ވީއައިއޭގެ އާ ޓާމިނަލްގައި ހުންނަ ބީއެމްއެލްގެ ޑޮލަރު ކައުންޓަރު: ވަގުން ފޭރިގަތީ މި ކައުންޓަރަށް ގެންދިޔައި 130،000 ޑޮލަރު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
28 އޮކްޓޯބަރ 2025 - 10:29
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ އެތެރޭގައި ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އިއްޔެ ރޭ ފަތިހު 130،000 ޑޮލަރު ފޭރިގަތް މީހުން އިއްޔެ ހެނދުނު ކ. ހުރައަށް ގޮސް އެ މީހުން ތިބި ގެސްޓް ހައުސްގެ ތެރޭގައި ޑޮލަރު ގެންގުޅެ އެ ގުނާތަން އެ ތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދެއްކީ ވީއައިއޭގެ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ. ރާއްޖޭގެ ގައުމީ ބޭންކުގެ ދެ މުވައްޒަފުން ސޫޓްކޭހުގައި އެ ޑޮލަރުތައް ހިފައިގެން ދިޔައީ އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދާށެވެ. އެއީ އިއްޔެ ހެނދުނު ރާއްޖެ އިން ބޭރަށް ފުރި ބައެއް ދިވެހިންނަށް ދޫކުރަން ހުރި ޑޮލަރު ކަމަށް އެނގިފައިވެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް އިއްޔެ ހެނދުނު ހަތަރު މީހަކު ހައްޔަރުކޮށް، އަދި އެ މީހުން ދަތުރުކުރި ލޯންޗު ވެސް ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ މެންދުރު ވިދާޅުވި އެވެ.
ހުރާއިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗުގައި އެ ހަތަރު މީހުން ދިޔައީ އެ ރަށަށް ކަމަށެވެ. ލޯންޗު ހުރައަށް ގާތްކުރި ކަމަށް ވަނީ އިއްޔެގެ ހެނދުނު 8:45 ހާއިރު އެވެ. އެހެންވެ، އެއާޕޯޓުން އިއްޔެ ރޭ ފަތިހު ފުރައިގެން އޭގެ ކުރިން އެ މީހުން ދިޔަ ތަނެއް އަދި ސާފެއް ނޫނެވެ.
ހުރައިން ވާހަކަ ދެއްކި މީހަކު ބުނީ، ސޫޓްކޭސް ހިފައިގެން އުޅުނު ތަން ރަށުތެރެއިން ބަޔަކަށް ފެނުނުކަން ނޭނގުނަސް އެ މީހުން ތިބި ގެސްޓް ހައުސްގެ ސީސީޓީވީ ކެމެރާ އަށް، އެ މީހުން ޑޮލަރު ގެންގުޅޭތަން އުޅޭ ފެންނަ ކަމަށެވެ. އެކަމަކު އޭނާ ބުނީ އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ.
"އެހެންވެ، ފުލުހުން މިހާރު ގެންދަނީ އެކަން ތަހުގީގު ކުރަމުން،" މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
ޑޮލަރު ފޭރިގަތް މީހުން މިހާރު ތިބީ ހުރާގައި ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކ. ގުރައިދޫގެ ދެ މީހަކާއި އެހެން ރަށެއްގެ ދެ މީހެކެވެ. އެކަމަކު އަނެއް ދެ މީހުންގެ ރަށެއް އަދި ސާފެއް ނުވެ އެވެ.
މި ރަށުގައި ގާޒީއެއް ވެސް މި ވަގުތު ނެތް. ރޭގައި ވެސް އުޅުނު ކޯޓު އަމުރު ހޯދައިގެން ތަނެއް ފާސްކުރަން. އެކަމަކު، އަމުރުގެ ކަމެއް ދިމާވެގެން އެ ކަމެއް ނުވި ކަމަށް ވަނީ،"--- ހުރައިން ވާހަކަ ދެއްކި މީހެއް
މައުލޫމާތު އެނގޭ ފަރާތުން ބުނި ގޮތުގައި އެ މީހުންގެ އަތުން ބަނގުރާފުޅިތަކެއް ވެސް ފެނުނެވެ. ނަމަވެސް، ވަގަށް ނެގި ޑޮލަރު ފެނުނު ކަމެއް އަދި ނޭނގެ އެވެ.
ގުރައިދޫގެ ދެ މީހުންގެ ބޭބެއަކު ހުރާގައި ދިރިއުޅޭތީ އެ މީހުން ދޭތެރެދޭތެރެއިން ހުރައަށް ދާ ކަމަށް ހުރައިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"މި ރަށުން ފަސް ތަނެއް ފާސްކުރަން ފުލުހުންގެ ލިސްޓުގައި އެބައޮތް. އެކަމަކު، ކޯޓު އަމުރު ލިބުމުގައި އެކިއެކި ކަންކަން ދިމާވެގެން ލަސްތަކެއް ވަމުން މިއަދުގެ ހެނދުނާ ހަމައަށް ވެސް އައީ. މި ރަށުގައި ގާޒީއެއް ވެސް މި ވަގުތު ނެތް. ރޭގައި ވެސް އުޅުނު ކޯޓު އަމުރު ހޯދައިގެން ތަނެއް ފާސްކުރަން. އެކަމަކު، އަމުރުގެ ކަމެއް ދިމާވެގެން އެ ކަމެއް ނުވި ކަމަށް ވަނީ،" އެ މީހާ ބުންޏެވެ.
ޑޮލަރު ފޭރިގަތް މީހުން ދަތުރުކުރި ލޯންޗު އިއްޔެ ހެނދުނުގެ 8:45 ހާއިރުން ފެށިގެން އޮތީ ހުރާގެ ބަނދަރުގަ އެވެ. އެއީ 12 މީހުންގެ ޖާގައިގެ ލޯންޗެކެވެ.
ޑޮލަރު ފޭރިގަތް ވަގުން ވީއައިއޭގެ ޓާމިނަލަށް ފޭބީ ކާރަކުން ކަމަށް ވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައި ވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ޑޮލަރު ސޫޓްކޭސް ފޭރިގަތް އިރު އެ މީހުން ފުލުހުންގެ ސެކިއުރިޓީ ނުހޯދާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި އެއާޕޯޓުގެ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުން ފައިސާ އުފުލާއިރު އާންމުކޮށް ވެސް ފުލުހުންގެ ސެކިއުރިޓީ ހޯދުމަށް އެސްއޯޕީއެއް ނޯވެ އެވެ. އެކަމަކު، އޭޓީއެމްތަކަށާއި މަގުތަމަތީގައި ފައިސާ އުފުލާއިރު ދަނީ ފުލުހުންގެ ފުލް ސެކިއުރިޓީގަ އެވެ.
ޑޮލަރު ސޫޓްކޭސް ވަގުން ގެންދިޔަ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ފުލުހުން ބުނެފައިވާ ގޮތުގައި އިއްޔެ ރޭގެ ފަތިހު 4:45 ހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުންނަ
30 October 2025
ތީ ހަމަ ބޭންކާ ފުލުހުންނާ އެއަރޕޯޓާ ކޯޓާ ގުޅިގެން ރޭވިގެން ހިންގި ކަމެއް. ތިކަން ހަނދާނުން ފޮހެލާނެ. ތި ފައިސާ އެއްވެސް ނުޙޯދާނެ.
މަޑުލި
28 October 2025
ގައުމުގަ އޮންނައެންމެ ބޮޑު ނޫނީ މައިދޮރާށީގަ ފުލުހަކު ނުނީ ސިފައިންގެ މީހެއް ނެތް، ކޯޓުގަ ގާޒީއެއްނެތް.. ކިހިނެއްދެންހަދާނީ ބުރޯ؟
މޮޅުކަން
28 October 2025
5 ނުޖަހަނީސް އެއަރޕޯޓުން ފުރައިގެން ދިޔަ ލޯންޗް 0845 ވަންދެން އުޅުނު ތަނެއް ފުރަތަމަ ބަލާ ފާސްކުރަންޖެހެނީ،
ޢަރުތަ
29 October 2025
ވަގުންނާ ތިޔަ ސުވާލު ކުރީމަ ވަގުން ހަނު ތިބީތޯއްޗެ. ވަގުން ހަނު ތިބުމުގެ ސަބަބުން އަދިވެސް ވަގުން ގެންދިޔަ ޑޮލަރު ވީތަނެއް ނޭގެ ނުހޯދެ، މީވާ މަޖާކަމެއް.
ޝާކިރު0
28 October 2025
ތީގައި ދައުވާ ކުރެވެން އޮތީ ހަމައެކަނި ބަނގުރާ ގެންގުޅުމުގެ ކުށަށް ކަމަށް މިހާރު ބެލެވެނީ.. ދެން ބަންދުގައި ތިބި މުއްދަތަށް ވުރެ ޙުކުމުގެ މުއްދަތު ދިގޭ ބުނެ، ދޫކޮށްލާނެ ޤައުމީ ބޭންކު "ފަޅާލުމުން" ވެސް
އުދުހޭ
28 October 2025
ތިޔަ ވާހަކަ ބާއްވާފައި ބުނެދީބަލަ އާ ޓާމިނަލުގެ ޑިޒައިނަށް ނުފެދޭ އައުޓްލެޓެއް ބީއެމްއެލް އިން ހަދާފަ އޭނީ ކީއްވެތޯ؟
އަހަންމާ..
28 October 2025
އެބުނާހެން. ހާދަ ހަޑިކޮށް ހަދާފައޭ އެހުރީ. ހީވަނީ މާރުކޭޓް ކަޑައެއްހެން.
ޢަލްޓިކޯ
28 October 2025
ޢިހުސާނުމެން ކިޔާނީ އަބަދުވެސް އެބައުޅޭ އެބައުޅޭ ވާއެއް ނުވާއެއް ނޭގޭނެ ނުވާނެ ޓޮރެންޒާ ޕާސްޕޯރޓްގަ އެމެރިކާ އަށް ދިޔަ އަންހެންމީހާގެ ވާހަކަޔާ އެއްވެސް ތަފާތެއްނެއް
އެއްކަލަ މީހާ ދޯ
28 October 2025
ރަށުގަ ގާޒީއެއް ނެތް. ކޯޓް އަމުރު ނުލިބިގެން ތަންތަން ބަލައި ފާސްކޮށް ގެއްލުނު ފައިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވެ ވަގަށް ނެގި ފައިސާ ތަންތަނަށް ގެންގޮސް ފޮރުވާ ރައްކާކުރަން ވަގުތުލިބޭނެ ގޮތަށް އިންތިޒާމްތައްވަނީ ހަމަޖެހި ނިމިފަ. އަތުލައިގަނެވުނު މީހުންގެ އަތުން ބަނގުރާ ފުޅިތަކެއް ފެނުނު. މާނަ އަކީ ދައުވާ ކުރެވޭނީ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާއޭ.
މިހާލަތު
28 October 2025
ވީއައިއޭގެ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އަކީ ޕަބްލިކް އެކްސެސް ވެވޭގޮތަށް އޮންނަ ވޯކްވޭއެއް ނަމަ އެތަނުން ޑޮލަރު ހިފައިގެން ދާންވާނީ ފުލުހުންގެ ސެކިއުރިޓީ ގައެވެ. އެހެން ތަންތަނުގައިވެސް އެއަރޕޯޓް ތަކަކީ ވަރަށް ސެކިއުރިޓީ ވަރުގަދަ ތަންތަނަށް. ތިހާ ފަސޭހައިން ތިކަން ކުރެވުނީމާ އެއަރޕޯޓްގެ ސެކިއުރިޓީއާ މެދު ސުވާލު އުފެދެއެވެ. އަހަރެމެން ކުޑައިރު ހުޅުލެއަށް އެރެނީ ފާހެއް ހޯދައިގެނެވެ. އަލުން .......؟
އަހުމޭ
28 October 2025
ދިވެހިން ވ. ދައް މިކަންކަމައް. އަބަދު އޮންނަނީ ބަސްޓްވެފަ
ކަޖޫބެ
28 October 2025
މި ފިލްމުގަ ދެން ވާނީ ކިހިނެއްބާ؟؟؟
ޢަރުތަ
29 October 2025
ސާބިތު ނުވެގެން އުލެނިކޮށް ފިލްމު ދެން ނިމޭނީ.