މަޖިލީހުގެ ނައިބު ރައީސް ނާޒިމް: ދައުލަތަށް ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރެޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރެޓް ގިނަ ކަމަށް ވިދާޅުވި
27 އޮކްޓޯބަރ 2025 - 12:01
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމި ފަހުން، ދައުލަތަށް ދައްކަން ޖެހޭ ޑިއުޓީ އަދާކޮށް، އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓުގެ އަދަދު ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިނގިރޭޓްގެ ބޮޑެތި ވައްކަންތަކާއި ރާއްޖެ އަށް ވޭޕް އެތެރެކުރުން ނުހުއްޓި ކުރިއަށް ދާތީ، އެކަމުގައި ކަސްޓަމްސްގައި ހުރި މައްސަލަަތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ތަހުގީގެއް ހިންގައިފަ އެވެ. އެ މައްސަލާގައި އެ ކޮމިޓީއަށް ފެންނަ ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައި، މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި އެވެ.
އެ ރިޕޯޓް ހުށަހަޅުއްވައި ދެއްވަމުން ކޮމިޓީން ރިޕޯޓް އެކުލަވާލެއްވުމުގައި އިސްކޮށް ހުންނެވި ނާޒިމް ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި އިންޕޯޓް ޑިއުޓީގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް އެ އަދަދަށް ދައުލަތަށް ޑިއުޓީ ލިބެމުން ނުދާ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ސިނގިރޭޓުން ލިބެންޖެހޭ އިންޕޯޓް ޑިއުޓީ ދައުލަތަށް ނުވަނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޕޯޓް ޑިއުޓީ އަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަދު ނުލިބޭ މައިގަނޑު ސަބަބަކީ ސިނގިރޭޓްގެ ޑިއުޓީ އަށް ގެނެވުނު ބަދަލު. އެ ބަދަލު ގެނައި ފަހުން ސިނގިރޭޓްގެ ކަންކަމަށް ވެގެން މިދިޔަ ގޮތުންނާއި އަދި ވޭޕް މަނާކުރި ފަހުން ވޭޕްގެ ކަންކަން ވެގެން މިދާ ގޮތުން މި ފެންނަނީ ކަންބޮޑުވާން ޖެހޭ ފަދަ މައްސަލައެއް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް ސަރުކާރުން މަނާކުރި ވަރަށް ހެޔޮ ނިޔަތެއްގައި ކަމަށެވެ. އެކަމަކު، އެ ސިޔާސަތަށް ފަހު ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަގަށް ސިނގިރޭޓް އެތެރެކުރެވިގެން ވަގަށް ވެއްދި ސިނގިރޭޓް ގިނަ ރަނގަޅު ގޮތުގައި ޑިއުޓީއާ އެކު އެތެރެކުރެވޭ ސިނގިރޭޓަށް ވުރެ. ވޭޕް ކަންތައް ވެސް އޮތީ އެހެން. ވޭޕް އެބަ ލިބޭ. އެ ވިއްކާ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް އެބަހުރި،" ނާޒިމް ވިދާޅުވި އެވެ.
"އޭގެ މާނައަކީ ރާއްޖެއަށް މި އެއްޗެއްހި އެބަ އެތެރެވެއޭ. އެ އެތެރެވަނީ ކަސްޓަމަސްގެ ތެރެއިންނޭ. ކަސްޓަމްސްގެ މައި ދޮށީތަކުން ބެލެނިވެރިކަމުގެ ތެރެއިންނޭ."
އެހެންކަމުން ނާޒިމް ވިދާޅުވީ ކަސްޓަމްސް އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވާ ކަންކަން ތަންފީޒު ކުރުމުން ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކޮންމެހެން ތަންފީޒު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ރިކޮމެންޑޭޝަންތަކާ އެކު ދޮރުތައް ބަންދުވާނެ، މިއީ ސީދާ އާމްދަނީއާ ގުޅިފައިވާ ކަމެއް. ރައްޔިތުންނަށް ލިބެންޖެހޭ ޓެކްސް ފައިސާ ނުލިބި އެހެން މީހުންނަށް ލިބިގެން މިދަނީ،" ނާޒިމް ވިދާޅުވި އެވެ.
ވަގަށް ސިނގިރެޓް އެތެރެކުރާ މައްސަލަ ހޫނުވެފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ކަސްޓަމްސް އިން ހިފަހައްޓާފައި ވަނިކޮށް އެމްޕީއެލް ހުޅުމާލޭ ބަނދަރުން ވަގަށް ނެގި މައްސަލަ ފެންމަތިވުމާ އެކު އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ސިނގިރޭޓް ކޮންޓެއިނަރުތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަާޢާބިދާގެ 1ވަނަ ދަރި
28 October 2025
ނާޒިމް އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ދެނެއް ސިނގިރޭޓު ސުމަގުލް ކުރުން ނުހުއްޓުވޭނެ! ދެން ވަރަށް ވެދުން...
އަހުމަދު މުހައްމަދު އަލީ
27 October 2025
އެފަދަ ތަކެތި ގަނެ ވިއްކާ ފިހާރަ އާއި ދޭތެރޭ ފިޔަވަޅު އަޅާލަ ބަލަ. ބައި ކުޅަ ބައި ޤާނޫނޫ ހަދައިގެން ކަންކަން އިސްލާހެއް ނުވާނެ. އެފަދަ ފިހާރަތަކަށް ފިޔަވަޅު ވަރުގަދަ ކޮށްލަނިކޮށް ދުވަސް ކޮޅަކުން އެކަމަށް ހައްލު އަންނާނެ. އަޅަންވީ ފިޔަވަޅު ބޭނުން ވަންޏާ ކޮފީ އަކުން މީޓް ކޮށްލާ. ހައްލު ކިޔާލަ ދޭނަން.
އަސް
27 October 2025
ތިހެން ވާނީ ދެއުޅިއެއްނުވާ ކަންކަން ކުރީމަ.
އަފްރީ
27 October 2025
މުއިއްޒު އައްޔަނުކުރި ކަސްޓަމްސްގެ ވެރިން ގެނެސް ސުވާލު ނުކުރެވޭތަ.ހަމަ އެކަނި ތިހެން ކަރާފަޅަނީ.
ދިޔާނައްތަ
27 October 2025
ކަސްޓަމްސް އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ބުނިއިރު އަދިވެސް ރޫޓް ކޯޒް އަށް ނުބަލަނީ ކީއްވެ. މަސްތުވާތަކެތިވެސް ހަމަ އެތެރެކުރޭ. ދުންފަތް ހުއްޓުވަންޏާ ސިސްޓަމެޓިކް ގޮތަކަށް ނޫނީ ނުވާނެ. ތަޅާމަރައިގެން މީހުން އިސްލާހެއް ނުކުރެވޭނެ.
ދުރުވިސްނޭ
27 October 2025
ހަގީގަތުގައި އެނގޭ މީ އެޑިކްޓްވާ އެއްޗެއްކަން. ދުނިޔޭގެ އެއްވެސްތާކު އަގު ބޮޑުކޮށްގެން ބޯ ވަރު ދަށް ނުވާކަން. އަގުބޮޑުވީމަ ވީ ގޮތަކީ މީހުންގެ ދަރިން ނިކަމެތި ވީ. ދަރިންނަށް ކުރާ ހަރަދު އެލޮކޭޓް ކުރީ ސިނގިރޭޓަށް.
މ.ރ.
27 October 2025
ތަންފީޒުކުރުން ހަރުދަނާ ކުރުން ފުރަތަމަ ކަމަކީ. އެކަމަކު ޑުރެމެޓިކު ކޮށްލަން މާ ގައްޑާބައެއްކަން ދައްކަން، ނޫނީ އެހެ ސިޔާސީ މަންފާއެއް ހޯދަން ހުރިހާ ކަމެއްވެސް ކުރަނީ. ފުރަތަމަ ނިޔަތް ރަގަޅުނަމަ، ކަންކަން އިސްލާހުވެސް ކުރެވޭނީ.
ސަހަރޯއޭ
27 October 2025
ކަލެމެން ތި ސިޔާސަތު ކަޑައެޅީ! ތި ހައްދުން ނެއްޓޭ ވަރަށް އަގުބޮޑު ކުރީ ޑިއުޓީ އުދުގަ ބައިންދާފަ! ތި ކަމުން ޢާއްމުންނަށް ކުރީ ތުރާ! އާއމުން ނަށް އާދައިގެ ދެރަ ސިގިރޭޓް ބޯން ޖައްސާ އާއމު ސިއްހަތު ސުންނާފަތި ކުރަމުން އެކި ޒުވާނުން ވާ ވައްދަމުން ވަގު ސިގިރޭޓް ނޫނީ ވަގު ވޭޕް ގަ ޖައްސާ ވީދާ ކުދި ކުރަމުން ތިދަނީ ޅަ ކުދިންގެ ޖީބާ އަބުރާ ސިއްހަތު! އަތް ނުފޯރާ ވަރު ކުރީމަ ވަގަށް ތި އެތެރެ ކުރާނެ! ތި ކަމުން ދައުލަތަށް ލިބުނީ ގެއްލުން! އާއމުން ގެ ޖީބު ނޮޅުނީ
އޮނަރަބްލް އަލިބެއްޔާ ގެ ދީދީ
27 October 2025
ވަގަށް އެތެރެކުރަނީކީ ނޫން . ޑިސްކައުންޓު ހޯދަނީ .
ދަގަތްފާނު
27 October 2025
އެހެންވީމާ ހެސްކިޔާފަ އަގުބޮޑުކޮށްފަ ފައިސާގަނޑު މިވަންނަނީ ބަޔަކު ޖީބަށްތާ. ބާޒާރުކޮތަޅު ފައިސާއަށް ވަނީ ކިހިނެއްތޯ. ޕެޑު ޓެކްސް އުވާލީމަ ފިހާރަތަކުން ޕެޑު އަގުހެޔޮވިތޯ. އަހަރެމެންގެ ފައިސާކޮޅުން އެތައްބަޔަކު މިލިއަނަރުންނަށް ވަނީނޫންތޯ.