށް ވެސް ނުކުރަން. ނޫހުން އަޅުގަނޑަށް ފެންނަނީ އެކިއެކި ފަރާތްތައް ކޯޓަށް ގެންދަން ޗިޓު އަންނަ ވާހަކަ ހަމަ ހަގީގަތުގައި ވެސް. މިއީ ހަގީގަތް،" ރައީސް ވިދާޅުވި އެވެ.
"އެއްވެސް ފަނޑިޔާރަކަށް، އެއްވެސް ކޯޓެއްގައި ހުރި އެއްވެސް މީހަކަށް ނުބުނެވޭނެ ތެދު ބަހުން ވިދާޅުވަންޏާ އަޅުގަނޑު އެއްވެސް ފަރާތަކަށް ގުޅައި މިވެނި މައްސަލައެއް އަވަސް ކުރާށޭ، ލަސްކުރާށޭ، މިވެނި ގޮތަކަށް ހުކުމް ކުރާށޭ، ނުކުރާށޭ، ބުނި ކަމަކަަށް ނުބުނެވޭނެ. އަދި އަޅުގަނޑުގެ ފަރާތުން ވެސް މީހަކު ގުޅި ވާހަކައެއް ނުބުނެވޭނެ. އެއީ އަޅުގަނޑު ނުކުރާނެ ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
27 September 2025
މިގައުމުގެ މާލިއްޔަތުން ކުރާ ވައްކަން އަނބުރާ ނުހޯދެނީ ޤާނޫނެއް ނެތިގެނެއް ނޫން. އިންސާނާގެ ކިބައިގައި އަމާނާތްތެރިވުމަށް އޮންނާންޖެހޭ ޣީރަތްތެރިކަން ނެތުމުން.
އިލި
27 September 2025
އެހެންވިއްޔާ މުއިޒުވެސް ސަލާމަތެއްނުވާނެތާ .......... އެހާހިއްވަރެއްހުރިއްޔާ ނިކަން އުޅެބަލަ އެކަމު އިންސާފުވެރިވާންނާނެ .
ވައްކަމުގެ ލައިފްސައިކަލް
27 September 2025
މި ޤައުމުގެ ޙާލަތާ ބެހޭގޮތުން ބުނަންޖެހޭ އެއްޗަކީ: 1- ވެރިކަން ލިބުނީ 2- ސިޔާސީ މަޤާމުތަކަށާ ކުންފުނިތަކަށް ވަގުން ހަމަޖައްސަނީ 3- ވައްކަން ހަބޭހަށް ކުރަނީ 5 އަހަރުވަންދެން 4- މި މުއްދަތުގަ އޯޑިޓް ރިޕޯރޓެއް ނުނެރޭނެ 5- 5 އަހަރުވުމުން ވެރިކަން ބަދަލުވާނެ 6- އޯޑިޓް ރިޕޯރޓް ނެރޭއިރު އެންމެން އޮރިޔާން 7- މައްސަލަ ބަލަބަލާހުއްޓާ ވަގުން އަނެއްކާ ވެރިކަމަށް 8-އެހިސާބުން އޭ.ސީ.ސީ އިން ބުނާނެ ކޮރަޕްޝަނެއް ނޫނޭ 9- މައްސަލަ އަނބުރާ ގެންދާނެ 10- ރިޕީޓް
ނާސިހު
27 September 2025
މީ ރަނގަޅު ކަމެއް. ނަމަވެސް ކޮންމެ ސަރުކާރެއްގެވެސް ޙަރަދު އަދި ދަރަނި ބޮޑުވެ، އޮބި ނޯންނަ ވަރަށް ދަނީ ކޮރަޕްޝަން ބޮޑުވެގެން. އަދި އެފަދަ ކަންކަން މަދު ނުވާ ސަބަބަކީ، އެކަން ބަލަން ހެދޭ އެކިއެކި މުއައްސަސާތައް އަމާޒު ހިފަނީ "ކުރީ ސަރުކާރުގެ" ކަންކަން ހަމައެކަނި ބަލަން ކަމަށް ވާތީ.
މފއއ
27 September 2025
ބައްލަވާ ރައީސް! 5 މިނެޓުން ދެވޭ ދެރަށުގައި، އެއްފަޅުގެ ދެކޮޅުގައި އޮތް ދެރަށުގައި އެއާޕޯޓް އެޅުމަކީވެސް ހަމަ ކޮރަޕްޝަން. 300 މީހުން ހަމަނުވާ ރަށްރަށުގައި އެތައް މިލިޔަނުގެ ޕްރޮޖެކްޓްތައް ހިންގަން ސޮއިކުރުމަކީވެސް ކޮރަޕްޝަން. ޕާޓީކުދިންނަށް ހައްޤުނޫން ސިޔާސީ ވަޒީފާތަކާއި ނަންނަމުގައި ކުންފުނިހަދައި ކުންފުނިތަކުގައި މުސާރަދީފައި ބޭތިއްބުމަކީވެސް ކޮރަޕްޝަން.
އޮޑިޓްބޯއި
27 September 2025
އެއަރޕޯރޓްސް ކޮމްޕެނީގެ އެންމެ ފަހުގެ އޮޑިޓެއް ކުރީ ކޮންއިރަކުތޯ؟ އޮޑިޓް އޮފީހަށް ކެރޭނެތޯ އެއަރޕޯރޓްސް ކޮމްޕެނީގެ 2023-2025 ގެ ފުލް އޮޑިޓެއް ކޮށްލަން. ޗެލެންޖު މިކުރަނީ ފޫގޮއްސަ އޮތް ޖާޑީ އެއް ފެންނާނީ.
ދޮންކަރާ
27 September 2025
އިޚްލާސްތެރި ގޮތެއްގައި ތިކަމެއް ނުވާނެ. އެއީ ކުރީގެ ހައުސިންގ މިނިސްޓްރީގެ ކޮރަޕްޝަން ބެލީމައި ތިހެން ތިވިދާޅުވާ ބޭފުޅާ ގޮޅިއަކަށް ފެތޭނެތީ. ދެންޖެހޭނީ ބައެއްމީހުން އިސްތިސްނާކޮށްފައި އަނެއް ބައި މީހުން ގޮޅިއަކަށް ފައްތަން. އާޚިރުގައި ތިކަން ސިޔާސީ ކަމަކަށް ހަދައި ތިގާނޫނު އޮއްބައިލާނީ. ސަރުކާރަކަށް ފަހު ސަރުކާރެއް އެކަކުއަނެކަކާ ވާދައަށްހެން ކޮރަޕްޝަން ހިންގަނީ. ތިކަން ހައްލުވާނީ ކުރިއަށް ފިޔަވަޅުއަޅައިގެން. ފަހަތައް ބަލައިގެނެއްނޫން.
ފަހާން
27 September 2025
މިހާރު ކޮށްފަހުރި ހުރިހާ ކޮރަޕްޝަނެއް ވަޅުލީ..އެފައިސާއި މުދާ ވެދުމަށް އެރުވީ..
ސޯބު
27 September 2025
އަޅުގަނޑަށް ފެންނަން އޮތް ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަލާއިރު، ދެން ހަދަންޏާ ހަދަން ޖެހޭނީ ކޮރަޕްޝަނުނުން އެ ހޯދާ ނަފާ ހަލާލު ކުރެވޭނެ ޤާނޫނެއް. އަޅެ ފަހެ ޤާނޫނު ނެތިގެންތަ މި އުޅެނީ. އެ ތަންފީޒު ނުކުރެވިގެންނު ހުރިހާވެސް މައްސަލައަކީ.
ދުއްތުރާ
27 September 2025
ދޮގުހަދައިގެން ގަރާޖު ދައްކައިގެން ރިޝްވަތު ދީގެން ރަޖިސްޓަރީ ކުރި ވެހިކަލްތަކާއި ދޮގު މައުލޫތު ހުށަަޅައިގެން ފްލެޓް ހޯދައި ކުއްޔަށް ދީފައި ހުރި ފްލެޓްތަކަކީ ކޮރަޕްޝަނުން ހޯދި ތަންތަން. އެ އެއްޗެހި އަތުލެވޭނެތޯ