ސްރީ ލަންކާ ސިފައިންގެ ހެލިކޮޕްޓަރު ވެއްޓުމުގެ އިރުކޮޅެއް ކުރިން ނަގާފައިވާ ވީޑިއޯއެއްގެ މަންޒަރެއް
30 ނޮވެމްބަރ 2025 - 21:56
ސްރީ ލަންކާއަށް އެރި ތޫފާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު ލަންކާ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި އޭގެ ޕައިލެޓް މަރުވެއްޖެ އެވެ.
އެއާފޯސްގެ ބެލް 212 ހެލިކޮޕްޓަރު ވެއްޓުނީ މިއަދު ހަވީރު ވެނާޕޫވާގައި ރެސްކިއު މަސައްކަތުގައި އުޅެނިކޮށެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި ސިފައިންގެ ފަސް މީހަކު ތިއްބެވެ.
ޕައިލެޓް ވިންގް ކޮމާންޑަރު ނިރްމަލް ސިޔަމްބަލަޕިޓްޔާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
An Air Force Bell 212 helicopter engaged in disaster relief operations has crash-landed between Lunuwila and Wennappuwa.
— Sri Lanka Tweet 🇱🇰 (@SriLankaTweet) November 30, 2025
Prayers for the crew and others onboard🙏
Visual : Social Media pic.twitter.com/Ink7dZjkU2
ހެލިކޮޕްޓަރު ވެއްޓުމުގެ އިރުކޮޅެއް ކުރިން ނަގާފައިވާ ވީޑިއޯއެއް
ހެލިކޮޕްޓަރު ވެއްޓެއް ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. އެކަމަކު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކުއްލިއަކަށް ހެލިކޮޕްޓަރު ކޮންޓްރޯލުން ނެއްޓިގެންނެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ލަންކާގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ ނުރައްކާތެރި ހާދިސާތައް ހިނގާފައި ވާއިރު ސިފައިން ވަނީ ހެލިކޮޕްޓަރުތަކާއި ކުދި ބޯޓުތަކުގައި ގޮސް އެތައް ބަޔަކު ސަލާމަތްކޮށްފަ އެވެ.
ހަފްތާއެއް ވަންދެން ލަންކާއަށް ކުރި ވިއްސާރާގައި މަދުވެގެން 212 މީހުން މަރުވިކަން މިހާތަނަށް ކަށަވަރުވެފައި ވާއިރު 218 މީހަކު ވަނީ ގެއްލިފަ އެވެ. ލަންކާއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާގައި 25،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 147،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފަ އެވެ. ޑީއެމްސީން ބުނީ ބައި މިލިއަން މީހުންނަށް އެކި އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ.
ލަންކާއަށް އެރި މި ތޫފާނަކީ 2017 ވަނަ އަހަރު އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ. އަދި ޖޫން 2003 ގައި ވަނީ ހަމަ މިފަދަ ހާދިސާތަކެއްގައި 254 މީހަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy