އައްޑޫ ހައި ސްކޫލުގައި ހިންގި މާރާމާރީގައި ޓީޗަރު ދަރިވަރުގެ ކުރިމަތިލުން ހިނގަނީ.
11 ޑިސެމްބަރ 2025 - 09:47
އައްޑޫ ހައި ސްކޫލްގެ ދަރިވަރަކާއި ޓީޗަރެއްގެ ދެމެދުގައި ހިނގި ތަޅާފޮޅުމެއްގެ ވީޑިއޯ އިއްޔެ އާންމުވުމާ އެކު ގައުމުގެ ބޮޑު ބަހުސަށް އެކަން ވެއްޖެ އެވެ. ދަރިވަރާއި ޓީޗަރު ވެސް އެކަކު ގަޔަށް އަނެކަކު އަތްލައި އަނިޔާވެރިކޮށް އަމަލުކުރަމުން ދިޔަ މަންޒަރާ އެކު އަލުން ފެށުނީ ކޮންމެ ކަމެއް ވިޔަސް އަބަދުވެސް ދަރިވަރުން ރަނގަޅުކޮށް، ޓީޗަރުން ކުށްވެރި ކުރުމުގެ ވިސްނުމާ އެކު ސްކޫލް މާހައުލުގައި އޮތް ބޮޑު ނުތަނަވަސްކަމުގެ ޒަމާންވީ ބަހުސެވެ. ދަރިވަރުން ރަނގަޅު ކުރުމުގެ ނިޔަތުގައި ދޭ "އަދަބު" ވެސް ކުށަކަށް ބަދަލުވާ ހޫނު ބަހުސެވެ.
ފުރަތަމަ އާންމުވި ވީޑިއޯ ކްލިޕްގައި، ދަރިވަރާއި ޓީޗަރު ތަޅާފޮޅަމުން ދިޔައިރު އެހެން ދަރިވަރުން ހީ މަޖާކޮށް ވީޑިއޯ ކުރަމުން ދިޔަ ގޮތުން އެއީ އެ ކުދިންނަށް އާންމު، އާދައިގެ ކަމަކަށް ވެފައިވާ މަންޒަރެއް ކަމަށް ދޭހަވެ އެވެ. މަންޒަރު ވީޑިއޯކުރި ކަމަށް ބެލެވޭ ދަރިވަރުގެ ލެޕްޓޮޕުން ވެސް ހުޅުވައިގެން އިނީ ގޭމެއް ކަމަށް ވާއިރު މުޅި އެ މާހައުލު ތަސައްވުރު ކޮށްލެވެ އެވެ. މުޅި އެ ކުލާސް ބޮއްސުންލާފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަން ވީޑިއޯތަކުން ސާފެވެ. އެކަމަކު، އައްޑޫ ހައި ސްކޫލްގެ މެނޭޖުމަންޓު ވެސް އޮތީ ބަލަހައްޓައިގެންނެވެ.
މިކަމުގައި ހިމެނޭ ބިދޭސީ ޓީޗަރު ސަސްޕެންޑްކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ. އެ ހިސާބުން އަނެއްކާވެސް މި ފެށީ ދަރިވަރުންގެ އުޅުމާއި އަހުލާގު ކިތަންމެ ގޯސް ވިޔަސް އެޅޭނެ ފިޔަވަޅެއް ނެތް ވާހަކަ އާއި އެ ކުދިންނަށް ކިޔަވައިދޭން ދާ ޓީޗަރުންނަށް ހިމާޔަތެއް ހައްގެއް ނެތް ކަމުގެ ވާހަކަ އެވެ. އެއްބަޔަކަށް ޓީޗަރު ގޯސްވި އިރު އަނެއް ބަޔަކަށް ހުރިހާ ވެސް މައްސަލަ އަކީ ދަރިވަރުންގެ އަހުލާގެވެ. މިފަދަ ކަންކަމުގައި ގެންގުޅޭ ރަސްމީ ސިޔާސަތުގެ ދެކޮޅުނުޖެހޭ ކަމެވެ.
ސްކޫލެއްގެ ދަރިވަރުންތަކެއް އެސެމްބްލީގައި: ދަރިވަރުންގެ އަހުލާގު ރަނގަޅުކުރުމަށް އެކަށީގެންވާ ވަރާ ގާތަށް ވެސް މަސައްކަތް ނުކުރެވޭ ކަމުގެ ކަންބޮޑުވުން އެބަ އޮތް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ވީޑިއޯއަށް ފަހު ހަމަ އެ ދަރިވަރު ހަމަ އެ ޓީޗަރަށް އުދަގޫކޮށް ބުލީކުރާ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް އާންމުވެއްޖެ އެވެ. ޓީޗަރުގެ ބޮލުގައި ގަލަމަކުން ތަޅާތީ އާއި ބޮލަށް އެއްޗެއް އަޅާތީ އާއި ކްލާސްތެރޭ ޓީޗަރަށް ބިރުދައްކާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އެބަހުއްޓެވެ.
އެ ސްކޫލްގެ ބައެއް ދަރިވަރުން ބުނި ގޮތުގައި އެ ދަރިވަރާއި ޓީޗަރާ ދެމެދު އެފަދަ މައްސަލަތައް ޖެހޭތާ ކިތަންމެ ދުވެހެކެވެ.
ގްރޭޑް 12 ގެ އެ ދަރިވަރު ޓީޗަރަށް އަނިޔާކޮށް ބުލީކުރާ ވާހަކަ ސްކޫލްތެރޭގައި ވެސް ދައްކާ ކަމަށާއި އެކަމަކު އެ މައްސަލަ ކަމަކަށްވީ ވީޑިއޯ ލީކްވުމުން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް ދަރިވަރުން ބުންޏެވެ.
"ވަރަށް އެގޮތަށް އުޅޭ ކުއްޖެއް އެއީ. ބައެއް މީހުން އެބަ ކިޔާ އެ ކުއްޖާ އަސްލު ހުންނަން ޖެހޭ ކްލާހެއް ވެސް ނޫނޭ އެއީ. އަސްލު ދެ މީހުން ވެސް ގޯސް، ޓީޗަރު ވެސް، ކުއްޖާ ވެސް،" ދަރިވަރަކު ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އިއްޔެ އާންމުވި ވީޑިއޯގައި ޓީޗަރު ރުޅި އައިސްގެން އުޅުނީ އެ ދަރިވަރުގެ ފޯނުން އަންހެނެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދައްކަން ފެށުމުން އެކަން ހުއްޓުމަށް ޓީޗަރު ތަކުރާރުކޮށް ބުނުމުން ވެސް އެކަން ނުހުއްޓުމުންނެވެ.
އައްޑޫ ހައި ސްކޫލްގައި ދަރިވަރުން އޭ ލެވެލް އިމްތިހާނު ހަދަނީ: އެ ސްކޫލްގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ އެކު ދަރިވަރުންގެ އަހުލާގާ މެދު ބޮޑު ބަހުސެއް ވަނީ ފެށިފައި. -- ފައިލް ފޮޓޯ
އެކަމަކު، އެހެން ދަރިވަރަކު ބުނީ ޓީޗަރު ވެސް މީގެ ކުރިން ކުދިންގެ ގަޔަށް އަތްލައިގެން މައްސަލަ ޕްރިންސިޕަލަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ސްކޫލް ޕްރިންސިޕަލަށް ގުޅުމުން ފޯނު ނުނަންގަވާތީ މިކަމުގައި އޭނާގެ ބަހެއް ނުލިބުނެވެ.
އެއާ އެކު، މިހާރު އާންމުވަމުންދާ އެކި ވީޑިއޯ ކްލިޕްތަކުން ފެންނަނީ ދެޖިންސު މަސްހުނި އެ ކްލާސްރޫމްތެރޭގައި ދަރިވަރުންގެ ފަރާތުން ނުޖެހޭ "ހުތުރު" މަންޒަރުތަކެވެ.
މި ހާދިސާއާ އެކު، ސުކޫލް މާހައުލުގައި ޓީޗަރުންނަށް ކުރިމަތިވަމުންދާ ފުރައްސާރަ އާއި މަލާމާތާއި އުނދަގުލުގެ ވާހަކަތަކުން ސޯޝަލް މީޑިއާ ފުރާލައިފި އެވެ. ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ދޭން ޖެހޭ އަދަބު އިހުތިރާމު ނުލިބޭ ވާހަކަ އަނެއްކާވެސް ގިނަވެއްޖެ އެވެ.
އެއް ޓީޗަރަކު ބުނީ "ބިދޭސީ ޓީޗަރުން އެ މީހުންގެ ގައުމާއި އާއިލާ ދޫކޮށް ދިވެހި ދަރިންނަށް ތައުލީމުދޭން" އައިސް އުޅޭ އިރު ބައެއް ދަރިވަރުންގެ ފަރާތުން ކުރިމަތިވީ ޖެއްސުމާއި ފުރައްސާރަ ވަރަށް ބޮޑު ކަމަށެވެ. އެކަމަކު އެއީ ބިދޭސީ ޓީޗަރުންނަށް އެކަނި އޮތް މައްސަލައެއް ވެސް ނޫނެވެ.
"މިހާރު މުޅިން ވެސް ކުދިންގެ ހައްގުތައް. ކުދިންގެ ހައްގުތައް ގިނަވެގެން ގޮސް އެ ކުދިންނަށް އެނގޭ ބިދޭސީއެއް ވިޔަސް ދޭސީއެއް ވިޔަސް [އެޑިއުކޭޝަން] މިނިސްޓްރީން އިސްކުރާނީ ދަރިވަރުކަން. އަދަބު ލިބޭނީ ޓީޗަރަަށްކަން އިނގޭ މިހާރު ކުދިންނަށް،" ކިޔަވައި ދިނުމުގައި 18 އަހަރު ވެފައިވާ ޓީޗަރަކު ބުންޏެވެ.
ޓީޗިން ޑިގްރީ ނިންމުމަށް ފަހު ވެސް އެ ދާއިރާއިން ކުރިއަށްދާން ބޭނުން ނުވި އެއް ސަބަބަކީ ޓީޗަރުންނަށްވުރެ ދަރިވަރުންގެ ހައްގުތައް އިސްވެ ޓީޗަރުންނަށް ކުރާ އިހުތިރާމް ގެއްލިފައި އޮތުން ކަމަށް އެހެން މީހަކު ބުންޏެވެ.
"މިދިޔަ އަހަރު ކިޔަވައިދޭން ޖެހުނު ކްލާހެއްގެ ދަރިވަރަކު ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އިންޒާރުދީ، މޭޒެއް ކޮށްޕާލި ގަޔާ ދިމާލަށް. ދަރިވަރު ރުޅި އައިސްގެން. އެ ކްލާހުން ނުކުތީ ބިރުން ތުރުތުރު އަޅަމުން،" އެހެން ޓީޗަރަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައިވެ އެވެ.
ހަމަދު ސްކޫލުގެ ދަރިވަރުން އައްޑޫ ހައި ސްކޫލަށް މިދިޔަ މަހު ކުރި ޒިޔާރަތެއްގައި ފޮޓޯއެއް ނަގަން އެތުރިލައިގެން: ސްކޫލް މާހައުލުގައި ހުރި ބޮޑެތި މައްސަލަތަކަށް ފިޔަވަޅު ނޭޅި ކަންކަން ގޯހުން ގޯހަށްދާ ކަމުގެ ޝަކުވާ ބޮޑު. -- ފޮޓޯ: އައްޑޫ ހައި ސްކޫލް ފޭސްބުކް ޕޭޖް
އޭނާ ބުނީ އެ ދުވަހު އެ ގަތް ބިރު އަދިވެސް އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުރި ކަމަށާއި އެކަމަކު ޖެހިގެން އައި ދުވަހު ހަމަ އެ ކްލާހަށް ކިޔަވައިދޭ ދާން ޖެހުނު ކަމަށެވެ. އޭނާ ވެސް ދެއްކީ ދަރިވަރުންގެ ހައްގުތައް ގިނަކަމުގެ ވާހަކަ އެވެ.
ނަމަވެސް ޓީޗަރުންގެ ދިފާއުގައި ބަހެއް ބުނެލަން ކެރޭ މީހުން މަދުވުމާއި ޓީޗަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާނެ ބަޔަކު ނެތް ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.
އައްޑޫ ހައި ސްކޫލުގައި ހިންގި މާރާމާރީގައި ޓީޗަރު ދަރިވަރުގެ ކުރިމަތިލުން ހިނގަނީ.
ބައެއް ޓީޗަރުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް އެފަދަ އަމަލުތައް ފެންނަމުން ދިއުމުގައި ބެލެނިވެރީންގެ އިހުމާލު ވެސް ބޮޑެވެ. އެފަދަ އަމަލުތައް ދަރިވަރެއްގެ ކިބައިން ފެނުނަސް ކުއްޖަކު އިސްލާހުކޮށް އެ ކަންކަން ހުއްޓުވަން ދަރިވަރަށް ނަސޭހަތްދީ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ޓީޗަރާ ދިމާކޮށްލުން ގިނައީ އެވެ؛ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ތިމާގެ ދަރި އަބަދުވެސް ރަނގަޅީ އެވެ.
ޓީޗަރުންގެ ޝަކުވާ އަކީ، އެ މީހުންނަށް ދަރިވަރުން ކޮންޓްރޯލް ނުވުމެވެ. ދަރިވަރުންގެ ކުރިމަތީގައި އަދި އެހެން ތަނެއްގައި ވިޔަސް ދަރިވަރުން ބޭނުންހާ ގޮތަކަށް އުޅެނީ އެވެ. ޓީޗަރަށް އޮތީ އަތް އުރާލައިގެން ބަލަން ހުރުމެވެ.
މިހާރު އޮތް ސުވާލަކީ ވެސް އެއީ އެވެ. ޓީޗަރުގެ މައްސަލަ ބަލައި އަދަބު ދީ ވަޒީފާއިން ވަކިކޮށް ޑީޕޯޓްކޮށްލީމާ އެ ނިމުނީ ހެއްޔެވެ؟ ދަރިވަރުންގެ އުޅުމާއި އަހުލާގުގެ ވާހަކަ ދައްކައިގެން ނުވާނެ ހެއްޔެވެ؟ މުޅި ކުލާސް ހަމައިން ނެއްޓެމުން ދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ބެލެވޭއިރު ސްކޫލްގެ މެނޭޖުމަންޓު ކޮބައި ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކަލޯ
12 December 2025
ދިވެހި ރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމް ފެއިވިތާ 25 ވަރަކަށް އަހަރު ވެއްޖެ. ދަރިވަރުންގެ ހައްޤު ގިނަވެގެންގޮސް. ކުރީން ދެމުން އައި ހޯމް ވާރކް ދިނުންވެސް ވަނީ ހުއްޓާފަ. ސައްތައިން ސައްތަ އިސްލާމީ މުޖުތަމައަކަށްވިއަސް، މިހާރު ހިނގަމުންދާ ސްކޫލްތަކުގައި އިސްލާމީ ސިފަތަކެއް ނުހުރޭ. ކުޅިވަރާއި ކޮންސެޓާއި ޑާންސް އިވެންޓްތައް ރާވާ އިރު. ނަމާދު ގަޑިތަކަށް ބެލުމެއް ނޯވޭ. ޓީވީތަކަށް އަރާފަ މޮޅުވާހަކަ މިކަމުގައިވެސް ދައްކާނެ.
20000
12 December 2025
މާމޮޅު ޑިމޮްރަސީއެއް އައިސްގެން ވަކި ބަޔަކު ހިމާޔަަތް ކުރަނީ. އިސްލާހިއްޔާ ހަދާ މިފަދަ މިފަދަ ޖިނާއީ ކުށްކުރާ ކުދިން އެތަނަށް ގެނެސް 18އަހަރު ވަންދެން ސިފައިންގެ ބެލުމުގެ ދަށުން ގެންގުޅެންވީ. ސިފައިންގެ ތަމްރީން ދޭންވީ. 18އަހަރު ނުވާ ކުޑަކުދިންގެ ކުށްތަކަށް މައިންބަފައިންނަށް އަދަބު ދޭންވީ. އެމީހުން އިހްމާލުވީމާ. ކޮންމެ ރަށެއްގެ ކޮންމެ ކުލާހެއްގައި ދާދާ ހެދިފައި ތިބޭ ކުދިން އުޅޭ އެޑިއުކޭޝަން މިނިސްޓަރ ކަންކަން ހައްލު ނުވަންޔާ އިސްތުއުފާ ދީބަަލަ
މހއމ
12 December 2025
ގްރެޑުއޭޓް ވީމާ، ވަގުތުން ހައްޔަރު ކޮށްގެން ގެން ގޮސް ލާންވީ ޖަލަށް. އެހެން ނޫނީ މުޖުތަމައުއަށް ނުރައްކާ ވާނެ.
މުހައްމަދު.
12 December 2025
ހުޅުމާލޭގެ ބައެއް މަދަރުސާތަކުގައި ތިފަދަ ކަންކަން ހިގާތާ އެތައް ދުވަހެކެވެ. އެވާހަކަ ދެއްކުމުން ކުއްވެރިވަނީ ޓީޗަރުންނެވެ. ކިޔަވާކުދިން ކޮންމެ ފަދަގޮތަކަށް އުޅުނަސް ކިޔެވުމުގެ އުމުރުފުރާ ހަމަވަންދެން މަދަރުސާގައި ގެންގުޅެންޖެހޭ އެވެ. ވިޔާނުދާ މަދު ކުދިންގެ ސަބަބުން ގިނަ ކުދިންތަކުގެ ކިޔެވުމަށް ނުރަނގަޅު އަސަރުކުރުކޮށް ޖީލެއް ހަލާކުވެގެން ދަނީ އެވެ.
އައިމިނާ
11 December 2025
މާމޮޅެތި ބެލެނިވެރިން އުޅޭ ގައުމެއް. ކުދިން އަބަދުވެސް ދޮންފުތުވާނެ. ބައެއް ނޫސްތައްވެސް އެގޮތުގަ. ހަމައެކަނި މި ދުނިޔޭގެ ރީތި ނަން ހޯދަން. މުޖުތަޢު ނުރަނގަޅު ގޮތަކަށް ދެކެފާނެތީވެ ކަންކަން ފޮރުވުމުގަ މެކުހަށް ޖަހާފަ.
ކައުންސެލަރު.....
11 December 2025
މިއީ އެމްޑީޕީން އަހަރެމެންނަަށް ގެނެސްދިން އިންސާނީ ހައްގާއި ހަނުހުރުމުގެ ހައްގާއި ކުށްވެރިން ހިމާޔަތްކުރާ ހައްގު. އެހެންނު
މހއމ
12 December 2025
އެމް ޑީ ޕީ ތަ އަދި ވެސް ވެރިކަން ކުރަނީ؟ ގާނޫނުތައް ހަދަނީ؟ ޕްރޮސެކިއުޓް ކުރަނީ؟ ޒިންމާ ނުނަގަން ވީމަ އެމް ޑީ ޕީ. ވެރިކަމަށް އަންނަން ވީމަ އެހެން ލަވައެއް.
އައްޑޫން
11 December 2025
އައްޑޫ ގޭންގު ގްރޫޕެއްގެ ދަރިއެއް. ތިމީހުންނާއި ހެދި ރަށުގައި އުޅެވެން ނެތް. މިމީހުންމީ ސިޔާސީ މީހުންގެ ބަތާ ކައިގެން އަހަރެމެންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ މުޖުރިމުން.
މހއމ
12 December 2025
ގައިމު މިހާރަކު ޝަރުތު ހަމަވާ ގޭންގެއް ނެތޯ. އައްޑޫ މީހަކާ ހަވާލާ ދީ މުއިއްޒު ބުނީ.
ޖަނީނާ
11 December 2025
ކަންކަން ބޮއްސުންލާގެން މިދަނީ “ބޮޑުމަގާމް” އަދި “ބޮޑު މުސާރަ” ފަހާ ދުވާ ގިނަ ދިވެހިންތަކެއް (ސަނަދު އޮތަސް، އަހްލާގެއް އަދި ތަޖުރިބާއެއް، ވިސްނުމެއް ނެތް) ގިނަވެ، އެކިއެކި މުވައްސަސާ ތަކުގެ ވެރިންގެ ގޮތުގައި ގިނަވެގެން! ރާއްޖޭގެ އެއްކަމެއްވެސް މިއަދު ރަނގަޅެއް ނޫން!
ސޭކުބެ
11 December 2025
މިދަރަޖައަށް ރާއްޖެ ގެންދިޔައީ ބަޔަކު ހަމަ ގަސްދުގައި ރާވައިގެން. އެހައްގޭ މިހައްގޭ ކިޔައި މަގުމައްޗަށް މީހުންނެރި ހަޔާތް ކަނޑުވައިގެން. މިކަމުގެ ޒިއްމާ ނަގަން އެންމެ ބޮޑަށް ޖެހެނީ މި ޒަމާނީ ޑޮމޮކްރަސީ މިގައުމަށް ގެންނަން މަސައްކަތްކުރި މީހުން. ޖީލެއް ހަލާކު ކޮއްލީ. ޒަމާނުއްސުރެ އެދުރުންނަށް ކުރަމުން އައި އިޙްތިރާމް ގެއްލުވާލައި އިޖްތިމާއީ ފޭރާން ވީދާލައިފި.
ލަޠީ
11 December 2025
މީގެ ކުރީގެ ޒަމާންތަކުގައިވެސް ސްކޫލްތަކުގައި އެތައްހާސް ދަރިވަރުންނެއް ކިޔަވއިފި. ދުވަހަކުވެސް މިހާ ދަށުދަރަޖައިގެ ކަންތައްތަކެއް ސްކޫލްތެރެއަކު ނުހިނގާ. އެދުރުންނަށް އޮންނަ ގަދަރާއި ލޯބި މާ މަތިކޮށް އޮތީ. މިހާރު އަޚްލާޤޭ ކިޔާ އެއްޗެއް ނޯވޭ. ލާނެއްވީވަރެއް އެއީ މޮޅުވުން. ތަރުބިއްޔަތު ކުރެވޭނީ އެކަށޭނަ އަދަބުވެސްދީގެން. އަދި ދަރިވަރުންނަށް ބޭނުންހާ ގޮތަކަށް އުޅުމަށް ފުރުޞަތު ނުދީ ސްކޫލުގެ މާޙައުލު މުޅިން ބަދަލުކޮށް ސްކޫލްތަކަށް ފުރުޞަތުދީގެން.