ދެ ޓީޗަރަކު ކުދިންނަށް ހަރަކާތެއް ހިންގުމަށް ތައްޔާރުވަނީ؛ ވަޒީފާގެ ސަބަބުން ނަފްސާނީ ބުރަކަން 93 ޕަސެންޓް ޓީޗަރުންނަށް ކުރިމަތިވާ ކަމަށް ދިރާސާ އިން ދައްކާ.
05 އޮކްޓޯބަރ 2025 - 12:29
ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައިވާ ގޮތުގައި، ދިވެހި ޓީޗަރުން ނުލިބުމެވެ. ކޮންމެ އަހަރަކު އެތައް ހާސް ކުދިން އޯ ލެވެލް އަދި އޭ ލެވެލް ނިންމިޔަސް މި ދާއިރާ އިން ކުރިއަށް ނުދާ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ އެއް ސަބަބަކީ ދާއިރާގައި މިހާރު ތިބި ޓީޗަރުން ގަބޫލުކުރާ ގޮތުގައި، ޓީޗަރަކަށް ވުމުން ކުރަން ޖެހޭ މަސައްކަތާއި އުޅެން ޖެހޭ ބުރަ ކަމެވެ.
އެ ބުރަ މާހައުލުގެ ސަބަބުން، ކުރިމަތިވާ ނަފްސާނީ މައްސަލަތައް ގިނަ ކަން ރާއްޖޭގައި ޓީޗަރުން ކުރި ދިރާސާ އަކުން ވެސް ވަނީ ދައްކައިފަ އެވެ. ވަޒީފާގެ ސަބަބުން ނަފްސާނީ ބުރަކަން 93 ޕަސެންޓް ޓީޗަރުންނަށް ކުރިމަތިވާ ކަމަށައި އެއީ ލަފާކޮށްފައިވާ މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް އެ ދިރާސާގައިވެ އެވެ.
އެމްއެންޔޫގެ ދެ ލެކްޗަރާއަކު ކުރި އެ ދިރާސާ ހުށަހެޅީ، މި އަހަރުގެ "ތެވެލި" ކޮންފަރެންސަށެވެ. މިއީ، ތަފާތު ދާއިރާތަކުން އެކި މައްސަލަތަކާ އޭގެ ހައްލުތަކާ ގުޅޭ ގޮތުން ދިރާސާ ކަރުދާސް ހުށަހަޅައި މަޝްވަރާ ކުރުމަށް އެމްއެންޔޫ އިން 2017 އިން ފެށިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ މަހާސިންތާ އެވެ.
މިދިޔަ އޮގަސްޓު މަހުގެ 18 އިން 20 އަށް ކުރިއަށް ގެންދިޔަ ތެވެލި ކޮންފަރެންސަށް އައިމިނަތު ނީނާ އާއި އައިމިނަތު ނަޝީދާ އެ ދިރާސާ ހެދީ، ކިޔަވައިދިނުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރާ ކަންކަމާ މެދު ޓީޗަރުން ދެކޭ ގޮތުގެ މައްޗަށެވެ.
ތައުލީމީ ދާއިރާގައި 10-30 އަހަރު ހޭދަކޮށްފައިވާ ޓީޗަރުންނާ ސުވާލުކޮށްގެން ތައްޔާރު ކޮށްފައިވާ އެ ދިރާސާ އިން ދެއްކި ގޮތުގައި، ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މަސައްކަތުގެ މާހައުލުގެ ސަބަބުން ނަފްސާނީ ގޮތުން ދިމާވެފައިވާ މައްސަލަތައް ގިނަ ވުމެވެ.
ޓީޗަރުންނާ ހަވާލުކޮށްފައިވާ ގިނަ އަދަދެއްގެ ތައުލީމީ އަދި އިދާރީ މަސްއޫލިއްޔަތުތަކުގެ ސަބަބުން، އަމިއްލަ ދިރިއުޅުމާއި މަސައްކަތު މާހައުލުގައި ވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަަމަށް ދިރާސާގައި ވެ އެވެ.
ދިރާސާގައި ބުނީ ޓީޗަރުން ކުރިމަތިލާން ޖެހޭ އެފަދަ ކަންކަމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވުމާއި މަސައްކަތުގެ ހަރުދަނާކަން ގެއްލި ދަރިވަރުންނާ މެދު އޮންނަ ގުޅުމަށް ވެސް އަސަރުކުރާ ކަމަށެވެ.
މިއީ، ހަމައެކަނި ރާއްޖޭގެ ހާލަތެއް ވެސް ނޫނެވެ. އެހެން ގައުމުތަކުގައި ވެސް ޓީޗަރުން އުޅެން ޖެހޭލެއް ބުރަ ކަމަށް ބޭރުގެ ދިރާސާތަކުން ދައްކަ އެވެ.
ތައުލީމީ ދާއިރާއާ ގުޅޭ ގޮތުން، ޕޭން އާއި ޗަންގް އަދި ލިން 2023 ގައި ހެދި ދިރާސާއަކުން ދެއްކީ ޓީޗަރުންގެ މަސައްކަތުގެ ބުރަކަމާ މެދު އެ މީހުން ހިތްހަމަނުޖެހި ރިޕޯޓްކުރާ އަދަދު ގިނަ ކަމަށެވެ. އޭގެ ތެރޭގައި އެސެސްމަންޓާއި މާކުކުރުމާއި ޑޭޓާ އެންޓްރީގެ މަސައްކަތްތަކަކީ އެންމެ ގިނަ ވަގުތު ހޭދަވާ އަދި އެންމެ ނަފްސާނީ ބުރަ ބޮޑު ކަންތައްތައް ކަމަށް ޓީޗަރުން ބުނެފައިވެ އެވެ.
ކިޔަވައިދިނުމުގެ މާހައުލުގައި ދިމާވާ އެފަދަ ކަންކަމުގެ ސަބަބުން ޓީޗަރުންގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރު ދަށްވާ ކަމަށް އެ ދިރާސާގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. އަދި މީގެ ސަބަބުން މީހުންނާ ޒާތީވުމާއި އެހެން މީހުންނާ ދުރުވެ، މީހުންނާ މުއާމަލާތްކުރުމުގައި ރަނގަޅު ނޫން ކަންކަން ކުރިމަތިވާ ކަމަށް އެ ދިރާސާގައި ވެ އެވެ.
އެހެން ދިރާސާއެއްގައި ބުނެފައި ވަނީ ވަރަށް ބޮޑަށް ނަފްސާނީ ބަލިކަށިކަން ކުރިމަތިވެފައިވާ ޓީޗަރަކު ކިޔަވައިދޭ ކްލާސްތަކުގައި ދަރިވަރުންގެ ނަތީޖާ އާއި މާކްސްގެ މައްސަލަތައް ފެންނަ ކަމަށެވެ. ރާއްޖޭގައި ޓީޗަރުން ލިބުމުގެ ދަތިކަން އޮތުމާ އެކު ދާއިރާގައި މިހާރު ތިބި ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނައި ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ. މިއީ، ކިޔަވައިދިނުމުގެ މާހައުލާއި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރަން ވެސް މުހިއްމު ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޑޫ ތަކުރު
05 October 2025
އެއްދަންފަޅިއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ބަދަލުކުރުން ނޫން ހައްލެއް ނެތް!!
ރާއްޖެތެރޭ މުދައްރިސް1
06 October 2025
އެއްދަންފަޅިއަށް ބަދަލުކުރީމަ އަދި މާ ބުރަ. ހެނދުނު ދާ މީހުން 2:30 ގައި ގެއަށް އައިސް ހަވީރު 4 ކުން ދާން ނުޖެހޭ ދުވަހެއް މަދުވާނެ. ރޭގަނޑު ކޮންމެވެސް މީޓިން އެއް. ހޮނިހިރު ގަ ވެސް ސްކޫލްގަ.
އަމްޖަދުއަލީ
05 October 2025
ޝުކުރިއްޔާ މިހާރުނޫސް.ތިޔަވަރުވެސް ކޮށްލަން ބޭނުންވި ބަޔަކު ނެތް ތިޔަ ނޫސް ނޫނީ. ކޮންމެ މީހަކު މި ބުނަނީ ކޮންމެ ދާއިރާއަކީވެސް ބުރަ ދާއިރާއެކޭ. މިހެން ބުނާއިރު ނޭނގޭ އޮފީހެއްގައި މޭޒެއްގެ ދަށުގައި އިނދެ އެކަނި މަސައްކަތް ކުރުމާ ޓީޗަރުންގެ މަސައްކަތުގެ ތަފާތު މިންވަރެއް. ކުލާހެއްގައި 35 ކުދިން، އެކިކަހަލަ އެކި މިޒާޖުގެ ގެންގުޅުމަކީފަސޭހަކަމެއް ނޫން. މިފަދަ ބަޔަކަށް އަދި ހެސްކިޔާފަ އިތުރު ހަރަކާތްތައް ދިނީމަ ވާނެހާ އެއްޗެއް މިވަނީ
ބޮޑުބެގެ ބެއްޔާ
05 October 2025
ވަޒީފާގެ މާހައުލުގައި ނަފްސާނީ މައްސަލަތައް ގިނަވަނީ ބައެއް ވެރިން އެކި މީހުންނަށް އެކި ގޮތަށް ޢަމަލުކޮށް، ބޭއިންސާފާއި ބޭއަދަބީ ވެ، ވަޒީފާގެ މާޙައުލުގައި ތަފާތުކުރުން ގެންގުޅޭލެއް ބޮޑުކަމުން. އެކަން ރަނގަޅުކޮށްލީމަ، މުސާރަ ކުޑަވިޔަސް މުވައްޒަފުން ހެޕީވާނެ.
ބައިފަރަންޖިމޮހޮދޭ
05 October 2025
ތިޔަދިރާސާ ހަދާބަލަ ކޮންމެފަދަ މަސައްކަތުގެ މާހައުލެއްގައިވިއަސް، ނަފުސާނީކަން ނެތްތޯ, މާބޮޑަށް ކުރިމަތިވެފައިވާ މިހުންވެސް ތިބޭނެ. ޓީޗަރުންގެ ދުވަސްވީމަ ހާއްސަވާނީ އެވެރިންތާ. އެއްވެސް މީހަކަށް އެމީހަކާއި ލާއިގު ނުވާވަރުގެ ބުރައެއް ކުރިމަތި ނުވާނެ. މައްސަލައަކީ މިންވަރަށް އީމާންވާން ދަސްވެފައިނެތުން.ސްޓްރެސް މެނޭޖުކުރަން ނޭގުން. ނަފުސުގެ އިތުބާރު ގެއްލުން. މީހުނާއި ގުޅިއުޅެން ބޭނުންނުވުން. އެންމެންވެސް ޖެހެނީ މިކަމަށް ތަރުބިއްޔަތުވާން.
ހާލުފޮޅިފޮޅި
05 October 2025
ބައެއް ޓީޗަރުންގެ ފަރާތުން ނަފްސާނީވެ ސްކޫލް އަދި ކްލާހުގައި ބާކީވެފައި ތިބެންޖެހޭ ކުދިންވެސް މަދެއްނޫން.. މީ މިހާރު އާންމުވެފައިވާ އެހެނަސް ސިއްރު ކުރެވިފައި އޮންނަކަމެއް..
އަލްޖިބްރރާ
05 October 2025
ރިޕޯރޓް ކިޔާލުމުން އެނގެނީ ހަމަ އެކަނި ނަފްސާނީ މައްސަލައެއްނޫން މިއުޅެނީ. މަސައްކަތުގެ މާހައުލުގެ އިންފުލުއެންސެއް އުޅޭކަމަށް ބެލެވެނީ. ދެން.ބުނެފައޮތީ ބުަރަކަމުންނޭ. ކޮންމެ ވަޒީފާއަކީވެސް ކުރަންޖެހޭ މަސައްކަތުގެ ގޮތުން ބުރަކަމެއް.
ބޯނުރަ
05 October 2025
މިއީ ރާއްޖޭގެ 1980-1990ގެ މައިންބަފައިން ދަރިންނަށް އަނިޔާ ކުރުމުގެ ނަތީޖާ. އެދަރިންނަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ހެދިގެން އުޅުނަސް އެ އަނިޔާތައް
ބޯނުރަ ކޮންޓިނިޔު
05 October 2025
އެއަނިޔާތަކާހެދި އެދަރިންތައް ނަފްސާނީވެ ޓީޗަރަކަށް ވުމުން އެކަން ޕްރޮޖެކްޓް މިކުރެވެނީ. އެކަމުގެ ސަބަބުން ސްޓްރެސްވެ ބާންއައުޓް މިވަނީ.
ވަންޗޫ
05 October 2025
ޑިސިޕްލިން ދައްކުދިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވޯ. ޓީޗަރަށް ބިރުދައްކައިފަވެސް .. އަވަގުރާނަ ގޮވައިފަވެސް އެއްކަލަ ދަރިވަރަށް އެޅޭނެ އެއްވެސް ފިޔަވަޅެއް މިހާރުނޯވޭ. ޓީޗަރުމީހަ މިޖެހެނީ ބެލެނިވެރިޔާއާއި ދަރިވަރުގެ އަޅެއްގެ ގޮތުގަ އުޅެން. ބެލެނިވެރިޔާވެސް ހިންހަމަ ނުޖެހުނީމަ ކިޔާނެ އެއްޗެއް ކިޔަންވީ. ސޯޝަލްމީޑިޔާގަ ހަވަރަށްވެސް ދޭންވީ. މިހެންވެ ޓީޗަރުން ދާއިރާދޫކޮށް ދަނީ!
ކޮތަރޭ
05 October 2025
ޓީޗަރުންގެ މުސާރަ ބޮޑު ކުރި ފަހުން ބައެއް ސްކޫލު ތަކުގެ ޕުރިންސިޕަލުން ޓީޗަރުންނަށް އިތުރު އުނދަގޫ ޖައްސާ، ކަންކަމަށް މަޖުބޫރުކޮށް ޢާއިލާއެކީ ހޭދަ ކުރަން ލިބޭ ވަގުތުކޮޅުންވެސް މަހްރޫމުކުރާކަން ފެނިފައި އެބަހުރި ބޮޑު މުސާރަ ދީފަނޫންހޭ މިހާރު ތިބެނީ ކިޔާފައި. އެޑިއުކޭޝަނަށް މިފަދަ ޕުރިންސިޕަލެއްގެ މައްސަލަ ޖެއްސިޔަސް ރަނގަޅަކަށް ތަހުގީގުކޮށް ނުބަލާ. ދެން ޓީޗަރުން ނަފްސާނީ ވާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟
ލުބްލާ2025
05 October 2025
ހަމައެކަނި ދުއާ ކިޔައިގެން ނަފްސާނީ މައްސަލަތަކަށް ހައްލެއް ނުލިބޭނެ.