ސިނގިރޭޓް ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ދިގަލި.
25 އޮކްޓޯބަރ 2025 - 18:24
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މަޝްހޫރު ދެ ވިޔަފާރިވެރިންގެ ތެރެއިން އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެމްޕީއެލް ހުޅުމާލޭ ޕޯޓުގައި ބަހައްޓާފައިވާ 40 ފޫޓުގެ ދެކޮންޓެއިނާ ސިނގިރޭޓުގެ "ވައްކަމަށް" ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 65 އަހަރުގެ ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު ބަންދަން ދިން ފުރަތަމަ 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ.
މި މައްސަލާގައި އިތުރު ތިން މީހަކު ވެސް އިއްޔެ ހައްޔަރުކޮށް، ބަންދު ކުރަން ކޯޓުން މިއަދު އަމުރުކުރި އެވެ. އެއީ
1- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)
2- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު)
3- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު)
މީގެ ތެރެއިން ޝަމީމާއި ސާމިހް ތަހުގީގުގެ ބޭނުމަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ ހަތް ދުވަހަށެވެ. ފިރުޝާން ބަންދުކުރަން އަމުރު ނެރުނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ޖުމުލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފަ އެވެ.
ސިނގިރެޓް ވައްކަމުގެ މައްސަލައިގެ ތުހުމަތަށް އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން. މި މީހުން އަދިވެސް ތިބީ ބަންދުގައި.
މި މައްސަލާގައި ދިގަލީގެ އިތުރުން ދެން ހިމެނޭ ވިޔަފާރިވެރިޔަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. ސިނގިރޭޓް ވައްކަމަށް ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އާއްޓޭ ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެހެންވެ، އޭނާގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.
މި މައްސަލާގައި މިހާރު ފުލުހުންގެ ބަންދުގައި ތިބީ:
1- އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުކުރީ ޝަރީއަތް ނިމެންދެން ބަންދު
2- ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުކުރީ 15 ދުވަހަށް.
3- ޒިވާރު އިސްމާއިލް ބަންދުކުރީ 15 ދުވަހަށް. އޭނާއަކީ ކަސްޓަމްސްގެ އިސް މުވައްޒަފެއް އަދި މަސައްކަތް ކުރަމުން އައީ ހުޅުމާލެ ޕޯޓުގައި.
4- މުއާޒް އަލީ ބަންދުކުރީ 15 ދުވަހަށް. އޭނާއަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެއް.
5- ހަސަން އަބްދުއްރަހްމާން، ކ. ތުލުސްދޫ، ލިންކް. އުމުރުން 52 އަހަރުގެ ހަސަން އަބްދުއްރަހުމާން ބަންދުކުރީ ޝަރީއަތް ނިމެންދެން ބަންދު.
6- އާދަމް ވަހީދު، ނ. މިލަދޫ، ކެނެރީގެ- އުމުރުން 54 އަހަރުގެ އާދަމް ވަހީދު ބަންދުކުރީ ހަތް ދުވަހަށް. އޭނާއަކީ ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން.
7- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު) އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި.
8- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު) އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި.
9- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު) އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި.
މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެ އިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެމްޕީއެލުން ބުނެފައި ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި ސިނގިރޭޓް ކޮންޓެއިނާތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެ އެވެ. އެ ކޮންޓެއިނާތައް ވަގަށް ނެގިކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިގަލި ސަލާމަތްވާނެ
27 October 2025
ދިގަލި ސަލާމަތް ވާނެ. ސަބަބަކީ އޭނަގެ ކޮއްކޮ އަކީ ރައީސް އޮފިސް މިނިސްޓަރު ހަބީބް. ހާސް ނުވޭ، ދެރަ ގޮތެއް ނުވާނެ.
ބަލަންތިބޭ
27 October 2025
މިހާރު މި ބުނަނީ " މަގޭ ސޯޓް ބޭލުވިޔަ ދީގެން ނުވާނެ "
ރައުޔު
27 October 2025
އެއާރޕޯރޓް ތަކާއި، ސީޕޯރޓް ތަކާއި، ރެއިލްވޭ ސްޓޭޝަން ތަކާއި މިނޫންވެސް ރިސްޓްރިކްޓެޑް ތަންތަނުގައި ހުންނަ ސެކިއުރިޓީ ކެމެރާތަކަކީ ދެމަހުން ތިން މަހުން ފުޓޭޖް ބަލަން ހުންނަ އެއްޗެއްސެއް ނޫނެވެ. ޢެތަނުގެ ސެކުރިޓީ 24 ގަޑިއިރު ދަންފަޅި ބަލަހައްޓައި ފާރަވެރިވުން ލާޒިމް ވާނެއެވެ.
ގުދުގުދާބެއްޔާ
27 October 2025
ޚިޔާނާތް ތެރިންގެ ބޮޑު ރަށުގެ މީހެކޭ އެބަކިޔާތަ؟
ރަމަ
26 October 2025
މިކަމުގައި މިސަރުކާރުގެ އިސްބައެއްގެ ބައިވެރިވުން ފުރިހަމައަށް އޮވެގެންނޫނީ މިވަރުގެ ބޮޑުކަމެއް ނުކުރެވޭނެ އެންމެ މަތީފަޑި އަދިއޮތީ އޮތްގޮތަށް އެޔަކުއަދި އަތެއްނުލާ ނުވެސް ލެވޭނެ އަތްލާ ހިސާބުން އަތަށްގޮވާނެ!
ބަދަލޭ
26 October 2025
ބަދަލުގެ ގޮތުގައި ދިގަލިއައް 30 މިލިއަން. ޕާޓީ މަސައްކަތައް އެތަނުން 10 މިލިއަން. ކުރިއަށްއޮތް ކައުންސިލް އިންތިހާބައް 10 މިލިއަން. އެއްކަލަ ގެކޮޅައް 10 މިލިއަން. ދިގަލިއައް މިނިވަންކަން. ސިގިރެޓް ވައްކަމުން ހުރިހާ ފައިދާއެއް ކޮންބަޔަކައް؟
ހ. ހުސައިން
26 October 2025
މި މައްސަލާގެ ބާވަތަށް ބަލާއިރު، މި ކަން ހިނގައިފައިވަނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން. ހާއްސަކޮށް މޯލްޑިވްސް ކަސްޓަމް ސަރވިސަސް އަދި އެމް ޕީ އެލްގެ މުއައްޒަފުން. އެހެންވީމާ، މި ފަދަ ނުރަނގަޅު ކަންކަން ހިނގުން ހުއްޓުވުމަށްޓަކައި، ޝާމިލުވި އެންމެންނަށް ދެވޭން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް އަހުރެން ގޮވާލަން. އަދަބު ދިނުމަކީ އިބޫ އަދީބަށް މާފުދިންގޮތަށް ދެވޭ އަދަބެއް ކަމުގައި ވެގެން ނުވާނެ.
ހަސަންރަހާ
26 October 2025
40 ފޫޓު ދިގު ކޮންޓޭނަރު ޖީބަށްލެވޭ ވަރަށް ކުޑަކޮށްލީ ކަމަށް ބެލެވޭ. ކުޑަކޮށްލާފާ ޖީބަށް ވެސް ލެވޭނެތާ. ދެން ތަކެތީގެ ސައިޒު ކުޑަ ކުރާ ގޮތް ގިނަ ބޭފުޅުންނަށް އިނގޭނޭ ކަމަށް ބަލާ އެބައި ނުލިޔެ ދޫކޮށްލީ....
ގެދޮރޭ
26 October 2025
ނުކެރޭނެ އަސްލު މީހާ ހައްޔަރު ކުރާކަށް. ދިގަލި ފަންޑު ކުރިކަމަށްވަންޏާ ހައްޔަރުކުރަންވީ. ކޮބާ އެމް.ޕީ.އެލް.ގެ ޒިންމާ؟ ކޮބާ އެތާގެ ވެރިން؟ ހަމަ ކޮންމެކަމެއްގަވެސް މި މީހުންފިލާތިބެ ޖީބަށް ބޮޑުކުރުން. މީގެ ކޮމެންޓެއްގައި ފާހަގަކޮށްފައިވާގޮތަށް، ނުޙައްގުން ބަންދުކުރީއޭ ކިޔާފަ ވަހީދަށް 20 މިލިއަން ރުފިޔާގެ ބަދަލެއްދޭން ޙުކުމެއް ނައިސްފީޔާ އަލްޙަމްދު ﷲ.
ސައިނާ
26 October 2025
ކޮބާ އެމްޕީއެލް ގެ 6 މީހުން ގެ ފޮޓޯ? ކޮބާ ފަހުން ހައްޔަރު ކުރި 3 މީހުން ގެ ފޮޓޯ? އެއްވެސް އިން ސާފެއް ނެއް!