ޚިޔާލު

ކަނޑުފަޅާއި ފަރުތަކަކީ ޖަޒީރާވަންތަކަމުގެ ވިންދު: ހިމާޔަތްކުރަން ޖެހޭ

ގާ ހުދުވުމުގެ މައްސަލަ ފަރުތަކަށް ކުރިމަތިވުމަކީ ބޮޑު ނުރަައްކަލެއް

އައިމިނަތު ޝައުނާ

29 މާޗް 2017 - 08:39

11 comments

"މުޅި އިންޑިޔާ ކަނޑުގެ މަސްވެރިކަމުގެ ނާސަރީ އަކީ ދިވެހިރާއްޖެ. މިހާރު ރާއްޖޭގެ އިރުމަތީ ބިތުގެ 80 ޕަސެންޓް ފަރުތައް ވަނީ މަރުވެފައި. މުޑަހަންޖަކަށް ވެގެން ތިލަތަކަށް ދާނެ ކޮރަކައްޔެއް މިހާރަކު ނެތް. މިޔަރު ފަދަ ބޮޑެތި މަސްތަކަށް އެކަމުގެ އަސަރު ކުރާނެ. މަސްވެރިކަން ނެތިދާނެ،" ރާއްޖޭގެ ކަނޑުފަޅުތަކުގެ ޙާލަތު، މަޝްހޫރު ޑައިވަރެއް ކަމަށްވާ، ހުސެން ރަޝީދު (ސެންޑި) ކިޔަައިދިނެވެ.

ދިވެހި ކަނޑުފަޅުތަކުގަައި އަތްފުނާ އެޅުމުގައި އުމުރު ދުވަސް ހޭދަކޮށްފައިވާ ސެންޑިއަކީ ދިވެހިރާއްޖޭގައި އެންމެ ތަޖުރިބާކާރު އެއް ޑައިވަރެވެ. ސެންޑި ދެކޭ ގޮތުގައި ރާއްޖޭގެ ކަނޑުފަޅުތަކަށާއި ފަރުތަކަށް އަންނަ އިއާދަނުކުރެވޭވަރުގެ ބޮޑެތި ބަދަލުތަކާ އެކު ކަނޑުތަކުގެ ދިރުން ގެއްލިދާނެ ކަމުގެ ބިރު މިހާރު އެބަ އޮތެވެ.

މާލޭގައި ޑައިވް ސެންޓަރެއް ހިންގާ ޒުވާން ޑައިވަރު، އާދަމް އަޝްރަފްގެ ބަހަކީ ވެސް މިއެވެ. "ޤުދުރަތީ ކަންކަމުގެ އިތުރުން އަހަރެމެން ކުރާ ކަންކަމުގެ ސަބަބުން ފަރުތައް އަލުން ދިރުމަށް މިހާރު ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައި" ކަމަށް އަޝްރަފް ބުންޏެވެ.

ދިވެހިރާއްޖޭ ފަރުތަކަކީ މުޅި ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓް ކަމަށް ވާއިރު މި ރާއްޖޭގެ ފަރުތަކަށް ވަމުން އަންނަ ގޮތުގެ ވާހަކަ ނުދައްކައި ހިމޭނުން ތިބެވޭކަށް ނެތެވެ. ރާއްޖޭގެ ދިރުމަކީ ރަށްތަކާއި، ކަނޑުފަޅާއި، ވަށައިގެންވާ 21،000 އަކަކިލޯމީޓަރުގެ މާސިންގާ ފަރުތަކެވެ. ޖަޒީރާވަންތަކަަމަކީ ރާއްޖެ ރަމްޒުކޮށްދޭ އެންމެ މުހިއްމު ސިފަ އެވެ. ދިވެހިރާއްޖޭގެ ފަރުތަކަަކީ ރަށްތަކުގެ ދިފާއީ ނިޒާމުގެ މައި ތަނބެވެ. އިޤްތިޞާދީ ގޮތުން އަގުނުކުރެވޭ ވަރުގެ މުހިއްމު ވަޞީލަތެކެވެ.

ކަނޑުފަޅާއި ފަރުތަކުގެ ދިރުމުގެ އަގު

ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވަކަށް ހެދުމުގެ ކުރިން ރާއްޖޭގެ ތިމާވެށީގެ އިޤްތިޞާދީ ފައިދާތައް ހޯދުމަށް އައިޔޫސީއެން، އދ. ގެ އިދާރާތައް އަދި ދިވެހި ސަރުކާރު ގުޅިގެން 2011 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓުން އެނގެނީ ކަނޑުފަޅާއި ފަރުތަކުގެ ދިރުމުން ލިބޭ ސީދާ އަދި ނުސީދާ ފައިދާއަށް ބަލައިފި ނަމަ އެއީ އިޤްތިޞާދީ ފައިދާގެ 90 ޕަސެންޓް ކަމެވެ.

އިޤްތިޞާދަށް ލިބޭ ސީދާ ފައިދާއަށް ބަލައިފި ނަމަ އާބާދީގެ 71 ޕަސެންޓް މީހުންގެ ވަޒީފާ ގުޅިފައި ވަނީ ކަނޑުފަޅާއި ފަރުތަކުގެ ދިރުމާ އެވެ. ދައުލަތުގެ އާމްދަނީގެ 49 ޕަސެންޓާއި ރާއްޖެއަށް ވަން ބޭރު ފައިސާގެ 62 ޕަސެންޓް، 98 ޕަސެންޓްގެ އެކްސްޕޯޓާއި، ޤައުމީ އުފެއްދުންތެރިކަމުގެ 89 ޕަސެންޓް ވެސް ގުޅިފައިވަނީ ކަނޑުފަޅާއި ފަރުތަކުގެ ދިރުމާ އެވެ. އެހެންކަމުން މި ވަޞީލަތްތައް ހިމާޔަތްކޮށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޒިންމާއެކެވެ.

ދިވެހިރާއްޖޭ ފަރުތައް ވަނީ ކަންބޮޑުވާ މިންވަރަށް ހަލާކުވެފައި

މިދިޔަ އަހަރު އާދަޔާ ޚިލާފަށް ހޫނު ގަދަވުމާ އެކު ރާއްޖޭގެ ފަރުތަކުގެ 60 ޕަސެންޓަށް ގާހުދުވުމުގެ މައްސަލަ ދިމާވި އެވެ. ފަރުތައް ދިރާސާކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ބުނިގޮތުގައި ބައެއް ސަރަޙައްދުތަކުގައި 90 ޕަސެންޓަށް ވުރެ ބޮޑަށް ފަރުތައް ހުދުވި އެވެ.

ދިވެހިރާއްޖޭގެ ފަރުތައް މިހާ ބޮޑު މިންވަރަށް މަރުވެގެން ދިއުމުގައި ފާއިތުވީ ދެ އަހަރުގެ ތެރޭގައި އާދަޔާ ޚިލާފަށް ހޫނުވުން ހިމެނެ އެވެ. ސެންޑި ބުނި ގޮތުގައި ފަރުތައް ހުދުވުމަށް ހޫނުވުން ހިމެނޭއިރު ޑްރެޖިން އާއި ބިން ހިއްކުން ވެސް އޭގެ 50 ޕަސެންޓް ހިއްސާކުރެ އެވެ.

މީގެ ކުރިން މި މިންވަރަށް ފަރުތައް ހުދުވީ 1998 ވަނަ އަހަރު އެވެ. އެއަށް ފަހު މިވީ 18 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަރުތައް ވަރަށް ބޮޑަށް އަލުން ދިރުނެވެ. މިގޮތަށް ދިމާވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރާއްޖޭގެ ކަނޑުތަކުގެ ސާފުކަމެވެ. އެހެންނަމަވެސް މިހާރުގެ ހާލަތު ތަފާތެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ކަނޑުފަޅުތައް ކިލަނބުވެ، ފަރުތައް އަލުން ދިރުމަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.

އަޑުއަޑީގެ ދިރުންތައް ނެތިއްޖެ ނަމަ އޭގެ ގެއްލުން ރާއްޖެ އަށް ވަރަށް ބޮޑު

މާލޭގެ އެކި ސަރަޙައްދުތައް ހިއްކުމަށް ވެލި ނަގަނީ މަޝްހޫރު ޑައިވް ސައިޓުތަކާ ކައިރި ގިރާވަރު ސަރަޙައްދުންނެވެ. ތަރައްޤީގެ ނަމުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން (އެނބޫދޫފަޅު، ހުޅުމާލެ، ޔޫތު ސިޓީ، ތިލަފުށި، އުތުރު ތިލަފަޅު، ކޮށްދިއްޕަރު ހިއްކުން) މަޝްހޫރު ޑައިވް ސައިޓުތައް ކަަމަށްވާ އެނބޫދޫ އެކްސްޕްރެސް، ވާދޫ ކޭވްސް، އެނބޫދޫ ކެންޔަން، ކުޑަހާ، މިހެންގޮސް ގާތްގަނޑަކަށް 40 އަށް ވުރެ ގިނަ ޑައިވް ސައިޓްތައް ވަނީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އަޝްރަފް ދެކޭ ގޮތުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާންވާނީ ތިމާވެއްޓަށް ކުރާނެ އަސަރުތައް ބެލުމަށް ފަހު ފަޅުތަކަށާއި ފަރުތަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ނުލިބޭނެ ގޮތަށެވެ. މިހާރު ކުރިމަތިވެފައިވާ ފަރު ހުދުވުމުގެ މައްސަލައާ އެކު މި މިންވަރަށް ފަޅުތައް ކިލަނބުވެ، ފަރުތައް ދިރުމަށް އަހަރެމެން ޖާގަ ނުދޭ ނަމަ ފަރުތަކުގެ ދިރުން އެއްކޮށް ނެތިދާނެ ކަމުގެ ބިރު އޮތް ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.

ތަރައްޤީއަކީ މިއީތޯ؟

މާޗް 3 ގައި އިނގިރޭސިވިލާތުގެ ގާޑިޔަންއަށް ސަރުކާރުގެ ވަޒީރުން ދީފައިވާ އިންޓަވިއުއިން މިހާރުގެ ސަރުކާރުން ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ވަކާލާތުކުރަނީ ރާއްޖޭގެ ޖަޒީރާވަންތަކަމަށް އުނިކަން ލިބޭ ގޮތައްކަން ހާމަވެ އެވެ. ކަނޑުފަޅާއި ފަރުތައް ފުނޑާލައިގެން، އެއްރޭ އެއްދުވާލުން ރަށްތައް އުފަންކުރުވައި އޮއިވަރަށް، ވަޔަށް، ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ބެލުމެއް ނެތި "ބޭނުމީ ތަރައްޤީ"ގެ ވިސްނުމެވެ.

ތިމާވެށީގެ ގޮތުން މުހިއްމު ފަޅުތައް މިގޮތަށް ހިއްކަމުން ދިޔުމުން އަޅުގަނޑުމެން ހީވެސް ނުކުރާ ފަދަ ދެރަ ކަމަކާ ކުރިމަތިލާން ޖެހިދާނެ އެވެ. މިހާރުވެސް ދިވެހި މަސްވެރިންގެ އެންމެ ބޮޑީ މަސްވެރިކަމާ އެންވެރިކަން ނެތިގޮސްފައިވާކަމުގެ ޝަކުވާ އެވެ. އަދި މަސް ހޯދުމަށް ކުރާ ދަތުރުތައް ދިގުވުމާއި، އޮއިވަރަށާއި ވިއްސާރައަށް ބަދަލުއައިސް އެކަމުގެ އަސަރު މަސްވެރިކަމަށް ކުރާ ކަމުގެ ޝަކުވާ އެވެ.

"މާސް ޓުއަރިޒަމް" ފަދަ ޗާލު ނަންތައް ދީގެން ކަންކަން ކުރުމަކީ އަދި ތަރައްޤީއެއް ނޫނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ ދިވެހިރާއްޖެ ވީހިނދު، ތިމާވެއްޓާ ބީރަށްޓެހި މީގެ އެތައް ސަތޭކަ އަހަރުގެ ކުރީގެ ބޯދާ ވިސްނުމެވެ. މިކަން އަޅުގަނޑުމެން ހުއްޓުވަން ޖެހޭނެ އެވެ.

11 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 85%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރުަތކުގެ ދިރުން

29 March 2017

ރާއްޖޭގައި ކައިބޮއި އުޅެނީ ފަރުތަކާ ގޮނޑުދޮށްތައް ވިއްކައިގެން ކީއްތްވާނި ޕްލާްސްޓިކް ކޮތަޅު އެތެރެކުރުން ހުއްޓުވާލިއްޔާ ކުނިއެޅުންވެސް އެބޔަކު ތިބި ދިމާލުން މޫދަށް

The name is already taken The name is available. Register?

އަރިއަތޮޅުން

29 March 2017

މިކަމުގެ އެންމެ ހިތާމަކުރަންޖެހިފައިވަނީ އަރިއަތޮޅާއި މާލެއަތޮޅު، ހުރިހާ ފަޅުރަށެއް ނަގައި ރިސޯޓުހެދީ، ނުވިތާކަށް މިހާރު ފަޅުތައް ހިއްކައި ރިސޯޓު ހަދަނީ، އެއްވެސް ރަށެއް، ފަޅެއް އޭގެ އަސްލު ޒާތުގައި ބޭއްވުމުގެ ޚިޔާލެއްވެސް ނެތް، އެއްވެސް ތަނެއް ދިވެހިން ބޭނުންކުރުމުގެ ހުއްދައެއް ނޯވޭ، ހައްތާވެސް ރިސޯޓުތައް ކައިރި ސަރަހައްދު ކަމުން ގިނައީ މަސްބޭނުން މަނާ ސަރަޙައްދު، ދަރިން ގޮވައިގެން ޕިކްނިކް ގޮސްލާނެ ތަނެއް ނެތް، ގެސްޓް ހައުސްތަކުން ޕިކްނިކްދާނެ ތަނެއް ނެތް، ދޫނިތަކާއި ވެލާތައް ޙިމާޔަތްކޮށްފަ، އެތަކެތި ބިސްއަޅާ އާލާވާނެ ތަނެއް ނެތް، ހުރިހާ ރަށެއް ރިސޯޓު، ހުރިހާ ފަޅެއް ހިއްކައިގެން ރިސޯޓު

The name is already taken The name is available. Register?

ތެޔޮވަޅު ސަހިނީ

29 March 2017

މާޗް 3 ގައި އިނގިރޭސިވިލާތުގެ ގާޑިޔަންއަށް ސަރުކާރުގެ ވަޒީރުން ދިން އިންޓަވިއުއެްގައި ޓުރިޒަމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރާކަމެއްގެ ގޮތުގަ ދޭހަވާގޮތައް ވާހަކަ ދެއްކީމައި އަޅުގަނޑައް ރުޅިއައިސްގެން ދަތްކުނޑި ވިކާގަނެވުނު! ސަބަބަކީ ކަމުގެހަގީގަތް ވަރައްރަކަޅައް އަޅުގަނޑައް އެނގޭތި! މިރާއްޖޭގެ ޓުއަރިޒަމަކީ އެއްގޮތަކައްވެސް ތިމާވެއްޓާ ރައްޓެހި ޓުއަރި ޒަމެއްނޫން! ބައްލަވާ ރާއްޖޭގެ ރިސޯޓުތައް ތަރައްގީކުރެވިފަވަނީ މީހުން ދިރިނޫޅޭ ރައްތަކެގަކަމުން ސީދާ ފަތުރުވެރިންނައް ހަކަތަ އުފައްދަން ކުޑު ރިސޯޓަކުން ރެޔަކާ ދުވާލައް (ފަންސާސް ހާހާއި ސަތޭކަހާހާ) ދެމެދުގެ އަދަދެއްގެ ޑީސަލު އަންދާ! މިހެން މިކަންހުރި އިރު މިކަން ޔޫރަފުގެ ފަތުރު ވެރިންގެ ސަމާލު ކަމައް އަތުވެއްޖެނަމަ ރާއްޖެ އައުމާމެދު ވިސްނާނެކަންމައް މިދަންވަނީ އެމިހުންގެ ދިރިއުމުގެ ވައްޓަފާޅި ވަރައް ރަނގަޅައް އެގޭތި! ޔޫރަޕުގެ ބާޒާރުގަ ވިއްކަން ހުންނަ ގިނައުފެއްދުން ތަކުގަ އެއުފެއްދުން ފެއާޓުރޭޓު ތޯބެލޭނެ ގޮތަކާއި ތިމާވަތްޓާ ރައްޓެހި މިވަރުގެ ދަރަޖަތައް ދީފަހުރޭ! މިކަތައް ގަންނަ ފަރާތްކައް އަންގައިދޭން ޓުރެވަލް އެޖެސީތަކައް މަޖުބޫރުވާ ހަމައިން ރާއްޖޭގެ ޓުއަރިޒަމް ތިމާވެއްޓާ ރައްޓެހި މިންވަރު ހުނާނީ އެންމެނުރައްކާ މިންގަޑައްދޭ ކުލަ ރަތްކުލާގަ ކަމާމެދު ސައްކެންނުކުރަން! މިހެން މިކަންހުރިއިރު ކުރީބައިގަ ރާއްޖެ އިއާދަކުރެވެނި ހަތަޔާ ޓުއަރިޒަމާ ގާތްކުރަން ޖެހޭކަމުގަ ދެކެން!

The name is already taken The name is available. Register?

އަޑީބް އެންޑް ބަދީއް

29 March 2017

އިންސާނުންނަކީ އަމިއްލައެދުންބޮޑު ބައެކެވެ. ކެއްތެރިކަންކުޑަ ބައެކެވެ. ފައިދާބހޯދަންބޭނުންވާނީ ކުއްލިއަކާ އަދި ބޮޑުކޮށެވެ.

The name is already taken The name is available. Register?

ތިބެބަލަ

29 March 2017

ދިވެހިރާއްޖޭ ފަރުތައް ވަނީ ކަންބޮޑުވާ މިންވަރަށް ހަލާކުވެފައި އެއީ ކަނޑުގެ ލޮނުގަނޑު ހޫނު ވުމުންނޭ ކިޔާ ޕްރޮޕެގެންޑާ ފަތުރަނީ މީގައި ހިސާބު އިލްމުގެ އަލިފު ބާ ވެސް ދަންނަ އެއްޗެހި ތަކެއް ނޫނޭ މަމެން ބުނަން ނެތީމު ދޯ. ކަނޑުގެ ލޮނުގަނޑު އުފައްދަވާފައިވަނީ އެއީ ބޮއިލަރެއް ގޮތަށް ނޫނެވެ. ކަނޑުގެ ސާރފޭސް ޓެމްޕްރޭޗަރ އުޅެނީ 25 ޑިގްރީ ސެލްސިއަސް ގައި. ފުނަށް ދާ ވަރަކަށް ކަނޑުގެ ލޮނުގަނޑު ވާނީ ފިނި. ތިޔާ މުރަކަ ތައް ހުންނަ ފަރުތަކުގެ ޓެމްޕްރޭޗަރ އުޅެނީ މެތެމެޓިކަލް ސައެންސް ގެ އަލީގައި ބަލާނަމަ 15 ޑިގްރީ އަށް ވުރެން ދަށުގައެވެ. ދެން ކޯއްޗެކޭ ކިޔަންތޭ ރާއްޖޭގެ ތަރައްގީ އަށް ހުރަސް އަޅަން. އެއެވެސް ސޭންޑީ އެއް ވޯޓަރ އެއް ނޯންނާނެ އިނގޭ. މަހަށް ދޭ ބަލަ ޓްވިޓަރޭ މެން ދެން ދޯ. ތަމެންގެ ލޯލެވެލް ގައި ތިބެ ބަލަ ބޭކާރު އަނގަނުތަޅާ.

The name is already taken The name is available. Register?

ޒެޑްސް 1

29 March 2017

ވިލު ނޫ ފަޅުތަކަކީ މުރަކައިގެ ޖަޒީރާ ގައުމެއްގެ ގޮތުން މުޅި ދުނިޔެއިންވެސް އެންމެ ރީތި އެންމެ ޔުނީކް އެންމެ ތަފާތުވަންތަ އެއް ގައުމަކަށް ދިވެހިރާއްޖެ ވާ ސަބަބު. މި ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާމެހީގެ ބޯހިޔަލަކީ ވެސް އެ ވިލު ނޫ ފަޅު. އެތަކެތީގެ ޙިމާޔަތަކީ ވެސް އެ ފަޅުތައް. މި ދިވެހިރާއްޖޭގެ ރީތިކަން ތައުރީފުކޮށް އެތަން ހަމަލޮލުން ދެކިލުމަށް އެ އަންނަ ގިނަ ފަތުރުވެރިންގެ އަމާޒަކަށް ވެފައިވަނީ އެ ވިލު ނޫކުލައިގެ ރީތި ސާފު ފަޅުތައް. މި ފަޅުތަކަކީ މިދިވެހިރާއްޖެ އަށް މިލިބިފައިވާ އެންމެ ރީތ ޠަބީޢީ ސިފަ ނުވަތަ ފިޒިކަލް ފީޗަރ. ލާރިއަށްޓަކައި ދިވެހިން ގެ ރަށްތަކުން އަރާމު ތަނަވަސް ދިރިއުޅުމުން މަހުރޫމުކޮށް ހުޅުމާލޭ ގާ ބަރި ފްލެޓަކަށް ދިރިއުޅުން ފައްތާލާ އުސޫލުން، ލާރިއަށްޓަކައި "މާސް ޓޫރިޒަމް" ގެ ނަމުގައި ދިވެހިރާއްޖެ ދިވެހިރާއްޖޭގެ ގޮތުގައި މުޅިދުނިޔެއަށް ތައާރަފް ވެފައިވާ އެންމެ ރީތި ސިފަ، އާދެ. "ދޮން ވިލު ނޫކުލައިގެ ފަޅުތަކުގެ ރާއްޖެ" މި ސިފަ ފަސް އަޅައި ފޮރުވާލުމަށް މިހާރު މިގެންގުޅޭ ތިމާވެށްޓާއި ދެކޮޅަށް ކުރެވޭ އެންމެ ބޮޑު ޖަރީމާ ނޫންކަމުގައި ނުވާނެ. ލާރިކޮޅަކަށްޓަކައި އަމިއްލަ ގައުމު އަމިއްލަ ދެއަތުން ހަލާކުކޮށްލަނީ އެވެ. ކޮންމެހެން އެތަންތަން ހިއްކާ އެތަންތަނުގައި ކޮޓަރި ބަރި އެއް އަޅާ ނުވިއްކިއަސް އެތަންތަން ބަލަން އަންނަ މީހުންގެ ކިބައިން ލާރި ލިބޭނެއެވެ. އެކަމަކު މާލެ ކައިރިން އެއަޕޯޓް ކައިރިން ރިސޯޓެއް އޮންނަން ހިތް އެދޭ ނަޒާހަތްތެރިކަމެއްނެތް ސިޔާސީންތަކެއްގެ ގާ ވިސްނުމަށް ތިމާމެން އެންމެންނަށް، އަހަރެމެންނަށް، ދަރީންގެ ދަރީންނަށް އޮތް ހަމައެކަނި ގައުމުވެސް މިވަނީ އެއްކަލަ އެ ވިދާޅުވާ ގުރުބާންކޮށްލާ ކަންބަޅިއަށް ވެފައެވެ. އަޅުގަނޑު ދެކެނީ ރާއްޖޭގެ ރީތި މުރަކައިގެ ޖަޒީރާ ގައުމުގެ ސިފަތައް ފަނާކޮށްލުމަށް، ފަސް އަޅާ ފޮރުވާލުމަށް ކުރެވޭ މަސައްކަތަށް ވުރެ ވަކިން ބޮޑަކަށް ގައުމަށް ޣައްދާރެއް ނުވެވޭނެކަމެވެ.

The name is already taken The name is available. Register?

ޕްރޮޕެގެންޑާ

29 March 2017

ތަމެން ލިޔުނު ޚުތުބާ ގައި އެއްވެސް ކޮންކްރީޓް ސައެންޓިފިކް އެވިޑެންސް އެއް އަދި މެތެމެޓިކަލް ކަލްކް އެއް އެޕްރޫވް ކުރުމަށް ޓަކައި ނެތް ދޯ. ކަނޑުގެ ލޮނުގަނޑަކީ އެއީ ހޫނުވާނެ އެއްޗެއް ނޫން. އެއީ ޕްރޮޕެގެންޑާ އެވެ.

The name is already taken The name is available. Register?

ނީމް

29 March 2017

އޭބުނަން ވަރަށް ފައްކާ ލިޔުމެއް މިއީ ، މިސަރުކާރުން ބޭނުންވަނި ކޮންމެ ގޮތެއްހަދާފައިވެސް ފައިސާ ލިބޭނެގޮތް ހެދުން ފަހުން ނިކުމެދާނެ މައްސަލައަކަށް ބެލުމެއްނެތް ، މުސްތަގުބަލް ކިތަންމެ އަދިރިވިއަސް މިވަގުތަށް އަލިވީމާ ނިމުނީ

The name is already taken The name is available. Register?

ގަމާރު މީހެއް

29 March 2017

މީއޭ އަހަރުމެން މިކިޔާ އެތި! ކީއްކުރަންތޯއޭ ފަޅުތައް ހިއްކައިގެން ރިސޯޓްތަށް ހަދަނީ!؟ ރައްތައް ނެތީތޯ!؟ ފަޅުތައް އެއްްވެސް ބަޔަކަށް ދީގެން ނުވާނެ. ފަޅުތައް އެގޮތުގެ ތިބިން ދޫކޮއްލާ ހެޔޮނުވާނެ. ރައްތައް މަދެއް. އެރެއްތައް ދީބަލަ. ގާނުނެއް ފާސްކޮއްގެން ނަމަވެސް ފަޅުތައް ނުދެވޭވެނެ ގޮތް ހަދަން އެބަޖެހޭ. ރާއްޖޭގެ ރީތިކަން ހަލާކުކޮށް މިލަނީ ވަގުތީފައިދާ އަކަށް. މުސްތަގުބަލަކަށް ނުބަލާ. އަނެއްކަމަކީ ކީއްކުރަންތޯއޭ ކުދިރައްތަކުގައި ބަންދަރުތައްމިހަދަނީ. ކީއްތަވާނީ މުޅިރާއްޖެ އެއްކޮށް ތަރައްގީކުރެވޭނެ ގޮތެއްހެދިއްޔާމު ފަޅުބޮޑު ބިންބޮޑު ރައްތައް އެބަހުރި. މިރައްތަކަށް ކުދި ރައްތަކުގެ އާބާދީތައް ބަދަލުކުރިއްޔާމު. ކިރިޔާވެސް އުންމީދެއް އައީ ރައީސް ނަޝީދު ވެރިކަމައް އާއީމަ. ދެންނެއް އެއްވެސް އުންމީދެއް. މިއޮތީވާ ސާރުކާރެއް. ފަޅުތަކާ އެއްޗެހި ވިއްކާ ހުސްކޮއްލަނީ.

The name is already taken The name is available. Register?

ޒްލެކްސް

29 March 2017

ދިރުމެއްވާ ތަނެއްގައި އުއްމީދެއްވެޔޭ ކިޔާފައި ދިރުންނެތި ކޮށްލުމަކީ ތަރައްޤީއެއްނޫން.

The name is already taken The name is available. Register?

ޓޮމް އެންޑް މުއިޒް ކޯ

29 March 2017

ނޫނޭ.. ތިޔަށް ވާނެ ފަސް އަޅާ މަރާލަން. އެހެން ނޫނީ ތަރައްގީ ވީ ކަމަކަށް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454