ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ކަސްޓަމްސް އިން ރިޔާޒު ވަކިކުރި މައްސަލަ އަލުން ބަލައިދޭން އެދިފައި.
30 އޮކްޓޯބަރ 2025 - 16:27
ކަސްޓަމްސްގެ ކޮރަޕްޝަންގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި އިއްޔެ މަގާމުން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒާ ގުޅޭ މައްސަލަ އަލުން ބަލައިދޭން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު އެދިވަޑައިގެންފި އެވެ.
ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރެއްވި މަހުމޫދު ރިޔާޒާއި އަބްދުﷲ ވަހީދު، ޑެޕިއުޓީ ކޮމިޝަނަރުކަމުން ވަކިކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުއްވީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސް އަށް ނޭނގި ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ފޮނުވި ރިޕޯޓްގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް ކަމަށެވެ.
މަހުމޫދު ރިޔާޒު އެ ތުހުމަތުތައް ދޮގު ކުރައްވާފައި ވަނިކޮށް، އޭނާގެ ނިސްބަތްވާ ދާއިރާގެ މެމްބަރު ކުޑޫ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ 2017 ގައި ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުގައި އެހީތެރިވި ކަމަށް ބެލެވޭ މައްސަލައިގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ވަކިކުރި މަހުމޫދު ރިޔާޒަކީ އިހްލާސްތެރިކަމާ އެކު ކަސްޓަމްސްގައި 30 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
މަހުމޫދު ރިޔާޒަކީ ކޮރަޕްޝަންގެ އެއްވެސް ރިކޯޑެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އެހެންވެ 241 ކޮމިޓީން ބުނާ ބުނުން އަލުން ބަލައިދިނުމަށް ކުޑޫ އެދިވަޑައިގަތެވެ.
"މި ދިގު މުއްދަތުގައި މިފަދަ އެއްވެސް ކަމެއްގައި މަހްމޫދު ރިޔާޒުގެ އެއްވެސް ނުރަނގަޅު ރެކޯޑެއް އޮތް ފަރާތަަކަށް ނުވާތީ، މި މައްސަލަ އަލުން ބައްލަވައި ދެއްވުން އެދި އަދަބުވެރިކަމާ އެކު ދަންނަވަމަވެ." ކުޑޫގެ ސިޓީގައި ވިދާޅުވި އެވެ.
މަޖިލީހުގެ 241 ކޮމިޓީން ބުނެފައިވާ ގޮތުގައި އެ މައްސަލާގައި މަހުމޫދު ރިޔާޒާއި އަބްދުﷲ ވަހީދު ވަކިކުރީ ރިޕޯޓުގައި ހިމެނޭ "ސިއްރު ބައިތަކަށް" ރިއާޔަތް ކޮށްފައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން 241 ކޮމިޓީން އެކުލަވާލި ރިޕޯޓު އާންމުކުރި ނަމަވެސް "ސިއްރު ބައެއް" ރިޕޯޓުގައިވެ އެވެ. އެ ވާހަކަތައް ހިއްސާކުރީ ރައީސް މުއިއްޒުއާ އެކަންޏެވެ.
ކުޑޫގެ ސިޓީއާ ގުޅިގެން 241 ކޮމިޓީގެ މުގައްރަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވީ، މަހުމޫދު ރިޔާޒު ނިސްބަތްވާ ދާއިރާގެ މެމްބަރުގެ ފަރާތުން މައްސަލަ އަލުން ބަލައިދޭން އެދިވަޑައިގެންފައިވާ ކަމަށާއި އެހެންވެ އެކަން އެ ކޮމިޓީން ބަލާނެ ކަަމަށެވެ.
ސަލީމް ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ބޭއްވޭނެ ކަމަށް ލަފާކުރެވޭނީ އަންނަ ހޯމަ ދުވަހު އެވެ.
"އެ ކޮމިޓީގައި، މެމްބަރު ހުށަހަޅާފައިވާ މައްސަލަ އަޅުގަނޑުމެން ދިރާސާކޮށް އެކަމާ މެދު ގޮތެއް ނިންމައި ރައްޔިތުންނަށް ޖަވާބެއް ދޭނަން،" ސަލީމް ވިދާޅުވި އެވެ.
މަހުމޫދު ރިޔާޒު ވަކިކުރި މައްސަލަ އަލުން ބަލަން ހުށަހެޅިއިރު ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕަށް އޭނާ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.
"މާތްﷲ ގަންދީ ހުވާކުރަން، އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" މަހުމޫދު ރިޔާޒު ވިދާޅުވި އެވެ.
މަހުމޫދު ރިޔާޒުގެ ދިފާއުގައި، އޭނާއާ އެކު މަސައްކަތްކުރި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަަމުންނެވެ.
މަހުމޫދު ރިޔާޒާ އެކު، 30 އަށް ވުރެ ގިނަ އަހަރު ކަސްޓަމްސްގައި މަސައްކަތް ކުރެއްވި ކުރީގެ ކޮމިޝަނަރު ޖެނެރަލް، އަބްދުﷲ ޝަރީފް ވިދާޅުވީ، މަހުމޫދު ރިޔާޒަކީ ތެދުވެރި އަދި ޕްރޮފެޝަނަލް ބޭފުޅެއް ކަމަށާއި ނަޒާހާތްތެރިކަމުގެ ރޯލް މޮޑެލްއެއް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، މަހުމޫދު ރިޔާޒަކީ އެފަދަ އެއްވެސް ރިކޯޑެއް އޮތް ބޭފުޅެއް ނޫން ކަމުން، އިންސާފުވެރި މަރުހަލާއެއްގެ ތެރެއިން އޭނާ އަށް ޖަވާބުދާރީވުމަށް ފުރުސަތެއް ނުދީ ވަކިކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.
ކަސްޓަމްސްގެ ބައެއް އޮފިސަރުން ބުނެފައިވާ ގޮތުގައި އެ ތަނުގައި މަސައްކަތްކުރި މުއްދަތުގައި މަހުމޫދު ރިޔާޒާ ގުޅޭ އެފަދަ އެއްވެސް ވާހަކަތަކެއް ނީވެ އެވެ. އެހެންވެ، އެފަދަ ވާހަކައެއް ގަބޫލުކުރަން ދަތި ކަމަށް ބައެއް އޮފިސަރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު.
01 November 2025
ދެކޮޅުނުބަލާ މަގާމުތަކަށް މީހުން އައްޔަނުވެސް ކުރޭ
ޑެބީ
31 October 2025
މިރަށަށް އެންމެ ފުރަތަމަ ކާރެއް ގެނައިމީހަކަށް ބައްޕަގެ މިމަހުމޫދުގެ ނަން. ހަނދާންހުރި މީހުން ރިއެކްޓުކުރައްވާ.
ޖަސްޓިސް
31 October 2025
ހަރުކަށި އަދަބުދީ!! މައްސަލަބަލަންވީ ބަލާފަ ދެނވެސް ވައްކަމުގަ އިންވޯލްވްވާ އެއްމެން ހިފާ ހައްޔަރު ކުރަންވީ!
މުޅިން ދޮގާ މަކަރާ އޮޅުވާލުމެއްނު
31 October 2025
ވެރިކަން މިގްރޫޕަށް ލިބުނު ގޮތްވެސް ބަލައިދީބަލަ.
މަހަމޫދުބެ1
31 October 2025
މުއިއްޒު ގެ ވެރިކަން ތިޔަ ނިމުނީ …
ލާމީ
30 October 2025
ނަލަގަ އަހަރެމެން ދަންނަމޭ ކަސްޓަމުސް އަދި ކަސްޓަމު އޮފިސަރުންގެތެރޭ ތިވާހަކަ ދައްކަނީ ކޮންބައެއްކަމާއި އެއީ ކީއްވެގެންކަން ވެސް އެނގޭނެ، ކަސްޓަމުން ދެންވަކިކުރި މީހާވެސް ފެން އޭނަ ދާއިރާ މެމްބަރުކާރީ ބުނާނީ ހަމަތިހެން ކަންނޭނގެ
ހާނޖީ
30 October 2025
ތިމާއަދި ކުށެއް ނުކުރިޔަސް ކުށް ކުރާކަން އެނގިހުރެ ހަނުހުރުމަކީވެސް ނުވަތަ އަޅާނުލާ ހުކުމަކީވެސް އެކުށުގައި ބައިވެރިވުން. ކަސްޓަމްސް ގެ ތެރެއިން ކުރާވައްކަން ނޭނގެޔޭ ބުނެވޭނެ އެއްވެސް އޮފިސަރެއް ނުހުންނާނެ. ޔުނީފޯމް އެޅި ހުރިހާ މުއައްސަސާއެއްވެސް އޮތީ މިހާލުގަ. އިމިޤްރޭޝަން ، ފުލުހުން ނުވީތާކަށް މަގުބަލަހައްޓަށް އުޅޭ މީހުންވެސް ތިބީ މިހާލުގަ.
ރާއިސް1
31 October 2025
ދެން މުއިއްޒު އޯ، ކަލެޔޯ ؟
ހަންޓީ
30 October 2025
ކަސްޓަމްސްގަ ގިނަ ދުވަހު މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުން. މާންޑޭ އަކީ ކަސްޓަމްސް ތާރީހުގަވެސް އިސް ވެރިޔަކަށް ހުރެ ނުރަނގަޅު އެއްވެސް ކަމެއްގެ ވާހަކައެއްވެސް ބަޔަކު ދައްކާފައިވާ މީހެއް ނޫން. މާންޑޭ އަކީ ހުލްގު ހެޔޮ އިހުލާސްތެރި އެހާމެ މަޑުމައިތިރި މީހެއް. މިއަދު މި ގައުމުގަ މިފަދަ މީހުންނަށް ޖާގަ ނެތްކަން ހާމަ މި ވަނީ. ވެރިން ބޭނުންވަނީ ކޮރަޕްޓް މީހުން.
ހޮޓްކިންގ
30 October 2025
ރައީސް މުއިއްޒަށް ދަންނަވަން މަޖިލީހުން ބުނާހާ އެއްޗަކަށް ސިއްސައިގެންގޮސް ކަމުގެ ދެކޮޅު ބަލާލުމެއްނެތި މީހުނަށް އަނިޔާވެރި ނުވުމަށް. 33 އަހަރަކީ ދައުލަތަށް ޚިދުމަތް ކުރުމުގާ ކުރު މުއްދަތެއްނޫން. މީހަކު ގޯސްކަންތައްތަކެއް ކުރަންޏާ އެމީހަކާމެދު ކުރިންވެސް އެފަދަ ވާހަކަ ދެކެވޭނެ އަދި ފިޔަވަޅު އަޅާފަވެސް ހުންނާނެ. އަނިޔާވެރިކަމަކީ ޤިޔާމަތް ދުވަހުން އެމީހަކާ ބައްދަލު ކުރާނެ އަނދިރި ކަމެއް.
ނަށީދު
30 October 2025
ވަގުން ސަލާމަތް ކުރަން ވަގުން އުޅުނީމާ އަންނަނީ ހިނި
ޔުއާން
31 October 2025
ފޭކު ބޭސް އެތެރެކޮށްގެން ރައްޔިތުން ފެލާލާފަ ތިކަހަލަ ވާހަކަ ދެއްކީމާވެސް އަންނަނީ ހަމަ ހިނި