ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދެނީ.--
23 ނޮވެމްބަރ 2025 - 15:04
ހުޅުމާލޭ ފަރުމަތިން "ނެރެއް" ހަދަން އުޅުނީ ހުއްދަ ނުނަގައި ކަމަށާއި އެކަމާ ގުޅިގެން ފަރަށް ލިބުނު ގެއްލުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޗީފް އެގްޒެކްޓިވް ހައްސާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ 1 ގެ އިރުމަތީ ފަރާތުގައި އެންމެ ރީއްޗަށް ބީޗް އޮންނަ އަދި ގެސްޓް ހައުސްތައް ގިނަ ސަރަހައްދުގެ ފަރަށް ގެއްލުންދީ ނެރެއް ގޮތަށް ކަނޑައި މަގެއް ހެދީ މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ވަރަށް ބޮޑަށް ދިޔަވަރު ހިކިފައި އޮއްވަ އެވެ.
އެ މައްސަލާގައި ހައްސާން، "މިހާރު" އަށް ވިދާޅުވީ އެކަމާ ގުޅިގެން މިހާތަނަށް ވާހަކަ ދައްކާފައިވަނީ އެޗްޑީސީއާ ކަމަށާއި އެކަން ކުރި ފަރާތްތަކުގެ މައުލޫމާތު، އެ ކުންފުނިން އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.
"އެމީހުން ނެރެއް ކަހަލަ އެއްޗެއް ހަދަން އުޅުނީ. އެކަމަކު އެ ކަންކަމަކީ ހުއްދަ ހޯދައިގެން ކުރެވޭ ކަންކަމަށް ވާއިރު މި ފަރާތްތަކުން އެފަދަ ހުއްދައެއް ނެތް ހޯދާފައެއް،"
އީއާރުއޭ އިން ބުނީ މި މައްސަލައިގައި ހިމެނޭ މީހުންނާ ސުވާލުކޮށް، ޖަވާބުދާރީވުމަށް ފުރުސަތު ދޭނެ ކަމަށާއި ތަހުގީގަށް ފަހު ފިޔަވަޅު އަޅާނެ ކަމަށެވެ.
ތިމާވެށީގެ ގަވާއިދު އޮންނަ ގޮތުން މި ފަދަ އަމަލުތައް ހިންގާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ.
ހައްސާން ވިދާޅުވި ގޮތުގައި އެ އިދާރާ އިން ސައިޓަށް ގޮސް، އެތަނަށް ލިބުނު ގެއްލުން ވެސް ދިރާސާ ކުރާނެ އެވެ.
"ސައިޓަށް ގޮސްގެން އެތަނަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއްތޯ އަޅުގަނޑުމެންގެ ކޮމްޕްލަޔަންސް އިން ބަލާނެ. ޑެމޭޖް އެސެސްކުރުމަށް ފަހު ފިޔަވަޅު އަޅާނީ،" ހައްސާން ވިދާޅުވި އެވެ.
ފަރުމަތިން ވަކި ހިސާބަކުން ގާތައް ނަގައި އަދި ފަރުމަތިން ގާތައް ތަޅަން ހައެއްކަ މީހުން އުޅުނީ ދަގަނޑު ފަދަ އާލާތްތަކާ އެކު އެވެ.
ހުޅުމާލޭގައި އުޅޭ މީހުން ބުނާ ގޮތުގައި މިގޮތަށް ފަރުމަތިން އަދި ފަޅު ތެރެއިން ގާ ނަަގައި ވޯޓަ ސްޕޯޓްސްގައި ގެންގުޅޭ އުޅަނދުތަކަށް ޖާގަ ހެދުމަކީ ހުޅުމާލޭގައި އާންމުކޮށް ކުރާކަމެކެވެ.
ފަރަށް ގެއްލުންދީ ފަރުމަތިން ކަނޑިންމައެއް ގޮތަށް ޖާގައެއް ހަދަން އުޅުނު މި މައްސަލަ ފެންމަތިވެފައި ވާއިރު އެޗްޑީސީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހުޅުމާލެ 1 އާއި 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކަނޑު އުޅަނދުތަކަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ. މޫދަށް އެރެން އެތަން ބޭނުންކުރަމުން ދިޔައިރު ވެސް އެ ހަނި ޖާގައިގެ ތެރޭގައި ވެސް ޖެޓްސްކީ ފަދަ އެއްޗެހި ބާރު ސްޕީޑު ނުރައްކާތެރިކޮށް ދުއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަނިކެމަގޭ
24 November 2025
ބޮޑު މަގާމަކާ އިނާޔަތްތަކެއް ލިބެން އުޅޭ ބައެއްބާ ތިނެރުހަދަން ފަރު ހަލާކުކޮށްލީ
ދފދފދފ
23 November 2025
ހުވަދު އަތޮޅު ފަރުމަތީ ހިނގިމީހުން ކޮބާ ؟
ޢަރުތަ
23 November 2025
"މޫދަށް އެރެން އެތަން ބޭނުންކުރަމުން ދިޔައިރު ވެސް އެ ހަނި ޖާގައިގެ ތެރޭގައި ވެސް ޖެޓްސްކީ ފަދަ އެއްޗެހި ބާރު ސްޕީޑު ނުރައްކާތެރިކޮށް ދުއްވަ އެވެ". ޒުވާނުންނަކާ ނުކުޅެވޭނެ، އިގިއްޖޭ..........
ކުޅެވޭނެ
24 November 2025
އެއޮތީ ކުޅެލާފަ. ދެން އެތާ ދުއްވަބަލަ!
މަސްލަހަ
23 November 2025
ފަރުތަކަށާއި މުރަކަތަކަށް ވެލިއަޅާ ހިއްކާ މީހުންނަށް ވެސް ފިވަޅެއް އަޅާދީބަލަ.
އަބްދުﷲ
23 November 2025
އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ޒަރޫރީ ހިދްމަތްތައް ދިނުމުގައި އެކުންފުނި ފެއިލްވީމަ އެކަމެއް ދަތިތަކާއި އުނދަގޫ ތަހައްމަލް ކުރަން ޖެހޭ ރައްޔިތުން ނިކުމެ އެކަމެއް އަމިއްލައަށް ކުރާނެ. މިދާވަރުން ދާނަމަ މަގު ދިއްލަން ބައްތިވެސް ޖަހާނެ، މަގުވެސް ހަދާނެ. ހުޅުމާލޭގެ އިރުމަތީ ފަޅުން ކަނޑަށް ނިކުމެވޭނެ ނެރެއް އޮންނަން ޖެހޭނެ. އެތަކެއް ހެކްޓަރުގެ ފަޅު ފަރާއި އެއްކޮށް ހިއްކަމުން ދާއިރު ތިމާވެއްޓައް ނުލިބޭތަ؟
ސަދަސ
23 November 2025
ނެރެއް ކަނޑަންޏާ ކީއްވެބާ އެންމެ ގާ ގިނަ ސަރަހައްދުން ގާ އެނަގަނީ؟
ޢަރުތަ
23 November 2025
ވަރަށް ބުރަ މަސައްކަތުން ކުރި ކަމެއްކަން ދެއްކުމަށް، އެކަމަކު މިފަހަރު ގޮވީ އަތަށް، ފަރަށް ގެއްލުން ދިނުމުން ޖޫރިމަނާކުރާ ވަރެއް ބަލަން މިތިބީ.
ތިނާ
24 November 2025
ބޭނުންވަނި ތިމާގޭ (ގެސްޓްހައުސް/ޑައިވިން އިސްކޫލު) ދޮރުމަތީ ނެރު އޮންނަން
ދަގަތްފާނު
23 November 2025
ކ.ހުޅުމާލޭގައި ގޯއްޗެއްގެ އަގު ވިހިތިރީސް މިލިއަނުގައި އުޅޭއިރު އަޗާތަޅަން މާސިންގާ ފަޅެއް ބާއްވައިގެން ތިބުމަކީ އެއީ ކޮށްގެންވާނެކަމެއްނޫން. އިންޑިއާގެ ލައިންއޮފް ކުރެޑިޓް ކޮންޓްރޯލްގެތެރެއިން ފަރުމައްޗާއެކީ ހިއްކާފަ ގޯތިތައް ނީލަމުގައި ވިއްކުމާއިގެން އަވަސްވެގަންނަންޖެހޭ.
މުޑަހަންޖާ
23 November 2025
އެސޮރުމެން ހުއްދަނަގައިގެން ދެތިން ހައިމާކު ހިފައިގެންގޮސް ނެރުކެނޑިނަމަ މާބޮޑު ގެއްލުމެއްނުވެ ތިކަން ކުރެވުނީހެއްނު.
ދެއްކުންތެރިކަންދީ
23 November 2025
އެއްވެސް ހުރަހެއް ނާޅާ ފަޅުހިއްކަމުން ދާއިރު ފަޅުތެރެއިން ކިސަޑުތައް ފައިބައިގެން ފަރުގެ ގާތައް މަރުވާއިރު ހަމަ ބަލަހައްޓައިގެން ތިތިބެނީ ހުޅުމާލެ ހުޅަނގުފަޅީގަ. ފިޔަވަޅެއް އަޅާބަލަ ތިހާ ތިމާވެށި ވެފަ އުޅޭހިތްވަންޏާ. ދެބޯގެރި ދުއްވުން ހުއްޓާލާ
101ސ
23 November 2025
ތިކަން ކުރާނީ ޢެޗްޑީސީ މީހުން. ވީމާ ތިކަމެއްނުވާނެ.