ރޭގެ މުޒާހަރާގައި އަނިޔާވި މީހަކު މަގުމައްޗަށް ވެއްޓިފައި ވާއިރު ފުލުހަކު ކައިރީގައި މަޑުކޮށްލައިގެން: މުޒާހަރާގައި ހާޓް އެޓޭކެއް ޖެހުނު މީހަކަށް ފަރުވާ ދެމުން އަންނައިރު އައިޖީއެމްއެޗުން ވަނީ ޕެޕަ ސްޕްރޭގެ ސަބަބުން ހާޓް އެޓޭކް ނުޖެހޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
04 އޮކްޓޯބަރ 2025 - 20:32
އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހުއްޓާ މީހަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާދެމުންދަނިކޮށް، ޕެޕާ ސްޕްރޭއަކީ އޭގެ ޒާތުގައި ހާޓްއެޓޭކް ޖެހެން މެދުވެރިވާނެ އެއްޗެއް ނޫން ކަމަށް ބުނެ އައިޖީއެމްއެޗުން މިރޭ ބަޔާނެއް ނެރެފި އެވެ.
ހާޓް އެޓޭކެއް ޖެހި، ހާލު ސީރިއަސްވެފައި ވަނީ އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އެވެ. ރޭ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅުވުމުން މިހާރު ވަނީ ސީސީޔޫއަށް ބަދަލުކޮށްފަ އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެ ވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ.
"ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން" ކަމަށް ބަޔާނުގައި ބުންޏެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ "ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން" ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. ހޮސްޕިޓަކުން ބުނީ ރޭ މުޒާހަރާގެ ތެރެއިން ހާޓްއެޓޭކެއް ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެހެންވެ މިހާރު ފަރުވާ ދެމުން އަންނަނީ ސީސީޔޫގައި ބާއްވައިގެން ކަމަށެވެ.
ރޭގެ މުޒާހަރާގެ ބައިވެރިއަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުނު ތިން ފުލުހަކަށް އަނިޔާވެގެން ވެސް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނު ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
މުޒާހަރާގައި ފުލުހުންނަށް އަނިޔާވި ކަމަށް ބުނިއިރު، ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާ ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ތުހުމަތު ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އެންމެ ބޮޑަށް ފާޑުކިޔުުން އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރި މައްސަލައިގަ އެވެ.
އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުން ކުރުމުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ ގޮތުން އެކި މައްސަލަތަައް ދިމާވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.
އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖިބްރީލް އަމީން
05 October 2025
ފުރަތަމަ އެމްޑީޕީގެ އެކްޓިވިސްޓުން ގާނޫނާ ގަވާއިދަށް އުޅެފަ އެހެން މީހެއްގެ ވާހަކަ ދެއްކެންވެސް އޮތީ... އެއްވީކީ މުޒާހަރާ ކުރާކަށް ނޫން. ހައިޖާނު ހިންގާ ގައުމު ހަލަބޮލި ކުރަންވެގެން.
ވޭޕް ސީއީއޯ
05 October 2025
ތިޔަ ހޮސްޕިޓަލްގެ ސީ،އީ.އޯ އަގުބޮޑު ކާރުކޮޅުގައި ވޭޕް ދަންމަވަމުން ދުއްވުމަކީ ކެންސަރުޖެހޭ ކަމެއްވެސް ނޫން! ހެހެހެ
ސިޔާސީ ނުވިތަނެއް ނެތް
05 October 2025
ކޮންމެތަނެއް ސިޔާސީ ވީމާ ކަމަކު ނުދާނެ. ވަކިން ހާއްސަކޮށް ހޮސްޕިޓާފަދަ ސްކޫލް ފަދަ ތަންތަން އެއްކޮށް ސިޔާސީ އޮއިވަރުގައި ނުޖެހުން ވަރަށް މުހިއްމު.
ފާރިޝް ފަހުމީ
05 October 2025
ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ތަނެއް އަހަރުންނަކަށް ނުފެނޭ. ސީދާ ބޭނުންކުރަން ޖެހޭ އެއްޗެސް ބޭނުންކުރީ. އަދި ގޮއްވި އެއްޗެސްގެވެސް އަޑު މަޑީ
ޑރ.ހައުލަތް އަލީ
05 October 2025
އަޅުގަނޑަކީވެސް 9 އަހަރު ޑޮކްޓަރކަން ކުރަމުން އަންނަ ބޭފުޅެއް. ލިބިފައި ހުރި ތަޖުރިބާގައި ހަމަ ޔަގީނުންވެސް ޕެޕަރ ސްޕްރޭއިން ހާޓް އެޓޭކެއް ނުޖެހޭނެ.
ސުހާނާ
05 October 2025
އަމިއްލައަށް ތިޔަ ބުނީ ތިމަންނާއަކީ "ބޭފުޅެއް" ކަމަށް. އަމިއްލައަށް މޮޅުފުޅުވާ "ބޭފުޅެއް" ދޯ ތިޔައީ؟ މީހަކު އަމިއްލައަށް ތިމަންނާއަކީ ބޭފުޅެކޭ ބުނީމާ އެ ވާނީ މަމޮޅު ކިޔާ މީހަކަށް. ތިމަންނާ އަމިއްލައަށް "އަހަރެން ވދާޅުވީ" އޭ އަމިއްލައަށް ބުނުން ކަހަލަ ކަމެއް އެއީ.
އަހްލަމް މުހައްމަދު
05 October 2025
އަސްލުވެސް. މިއީ އިދިކޮޅުން ހަދާ ދޮގެއް.!
ޓިޕިކަލްހޮސްޕިޓަލްބަޔާން
05 October 2025
އެއްވެސް ކަމެއް ވޭތަ އޭގެ ޒާތުގައި ކަންކަން ވަނީ އޭގެ ފަހަތުގައި ސަބަބެއް އޮވެގެން ކޯޒް އެންޑް އެފެކްޓް ، ފުލޯވްޑް ލޮޖިކެއް ނުން މިއީ
ކަންދަހާރު
05 October 2025
"ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް..." މިޔޮތީ ބުނެވިފައިނު ވީގޮތް
އަންމި
05 October 2025
މަށަކީ ބަލި މީހެއްކަން އިނގިހުރެ އަދި މުޒާހަރާއެއްގަ ޕެޕަރ ސްޕްރޭ ޖަހާނެކަން އިނގި ހުރެ އެތަނުގެ އެންމެ ކުރީ ސަފަށް އަރާ ހުރުމަކީ މަގޭ އަމިއްލަ ކުށް
އާފް
05 October 2025
ތި އެމްޑީޕީ އަކީ ގައުމަކައް ޖެހޭނެ އެންބޮޑު ބަލާޔާ މުސީބާތް ދޮގާ މަކަރާ އޮޅުވާލުން ހުރިހާކަމެއްގަވެސް
ޖިނާހްް
05 October 2025
އަސްލުވެސް
އަހައްމަދޫ
05 October 2025
ތިހާބަލިމީހުން ހިތްބަލިމީހުން ތިބޭނީ ގޭގަ ގުންފައި ޖަހާފަ މުޒާރަހާކަށް ނުނިކުންނާނެ