އަމާން އުދަރެސްގެ ބައެއް ފްލެޓުތައް މަތިން ފެންނަ ގޮތް: ބައެއް ފްލެޓުތަކުގެ ފެން ބިލް ބޮޑުވި މައްސަލަ ވަނީ ފެންމަތިވެފައިި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
09 ޑިސެމްބަރ 2025 - 21:40
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ އަމާން އުދަރެސް ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާ ބައެއް ފްލެޓުތަކުގެ ފެން ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.
އަމާން އުދަރެސްގެ ބައެއް ފްލެޓުތަކުގެ މިދިޔަ މަހުގެ ފެން ބިލަށް 7،000ރ. އަށް ވުރެ މަތިން އަރާފައިވާ މައްސަލަ ބައެއް މީހުން ވަނީ ފެންމަތިކޮށްފަ އެވެ.
އެފްޑީސީން ބުނީ، އެ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައުމާ އެކު، "އަސްލު ދެނެގަނެ" ހައްލު ހޯދުމަށް ކުރަންޖެހޭ ކަންކަން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ފެން ބިލްގެ އަދަދުގެ މައްސަލަ ފާހަގަވި މީހުން އެފްޑީސީގެ ހޮޓްލައިން 3345500 ނުވަތަ hello@fdc އަށް އީމެއިލް ފޮނުވައިގެން ހިއްސާ ކުރަން އެ ކޯޕަރޭޝަނުން އެދެ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު "ސަން" އަށް ވިދާޅުވެފައި ވަނީ އެއީ އެފްޑީސީން ދައްކަންޖެހޭ ބިލްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ، ފެން މީޓަރުތައް އަދި ހުރީ އެފްޑީސީގެ ނަމުގައި ކަމަަށެވެ.
އެފްޑީސީގެ އިސްވެރިއަކު ވިދާޅުވީ، ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަނީ އެ މީހަކު އެ ފްލެޓަށް ބަދަލުވުމުގެ ކުރިން ފެން މީޓަރާއި ކަރަންޓު މީޓަރަށް އަރާފައި ހުރި ބަލައި ފޮޓޯ ނެގުމަށް ފަހު ކަމަށެވެ.
"އެހެންވީމާ ވެފައި ހުރި ގޮތް ވަރަށް ރަނގަޅަށް ބެލޭނެ. މާދަމާ ހެނދުނު އެމްޑަބްލިއުއެސްސީގެ ޓީމުތައް ގޮސް މައްސަލަތައް ބަލައި ހައްލު ކުރާނެ،" އެފްޑީސީގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފްލެޓުތައް ލިބުނު މީހުންގެ މައުލޫމާތު ވެސް އެމްޑަބްލިއުއެސްސީއާ ވާނީ ހިއްސާކޮށްފަ އެވެ. އެހެންވެ، އެ ފްލެޓުތަކުގެ ވެރިފަރާތްތަކުގެ ނަމަށް މީޓަރުތައް ބަދަލުކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެފްޑީސީން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓު ލިބުނު މީހުންނަށް ހަ ޓަވަރަކުން ފްލެޓު ތަޅުދަނޑި ދޫކުރުން މިހާރު ކުރިއަށް އެބަގެންދެ އެވެ. އެއީ 11، 12، 13، 14، 15، 16 ވަނަ ޓަވަރުގެ ފްލެޓުތަކެވެ. އެ އިން ކޮންމެ ޓަވަރެއްގައި 120 ފްލެޓު ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސް
10 December 2025
"އަމާން އުދަރެހުގެ " މަތިން ވާރޭނުވެހޭތީ ވާގޮތެކޭ އެއީ. އެމް.ޑަބުލިޔޫ.އސް ސީ އިން ޖެހެނީ ވާރޭވެހޭގޮތަށް މަތިން ފެންޖަހަން. ދެން ހުރިހާ ފުކެޓުތަކަކުން ބަލާލީމަ ފައިސާޖެހޭވަރު އެއީ..
ގުދުގުދާބެއްޔާ
10 December 2025
ނަމަނަމަ ތިޔަ މީޓަރ ތައް ވެރިފަރާތުގެނަމަށް ބަދަލުކުރަންވެރިފަރާތުން ހުއްދަނުދޭތި! ތިޔަކަން ރަގަޅުކޮއްފަ އަދި ރަގަޅު ފެންބިލެއް ނުލިބެނީސް!ސަބަބަކީ ހުޅުމާލެ ފޭސް3ގެ ފުލެޓްގެފެންބިލަށް 30ހާސް ރުފިޔާއަރައިގެން ބެލިއިރުގަހެއްގެމުލުގެސަބަބުންފެންލީކުވެބިލްބޮޑުވެފައިވާކަން ޔަގީންވެ ބިލް ރަގަޅުކުރީމަވެސް ކުރިން ފެންބިލަށްއެރިއަދަދުގެ ޖޫރިމަނާ ކޮންމެ މަހެއްގެ ބިލަށް ހިމަނައިގެން އަންނާތީ! އަދިއަދައްވެސް އެކަން ރަގަޅުނުވޭ! ތިޔައުޅެނީ އެކަހަލަ ލަޑެއްދޭން!
ހުސައިން
10 December 2025
ރައިސް ރޯދަމަހު ކުރިން ބަދިގެ ސެޓް ހަދާލެވޭ ވަރަށް, ކުރިން ތަނުގެ މިން ނަގަން ވަދަވޭގޮތް ހަދާލަ ދީބަށް, ޖެނުވަރީގެ ފަހު ހަފްތާ ދިނީމަ, ކިހިނެތްތޯ ތަން ހެދޭނީ? ފެބުރު އަރީ 18 ރޯދަމަސް ގެ ފުރަތަމަ ދުވަސް.
ރަހީމީ
10 December 2025
ބިލް ހަދާފަ ފޮނުވާއިރުވެސް ނޭންގޭބާ..މީހުން ޝަކުވާކުރީމަ އެނގެނީ؟؟
އަބްޑޫޅް +
10 December 2025
ޙޫމް. ސޭފް ޙޮރައިޒަން ގެ ސަމް ފްލެޓްޝް ގެ ވޯޓާ ބިލު ބިގުވި ކޭސް އަށް ލުކިންގު އިންޓު، ދޯވ؟ ރަނގަޅު ދިނގިރޭސި ބަހުން އަޙުރެމެން، ގިނަގިނައިން ލިޔެ ކިޔަމާ! އޭރުން މީހުންނަށް ހީވާނެ އަޙުރެމެން އެންމެންނަކީ އޮޝްޓޭލިޔާ، ޔޫކޭ، ނިޔުޝްލެންޑަށް ގޮސް ކިޔަވާވިދާޅުވެގެން ތިބި ބަޔެކޭ.