ލައިފްސްޓައިލް / ފޭސްބުކް

ވާދަވެރިންނަށް ފޭސްބުކް އަތެއް ނުވާނެ

ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް: އޭނާގެ ކުންފުނި އޮތީ ވާދަވެރިންނަށް ވުރެ މާ ކުރީގައި. -- ފޮޓޯ: ފޭސްބުކް

ފޭސްބުކްގެ ފައުންޑާ މާކް ޒަކާބާގަކީ މުޅި ދުނިޔެއިން ފަސް ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ ޖުމުލަ މިލްކިއްޔާތު 62.8 ބިލިއަން ޑޮލަރަށް އެރިއިރު، ފޭސްބުކްގެ މަޝްހޫރުކަން ވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 1.86 ބިލިއަނަށް އަރައިފި އެވެ. ފޭސްބުކްގެ ކާމިޔާބީތައް އަދިވެސް އިތުރުވާނެކަމާ މެދު ދެބަސް ވާނެ މީހަކު ހުންނާނެހެން ހިއެއް ނުވެ އެވެ.

ހިއްސާގެ ބާޒާރުގައި ފޭސްބުކް ކުރިއެރުން

ހިއްސާގެ ބާޒާރުގައި މިހާރު ފޭސްބުކަކީ އެޕަލް، ގޫގުލް، އަދި މައިކްރޮސޮފްޓާ އެންމެ ކައިރިން ވާދަކުރާ އެއް ކުންފުންޏެވެ. ފޭސްބުކްގެ ޖުމްލަ އަގު 500 ބިލިއަން ޑޮލަރާ ގާތްކުރަނީ އެވެ.

ސްޓޮކް މާކެޓްގައި ފޭސްބުކް ކުރިއެރުމުގެ ސިއްރަކީ ވަޓްސްއެޕާއި އިންސްޓަގްރާމް ކަހަލަ މަޝްހޫރުކަން ހޯދާފައިވާ ބޮޑެތި ކުންފުނިތައް ގަނެގެން ހޯދި ބޮޑެތި ކާމިޔާބީ އެވެ. އިންސްޓަގްރާމަކީ މީގެ ތެރެއިން އެންމެ ފައިދާކުރި ކުންފުންޏެވެ. މިހާތަނަށް ފޭސްބުކުން މިގޮތަށް 50 އަށް ވުރެ ގިނަ ކުންފުނި ގަނެފި އެވެ. ފޭސްބުކްގެ ވާދަވެރިން އެ ކުންފުންޏަށް ގަނެލަނީ ޖެހިލުމެއް ނެތި އިންތިހާއަށް ބޮޑު އަގުގަ އެވެ.

ފޭސްބުކްގައި އިސްތިހާރުކުރާ ޓޫލް

ފޭސްބުކްގެ "ކަސްޓަމް އޯޑިއަންސް ޓޫލް" ބޭނުންކޮށްގެން އެ މީހަކު ބޭނުން ބަޔަކަށް އަމާޒުކޮށް އިސްތިހާރުކުރެވެ އެވެ. މިއީ ބޮޑެތި ކުންފުނިތަކުގެ މާކެޓިންއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ފީޗާގެ ބާރު އެމެރިކާގެ ރިޔާސީ އިންތިހާބުން ފެނުނެވެ. ޑޮނަލްޑް ޓްރަމްޕްގެ ޓީމުން ފޭސްބުކާއި އިންސްޓަގްރާމްގައި ހިންގާލި ހިލަރީ ކްލިންޓަނާ ދެކޮޅު ކެމްޕޭނަކީ 220 މިލިއަން މީހުންގެ މައުލޫމާތު ބޭނުންކޮށްގެން މި ޓޫލްގެ އެހީގައި ކުރި ކަމެކެވެ.

މީހުނަށް ކަމުދާނެ އާ ފީޗާތައް ތައާރަފް ކުރަމުން ދިޔުން

ފޭސްބުކުން އަބަދުވެސް އަންނަނީ އާ ކަންކަން ތައާރަފްކުރަމުންނެވެ. ބޮލުގައި ރިއްސާ ވަރަށް އަޕްޑޭޓްތައް ގިނަވިޔަސް، އާ ފީޗާތައް ވެފައި ވަނީ އާންމުން ގިނައިން ބޭނުންކުރާ ފީޗާތަކަކަށެވެ. މިދިޔަ އަހަރު އެކަނި ފޭސްބުކުން ހަމަ މުޅިން އަލަށް 10 ފީޗާ ތައާރަފްކުރި އެވެ. ފޭސްބުކް ލައިވް މީގެ ތެެރޭ ހިމެނެ އެވެ. މިހާރު އެ ފީޗާ ބޭނުންކުރާ މީހުން ދުވަހުން ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ.

މިދިޔަ މަހު ފޭސްބުކް އެޕް ކެމެރާ ތައާރަފްކޮށް، އޯގްމެންޓަޑް ރިއަލިޓީގެ ޓެކްނޮލޮޖީ ބޭނުން ކުރެވޭ ގޮތް ހެދި އެވެ. މިއީ ޑިވޮލަޕަރުންނަށް އާންމުކޮށް ހުޅުވާލި ޕްލެޓްފޯމެއް ކަމުން، މިކަހަލަ ފީޗާތައް މާ ކުރިން ހިމަނައިގެން އުޅުނު ސްނެޕްޗެޓް ކަހަލަ އެޕްތަކަށް އެއަކާ ވާދައެއް ނުކުރެވޭނެ އެވެ. މީގެ އިތުރުން ވީ-އާރް ޓެކްނޮލޮޖީ ބޭނުންކޮށް ފޭސްބުކް ސްޕޭސްގެ ނަމުގައި މީހުން ހައިރާންކޮށްލި ފީޗާ ވެސް މިދިޔަ މަހު ތައާރަފްކުރި އެވެ.

ފޭސްބުކް ވީ-އާރް އަށް އަލަށް ތައާރަފްކުރި 'ފޭސްބުކް ސްޕޭސް' ފީޗާ ---- ފޮޓޯ: ފޭސްބުކް

ފޭސްބުކް ބޭނުންކުރާ މީހުން އެ ޕްލެޓްފޯމް މަތިން ފޫއްސެއް ނުވެ އެވެ. ފަހުގެ ޖީލުތަކަށް ވެސް ކަމުދެ އެވެ. އަދި ވިޔަފާރިވެރިންގެ އެދުންތަކާއި އިޖްތިމާއީ އެކި ބޭނުންތައް ފަސޭހައިން ފުއްދައިދެވޭނެ ފީޗާތައް ގިނަކުރާ ވަރަކަށް، އެ ޕްލެޓްފޯމް ދުވަހުން ދުވަހަށް ވަރުގަދަވެ އެވެ.

ފޭސްބުކްގެ 10 އަހަރުގެ ރޯޑް މެޕް

މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ފޭސްބުކް އެފް-8 ބައްދަލުވުމުގައި ފައުންޑަ މާކް ޒަކާބާގް އޭނާގެ ކުންފުނީގެ 10 އަހަރުގެ ރޯޑްމެޕް އާންމުކުރި އެވެ. ދުނިޔޭގެ އާބާދީގެ 4 ބިލިއަން މީހުނަށް އަދިވެސް އިންޓަނެޓް ބޭނުން ނުކުރެވޭ ކަމަށް އެ ބައްދަލުވުމުގައި އޭނާ ބުންޏެވެ.

"މިކަން ހައްލުކުރަން ފޭސްބުކުން ވައި-ފައި ދޫކުރާ ކުޑަ މަތިންދާބޯޓެއް ހަދާނަން. މި މަތިންދާބޯޓު ދުވާނީ އިރުގެ ހަކަތަ ބޭނުންކޮށްގެން،" އޭނާ ބުންޏެވެ.

ފޭސްބުކުން އަގުހެޔޮކޮށް ވައި-ފައި ދޫކުރަން ރާވަނީ އިރުގެ ހަކަތަ ބޭނުންކޮށް އުދުހޭ މަތިންދާބޯޓެއް ބޭނުންކޮށްގެން ---- ފޮޓޯ: ފޭސްބުކް

ކުރިއަށް އޮތް މަސްތަކުގެ ތެރޭ ސެޓެލައިޓެއް ލޯންޗް ކުރާނެ ކަމަށް ޒަކާބާގް ބުންޏެވެ. މިއީ އިންޓަނެޓް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ފެށުމެވެ. ކުރިއަށް އޮތް 10 އަހަރުގެ ރޯޑް މެޕްގެ ބޮޑު ބަޔަކީ އިންޓަނެޓް ޚަރަދު ކުޑަކޮށް، ހިދުމަތް ފުޅާކުރުމެވެ.

މި ހިސާބުން ނިމުނީއެއް ނޫނެވެ. ޓައިޕް ކުރުން ވެސް އެއީ މާޒީގެ ކަމަކަށް ހަދަން ފޭސްބުކުކުން ބޭނުންވެ އެވެ. ހިތުލާ އެއްޗެއް ލިޔެވޭނެ ޓެކްނޮލޮޖީއެއް ތައްޔާރުކުރަން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ފޭސްބުކުން ދެން އެންމެ ބޮޑަށް މަސައްކަތް ކުރާނީ އާޓިފިޝަލް އިންޓެލިޖަންސް ނޫނީ މަސްނޫއީ ވިސްނުން ބޭނުންކޮށްގެން އޮންލައިން ހިދުމަތްތައް ދެވޭތޯ އެވެ.

މި ކަންކަމަށް ބަލާލައިރު ޔަގީންވަނީ ފޭސްބުކްގެ ވާދަވެރިއެއް މިއިން ޒަމާނަކު ވެސް ނާންނާނެ ކަމެވެ.

1 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 4%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމްޕްރެސްޑް

02 May 2017

އޭއައި ދޯ...ސަޅި! ވަރަށް ސަޅި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454