ދަރުމަވަންތަ ހޮސްޕިޓަލް: އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުއާ ގުޅިގެން ޓެކްސް ފައިސާ ހޯދަން މީރާއިން ދައުވާކުރާ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
05 އޮކްޓޯބަރ 2025 - 12:47
ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުއާ ގުޅިގެން، އެ މަޝްރޫއު ހިންގި ޗައިނާ ކުންފުނި އަތުން ޓެކްސް ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކުރާ މައްސަލަ މަޑުޖައްސާލަން ހައިިި ކޯޓުން އަމުރުކޮށްފި އެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހިންގި އެ މަޝްރޫއުއާ ގުޅިގެން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝަންގް ހުވާ ކުންފުންޏާ ދެކޮޅަށް މީރާއިން ދައުވާކުރީ އެ މަޝްރޫއުއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 100 މިލިއަނަަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.
ނަމަވެސް އޭގެ ކުރިން ސިވިލް ކޯޓުން 2023 ވަނަ އަހަރު ނިންމާފައިވަނީ އެ މަޝްރޫއުއާ ގުޅިގެން ޓެކްސް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އެހެންވެ، މީރާ އިން ދައުވާ ކުރާ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޝަންގް ހުވާ ކުންފުނިން ސިވިލް ކޯޓުގައި އިޖްރާއީ އިއުތިރާޒެއް ނެގި ނަމަވެސް އެ ކޯޓުން މިދިޔަ ޖުލައި މަހު ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން ނިމެންދެން، އެ މައްސަލަ ސިވިލް ކޯޓުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށް ޗައިނާ ކުންފުނިން އެދުނެވެ. އެހެންވެ، ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައިވަނީ އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ކުރިއަށް ގެންގޮސްފި ނަމަ އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ މަޑުޖައްސާލަން އަންގާ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުއާ ގުޅިގެން މީރާ އިން ޗައިނާ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރާއިރު، އެ މަޝްރޫއުގެ ޓެކްސް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ކުރިން ކުރި ހުކުމުގެ މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ވެސް ހައި ކޯޓުން ކުރިން އޮތީ ވަގުތީ އަމުރު ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރުުބޭ
07 October 2025
ބޭބެ ކުރިން އަޑުއެހީ އެއީ ސިންޣަފޫރު ކުންފުންނަކުން އެތަންހެދި ވާހަކަ.
އިހްސާސް
06 October 2025
ދިވެހި ސަރުކާރުން ޗައިނާ ކުންފުންޏަށް ފައިސާދީ ހަލާސްކޮށްފިނަމަވެސް އަދި ނުކުރި ނަމަވެސް ޗައިނާ ކުންފުނިން މީރާއަށް ޓެކްސް ދައްކަންޖެހޭނެ.
ތިމާވެށި
05 October 2025
މީރާ ހޭލުންތެރި ނުވުމުގެ ނަތީޖާ އެވެ. ކޯޓް އަށް ވެއްދުމުގެ ކުރީން ހުރިހާ ގޮތަކުން ބަލަން ވާނެ އެވެ.
ޖައްސާބު
06 October 2025
ތިބުނީ ވެރިކަމުގަ ތިބޭ މީހުނަށްތަ؟ ބަލާކަށް ނުޖެހޭ! މީރާ ދާންޖެހޭނީ އޮންނަ އުސޫލަކުން ވަރުގަދަޔަށް ކުރިޔަށް. ވެރިކަމަށް އަރާ ހުރި ބަޔަކު ޅަ އެއްޗެއް އަޅާފަ އޮތިއްޔާ އޭގެ ހިތި ފިލުވަންޖެހޭނީ އެބަޔެއް.
ޕްރޯމަން
05 October 2025
އެންމެ އިމާރާތެއް. 2.1 ބިލިއަން.
ކޮރަލް
05 October 2025
އިމާރާތް ފެންނަން އެބަ ހުއްޓެވެ. އެންމެ ޒަމާނީ އިމާރާތެކެވެ.
މަ ބުނީ
05 October 2025
އެއިމާރާތުގެ ކުރެހުމުން ދެބިލްޑިންގ އިންނާނެ ނަމަވެސް އެއްނިލްޑިންގ އައި ޖީ އެމް އެޗް ގެ އިމުންބޭރުވެ ޕެޓްރޯލް ޝެޑާރ އިންވެގެން ހެދީ ، އެއީ ދެ ބިލިއަނަންވުރެ ބޮޑުވެ ދައުލަތަށް ޓެކްސްދަންކަށް ޖެހޭސަބަބަކީ!!!!!
ރާވެރިބެ
05 October 2025
ތީ ވަރަށް ހެއްވާ ދައުވާ އެއް. މިޕްރޮޖެކްޓްގެ ޕްރޮޕޯސަލްގަ އޮތީ ޓެކްސް ނުލާ އަގު ހުށަހަޅާފަ. ޕްރޮޖެކްޓަކީ ދިވެހި ސަެރުކާރުން ފައިސާދޭ ގޮތަށް ކުރިޔަށްދިޔަ ޕްރޮޖެކްޓެއް. ވީއިރު ކޮންޓްރެކްޓަރަށް ޓެކްސް ދެއްކޭނީ އެފައިސާ ފުރަތަމަ ދިވެހި ސަރުކާރުން ހޯދައިގެން. އެހެންވީމަ މީ ދެކޮޅު ނުޖެހޭ މައްސަލައެއް. ރ.ޔާމީންގެ ދައުރުގަ މި ޕްރޮޖެކްޓްގެ ކަންކަން ސަރުކާރުން ބެހެހެއްޓެވީ ރައީސް އޮފީހުން މިނިސްޓަރ ގައްސާން ހެން ހީވަނީ.
ގައްސާނު
06 October 2025
މަ މިހާރު ހަނދާނެއްނެތޭ.