ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް: އެތަނުގެ އިތުރު ތިން ޓަވަރަކަށް ވަނީ ކަރަންޓުގެ ހިދުމަތް ދީފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު
27 އޮކްޓޯބަރ 2025 - 11:33
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން އަމާން އުދަރެސްގެ އިތުރު ތިން ޓަވަރަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ، ފްލެޓްތައް މީހުންނާ ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.
ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ. އެ އިމާރާތުގެ ފްލެޓުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތްދީ މިދިޔަ ސެޕްޓެމްބަރު 28 ގައި ވަނީ މީހުންނާ އެ ތަންތަން ހަވާލުކުރަން ފަށައިފަ އެވެ. މިހާރު އެ ޓަވަރުގައި އާއިލާތައް ދިރިއުޅެމުން ވެސް އެބަ ދެ އެވެ.
ފްލެޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކު ރައްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަމާން އުދަރެސްގެ 11، 12 އަދި 13 ވަނަ ޓަވަރަށް އިއްޔެގެ ނިޔަލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ތިން ޓަވަރަށް ވެސް ފެނުގެ ހިދުމަތްދީ ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނުގެ ހިދުމަތްދީ، އެއްކޮށް ނިމުމާ އެކު އެ ފްލެޓުތަކުގެ ވެސް ތަޅުދަނޑި ހަވާލުކުރަން ފަށާނެ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތް ކޮށްފައިވާ އެ ފްލެޓުތައް ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ. ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ.
ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.
އެ ތަނުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު 8،000ރ. މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަށް މެއިންޓެނަންސް ފީއާ އެކު ނަގަނީ 11،500ރ. އެވެ.
އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ. އެތަން ޑިސެމްބަރުގެ ނިޔަލަށް އެންމެނަށް ހަވާލުކޮށް ނިމޭނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިސްޓޯމެ
27 October 2025
ހާދަ ސްލޯޔޭ, މިވާހަކަ ދަންކަންވެސް ލަދު ނުގެނޭ 2 އަހަރުން ވީވަރުތީ, ކުރީބާއިގަ ތިކަންތަކާއި ނޫޅުނީ ކީއްވެގެން, ވޯޓް ލިބުންލޭ މަދީތޯ, ކޮބާ ދޭން ބުނި އިސްކަން. ވަރަށް ދެރަ ކޮންމެ ހެންވެސް, ރައިސް މިކަން އަވަސް ކޮށްދީ ސްކޫލް ހުޅުވަންވާއިރަށް މީހުން ތިތަނަށް ގޮސް ސެޓަޕް ހަދަން ކިހާ ވަގުތެއްދާނެ, މީ މީހުން ހާލުގަ އުޅޭނެ އަހަރަކަށްވާބެ ތި ސްޕީޑުގަ ދާނަމަ.
ޢިރާގްގެ މޫސަލް
27 October 2025
ނަރުދަމާ ގުޅުން ގާއިމްކުރި ވާހަކަ ވެސް ސުރުހީއަކަށް ޕްލީޒް.
މަ ބުނީ
27 October 2025
ތަރުތީބުން ކަންކަން ކުރުމަށް ފަސޭހަވީސް އަސާސީ ކުލާހުން ކިއެވިނަމަ ! އެހެނީ ފުރަތަމަ 1 ވަނަ ޓަވަރުން ނުފަށައި ސާދައިން ފެށީ ، މިހާރު ފަނަރަ ދޫކޮށްލީ އެދަނީ ސާދައިން ތިރިއަށް 15 މަތިން ހަނދުމަވެސްނެތީ ! ރައްޔިތުން މާޔީސްކުރުން ރޭވިގެން ކުރާކަމަކާވައްތަރީ ! ހަމަ ސަހާދެން ބޮލުގަ ރިއްސާވަރެއް !
ޥިނަރެސް
27 October 2025
ކޮންމެ 3 ޓަވަރަކަށް ކަރަންޓްދޭންވެސް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަންވާނެ. ޢޭރުން ތިތަންތަނަށް ވަންނަންތިބި ރައްޔިތުން އުފަލުން އަތްޖަހާނެ. ޑައުންޕޭމަންޓް ނަގައިގެން 2 މަސް ވާއިރު ތަޅުދަނޑި ހަވާލުނުކޮށް ތިބެ ރައްޔިތުން ހަނާކުރަނީ.
ކޮލަމާހުއްޓާ
27 October 2025
ތިކަންތައް ނިމެންވާއިރަށް އެތަންތަނުގެ ލޭންޑްސްކޭޕިންގ ނިންމައި އެތަނަކީ އެތަނަށް ވަންނަ މީހުނަށް ހިތްފަސޭހަ ތަނަކަށް ހަދަން އެބަޖެހޭ. މިއިން އެއްވެސްކަމެއް އަދި ނުފެށޭ. އެތަނެކޭ ކޮންސްޓްރަކްޝަން ސަައިޓެކޭ ތަފާތެއްނެތް.