ބީއެމްލުން ބުނީ، 206 މަޝްރޫއު ހަވާލުވި ކުންފުނިތަކަަށް ވެސް ލޯނު ދޫކުރާނީ ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަލާފައި ކަމަށް.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު، އެ ބޭންކްގެ އިވެންޓެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:ބީއެމްއެލް
09 ނޮވެމްބަރ 2025 - 10:29
ތަރައްގީގެ 206 މަޝްރޫއެއް ހިންގަން ދިވެހި އަމިއްލަ 53 ކުންފުންޏަކާ ސަރުކާރުން މިދިޔަ ހަފުތާގައި ހަވާލު ކޮށްފައިވާއިރު، އެ ކުންފުނިތަކަށް ވެސް އެ ބޭންކުން ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން ކަމަށާއި ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ ހުރިހާ ކަމަކަށް ބަލާނެ ކަމަށް ބީއެމްއެލުން މިއަދު ބުނެފި އެވެ.
މަޝްރޫއުތައް ހިންގަން ސަރުކާރާ އެކު ސޮއިކުރި 53 ކުންފުންޏަށް ލޯނު ދޫކުރަނީ ބީއެމްއެލްގެ ބޯޑުން ފާސްނުކޮށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ އެވެ،" ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ބަޔާނުގައި ވެ އެވެ.
ތަރައްގީގެ 206 މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލު ކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޮޑު ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެ މަޝްރޫއުތައް ހިންގާނީ "ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް" ކަމަށެވެ.
އަދި މަޝްރޫއުތައް ހިންގުމާ ހަވާލުވި ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ކަށަވަރުކަން ޒަމީރު ދެއްވި އެވެެ.
އެ މަޝްރޫއުތަކަށް ފައިނޭންސް ކުރާ ކުންފުނިތަކަށް މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ސަރުކާރަށާއި ރާއްޖޭގެ އިގްތިސާދަށް ކުރާ އިތުރުބާރު ސަރުކާރަށް މުހިއްމު ކަމަށެވެ. ބުރާސްފަތި ދުވަހު ސޮއިކުރި އެއްބަސްވުންތައް ހިމެނޭނީ އާއްމު އިންވެސްޓްމެންޓް ފްރޭމްވޯކެއްގެ ތެރޭގައި ކަމަށާއި ރިސްކް ކުޑަކުރުމަށް، ފައިސާ ދޭކަން ޔަގީންކުރުމާ އެކު، މަސަައްކަތް މޮނިޓާ ކުރާނެ އިންތިޒާމްތައް އެ ފްރޭމްވޯކްގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
"އެހެންކަމުން ބޭންކްތަކަށް ވެސް ރަނގަޅު ފައިދާއެއް ލިބި، އިތުރު މަޝްރޫއުތަަކަށް ވެސް ފައިސާ ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން މަސައްކަތް ކުރަނީ ފުރިހަމަ ޕްރޫޑެންސާއި މިނިވަންކަމާއެކުގައި ކަމަށެވެ. ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވާނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން އެކަން ހާމަވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"... ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން މި ބޭންކުގެ ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް މި ބޭންކުން ދޮގުކުރަމެވެ،" ބަޔާނުގައި ބީއެމްއެލުން ބުންޏެވެ.
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުނި ގޮތުގައި، އެ ބޭންކުން ހިފަހައްޓަމުން އަންނަނީ ބައިނަލްއަގުވާމީ ބޭންކިން ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތަކެވެ. ބޭންކުގެ އޮނިގަނޑުތައް ގާއިމުކޮށްފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑް ތަކުގެ އިތުރުން ބާސެލް 3 އަދި އައިއެފްއާރްއެސް 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
"މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓް ކުރަމުންނެވެ. އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވެ އެވެ."
ބީއެމްއެލުން ފާހަގަކުރި ގޮތުގައި، އެ ބޭންކު ހިންގަނީ ބޯޑުން ފާސްކުރާ ސްޓެރެޓެޖީއާ އެއްގޮތަށް، ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާ ވެސް އެއްގޮތަށެވެ. އަދި ބޭންކުގެ ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފާތަކަށް އަމަލުކުރާ ކަމަށް ބުންޏެވެ.
"މިގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް އަދި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެގޮތަށް ދޫކުރާ ލޯނުތަކެކެވެ. އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަށް ވެސް ބަލާނެ އެވެ،" ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ ލޯނު ދިނުމުގެ ކުރިން، އެ ލޯނެއް އަނބުރާ ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބެނީ ކިހާވަރަކަށްތޯ އަބަދުވެސް ބަލާ ކަމަށެވެ. ލޯނު ދޭނީ "އަންޑާ ރައިޓިން" އުސޫލާ އެއްގޮތަށް ކަމަށާއި އެއީ ކޮންމެ ހާލަތެއްގައި ވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލު ކަމަށް ބުންޏެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ އިރު އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓް ކުރެވޭނެ މިންވަރު ހިމެނެ އެވެ.
ސަރުކާރުން ގެރަންޓީ ދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ވެސް ބޯޑުން ކަނޑައާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
09 November 2025
"206 މަޝްރޫއަށް ވެސް ލޯނު ދޫކުރާނީ އުސޫލާ އެއްގޮތަށް: ބީއެމްއެލް، ނަސީބެއް ތިހެން ބުނިކަން، އެހެން ނޫންނަމަ އަހަރުންނަށް ހީކުރެވިފަ މިއޮތީ، އެއްވެސް އުސޫލެއްނެތި ކަމަށް ލޯނު ދޫކުރާނީ.
ައައްޱޫ މުލައް
09 November 2025
އައްޱޫ އަދި ފުވަެއމުލަކުގެ ކުދިން ބުނެދީފާނަންތަ ރައީސް މީހާ ރިބަންކެނޱި އޭޓީއެމް އިން ޔޫއެސް ޱޮލަރު ލިބޭތޯ ނުވަތަ ނޫންތޯ ބުނެދީބަލަ
ޢާޤިލު
10 November 2025
ތާނަ އަކުރުތައް ފުރަތަމަ ދަސްކޮށްބަލަ!
މޫމިނާ އިދްރީސް
09 November 2025
މިގައުމަށް ބޭނުންވަނީ ތަރައްގީ. އެ ގެނެވޭނެ އެއްމެ މޮޅު ފޯމިއުލާ އަކީ މިއީ. ފައިސާ ލިބި މަޝްރޫއުތައް ހަމަ ޔަގީނުންވެސް އަވަހަށް ނިމޭނެ
ނާމްދި ކާނޫ
09 November 2025
މިހާރު ބީ އެމް އެލް ވެސް ސިޔާސީކޮށް ނިމިއްޖެ! ވަރަށް ދެރަ!
ނަފާ
09 November 2025
ރަސްމީޔާތު ބޭންވުން ފިޔަވާއެއްކަމެއްވެސް ނުވޭ ބޭންކުން ލޯނު ހަމަނުޖެހެންނާ ކިހިނެއްތޯ ޕުރެޖްކުޓްތައް ހިންގާނި! އަތައްގޮވީ ފައިސާ ގާނޫނާ ހިލާފައް ދީފިކަމަސް ވާނަމަ ބޭންކުގެ އިސްވެރިންނާ ބޯޑަށް ގާނޫނު އަރާ ހަމަކުރާނެ އަދި ޖަވާބު ދާރީވާންޖެހެހޭނެ!!
ކަޑަވާނެ
09 November 2025
ގަވާއިދު ތަކާއި އުސޫލުތަކަށް ބަދަލުތައް ގެނެސް ގެން ދިވެހިންނަށް ފައިދާ ވާނެ ގޮތަކަށް ބޭންކުގެ ހިންގުމުގެ ނިޒާމު ބަދަލުކުރާ މަންޒަރު ފެނުމަކީ އުފާވެރި މަންޒަރެއް، ދިވެހިންގެ ބޢންކަކީ ދިވެހިރާއްޖޭގެ ހުރިހާ ދާއިރާ ތަކަކާއި ގުޅިގެން މަސައްކަތް ކުރެވޭ ބޭންކު އަކަށް ވުމަކީ ދިވެހިންގެ އުންމީދު..
ވިޔަފާރިވެރިޔާގެ
09 November 2025
ބަލަގަ ދިވެހި ވިޔަފާރިންގެ ހައްގުވާ މިންވަރަކީ ބޭރުގެ ބޭންކުތަކުން ބޮޑެތި އިންޓަރެސްޓްގައި ލޯނު ނަގައިގެން ޕްރޮޖެކްޓުތައް ހިންގުން ހެއްޔެވެ..؟ ދިވެހިންގެ ބޭންކުން ދިވެހިންނަށް ޕްރޮޖެކްޓުތަކަށް ފައިސާ ލިބޭނެ ގޮތްތަކެއް ކަނޑައެޅުން ވިޔަފާރި ތަކަށް ކުރިއެރުން ލިބި، މުޅި ރާއްޖެއަށް މިކަމުގެ މަންފާ ކުރާނެ ކަން ޔަގީންވެ. ދިވެހިންގެ ބޭންކުން މިފަދަ ގިނަ ފުރުސަތު ތަކެއް ދިވެހިންނަށް ފަހިކޮށް ދިނުމަކީ ރަނގަޅު ނިންމުމެއް. ބޭންކަށް ޝުކުރިއްޔާ
އޭކު ސަވާލް
09 November 2025
ޚާއްޞަ އުޞޫލެއް ޤާއިމް ކުރެއްވީތޯ؟
އުސޫލު
09 November 2025
މި މަޝްރޫއުތައް ހަވާލުކުރީވެސް މާލިއްޔަތު ގަވައިދު ބަދަލުކޮށްގެން. ބޭންކު ލޯނޭ ކިޔައިގެން ސޮއި ކުރާނީ ބޭންކުންވެސް އާނބަސް ބުނީމަ. އެކަން ފަހިކުރަން ހުރިހާ އެއްޗެއްވެސް ބަދަލުކުރާނެ.
އެމްޑީޕީ
09 November 2025
ކުރީގެ ސަރުކާރުން ރަށްރަށުގައި ކުރާނެ ކަމެއްނެތް ތާ ޕްރޮޖެކްޓުގެ ފައިނަލް ޕްރޮޕޯސަލް ނުލިބެނިސް ޕްރޮޖެކްޓުތައް އެވޯޑް ކޮށް އެޑްވާންސް އަށް ފައިސާ ދިން، އޭގެން %79 ޕްރޮޖެކްޓުތައް ނުހިނގާ އަދި ނުފަށާ، ފައިސާ ދިނީމަ ފިލައިގެން ދިޔާއީ،. މިހާރު ސަރުކާރުން ކަން އެކުރާ ގޮތުން ކުންފުނި ތަކުން ކުރާ މަސައްކަތް ތަކަށް ސަރުކާރުން ފައިސާ ދޫކުރާނީ، ކޮންޓްރެކްޓަރުން ފައިސާ ހޯދާނީ ބޭންކުން... މީ ވަރަށް ދެމެހެއްޓެނިވި ސިސްޓަމް އެއް
ޢަރުތަ
10 November 2025
ދެމެހެއްޓެނީތޯ، ރަބަރު ގަނޑެހެން ދެމެނީތޯ ބަލަން މަމެން ތިބޭނަން، ރަނގަޅިއްޔާ އެންމެނަށްވެސް ރަނގަޅު ދެރަވިއްޔާ ރައްޔިތުން ކަރުބުރިވީ، ވާއެއްޗެއް ބަލަން ތިބެމާ ބަހީ، 21 ދުވަސް ގުނަމުން މި ދަނީ، ކިހާ ވަރަކުން ދޭތޯ.
އައިސަން
09 November 2025
އަންގަ ތެޅިތެޅިހެން ހައްތަހާ ވަނީ އޮރިޔާން