ނުފޫޒު ނައްތާލައި އާސަންދަ އަށް "ފަރުވާއެއް" ހޯދަނީ

ވިޓަމިންސީ ގުޅައެއްގެ އާއްމު އަގަކީ ދޮޅު ރުފިޔާ އެވެ. އެކަމަކު މި ބޭހުގެ އަގު އެތައް ގުނައެއް މަތިކޮށް 66ރ. އަށް، އާސަންދައިގެ ހިދުމަތުގެ ތެރެއިން ވިއްކައިފި އެވެ. މި ބޭހުން ދައުލަތަށް ބޮޑު ގެއްލުމެއްވާ ގޮތަށް މަގުފަހިވީ، އާސަންދަ އިން އެ އަގު ފާސްކޮށްދީފައި އޮތުމުންނެވެ. ނުވަތަ ބިލްކުރާ އަގަކަށް ފައިސާ ދޫކުރާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. މިއީ، މިދިޔަ މަހު ފެންމަތިވި، އާސަންދަ ނިޒާމު ބޮއްސުންލާފައި އޮތް މިންވަރުގެ ކުޑަ މިސާލެކެވެ.


ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރާ އާސަންދަ ނިޒާމަކީ އެއް ބަޔަކަށް ބޮޑު ވިޔަފާރިއެކެވެ. އެ ނިޒާމުން ނާޖާއިޒު ފައިދާ ހޯދުމާއި ޚިޔާނާތް ހިންގާފައިވާ ކަމަށް ކުރާ ތުހުމަތުތައް ސީރިއަސް އެވެ.

އާސަންދަ އަށް ކޮންމެ އަހަރަކު ވެސް ދައުލަތުން ވަކި ބަޖެޓެއް ކަނޑައަޅަ އެވެ. އެކަމަކު އަހަރު ނިމޭއިރު އެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 100 ޕަސެންޓް އިތުރަށް ދައުލަތުން އާސަންދަ އަށް ހޭދަކުރަން ޖެހެ އެވެ. މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ޑިސެމްބަރު 29ގެ ނިޔަލަށް އާސަންދަ އިން 1.4 ބިލިއަން ރުފިޔާ ހޭދަ ކުރި އެވެ. އެކަމަކު އާސަންދަ އަށް އަށް ކަނޑައެޅި ބަޖެޓަކީ 750 މިލިއަން ރުފިޔާ އެވެ.

ނުފޫޒު ވަދެ، ނިޒާމް ބޮއްސުންލާފައި!

އާސަންދަ ނިޒާމުގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން "މިހާރު" އަށް ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި ވެސް އާސަންދައިން ހޭދަކުރި ގޮތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެ ނިޒާމުން ޚިޔާނާތުގެ އަމަލުތައް ވެސް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، އެ ތަފްސީލުތައް އެނގޭނީ ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގު ނިމުމުން ކަމަށް ވިދާޅުވި އެވެ.

"އެނގޭ މިންވަރަކީ އާސަންދަ އާއި އާސަންދައާ ގުޅުން ހުރި ކަންކަން ކޮށްފައި އޮތީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ނޫން ކަން. އޭގެ ތޭރޭގައި ސީދާ އިހުމާލުން ހިންގި ކަންކަން ހުރެދާނެ ކަމަށް ގަބޫލުކުރެވޭ. ނަހަމަ ގޮތުގައި ބޭނުންކޮށްފައި ވޭތޯ ނޫންތޯ އެނގޭނީ ތަހުގީގީ އިދާރާތަކަށް،" އަމީން ވިދާޅުވި އެވެ.

އަމީން "މިހާރު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި ނިޒާމުގައި ކަނޑައަޅާފައި އޮންނަ އުސޫލުން އެ ހިދުމަތުގައި ބައިވެރިވެ، ބޭނުން ކުރުމަށް ވުރެ ބޮޑަށް އޭގެ ތެރެއަށް ވަދެފައި ވަނީ ނުފޫޒެވެ. އެގޮތުން ދައުލަތުގެ ނިޒާމު، ނުވަތަ ހަމަޖެހިފައި އޮންނަ އުސޫލްތައް ބާއްވާފައި، ދައުލަތުގެ އިސް ބޭފުޅެއް، ވަޒީރެއް ނުވަތަ މަޖިލީސް މެމްބަރަކު ލައްވައި ކަންކަން ކުރުވާ އުސޫލަށް ފަރިތަވެފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

އަމީންގެ އަނެއް ކަންބޮޑުވުމަކީ، އާސަންދަ ނިޒާމް ވަރަށް ބޮޑު ވިޔަފާރިއަކަށް ބަދަލުވެފައި އޮތް މައްސަލަ އެވެ. ވިޔަފާރީގެ ޝައުގުވެރިކަމާ އެކު ފައިދާ ހޯދަން އެ ނިޒާމް ބޭންކުރަމުން ދިއުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ޚަރަދު ކުޑަކޮށް، ހިތްމަޖެހުން ގެނުވަނީ

އާސަންދަ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ، ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. ބައެއް މައްސަލަތައް ފެންމަތިވެފައި ހުއްޓަސް ނިޒާމުގައި ހުރި މައިގަނޑު މައްސަލަތަކަކީ ކޮބައިކަން އަދި މުޅިން ދެނެގަނެވިފައެއް ނުވެ އެވެ.

ހައްލު ހޯދާއިރު ސަރުކާރުގެ ފުރަތަމަ ވިސްނުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އާސަންދަ ޚިދުމަތް އާއްމު ރައްޔިތުންނަށް ލިބުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމެވެ. އެގޮތުން އެންމެ ބޭނުން ޖެހިފައި ތިބި މީހުންނަށް އާސަންދަ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތެއް ހަދަން ވަނީ ނިންމައިފަ އެވެ.

އެކި ބަލިތަކަށް ދާއިމީ ފަރުވާކުރަން ޖެހޭ މީހުންނަކީ އާސަންދަ މެދުނުކެނޑި ލިބެން ޖެހޭނެ ބައެއް ކަން މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

މިނިސްޓަރު އަމީން އައިޖީއެމްއެޗުގެ އިސް ވެރިންނާ އެކު. --ފޮޓޯ/މިހާރު

އަމީން ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތައް އާސަންދަ ނިޒާމުގެ ތެރޭގައި ހިމެނި، ޚިދުމަތްތަކަށް އަގުކުރަނީ އެންމެ އެކަށީގެންވާ އަގުތޯ ވެސް ދެނެގަންނަން ޖެހެ އެވެ. ބޭސް އެތެރެކޮށް ވިއްކުމުގައި ވެސް އާސަންދަ އިން އަމަލުކުރާ އުސޫލަކީ ބަލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކަންކަން ބަލައި މުރާޖައާކުރަން ވޭތުވެދިޔަ މަހެއްހާ ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މުޅި ސިއްހީ ނިޒާމަށް އާސަންދަ އިން ކުރާ ހޭދަ އަށް ބަލާއިރު، މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ފައިދާވާ އަދި ދައުލަތަށް ލުއިވާ ގޮތަށް ނިޒާމަށް ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި އާސަންދަ އިން ކޮށްފައިވާ ތަޖުރިބާތައް ވެސް ދެނެގަންނަން ޖެހެ އެވެ.

"ވިޔަފާރީގެ ނުފޫޒު ބޭސްވެރިކަމުގެ ތެރޭގައި އޮތް މިންވަރު ކުޑަކުރުމަކީ އަމާޒެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ގޮންޖެހުންތަކެއް ހުއްޓަސް، ސަރުކާރުން ކުރިއަށް ނެރޭ ވިސްނުންތަކާ އެކު ބަދަލުތަކެއް ގެނެވޭނެ ކަމަށް އަމީން ޔަގީން ކުރައްވަ އެވެ.

"އެއީ، ހަމައެކަނި ހެލްތު މިނިސްޓަރަށް ނުވަތަ މިނިސްޓްރީއަށް ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު ކަމެއް. އެ މަސައްކަތް އެބަ ދޭ. ނަތީޖާ ހާސިލްވާނެތޯ ސުވާލުކުރަން އަދި އަވަސް،" އަމީން ވިދާޅުވި އެވެ.