އެސްޑީއެފްސީ: އެ ބޭންކުން ދޫކުރި ލޯނުތަކުގެ ތެރެއިން ނުދެއްކި ހުރި ލޯނުތަކަށް ލުއިދޭން ވަނީ ނިންމާފައި --ފޮޓޯ/މިހާރު
07 އޮކްޓޯބަރ 2025 - 11:59
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީއާ ހުއްދަ ކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރަން ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި، އެ ބޭންކުން ދީފައިވާ ލޯނުތައް ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކޮށް، ލުއިތަކެއް ދޭން ނިންމައިފި އެވެ.
އެސްޑީއެފްސީން މިއަދު ބުނީ، ލޯނުތައް ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގައި، އިސްކަން ދޭނީ އެކިއެކި ސަބަބުތަކާ ހެދި ލޯނު ދައްކަން ދަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދޭން ކަމަށެވެ.
އެސްޑީއެފްސީން މި އަހަރުގެ ޖުލައި މަހު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން 36.29 ޕަސެންޓު ފައިސާ ލިބިފައި ނުވި ހުއްޓެވެ. އެކަމަކު، އެ ބޭންކުން ބުނެފައި ވަނީ، ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާ މިންވަރު 2023 ވަނަ އަހަރާ ބަލާއިރު 24 ޕަސެންޓު އިތުރު ވެފައިވާ ކަމަށެވެ.
އިސްލާމިކް ރިފައިނޭންސިން އުސޫލުތަކުގެ ތެރެއިން، ފައިސާ ހަލާސް ކުރަން އޮންނަ މުއްދަތު އިތުރު ކޮށްދިނުން ފަދަ ލުއިތައް އާ ނިންމުންތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އެސްޑީއެފްސީން މިއަދު ބުންޏެވެ. މިބަދަލާ އެކު، ޝަރީއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު، ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގުފަހިވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެސްޑީއެފްސީން ބުނި ގޮތުގައި، ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކުގެ ތެރެއިން އެ ބޭންކުން ފުރަތަމަ ބޭނުން ކުރާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިން މުޝާރަކާ ކޮންޓްރެކްޓް އެވެ.
އިންތިޒާމުތައް ހަމަޖެހެމުން އަންނަ ވަރަށް ބަލައި، ވަކާލާ ބިލް އިސްތިސްމާރު އަދި ތަވައްރުގު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތައް ވެސް ކުރިމަގުގައި ތައާރަފު ކުރާނެ ކަަމަށް ވެސް އެ އެބޭންކުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އެސްޑީއެފްސީން އައު ބާބެއް ފަށާއިރު، މި ބަދަލަކީ ރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރު ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެސްޑީއެފްސީން ބުންޏެވެ.
އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން މިއަދު ވިދާޅުވީ، މި ފަަހަރު ގެންނަ ބަދަލުތަކާ އެކު، އެ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ފައިސާ ދައްކަން ދަތިވެފައިވާ މީހުންނަށް ލުޔެއް ލިބޭނެ ކަމަށެވެ.
"އެސްޑީއެފްސީގެ ތާރީހުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލާ އެކު، އަޅުގަނޑުމެން މި ކުންފުނި ހިންގަމުން ދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑަރީއެއްގެ ގޮތުގައި. މި ފިޔަވަޅާ އެކު، ލޯނަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަދިތަކަށް ލުއި ލިބި، ޝަރީއާ އުސޫލުން އެ ކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އައު އީޖާދުތަކާ އެކު، ޓެކްނޮލޮޖީގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަސޭހައިން ވާސިލު ވެވެނިވި ވަށައިޖެހޭ ހައްލުތަކެއް ހޯދައި ދިނުން."
މި ބަދަލާ އެކު، އެސްޑީއެފްސީ ވާނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ބޭންކިން ހިދުމަތްތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސް ދައުރެއް އަދާކުރާ ބަޔަކަށް ކަމަށް އެ ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައިފިކައިފި2
07 October 2025
36 ޕަސެންޓް އަކީ ތި ސެކްޓަރއަށް ބަލާއިރު އާދަޔާ ޚިލާފަށް ބޮޑު އަދަދެއް. ބެލެވެނީ ލާރިތަކެއް ކާލައިފިކަމަށް. ލޯނު ދޭއިރުވެސް ނުދައްކާނެ ގޮތަށް އަޑިން ހަމަޖެހިފައި އޮންނަ ބަޔަކު ތިބީމާ ތިޔަ ރޭޓް ތިހާ މަތީގައި އުޅޭނީ. ތިއީ ބޭންކުތަކުގައި އާންމުކޮށް 5 ޕަސެންޓަށްވުރެ ދަށުގައި އުޅޭ އަދަދެއް. ތިތަނުގައި 31 ޕަސެންޓް އިތުރު. ތިޔަ އޮތީ، ގާތްގަނޑަކަން 500 މިލިއަން ކާލާފައި ނޮން-ޕާފޯމިންގ ލޯނުގެ ނަމުގައި.
ސާޅީސް
07 October 2025
ދިމާއިދިކީއްޔަށް ކޮންމެކަމެއްވެސް. ލޯނުނުދެއްކިޔަސް. ފުލެޓަށްފައިސާނުދެއްކިޔަސް. ޖޫރިމަނާވިޔަސް ނުކިޔަވާ ބާރަށްހަޅޭއްލިޔަސް.ލައިސަންސްނެތި ދުއްވިޔަސް މިރާއްޖޭގަ އެންމެރަގަޅީ. މިގޮތަށްއުޅޭމީހުންނަށް މީވާގައުމެއް..ދޯ؟؟؟
ލޯނުގެ
07 October 2025
ލޯނު ނަގައިގެން ކުރަނީ އެހެންކަމެއް، އެހެންކަންކަމުން ފައިދާވޭ،
ކޮރަލް
07 October 2025
ލޯން އެއް ނުދެއްކޭނެ އެވެ. ލޯން ދޫކުރަން ހުންނަ ބައެއް މީހުންނަށް ބައެއް ދޭން ޖެހެ އެވެ. ދެން އަލަށް ވިޔަފާރި އެއް ހަމަ ހުޅުވާފަ މީހަކު މެދުވެރި ކޮށް އެލޯން ލިބެނީ އެވެ. އެތައް އަހަރެއް ވަންދެން ކުދި ވިޔަފާޜި ކުރި މީހުން ލޯން އަށް އެދުނީމަ އެތައް ބައިވަރު ޑޮކިއުމެންޓް ހުށަހަޅަން ބުނެ އެވެ. ގިނަ ދުވަހު ވިޔަފާރި ކުރާ މީހުން ނަށް ލިޔެކިއުން ހަދާދީފަ ފައިސާ ދީ ބަލާށެވެ.
ހަބިގު
07 October 2025
މިތާއޮންނާނީ އަބަދުވެސް ގާނުނާ ހިލާފަށް ކަންތައްކުރާމީހުންނަށް ލުއި ދިނުން، ގަވާއިދުން ދައްކާމީހުންނަށް ލުއި ދިނުމެއްނޯވޭ، ޕާކިން ސްޓިކާ ޖޫރިމަނާ، ފީ ނުދައްކާ މީހުންނަށްވެސް ހުރިހާ ސަރުކާރެއްގެ ދެނީ ލުއި، އަބަދުވެސް ގާނޫނާ ހިލާފަށް އުޅެން ހިތްވަރުދެނީ
ހާގެލު
07 October 2025
ފަސޭހަވަނީ ކިހިނެތް ކޮން ކަމެއްކަން ނެގުނު މުޅިއެތި ކިޔާނިމުނު އިރު !! އިންޓްރެސްޓް ކަނޑަލަނީތަ؟ ކޮންމެބަޔަކުވެސ އާދެސް ގެޅީމަ މުއްދަތު އިތުރު ކޮށްދޭ.. އާކަމެއްނޫނެއްނު...
ފަގީރުކޮއި
07 October 2025
ލޯނުދައްކަންޖެހޭމުއްދަތު އިތުރުކުރުމުން ބޭންކަށްވާނީ ހެސްކިޔާފަ ފައިދާ އިންޓްރެސްޓް ކޮންމެދުވަހަކު އަރާގޮތަށްހުންނަނީ އިސްލާމޭކިޔަސް، އެބުނާމޮޮުޅު ބީއެމްއެކްގެ ލޯނުތަކިމުގެ މަޢުލޫމާތުތައްބަލާބަލަ ގެދޮރުހަދާންނަގާ ލޯނުގެވެސް ތަފާތެއްނެތް އިންޓްރެސްޓް ކޮންމެދުވަހަކު އެބައަރާ މަހުގެ ފުރަތަމަދުވަހު ލާރިޔެއްއެކައުންޓްގަ އިނިއްޔާ އެބަނަގާ
މހއމ
07 October 2025
ދެވަަނަ ދުވަހު އިނިއްޔާ ކިހިނެއް ވަނީ؟ ފުރަތަމަ ދުވަހު އިނިއްޔާ ނަގަންޔާ ބުނޭ ދެވަނަ ދުވަހު މުސާރަ ޖަމާ ކޮށްލަ ދޭށޭ. އޭރުން ފުރަތަމަ ދުވަހު ނުހުންނާނެނު އެކައުންޓަކު.
ކާލޯ
07 October 2025
އެއްބަސްވުމާއި އެއްގޮތަށް ދައްކާނަމަކަ ނުކަޑާނެ.
ޕީޕީ
07 October 2025
ރާއްޖޭގައި އަބަދުވެސް ބަރާބަރަށް ގަވައިދުން ސަރުކާރަށް ދައްކަންޖެހޭ ފީެއެއް ވިއްޔާ ދައްކާ މީހާއަށް ލިބޭނީ ގެއްލުމެއްނ. ނުދައްކާމީހުންނަށް އަބަދުވެސް ލިބޭނީ ފައިދާ. މީ ކޮންވަތަރަކަށް ކަން ކުރާތަނެއް އަޅެ. ބަރާބަރަށް ދައްކާމީހާ އަށް ވެސް ރަނގަޅު ގޮތްތަކެއް ހަދައިދީބެލަ