ބައްސާމް: ފީފާގެ ހުއްދަ ނެތި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އޭނާ ވަނީ ހައި ކޯޓަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
01 ޑިސެމްބަރ 2025 - 16:20
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނާ ދިފާއު ކްރިމިނަލް ކޯޓުން ބަލައިނުގަތް މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ އެފްއޭއެމްއަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި ދިފާއު ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ބައްސާމްގެ ފަރާތުން ބުނެފައިވަނީ ފީފާގެ ފައިސާތަކަކަށް ހިނާޔާތްތެރިވި ކަމަށް ބުނާ މައްސަލައެއް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށާއި އަދި ފީފާގެ ހުއްދަ ނެތި އެފަދަ ކަމެއް ކުރުމަކީ އެ ގައުމެއް ފީފާއިން ސަސްޕެންޑް ކުރެވޭނެ ކަމެއް ކަމަށް ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ.
ބައްސާމްގެ ފަރާތުން ބުނެފައިވާ ގޮތުގައި އެ މައްސަލަ ބެލުމުގެ ކުރިން ފީފާގެ ހުއްދަ ދައުލަތުން ހޯދާފައެއް ނުވެ އެވެ. އަދި އެހެން ބައެއް ގައުމުތަކުގައި ވެސް އެފަދަ ކަންކަން ދިމާވުމުން އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ފީފާގެ ހުއްދަ ނެތި އެފަދަ ކަންކަން ނުބަލާނެ ކަމަށް ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ.
ނަމަވެސް ދައުލަތުން ބުނެފައިވަނީ ފީފާއިން އެފްއޭއެމްއަށް ފައިސާ ދިނީ ވަކި ބޭނުމެއްގައި ކަމަށް ވާއިރު، އެއާ ހިލާފަށް އެ ފައިސާ ބޭނުންކޮށްފިނަމަ އެ މައްސަލަ ދިވެހި ފުލުހުންނަށް ބެލޭނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އެފަދަ ކަންކަމަށް ނުހިނގާނެ ސަބަބެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެކަންކަމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ވެސް ނިންމީ ފީފާގެ އުސޫލުތައް ރާއްޖޭގެ ގާނޫނަށް ވުރެ އިސް ނުވާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުރޭތަ1
02 December 2025
އެންމެ ކޮރަޕްޓު ތަނ ތީ ފީފާ އަކީ. މީނަ އިންފަންޓިނޯ އަށް ވެދުމަށް އަރުވަންވީ ރާއްޖެ ނާދެވޭ ގޮތަށް
ފޫހި
02 December 2025
ތިޔަ ތިބި ކޮރޮޕްޓް ލޯޔަރުން މަރުނުވާނެބާ؟ ހާދަ ހަޔާތްކުޑައޭ. ތިޔަ ގޮތަށް ތިޔަކަށް ނުބެލޭނެކަމަށް ރާއްޖޭގެ ކޯޓަކުން ނިންމައިފިނަމަ އެވާނީ މިގައުމު ހަލާކުގެ ތެރެއަށް ވައްޓާލުން. ސަބަބަކީ ދެން އޮފީސްތަކަށް ރާއްޖޭން ބޭޜުން ލިބޭ ފައިސާއަށް އެ ކަން ކުރަންތިބޭބަޔަކު އަމިއްލަ ބޭނުންކޮށްފައި ބުނާނެ އެއީ ބޭރުގެ އެހީދޭ ފަރާތަކުން ދިން އެއްޗެކޭ އެހެންވީމާ އެ މައްސަލަ ބެލޭނީ މިވެނި އެވެނި ބަޔަކަށޭ.
ބަޑިތަކުރު
02 December 2025
ފީފާކުރެން އަހާބަލަ ފީފާގެ ހުއްދަ ހޯދައިގެންތޯ ލާރިގަނޑު ކާލީ. އެހެންނަމަ ޝައްކެއްވެސްނެތް ހުއްދަ ހޯދަންޖެހޭނެ.
އައިސަން
02 December 2025
މާ ނޮހޮރޮއްޕާން ބޮޑުވަންޔާ ފީފާއިން ވަކިވާން އުޅޭ
މުސްލިމުންނަށް ބޭނުން އެއްޗެއް އެހަދަނީ ...
01 December 2025
ތި ފިފާ އަދި ޔޫއެން ތީ ގައުމުތަށް ފަސާދަކުރަން ބޭނުންކުރާ ޓޫލްސްތަކެއް.
އުބުފިލި
01 December 2025
މީނަގެ އުދަގުލުން މިގައުމު މިންޖުވާނީ ކޮން ދުވަހަކުންބާ؟
ވެރެންޑާ މުފީދު
01 December 2025
މިކަމުންވެސް މި ދޭހަކޮށްދެނީ ބައްސާމު އެއުޅުއްވަނީ ދިވހިންގެ ހައްުގުގައިކްނ. އަމިއްލަ ތިމާގެ ސަލާމަތަށްވުރެ މިހާރުވެސް އިސްއެކުރައްވަނީ ފީފާއިން ރާއްޖެ ސަސްޕެންޑް ކޮށްފާނެތީ އެކަމުން މިގައުމު ސަލަާމަތްކއްދިނުމައް. މީގައި ގޯހެއް އުޅެންޏާ ފީފާގެ ބައިވެރިވުން އޮތްކަމައްފެންނަނީ
މުލޭ
01 December 2025
ބައްސާމާ ދެކޮޅަށް މިބަލަނީ ފީފާގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައެއް ނޫން. ބަލަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްރެރިވި މައްސަލައެއް. ފީފާއިން އެފްއޭއެމަށް ފައިސާ ދިނީމަ އެވާނީ އެފްއޭއެމްގެ ފައިސާއަށް. އެ މައްސަލަ ބަލަން ފީފާގެ ހުއްދަ ހޯދަންޖެހޭ ސަބަބެއް ނެތް. އެހެންނޫނަސް ފައިސާއަށް ޚިޔާނަތްތެރިވެފައި އޮތީ. ޚިޔާނަތްތެރިވީ މި ރާއްޖޭގައި. ޚިޔާނަތްތެރިވީ ކާކުގެ ފައިސާއަށްތޯ ބެލުން މުހިންމެއް ވެސް ނޫން. ޚިޔާނަތް ބެލޭނެ.
ޖާޑީ..
01 December 2025
އަދި ފީފާގެ ހުއްދަ ނެތި އެފަދަ ކަމެއް ކުރުމަކީ އެ ގައުމެއް ފީފާއިން ސަސްޕެންޑް ކުރެވޭނެ ކަމެއް ކަމަށް ބައްސާމްގެ ފަރާތުން ބުނެފައިވެ އެވެ. އެއޮތީ ފީފާގެ ހުއްދަނެތިބަލާފާ. ކޮށްފާ، ފީފާ އަކުންމިގައުމު ސަސްޕެންޑެއް ނުކުރޭ.
މިހާރު އަދި ކުރިޔަށްވުރެ ހާލު ދެރަ !!!
01 December 2025
ވަކި މޮޅެއް އެބައޮތްތަ؟ 17-0 ގެ ލަދުން ދެންވެސް ސަލާމަތްވާނެތާ؟