ހުއްޓާލި ތިން ތަނުން އަލުން ކޭޝްލެސް ހިދުމަތް ވަނީ ފަށާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 ނޮވެމްބަރ 2025 - 12:47
އާސަންދަ ނިޒާމު އޮތީ ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ހާލަތުގައި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފަރުވާ ހޯދުމަށް އާއްމުން ސަލަންޖެހޭ ގޮތަށް އާސަންދަ ނިޒާމު ބައްޓަންވެފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމު ތައާރަފްކުރީ ވެސް ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލަން ކަމަށެވެ. އެހެންވެ، އެ ނިޒާމުގައި ރައްޔިތުން ސަލާންޖަހާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއާ އަދި މިކަމުގައި ފެންނަ މަންޒަރަށް ބަލާއިރު ދިވެހިރާއްޖެއިން އާސަންދައިން ކުރެވިފައި ހުރި ހަރަދުތަކާއި އާސަންދަ ނިޒާމު ރަނގަޅުވަމުން އަންނަ ގޮތާއި މި ހުރިހާ ކަންކަމަށް ބަލާއިރު އަޅުގަނޑަށް ވަރަށް ބޮޑަށް ބުރަވެވޭ އާސަންދަ ނިޒާމު އެހެނެއް ނޫންކަން. އެއީ ރައްޔިތުންނަށް ފޯރުކޮށްދޭ، ދުނިޔޭގައި އެންމެ ޖެނެރަސް ހެލްތު ނިޒާމު." ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ވަޑައިގަންނަވާ ސިއްހީ ދާއިރާގެ ބޭރުގެ މާހިރުން ވެސް އެ ނިޒާމު ހިނގާ ގޮތް ބައްލަވައި އެކަމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
ދެމެހެއްޓެނިވި ތަރައްގީގައި އދ. އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގައި ރާއްޖެއަށް ހާސިލްކުރެވިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި ޔުނިވާސަލް ހެލްތު ކަވަރޭޖު އޮތްގޮތެވެ.
"މާނައަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ޑޮކްޓަރަށް ދެއްކުމާއި ބަލިވީމަ ބޭސް ހޯދުމާއި ސޯޝަލް ސެކިއުރިޓީ ނިޒާމުގެ ތެރެއިން ކަށަވަރުކަން ލިބުމާ. މި ކަންތައްތައް ހުރީ ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާ ބަލާއިރު ރަނގަޅު މިންތިއެއްގައި، ގިންތިއެއްގައިކަން،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދައަކީ ނިޒާމެއް ކަމަށާއި ކޮންމެ ނިޒާމެއްގައި ފުރިހަމަކުރަންޖެހޭ އެސްއޯޕީ ނުވަތަ ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. ޑޮކްޓަރެއްގެ ލިޔުމެއް ހޯދުމާއި ހުށަހަޅަންޖެހޭ ގޮތަށް ހުށަހެޅުމާއި ނިޒާމެއް ނެތި މި ފަދަ ކަންކަން ނުކުރަން އެންމެ ބާރުއަޅާ ތަނަކީ ވެސް ގާނޫނުތައް ހަދާ މަޖިލީހުގެ މެމްބަރުންކަން އޭނާ ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
އެގޮތަށް، އާސަންދައިގެ ތެރޭގައި ވެސް ކަންބޮޑުވާކަމަކީ އެސްއޯޕީގެ ތެރޭގައި ކުރަންޖެހޭ ބައެއް ކަންކަން ބައެއް ހާލަތްތަކުގައި ނުވުން ނުވަތަ އެކަން ފުރިހަމަ ނުވުން ކަމަށާއި އެކަމާ އެއްބަސްވެވަޑައިގަންނަވާ ކަމަށް ނާޒިމް ވިދާާޅުވި އެވެ.
"އަޅުގަނޑު އެއްބަސްނުވާކަމަކީ އާސަންދަ ނިޒާމު އޮތީ ސަލާންޖަހަންޖެހޭ ގޮތަކަށޭ، އެކަމާ އަޅުގަނޑު އެއްބަސްވާން ތަންކޮޅެއް ދަތި ވާހަކަ ދަންނަވަން. އެއީ އަޅުގަނޑަށް އެ ނިޒާމް ހިނގާގޮތް އެނގޭތީ. އެ ނިޒާމު ބަލަމުންދާ މީހަކަށް ވާތީ،"
"ހެލްތު މިނިސްޓްރީ ހިންގަން ހުރި ހާދިމެއްގެ ގޮތުގައި އާއި މިކަން ބަލާ މީހެއްގެ ގޮތުން އަޅުގަނޑަށް އެނގެނީ އެއްގޮތަކަށް ވެސް އެހެން އޮތް ކަމެއް ނޫނޭ. އެކަމަކު، އެސްއޯޕީތައް ރަނގަޅުވީމަ ވަރަށް ޖެނެރަސް ނިޒާމެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ އާސަންދަ ނިޒާމު އެބަކުރިއަށްދެއޭ. އެއީ އަޅުގަނޑުންނަށް ހާސިލްވެފައި އޮތް އެންމެ ބޮޑު ކާމިޔާބީއޭ." އޭނާ ވިދާޅުވި އެވެ.
ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ގޮތަށް ނިޒާމު އޮތްކަމަށް ގަބޫލުނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއަސް، އެކި ބަލިތަކަށް ފަރުވާ ހޯދަން އެހީއަށް އެދި ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ވެސް އާއްމުން އެތައް ޕޯސްޓެއް ކުރެ އެވެ.
އާސަންދަ ނިޒާމު މީގެ ކުރިން ބެލެހެއްޓީ ހެލްތު މިނިސްޓްރީގެ ދަށުން، އާސަންދަ ކުންފުނިންޏެވެ. ނަމަވެސް، މި ސަރުކާރުން ވަނީ އެ ނިޒާމު ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އއއ އ2
26 November 2025
ކަމެއް ރަނގަޅުކުރެވޭނީ ފުރަތަމަ އެކަމެއް ގޯސްކަމަށް ގަބޫލުކޮށްގެން... އެ ވަރު ވެސް ނުވި.....
ޥަރަށް ފޫހިވޭ
26 November 2025
ސަލާންޖަހަން ނުޖެހުނީމަ އެއޮތީ މުޅި ނިޒާމުވެސް ސަލާންޖަހަން ނުޖެހިފަތަ!!؟!؟! ރައްޔިތުން ނިކުމެ ބޭސް ނުލިބިގެން ސަލާންޖަހާތަން ނުފެންނަނީތަ ހަމަ؟!؟!!!!!
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
26 November 2025
ރައްޔިތުން އުޅޭ ނިކަމެތި ހާލު އެނގޭ ކަމަކަށް ޤަބޫލެއް ނުކުރަން. އާސަންދަ ރަނގަޅު ކަމަށް ބުނާއިރު ނިޒާމުގައި ކަންކަން ހިނގާގޮތް ރަނގަޅަށް ވަޒަންކޮށްލިންތަ؟؟
މިނަން
26 November 2025
ރަނގަޅު. ތިބޭފުޅުން ސަލާން ޖަހާކަށް ނުޖެހޭނޭ. ނިކަމެތި ރައްޔިތުމީހާ އޭ ސަލާން ޖަހަން ޖެހެނީ. އެންސްޕާ އަށް ލިޔުން ތައް ލާފަ، ޒަކާތު ފަންޑަށް ލާފަ، މީ ސަލާން ޖެހުން ނޫންތޯ؟ ނިކަމެތި މީހާ އެވަރަށް ގަނޑަތެޅިގެން އެހީއެއްވެސް މި ލިބެނީ. ތިބޭފުޅުން ގެ މުޅި އައިލާ އިންޝޫރަންސް ކޮށްފަ ، ޑުބާއި، ސިންގަޕޫރުން ބޭސްފަރުވާ ހިލޭ ލިބުނަސް ނިކަމެތި މީހާ މި ޖެހެނީ، ސަލާން ޖަހަން.
ސުހާނާ
26 November 2025
ކާކުތަ "ގަނޑަތެޅެނީ" އޭ މި ކިޔަނީ؟ ދިވެހިބަހުގައި ނޯވޭ "ގަނޑަތެޅެނީ" އޭ ކިޔާ ލަފުޒެއް. ދިވެހިބަހުގައި ކިޔަނީ "ގަނަތެޅެނީ" އޭ.
ޕަކަޗޭ
26 November 2025
އާސަންދަ ނިޒާމުގެ މައްސަލަޔަކީ ޑޮކްޓަރުން އައިޖީއެމްއެޗްގަ ހޭދަކުރާ ވަގުތު އަދި ބައްލަވާ ޕޭސެންޓުންގެ އަދަދު މޮނިޓަރ ނުކުރެވޭކަން. އެމްއާރ އައި އަދި ސްކޭން އަށް އެޕޮއިންޓްމެންޓްހޯދަން އެދި މަސް ދެމަސް ވުމުން އެހެންގޮތެއް ނެތިގެން އެހެންތާކުން ހިދުމަތްހޯދުމުގެ ސަބަބުން ކެންސަލްވާ އެޕޮއިންޓްމެންޓްގެ ގަޑިތައް ކިއުތަރުތީބުން އެހެންމީހަކަށް ދިނުމުގެ ބަދަލުގަ ކޮންމެސް އަމިއްލަ ކްލިނިކްއަކައް ޑޮކްޓަރ ދިއުން.
އަބޫލް
26 November 2025
ސިޔާސީމީހުން މުސާރަ ނަގަން ޖެހޭނެ ކަމަށް ނުދެކެން.
މޯޑުބެ
26 November 2025
ނިމިދިޔަ ސަރުކާރުގަ އުޅުނުހާލު އެހާއަވަހައް ދިވެހިން ހަނދާންނައްތާލައިފި. މި ސަރުކާރުން ރައްޔިތުންގެ ކަންތައް ގާތުން ބަލަމުންދާއިރު، މަދުބައެއް އަޑިގައި ތިބެގެން މި ސަރުކާރުގެ ނަން ކިލަބުކުރަމުން ދަނީ.
1828
26 November 2025
ޤަބޫލުކުރުމާއި ނުކުރުން އެއީ މުޅިން އެހެންކަމެއް. ހުރިހާ ދިމާލަކުންވެސް ފެންނަނީ ރައްޔިތުން ބޭސްފަރުވާއަށް ސަލާންޖަހާ މަންޒަރު
ފުތާ
26 November 2025
ގިނަފަހަރު ތިބުނާ ސަލާން ޖެހުން އޮންނަނީ އާސަންދަ ކަވަރޭޖުގެ ބޭރުން ކުރާ ހަރަދުތަށް ހަމަ ޖަންސަންވެގެން. ނޫނީ އާސަންދަ ހަމަޖައްސާ ހޮސްޕިޓަލް ނޫން ތަނަކުން ފަރުވާކުރަން ބޭނުން ވެގެން.
ނެކްސްޓް
26 November 2025
3 މަހުގަ މިޔުގަ ތިބެގެން ތިޔަ އާސަންދައިން ރައްޔިތުމީހާ އަށް ޑޮކްޓަރަށް ދެއްކެނީ. ޥެރިން ދާންވީ ސިންގަޕޫރަށް މޫނުގައި ބިއްސެއް ނެގިޔަސް.