ގާސިމް ކޯޓުން ނިކުމެވަޑައިގެން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާ އެކު: އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަން ހައި ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
12 އެޕްރީލް 2017 - 16:43
ރިޝްވަތުގެ ތުހުމަތުގައި ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކޮށް ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓީ ފުލުހުންނާއި ކްރިމިނަލް ކޯޓަށް އޮޅިގެން ކަމަށާއި އެކަމުގައި އެ ދެ މުއައްސަސާއާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކުރުމާ އެކު، ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ އޭނާ ހައްޔަރުކުރީ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކާ ބެހޭ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށެވެ. ފުލުހުންނާއި ކޯޓަށް އޮޅިގެން އެގޮތަށް އަމަލުކުރެވިދާނެ ކަމަށާއި އެއީ މާބޮޑު މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.
އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދެން ޖެހޭނީ، ގާނޫނުގައިވާ ގޮތުން، ޕްރޮސިކިއުޓަ ޖެނެރަލް އެވެ. އޭގެ ބަދަލުގައި ފުލުހުން އަމުރު ހޯދީ ސީދާ ކްރިމިނަލް ކޯޓަށް ހުށަހަޅައިގެންނެވެ.
"އިމްތިޔާޒުގެ ގާނޫނުގެ ވެސް ވަރަށް ގިނަ މާއްދާތައް އުވާލާފައި އޮތްއިރު، މި މާއްދާ އޮތީ އުނި ނުކުރައްވައި. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ހައި ކޯޓުގައި ވިދާޅުވި ދައުލަތުން އޮތީ މިސްޓޭކެއް ހެއްދެވިފައި ކަމަށް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ވަރަށް އިންސާފުންނޭ، ރަނގަޅަށޭ އެ ކަންތައް ދިޔައީ ކްރިމިނަލް ކޯޓުން އަދި މި ކޯޓުން ވެސް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހެއްކެއް ނެތީސް ވެސް ހަ ދުވަސް ބަންދުކުރަން ހުކުމް ކުރެއްވި ގާޒީ އެގޮތަށް ނިންމެވީ ވެސް ގޯސްކޮށް ކަމަށް ދެކެވަޑައިނުގަންނަވަ އެވެ.
ކުރިއާ އަޅާބަލާއިރު ފުލުހުންގެ އުސޫލުތަކާއި ގަވާއިދުތައް ވަރަށް ހަރުކަށި ނަމަވެސް، ގާސިމް ވިދާޅުވި ގޮތުގައި، ބަންދުގައި ހުންނެވިއިރު އޭނާއާ ދޭތެރޭގައި ފުލުހުން އަމަލުކުރީ ވަރަށް ރަނގަޅަށެވެ. އަދި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ވިސްނުމަށް ވަރަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޚުލާގީ، ސުލޫކީ ގޮތުން ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފި. ކޮންގޮތަކަށްތޯ، ކުރިއަށް ތަރައްގީގެ ރޮނގުން، ކުރިއަށް ދިއުމުގެ ރޮނގުގައި،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ދޫކުރިއިރު، ރިޝްވަތު ހުށަހަޅަން އުޅުމާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާކޮށް، ޕީޖީން މިހާރު ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅިޔަންބެ
14 April 2017
އެކޮޅުކޮޅުން އެލުވާފަ ކޮތަރައް ކާންދިނަސް ތިމަންނައެއް ދެނެއް ޔާމީނަކައް ނުހެއްލޭނެ.
އިމްތިޔާޒް
14 April 2017
ގާސިމްގެ ބަހުން އެނގުނު ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށްވުރެ މާ ބާރުގަދަ އެއްޗެއް. އިސްލާމީ ޝަރީޢަތަށް ވުރެވެސް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ބާރުގަދަކުރަން މެންބަރުން މަސައްކަތްކުރޭ. ވީމާ ކޮންމެފަދަ ކުށެއް ފާޅުގައި ކުރިޔަސް އިމްތިޔާޒްގެ ތެރެއިން އެމީހަކު ހައްޔަރު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. މިރާއްޖޭގައިތިބި ހަމައެކަނި ޤާނޫނު ނުހިނގާ މީހުން މެންބަރުންނަކީ. މެންބަރަކަށް ވުމުން އެމީހެއްގެ މަތިން އެދެން ގަލަން އުފުލުނީ ކަމަށް މެންބަރުން ދެކެނީ.. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއިބެހޭ ޤާނޫނު އުވާލައި ޤާނޫނު އަސާސީގެ ހުދޫދުގެ ތެރެއަށް ވެއްދުމަށް ދިވެހީންނަށް ގޮވާލަން. ބަޔަކު ނުކުމެ އިމްތިޔާޒާއިބެހޭ ޤާނޫނު ހަވަރަށް ދީ މެންބަރުން ސައިޒު ކުރާނެ ދުވަހަކަށް އިންތިޒާރުކުރަން...
އަބްދުއްލާ އަލީ
13 April 2017
އޮޅިގެން ގާނޫނާ ހިލާފް ވެވޭތަ ؟ ފުލުހުންނަށްއޮޅޭތަ ؟ ޕީޖީ އަށް އޮޅޭތަ ؟ ކޯޓަށް އޮޅޭތަ ؟ ބަދަލު ލިބޭނެތަ ؟ އޮޅިގެން ދޫނިދޫ ގަ އޮތް ދުވަސް ތަކުގެ ވޭނާ ކެކުޅުމާ ކުރެވުނު އިހްސާސް ތަކަށް ހަދާނީ ކިހިނެޔް ބާ ؟ މިފަދަ އަމުރުތަކަށް ފަނޑިޔާ ރުންވެސް ބަދަލު ދޭން ޖެހޭގޮތަށް ގާނޫނަށް ބަދަލު ގެންނަން ނުވޭތަ ؟
ޥަސަންތި
13 April 2017
ކޮބާ ރާކަނިކަނދިބޮވިއްޖެއްނު؟؟
މަރީ
13 April 2017
ޤާސިމު އެހެންވީމަ އަބްލޯ ޤާޒީއަށްވުރެއް މާ ހިންހެޔޮތާ ދޯ! ދެން އަނެއްކާ އަޅާނީ ކޮން އޮޅުމެއްކަމެއް އެކަމަކު ނޭނގެ! މިހާވަރުގެ ކަންތައްތައް އޮޅޭ މީހުން އެވަރުގެ ވަޒީފާގަ އެކަމަކު ބައިތިއްބަންވާނެތަ؟ ގައިމު އާދައިގެ މުވައްޒިފަކަށް ކަމެއް އޮޅުނީމަ ސަރުކާރުންވެސް ކަނޑާލާފަ އެބަތިބި.
ކިލަގެފާނު
13 April 2017
ފުލުހުންނަށް ގޮސްކޮށް ކަމެއް ކުރެވޭ ކޮންމެ ފަހަރަކު މިވާގޮތަކަކީ ޤާނޫނު މަތިން ހަދާންނެތެނީ، ޖަޒުބާތުވެވެނީ، ނިދިހަމަނުވަނީ، ވާޖިބަށް ހުރަސް އަޅނީ، ކެމެރާތައް މަސައްކަތް ނުކުރަނީ، މީދެން ފުކެއް ބޮޑުވަރު ތޯއްޗެއް.
މަޒް
13 April 2017
އާންމު ރައްޔިތަކު އޮޅިގެން ގާނޫނާ ހިލާފު ވެއްޖެޔާ އެމީހަކު އުލު ބައިންދާ.. އެކަމަކު ކޯޓުތަކާއި ފުލުހުން އަދި ވެރިން ތަކުރާރުކޮއް ފުލުފުލުން ގާނޫނުތައް މުގުރަމުން ހިލާފުވަމުން ދިޔަސް އެޅޭނެ ފިޔަވަޅެއް ނެތް.. ގައިމު ގާނޫނާ ހިލާފުވާ މުއައްސަސާ އާއި ދޭތެރޭ ފިޔަވަޅެއް ނޭޅުނަސް ގާނޫނާ ހިލާފުވި ވަކި ވަކި މުއައްޒިފުން ނުވަތަ އެކަމަކަށް އަމުރު ކުރި ބަޔަކާ ދޭތެރޭ ކޮންމެސް ފިޔަވަޅެއް އެޅެންވާނެތާއެވެ.
ޗަމްޕާޕޫލް
13 April 2017
ރައްޔިތުންގެއަތުން ބޮޑުމުސާރަނަގައިގެން ޢަދުލު އިންސާފުގާއިމްކޮށްދޭން ﷲގަންދީ ހުވައިކޮށްގެން ތިބިބައެއްގެ ޒިންމާދާރުކަން ކުޑަކޮށްމިކަމުންވެސް ހާމަވެގެން މިދިޔައީ!
ލިލީ
13 April 2017
މަދަމާ އަނެއްކާ ގެންގޮސް ބަންދު ކުރާނެ، ވ މޮޅު ގޭމެއް އެކުޅެނީ
މަރީ
12 April 2017
މަށަށް ހީވަނީ ގާސިމް ރީތި ބަހުން ކޯޓުތަކުގެ ގާޒީންނާއި ޕްރޮސިކިއުޓާރ ޖެނެރަލަށް ކޮށްލި މަލާމާތެއްހެން. ގާސިމް ބުނިހެން އެދެ މުއައްސަސާއަކުން ރައްޔިތުންނަށް އަނިޔާއެއް ނުހައްގަކުން ނުދޭނެތާ. އެކަމަކު އެވެސް އިންސާނުންނަށް ވީތީ ހަމަ "އޮޅުމަކުން" ނުބައި ފިޔަވަޅެއް އެޅުނީތާ. ދެން އޭގެ އެންމެ ހެޔޮކަމާއި ދަރުމަ ބޮޑީ ކުށްކުރެވުނު މީހުންނަށް "މާފު"ދީ ހިތް ޚަލާސް ކުރުމެއްނު. މި ސަރުކާރަކުން ރައްޔިތަކަށް އަނިޔާވެރި ނުވާނެ އެއްގޮތަކަށް ވެސް. މުޅިން ވެސް ހންނާނީ އޮޅިގެންނާއި އިއްތިފާގުން ދިމާވާ ކަންތައް. ގާސިމް ބަރާބަރު. ޢަވަހަށް މާފުދީ ހިތްހެޔޮކޮށްލާ