އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި އޮޑިޓަ ޖެނެރަލް ޒިޔަތު ވާހަކަ ދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 އެޕްރީލް 2017 - 12:28
ނުހައްގު މުއްސަނދިކަން ނުވަތަ އިލިސިޓް އެންރިޗްމަންޓަކީ ރާއްޖޭގައި ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅައި އެފަދަ މީހުންނަށް ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރުވެރިކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޭން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ގޮވާލައްވައިފި އެވެ.
އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރަން އޭސީސީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޒިޔަތު ވިދާޅުވީ އެ މީހެއްގެ މަގާމާއި އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހުއްޓުވުމަށް، ފައިސާ ހޯދި ގޮތް ބަޔާންކޮށްދޭން ގާނޫނީ ގޮތުން މަޖުބޫރުކުރުވަން ޖެހޭ ކަމަށެވެ. އެއާ އެކު، އެފަދަ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތެއް ވެސް މުއައްސަސާތަކުން ހޯދަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ ރާއްޖެ އިން ކޮރަޕްޝަން ނައްތާލަން އޭސީސީ އަށް ބާރުދީ، ދައުލަތުގެ މުއައްސަސާތައް ޒިންމާދާރު ކުރުވެން ޖެހޭ ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކާއި މުވައްޒަފުންގެ ކިބައިގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގަންނުވައި ގާނޫނުތަކާއި ގަވާއިދުތަކަށް ކިޔަމަންވުން ވެސް އަށަގަންނުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަދި ދައުލަތުގެ މުދަލާއި ފައިސާ ހޭދަކުރެވޭ ގޮތް ބަލައި އެކަމާ މެދު ވެރިން ޒިންމާދާރު ކުރުވައި ރިޕޯޓް ހާމަކުރެވެން ޖެހޭ. އޭގެ އިތުރުން ތަހުގީގީ އިދާރާތައް ބާރުވެރިކުރުވައި ކުށްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން ޖެހޭ. ޝަރުއީ ނިޒާމްގެ އިތުބާރު ދެމެހެއްޓެން ޖެހޭ،" ޒިޔަތު ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވަނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ ތަނެއްގައި އަށަގަނެއްޖެ ނަމަ ފިލުވާލަން އުނދަގޫ، ކެންސަރު ފަދަ ބައްޔެކެވެ. އެ ވަބާ އަކީ އެއް ކަމެއް ނުވަތަ ދެ ކަމެއް ކޮށްގެން ހައްލުވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ކޮރަޕްޝަނަކީ ރާއްޖޭގައި ވެސް އެންމެ މުއައްސަސާއަކަށް ފިލުވާލެވޭ ވަރަށް ވުރެ އުނދަގޫ ބޮޑު ކަމެއް ކަމަށާއި އެކަން ހުއްޓުވަން ގާނޫނީ އަދި ތަންފީޒީ ރަނގަޅު އޮނިގަނޑަކާއި ގިއުގަނޑެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭސީސީން އަލަށް ނެރެން ފެށި "ހުދު ކަރުދާހު"ގެ ފުރަތަމަ އަދަދު އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރެދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޒިޔަތު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތުގައި، މަނީލޯންޑެރިން ފަދަ މާލީ ޖަރީމާތައް ހުއްޓުވަން ކުރަން ޖެހޭ އެންމެހާ ކަންކަން ގާއިމްވެފައި އޮންނަން ޖެހޭ ކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމަކީ އެންމެ މީހެއްގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ކޮންމެ މީހެއްގެ ގައުމީ އަދި ފަރުދީ ވާޖިބެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ވަބާ ފެތުރުމުގައި ކުޑަ ގައުމެއް ނުވަތަ ބޮޑު ގައުމެއްގައި ތަފާތެއް ނޯވެ އެވެ. އެކަމަކު އޭގެ އެންމެ ނުރައްކާ ބޮޑީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވަބާގެ ސަބަބުން، ތަރައްގީ އަށް ހުންނަ ފައިސާ ގެއްލި ތަފާތުކުރުމާއި ބޭއިންސާފު އާއްމުވެ ގައުމަށް ލިބެން ޖެހޭ އެހީތައް ވެސް މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
28 December 2018
ޜެހެންދި ފްލެޓް ލިބުނީ މަ އޭރު ނުބަލާ މިހާޜު ތިކިޔަނީ ކީކޭެ
އަބްދުއްލާ
18 August 2017
މިހާރު ވެސް ނ އަތޮޅު އަށް އެއްލޯންޗް އިތުރު ވެއްޖެ އެއީ 18 ޖާގައިގެ ލޯންޗެއް އނެއްލޯންޗް ވެސް ނިމެނީ އެއްވެސް މަސައްކަތެއްނުކުރާ މީހެއްގެ ނަމުގާ ނުވަތަ އެހެން މީހެއްގެ ތަކެތި އެހެންމީހެއްގެ ނަމުގާ ރަޖިސްޓަރީ ވަނީ ފައިސާ ހޯދީ ކިހިނެތްބާ؟ ެދަވްލަތުން ވެސް ހަރުދަނާ ގަވާއިދު ނެރެން ޖެހިއްޖެ ލޯންޗް ފަދަ ތަކެތި ވެސް ރަޖިސްޓަރީ ކޮށްދެވޭނީ އެލޯންޗް ހޯދި ގޮތް ސާބިތު ކޮށްދިނުމުން ފައިސާ ހޯދި ގޮތާ ކުރާ މަސައްކަތާ އާމްދަނީއާ ބަލަން އެބަޖެހޭ ކަރެޕްސަން ހުއްޓުވާނަމަ މިވެސް ކުރަންޖެހޭ ކަމެއްދޯ
މަރީ
18 August 2017
އޮޑިޓަރ ޖެނެރަލަށް ރާއްޖޭގެ މިހިނގާ ކޮރަޕްޝަން ނޭންގެނީތޯ އަދިވެސް ސަރުކާރުގެ އެކިއެކި އޮފީސްތަކުން އެކުރާ ހަރަދުތައް ނުހުއްޓުވިގެން ތިއުޅެނީ. ހަމަ އެކަނި ރިޕޯޓެއް ނެރެފަ ބޮޑެތި ވާހަކަ ދައްކާފަ ހުއްޓާލަނީ ކީއްވެގެންތޯ. ސަރުކާރުގެ އޮފީސްތަކުން އެކުރާ ހަރަދުތައް، އަދި މިނިވަމޭ މިކިޔާ މުއަސަސާތަކުން މިކުރާ ހަރަދުތައް ޤާނޫނާ ގަވައިދާ ހިލާފައް ކޮއްފަވާކަން އެނބަ އެނގޭ. ދެން އެއޮފީސްތަކުގަ އިސްކޮއް ތިބި ސަރުކާރުގެވެސް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްޗަށް ދައުވާކުރަންޖެހޭ. ކޮންމެ މީހެއް ވިޔަސް، ބޮޑު މީހާ ބުންޏޭ ކިޔާފަ ނުޖެހޭ ކޮރަޕްޝަންގަ ބައިވެރިވާކަށް. ސިވިލްސާރވިސްގެ މުވައްޒަހުންނަށްވެސް އެނގެން އެބަޖަހޭ އެމީހުން މިތިބެނީ އެހެން ރައްޔިތުންގެވެސް ހައްގައް މަސައްކަތްކޮއްދިނުމައްކަން. ހަމަ އެކަނި މުސާރަ ނަގައިގެން ވަޒީފާއެއްގަ އެއް ނޫންކަން. އެހެންވީމަ ނުޖެހޭ ސިޔާސީ ކަންކަމަށް ބޯލަނބައިގެން ގާނޫނާ ގަވައިދާ ހިލާފުވާކަށް. އެއީ ހަމަ ކުށެއް.
ަބީސީސީ
18 August 2017
ޢޭސީސީ އަށް އެބާރު އޮވޭ މިހާރުވެސް. ޙަސަނުމެން އާއިލާ ފުރަތަމަ ތަހުގީގުކުރޭ.
ސިންތިލީ ވޫމް
21 April 2017
ބާރު ނެތިގެން ދޯ މިއުޅެނީ؟
އަބްދުއްލާ އަލީ
21 April 2017
އެޓަރނީ ޖެނެރަލް ގެ މަސްއޫލިއްޔަތު ގެ ތެރޭގަ ނެތަސް މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރަޔަ ކުރާހަރަދުތަކާ އެ ފަރާތްތަކުގެ އާއިލީ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކާ ، އާއިލާގެ މެމްބަރުންގެ އާމްދަނީ އާ ހަރަދުވެސް މޮނީޓަރު ކޮށްގެން ބެލޭނެ އުސޫލެއް ގާއިމު ވާނެް އެބަޖެހޭ
ދިގުދޫ
20 April 2017
ބަސް ބުނުމުގެ ކުރިން އެ ބުނެވޭ ބަސް ތިމާއަށް ރައްދުވޭތޯ ބަލާފައި ބަސްބުނުން ބުއްދިވެރި. އިޚްލާޞްތެރިން ނެތްތަނެއްގައި ތިޔަފަދަ ޤާނޫނެއް ހަދާނީކިހިނެއް؟
ޒޫޒޫ
20 April 2017
އެއީ އެއްވެސް ފަރާތަކަށް ދޭންޖެހޭ އެއްޗެއް ނޫނެވެ. ސަބަބަކީ އެފަދަ ފަރާތްތަށް އުފެދި ބާރުތައް ލިބުމުން ގައުމު ކޮރަޕްޝަނުގެ މަގުގައި ކުރިހޯދީ ދުވަހަކުވެސް ނު ހޯދާ ވަރަށެވެ. ދެން އިތުރު ބާރެއް ދިނީމަ ވާނީ ކިހިނެއްކަން ތަސައްވުރުކޮށްލާށެވެ. ގައުމެއް އިސްލާހުވާނީ އެގައުމެއްގައި އަދުލު އިންސާފު ފުރިހަމައަށް ގާއިމުވެގެންނެވެ. އެ މުއައްސަސާ މިނިވަންވެގެންނެވެ. އެ މުއައްސަސާގައި އުޅޭމީހުން ގުރުބާނީތަކެއް ވެގެންނެވެ. ިހުރިހާ ކޮރަޕްޝަނަކާއި ތިބުނާ މުއްސަދިކަމާއި އަދިވެސް ގައުމުގައި ހިނގާ ވެރިކަމުގެ ދާއިރާގައި ހިނގާ މޭ ފުއޕާލައިގެ އުޅޭ ނުފޫޒު ގަދަކަމަށްބުނާ މީސްމީހުން ޝަރީޢަތަށް ހާޒިރުކުރެވި ޝަރީޢަތްކުރިމަތީ އަދުލުގެ ކުރިމަތީ ޗުޕްއޭވެސް ނުބުނެވޭވަރުގެ ހަރުދަނާ އަދުލުގެ ނިޒާމެއް ގާއިމުވެގެންނެވެ. ފަނޑިޔާރުން ވެރިންނާއި އެކިއެކި ނުފޫޒުތަކުން ސަލާމަތްވެ ﷲ އަށް ބިރުވެތިވުމުންނެވެ.
ގައުމު
20 April 2017
ނުވާނެ ތިކަމެއް ރާއްޖެއަކު. އެހެނީ، ޚުދު ތި ކޮމިޝަނާއި މަޖިލީހާއި ދެންވެސް މަތިފަޑީގައި އުޅުއްވާ ބޭފުޅުން ތީކީ އެއްގޮތަކަށްވެސް ބޭނުންވެލައްވާ ކަމެއްނޫން. ތިކަން ރާއްޖޭގައި ވެއްޖިއްޔާ އެންމެ ގެއްލުން ދައްކާނީ އެބޭބޭފުޅުންނަށް.
ސަރީފު
20 April 2017
ޕޕއމގެ ޕޖ ގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ރާޖޭގަވެސް އަދި އެހެން ގައުމެއް ވިއަސް ކޮރަޕްޝަން ނެތް ގައުމެއް ނެތް ކަމަށް. ޢެހެން ވީއިރު އެވިދާޅުވި ގޮތުން ވިއްޔާ ގައުމު ނިސްބަތްވާ އެންމެން އޭގަ ޝާމިލްވާނެ.