ރައްޔިތުންގެ މަޖިލިސް ކުރާ ގެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށި ފަހުން މިހާތަނަށް ބޭއްވީ 10 ޖަލްސާ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
04 އެޕްރީލް 2017 - 14:37
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިދިކޮޅު ބައެއް މެމްބަރުން މިއަދު އެ ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ ހައެއްގައި ފެށި ފަހުން، މިހާތަނަށް ބޭއްވީ އެންމެ 10 ޖަލްސާ އެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި އަށް ޖަލްސާއެއް ބޭއްވި އިރު، މާޗް މަހުގެ ތެރޭގައި ބޭއްވީ އެންމެ ދެ ޖަލްސާ އެވެ. މި މަސް ފެށުނު ފަހުން އަދި މިހާތަނަށް އެއްވެސް ޖަލްސާއެއް ނުބާއްވަ އެވެ.
މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ވެސް އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ އާދިއްތަ، ހޯމަ، އަންގާރަ ދުވަހެއްގައި ޖަލްސާތައް ބާއްވަން ޖެހެ އެވެ. ގަވާއިދު ބުނާ ގޮތުން މި މަސް ނިމުމުން އެއް މަސްދުވަހަށް މަޖިލިސް ޗުއްޓީވާނެ އެވެ.
މަޖިލިހުގެ ޖަލްސާތައް މިހާރު މެދުކަނޑާލާފައި އޮތީ މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އަންގާރަ ދުވަހު އޮންނާނެ ކަން މެމްބަރުންނަށް ނޯޓިސް ފޮނުވާފައި ވަނިކޮށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނޯޓިސް ފޮނުވާފައިވަނިކޮށް އެހެން މައްސަލައެއް އެޖެންޑާ ނުކުރެވޭނެ އެވެ. ނަމަވެސް ނޯޓިސް ފޮނުވުމުގެ ކުރިން ޖަލްސާތައް ނުބާއްވާކަށް ގަވައިދުގައި ނޯވެ އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މިދިޔަ މާޗް މަހުގެ ތެރޭގައި ބޭއްވި އެންމެ ދެ ޖަލްސާ. - ފޮޓޯ: މަޖިލިސް
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަނީ މިދިޔަ މަހުގެ 27 ގެ ފަހުން ޖަލްސާތައް ނުބާއްވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ގޮތާ މެދު ސުވާލު އުފެދޭތީތޯ ސުވާލު ކުރައްވައިފަ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ނަގާފައި ވަނީ، ވޯޓުލާ ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ބުނެ ކޮންމެ މެންބަރަކާ ވަކިވަކިން ސުވާލު ކޮށްގެންނެވެ. މި ގޮތަށް ވޯޓު ނަގަން ފާސްކޮށްފައި ވަނީ މައްސަލަ ޖެހިފައިވާ ކަމަށް ބުނި ސިސްޓަމް ބޭނުންކޮށްގެން ކަމަށް ވާއިރު މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ ބައެއް މެންބަރުން ވެސް ވޯޓު ދެއްވި ކަމަށް ސިސްޓަމުން ދެއްކި އެވެ. އަދި ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ބައެއް ބޭފުޅުން ވޯޓު ދެއްވި ކަމަށް ވެސް ދައްކާފައިވެ އެވެ. އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެ ދުވަހު ނެގުނު ވޯޓަކީ ގަވާއިދާ ހިލާފު ބާތިލް ވޯޓެއް ކަމަށެވެ.
27 ge fahun Rayyithunge majlis ge mi dhauruge jalsaa thah nubaavvanee R.majlis raees ge vote ge sahha kamaa medhu suvaalu ufedhey thee thoa?
— PPM Waddey (@Lawyer_Waddey) April 3, 2017
ވަހީދު ކުރެއްވި ޓުވީޓު.
މި ޓުވީޓާ ގުޅިގެން ވަހީދު ވިދާޅުވީ ރިޔާސަތުން މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހިތު ހުރިހާ ގޮތަކަށް ކަމަށެވެ. މަޖިލިސް މެމްބަރުންނަށް ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައި އޮންނަ އިރު، އެއާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ބަދަލުގައި ފެންނަނީ ހިތު ހުރި ގޮތަކަށް ކަންކަން ކުރަމުން އަންނަ ތަން،" ވަހީދު ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި މަޖިލިހުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. ވަޒީރުންނާ ސުވާލު ކުރުމަށް އެތައް މައްސަލަތަކެއް ހުށަހެޅިފައިވާ އިރު، އެ މައްސަލަތައް ކުރިއަށް ނުދާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ނޯޓިސް ދިނުމުގެ ކުރިން ޖަލްސާތައް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ޖަލްސާތައް މެދުކަނޑާލާފައި އޮތީ މަސައްކަތް ކުރަން ބޭނުންނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ތިއްބެވީ ބިރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމުން ބޭނުންވާ ގޮތަށް މަޖިލިސް ކުރިއަށް ދާނެ ކަމަށް ނުފެންނާތީ މަޖިލިސް ނުބާއްވަނީ، މެޖޯރިޓީ އޮތް ފަޅި އަށް ބޮޑެތި ބަދަލުތަކެއް އައުމުން،" އަލީ ހުސެއިން ވިދާޅުވި އެވެ.
ގަވާއިދުގައި ބުނާ ގޮތުން މަޖިލިހުގެ ރައީސް ނުވަތަ މަޖިލިހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް އަމީން އާންމު، މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ޖެހެ އެވެ.
އެ ނޯޓިހުގެ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާއަށް އެ މައްސަލައެއް ހުށަހަޅަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
މަޖިލީހުގެ ޖަލްސާއަށް މައްސަލައެއް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކޮށް ގޮތެއް ނިންމަން ވާނީ ނުވަތަ އެހެން މައްސަލައަކާ މެދު ގޮތެއް ނިންމަން ވާނީ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންސޫރު
04 April 2017
މަހު މުސާރަ ނުދީ ހާޒިރުވާ ކޮންމެ ޖަލްސާއަކަށް 3،000ރ ގެ މަގުން ސިޓީއެރައެއް ދިނީމައި ތިޔަަ ކަންތައް ހަަޔަޖެހިދާނެ.
ބަތޫކް
04 April 2017
ޤައިރުަ ގާނޫނާއި ހިލާފަށް އަމިިއްލައަށް ވޯޓްލައިގެން ކަންތައްގެނޑެއް ހިންގިޔަސް ރައްޔިތުން އެކަން ގަބޫލު ލެއް ނުކުރޭ. ހަގީގަތުގައި ވެސް ޔާމީނު ފަޅިވަނީ ވަރަށް ބޮޑަށް ބަލިވެފައި،، ކާމިޔާބު ވެފައިވަނީ އިދިކޮޅު އިއްތިހާދެވެ. މިހާރަކު މަޖުލިހަކު ރައީސެއް ނެތް...
ދދ
04 April 2017
އެއީ ދަރުބާރު ފެކްޝަނުގެ ޖަގަހައެއް މަޖިލިސް އެއީ ދަރުބާރު ފެކްޝަނުން ހިންގާ ފެކުޝަނެއް!
އައްޑޫ ރަދުން
04 April 2017
ތިތަން ފެނުނީމަވެސް މާޔޫސްކަން ފިޔަވާ އިތުރުކަމެއް އިހްސާސް ނުކުރެވޭ...ވަރަށް އުއްމީދު ކޮއްގެން ހުރިން ވަރަށް ހަމަހަމަގޮތުގަ ރައްޔިތުންގެ ހައްގުގަ ބަހުސްކުރާ ތަނަކަށް މަޖިލިސްގެ ވާނެކަމަށް އެކަމަކު މިތަން މިސިފަވަނީ މާލޭ ޖަލުގެ އިދާރީ ބަޔާ
ހިތްތިރި
04 April 2017
ކެންދޫ ދާއިރާގަ މެމްބަރެއް ހުރޭތަ. ދާއިރާއައް ހަރާންކޯރުވި މީހަކު ހުރޭ
މަންސޫރު
04 April 2017
ހިތްތިރި ބުރޯ، ކެންދޫ ދާއިރާގައި ތިބެނީ ދިވެހި ރައްޔިތުންނެއް ނޫންތަ؟ ދިވެހި ރައްޔިތުންގެ ހައްގުގައި ނިކުމެ ކެންދޫ ދާއިރާއަށް ހަރާންކޯރު ވެވޭނީ އަޅެފަހެ ކިހިނެތް؟
ޢަލީ
04 April 2017
އަޅުގަނޑުގެ ހިތައް އަރަނީ މަޖިލީހުގެ ގަވާއިދު ބަލާފަ މިކުދިން ކޮމެންޓް ކުރާނަމަ ހާދަ ރަނގަޅުވާނޭ.
މަންސޫރު
04 April 2017
ތިޔަބުނާ ތާނގައި ތިޔަބުނާ އެއްޗެއް އޮވޭތޯ ސުވާލަކީ!
ވޯލް
04 April 2017
މެމްބަރުންގެ މަޖިލީސް ކިޔަން ފެންނަނީ ނޫނީ ރައީސްގެ މަޖީލީސް. ރައްޔިތުންނަށް ފައިދާއެއްވާ ބިލެއް ފާސްކުރިބާ، ރައްޔިތުންގެ އެތަކެއް ހައްޤު ގެއްލިގެންދާ އެތައް ބިލެއް ތިޔަ ތަނަކުން ފާސްކޮށްފި.
ޑޯން
04 April 2017
ހާދަހަޑި އިމާރާތެއްގެ ފޮޓޮއެއް
ދޭހަ
04 April 2017
އެއީ އެމަޖިލީހުގެ ގިނަމެމްބަރުންގެ ހާލަތުދައްކުވައިދޭ ފޮޓޯއެކެއެވެ، ބޭރުފުށަށް ރީއްޗެވެ ނަމަވެސް މުޅިމީހާ ވަނީ ތަޔައްއަރު ވެފައެވެ.
ޚިޔާލް123
04 April 2017
މަޖްލީހުގެ ކަންކަން ދާގޮތުން މިފެންނަނީ މަޖްލީހުގެ އިއްޒަތްތެރި މެންބަރުންގެ އިޚްލާސްތެރި ކަމެވެ. އަދި ވަކިން ޚާއްސަކޮށް މަޖްލީހުގެ އިއްޒަތްތެރި ރައީސް ގެއެވެ.
ޗިކުސް
04 April 2017
ރައްޔިތުންގެ ޖީބުން މުސާރަ ލިބޭ ނުން ހާޒީރުވިޔަސް ، ނުވިޔަސް އޯކޭ ނުން.